ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަކަށް ވަރަށް ބޮޑަށް ތާއީދު ކޮށް، އެއީ ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުމަށް ވަރަށް މުހިންމު އިސްލާހުތަކެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެކްސް ޕްލެޓްފޯމުގައި އާދިއްތަ ދުވަހު ޝާއިއު ކުރެއްވި ބަޔާނެއް ގައި ގާސިމް ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަރީ، އުޞޫލުން ހިނގުމުގެ ޤާނޫނަށް އަށް ގެނެވުނު 16 ވަނަ އިސްލާހް އަކީ އޭނާ ދެކޭގޮތުގައި "ވަރަށް މުހިންމު، އިސްލާތަކެއް" ކަމަށެވެ.
"މިއަދުގެ ހާލަތާއި ގުޅިގެން، ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ އިސްލާޙެއް ކަމުގައި ދަންނަވާލަން." ގާސިމް ވިދާޅުވިއެވެ.
ގާސިމް ގެ ބަޔާނުގައި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ގައި، ދިވެހިރާއްޖެ އަކީ ޔުނިޓަރީ ދައުލަތެއް ކަމަށާއި މިއީ ފެޑްރަލް ދައުލަތެއް، ނޫން ކަމަށް ބަޔާން ކޮށްފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.
"އެހެންވީމާ، ލާމަރުކަޒީ ޤާނޫނު ވެސް އޮންނަން ވާނީ، ޔުނިޓަރީ ދައުލަތަކުން ކަމެއް ފުޅާ ކުރެވޭނެ މިންވަރަކަށް އެ ހުދޫދުގެ ތެރޭގައި ޔުނިޓަރީ ދައުލަތެއްގެ، ވެރިކަން ހިންގުމުގެ ބާރުތަކާއި ފްރޭމްވޯކާއި ފުށުއަރާގޮތަށް މިފަދަ އެއްވެސް ޤާނޫނެއް، ހެދިފައި އޮވެގެން ނުވާނެ،" ކަމަށް 100 އަށް ވުރެ ގިނަ ކައުންސިލުން ދެކޮޅު ހަދަމުން ދިޔަ އިސްލާހް ތަކާ ބެހޭ ގޮތުން ގާސިމް ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމުން، އިދާރީ ދާއިރާ ތައް ވޭތުވި 14 ވަރަކަށް، އަހަރު. ހިންގަމުން ދާއިރު މި ޤާނޫނާއި އެކު ފެޑްރަލް ވިސްނުން ގެންގުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގައި މާމިނގިލި ދާއިރާ ތަމްސީލު ކުރައްވާ ގާސިމު ވިދާޅުވެފައި ވެއެވެ.
"ޢާންމުކޮށް ސަރުކާރާއި، އިދިކޮޅަށް އޮންނަ ޕާޓީތަކުން އެފަދަ ވާހަކަތައް ޕްރޮމޯޓް ކުރާކަން ވެސް ފާހަގަ ކުރެވޭ."
"ކުރިއަށްް އޮންނަ އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް، ގިނަ އަދަދަކަށް، މުވައްޒަފުން، ނަގާނެ ފުރުޞަތު އޮވެގެން ނުވާނެ. އެއީ، ނާޖާއިޒް ފައިދާއެއް. އަންނަ ދައުރަށް ހޮވުމުގެ ބޭނުމުގައި ސަރުކާރުގެ މާލިއްޔަތު ތަން ނުދޭ މިންވަރަށް އިތުރު މަޤާމުތައް އުފެއްދުމުގެ ބާރު ޤާނޫނަކުން ކައުންސިލަރުންނަށް ލިބިދީފައި އޮވެގެން ނުވާނެ،" ކަމަށް ގާސިމް ވިދާޅުވެފައި ވެއެވެ.
ކައުންސިލުތަކަށް އަމާޒު ކުރައްވާ މިފަދަ ތުހުމަތެއް ގާސިމް ކުރެއްވި އިރު އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުން އެކި ނަންނަމުގެ މަޝްރޫއުތައް ފަށައި، ސަރުކާރުގެ ކުންފުނިތަކަށް ގިނަ އަދަދުތަކުން މުވައްޒަފުން ނަގާ މައްސަލަ އާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ގާސިމް ވިދާޅުވީ މި އިސްލާހު ގެ ސަބަބުން އަސްލުގައި، ފައިދާވާނީ، ރައްޔިތުންނަށް ކަމަށާއި ސަރުކާރަށްް ނޫން ކަމަށެވެ.
ރަށެއްގެ ތަރައްގީގެ ޕްލޭނަކީ ރައްޔިތުންގެ ހިޔާލާ އެކު ފާސްކޮށްފައިވާ އެއްޗެއް ކަމަށް ވާއިރު، އޭގައި ނުހިމެނޭ ކަންކަން އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް، ކުއްލިއަކަށް ފެށުމުގެ އިޚްތިޔާރު ވެސް އޮވެގެން، ނުވާނެ ކަމަށާއި މިފަދަ ކަންކަމުގެ ސަބަބުން ޤައުމަށް ނުހަނު ގެއްލުން ލިބެމުންދާ ކަމީވެސް ހަޤީޤަތެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
އަދި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރި އަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިޞްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ، ފަރާތްތަކުން ކުރަމުންދާ އިގްތިޞާދީ، މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ވެގެން ނުވާނޭ ކަމުގައި ބަޔާން ކޮށްފައިވުމުން އެކަމުގެ، ފައިދާ ލިބިގެން ދާނީ، އެރަށެއްގެ ޢާންމުންނަށާއި ޢާންމު ވިޔަފާރިތަކަށް ކަމުގައި ވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް މިހެން ވިދާޅުވި އިރު ޑރ. މުއިއްޒުގެ ސަރުކާރުން އާންމު ފަރާތްތަކުން ކުރަމުންދާ ވިޔަފާރިތަކުގެ ތެރެއަށް ވަންނަމުންދާ މައްސަލައިގައި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
"އެހެން ކަމުން މި އިސްލާހް ތަކުން ފައިދާ މާބޮޑަށްވެސް އޮތީ، ޢާންމު ރައްޔިތުންނަށް، އެހެން ކަމުން މިއީ، ރައީސް މުޢިއްޒު ވިދާޅުވެފައިވާ ފަދައިން، ލާމަރުކަޒީ ނިޒާމު، ހަރުދަނާ ކުރުމަށް، ޗެމްޕިއަން ކުރުމަށް ގެންނަން ޖެހޭ އިސްލާހުތަކެއް ކަމީ ޝައްކެތް އޮތް ކަމެއް ނޫން،" ކަމަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ ގެ ލަގަބު މި އަހަރުގެ މިނިވަން ދުވަހު ރައީސް މުއިއްޒު ދެއްވި ޤާސިމް ވިދާޅުވިއެވެ.
ކައުންސިލްތަކުގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އާއި އެތައް މަދަނީ ޖަމްއިއްޔާ އަކުން މި ބިލާ ދެކޮޅު ހަދާ މި ބިލު ތަސްދީގު ނުކުރުމަށް ރައީސް އަށް ވަނީ ގޮވާލާފައެވެ.
ކައުންސިލްތަކުން ބުނެފައި ވަނީ މި ބިލު ގާނޫނަކަށް ވުމާއެކު ކައުންސިލްތަކުން ރަށްރަށުގައި ކުރަމުން އަންނަ ގިނަ މަސައްކަތްތައް ހުއްޓުމަކަށް އަންނާނެ ކަމަށާއި، ކައުންސިލު ތަކަށް ލިބޭ އާމްދާނީ އަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށެވެ.