ފުރާނަ ނެތް މަންމަގެ އަތު ތެރޭގައި ބައްދާލައިގެން މަރުވެފައި އޮތް ތުއްތު ތުއްތު ޢުމަރުގެ ކުށަކީ ކޮބާ؟
ފަލަސްތީނުގެ ވަފާއާއި މުފީދު ކިޔައިދިން ގޮތުގައި، ޢުދުވާންތައް ފެށި ފަހުން 2 މީހުންގެ ޢާއިލާތަކުން ޖުމުލަ 70 މެންބަރެއްގެ ފުރާނަ ވަނީ ގެއްލިފައި

އިޒްރޭލުގެ ޢުދުވާންތައް މީޑިޔާއަށް ސިފަކޮށްދެމުން ވަފާ ބުނި ގޮތުގައި އެއީ 'ސާފުވެގެން ވާ ޤާތުލުޢާންމެއް" ކަމަށް
ފަލަސްޠީނުގެ އާބާދީގައި ހިމެނޭ 15 މިލިއަން މީހުންގެ ތެރެއިން 7 މިލިއަނަށް ވުރެ ގިނަ މީހުންނަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވަޒަންވެރިވެގެން ދިރި އުޅެމުން ދާ ބަޔެކެވެ. އުފަން ވަޒަނުގައި ދިރި އުޅުމުގެ ފުރުޞަތު ނުވަތަ މަގު ތަނަވަސްވެފައި ނެތެއް ކަމަކު، އެ މީހުންނަކީ ފަލަސްޠީނަށް ހިތު ލޯބި ޚަލާސް ކޮށްގެން ތިބި ބަޔެއްވެސްމެއެވެ. ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ، ޣައްޒާ މުށްދަށުލާ، ނަސްލު ދޮވެލުމަށް އޮކްޓޯބަރު 7 ވަނަ ދުވަހު ޔަހޫދީން ފެށި ޖަރީމާގައި ޣައްޒާގެ ރަށްވެހިން އުފުލަމުންދާ ތަކުލީފުތައް، އެ ދަރަޖާގައި ނޫނެއް ކަމަކު، ހިއްސާ ކުރާ ބަޔެކެވެ.
ފަލަސްޠީނުން ބޭރުގައި ވަޒަންވެރިވެގެން އުޅޭ މީހުންނަށް ބަލާއިރު 7 ލައްކައަށް ވުރެ ގިނަ މީހުން ދިރިއުޅެނީ ޢަރަބި ޤައުމުތަކާވެސް ދުރުގައެވެ. ވަފާ ޝަމައްލާޚްއާއި ޢުމަރު މުފީދަކީވެސް އޭގެ ތެރޭގައި ހިމެނޭ 2 މީހުންނެވެ. ވަފާއާއި މުފީދު، ދިރިއުޅެމުން ދަނީ އިނގިރޭސިވިލާތުގައެވެ. ނަމަވެސް އެމީހުންގެ 2 ޢާއިލާވެސް އޮތީ ފަލަސްޠީނުގައެވެ. ޔަހޫދީން ޤަތުލުޢާންމު ފެށިފަހުން، 2 ޢާއިލާއިނންވެސް އެތައް ބަޔަކު މި ދުނިޔެއާއި ވަކިވެ ހިނގައްޖެއެވެ.
ނޮވެމްބަރ 13 ވަނަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަމުން ވަފާއާއި މުފީދު ކިޔައިދިން ގޮތުގައި، ޢުދުވާންތައް ފެށި ފަހުން 2 މީހުންގެ ޢާއިލާތަކުން އެކު ޖުމުލަ 70 މެންބަރެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
އިސްރާއިލުގެ ޢުދުވާންތައް މީޑިޔާއަށް ސިފަކޮށްދެމުން ވަފާ ބުނި ގޮތުގައި އެއީ 'ސާފުވެގެން ވާ ޤާތުލުޢާންމެއް" ކަމަށެވެ. އަދި ޢުމަރުގެ ނަމުން އޭނާ ނަންދިން ތުއްތު ތުއްތު ކުއްޖަކު، މަރުވެފައި ވާ މަންމަގެ އަތު ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ގޮތުގެ ވާހަކަވެސް ވަފާ ވަނީ ހިއްސާ ކޮށްފައެވެ.
2.3 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅޭ ޣައްޒާގެ އަދުގެ ޙާލަތަށް ބަލާއިރު އިޒްރޭލުގެ ޢުދުވާންތަކާ ގުޅިގެން، އާބާދީގެ 3 ބައިކުޅަ 2 ބައި މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. މަރުވި މީހުން ގުނާ ޢަދަދު ކުރުމަށްވެސް މިއަދު އޮތީ ނުކުޅެދިފައެވެ. އޮކްޓޯބަރު 7 ވަނަ ދުވަހުން ފަށައިގެން ނޮވެމްބަރު 10 ވަނަ ދުވަހުގެ ބަލާއިރު، ޣައްޒާގެ އާބާދީއިން ކޮންމެ 200 މީހަކުން 1 ގެ ފުރާނަ ވަނީ ގެއްލިފައެވެ. ގެއްލިދިޔަ ފުރާނައިގެ ޢަދަދުގެ ގާތްގަނޑަކަށް 2 ބައިކުޅަ 1 ބައި ހިއްސާ ކުރަނީ ކުޑަ ކުދިންނެވެ.
މިއީ އޮޅުވާލެވެން ނެތް ޙަޤީޤަތަކަށް ވާ އިރު، އިޒްރޭލުން ބުނާ ގޮތުގައި، ޣައްޒާއަށް ޙަމަލާ ދެމުން ދަނީ އެ ސިޓީ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލުމަށެވެ. އިޒްރޭލާއި، އިޒްރޭލަށް ވާގިދޭ ޤައުމުތަކުން ޙަމާސް ޖަމާޢަތް ސިފަ ކުރަނީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައެވެ. އެހެންވިއްޔާ، އުފަންވާތާ 24 ގަޑިއިރުވެސް ނުވެ އޮންނަ ކުއްޖަކު، ޓެރަރިސްޓް ޖަމާޢަތަކަށް ރެކްރޫޓު ވަނީ ކިހިނެއްތޯއެވެ؟ އިޒްރޭލަށް އެއްބާރުލުން ދޭ ޤައުމުތަކުން ބުނާ ގޮތުގައި، އަމިއްލަ ނަފުސުގެ ދިފާޢުގައި ތެދުވުމުގެ ޙައްޤު އިޒްރޭލަށް ލިބިދެއެވެ. އެހެންވިއްޔާ، އިޒްރޭލަށް އޮތް ނުރައްކަލަކީ ތަންދޮރު ވަކި ނުވެ އޮތް ތުއްތު ކުއްޖާ ތޯއެވެ؟





