ޒަޚަމްވެ، ވާގިނެތިފައި އޮތް ދަރިފުޅަށް މި ވަގުތު އޮތް ހަމައެކަނި ތަނަކީ ކުލާހެއްގެ މޭޒުމަތި...
އުދުވާންތަކުގައި އަނިޔާ ލިބި، ފަރުވާއެއް ނުލިބި ތިބީ މީގެ ކުރިން ހަމަ ގަދަފަދަކޮށް މަސައްކަތްކޮށް އުޅުނު މީހުން


ސްކޫލުގެ ބައެއް ކުލާސްތައް ވަގުތީ ހޮސްޕިޓަލުގެ ކޮޓަރިތަކުގެ ގޮތުގައި ދަނީ ބޭނުންކުރަމުން
ދަރިފުޅު ކިޔަވަން ދާން އޮތް ސްކޫލުގެ ފާރުތަކުގައި ލާފައި ހުރި ކުލަ ކަމުނުގޮސްގެން، ނުވަތަ ދަރިފުޅު ދާ ކުލާހަކީ މާ ހޫނުގަދަ ކުލާހަކޭ ކިޔައިގެން ޝަކުވާކުރާ ބެލެނިވެރިން، އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނުވާނެއެވެ. އާއިލާއިން ނިދާލުމަށް ގޭގައި އޮތް ޖާގަ ކުޑަވެގެން ޝަކުވާކުރާ މީހުން މަދެއްނޫނެވެ. ޑޮކްޓަރަށް ދައްކަން އިންތިޒާރުގައި މަސް ހަމަސް ހޭދަކުރަންޖެހޭތީ ދަމާލާ ޝަކުވާގެ ލިސްޓު އިންތިހާއަށް ދިގެވެ.
މި ދައްކަނީ ކޮންމެ ދުވަހަކުވެސް މިނިވަން ޖައްވަކަށް ދެލޯ ހުޅުވާލާ ބައެއްގެ ވާހަކައެވެ. ކަން މިހެން އޮތްއިރު، އަމިއްލަ ބިމުގައި ރެފިއުޖީންނަށްވެ، އިންސާނަކަށް ވީތީ ލިބެންޖެހޭ ދިރިހުރުމުގެ ހައްގާއި ދިރިއުޅުމުގެ އަސާސީ ހައްގުތަކުން މަހުރޫމުވެފައިވާ ބަޔަކު މި ބިންމަތީގައި ތިބިކަން ހަނދާން ހުންނަނީ ކިތައް މީހުން ބާއެވެ؟ ޔަހޫދީ އިޒްރޭލުގެ މުށުގެތެރޭގައި އޮތް ޣައްޒާގެ ރައްޔިތުންނަށް މިއަދު ކުރަންޖެހިފައި އޮތް ޝަކުވާތަކުގެ ލިސްޓެއް ލިޔަންވެއްޖެނަމަ ކޮޅުންލާކަށް ނެތެވެ. އެއީވެސް އިންސާނުންނެވެ. ފޮނި އުންމީދުތަކެއް ދެކެމުންދާ ބައެކެވެ. މާއްދީ އެއްވެސް އެއްޗަކުން އަގު އަދާނުކުރެވޭނެ ފުރާނަތަކެކެވެ.
2.3 މިލިއަން މީހުންގެ އާބާދީ އޮތް ޣައްޒާއަށް އަމާޒުކޮށް، އިޒްރޭލުން އެންމެ ފަހުން ހިންގަންފެށި ގަތުލުއާންމަށް މަހެއް ވާން ގާތްވެފައިވާއިރު، ގެދޮރު ގެއްލި، އަމިއްލަ ވަޒަނުގައި ބިކަވެފައިވާ މީހުންގެ އަދަދު 1.4 މިލިއަނަށްވުރެ މައްޗަށް އަރައެވެ. ގެދޮރު ގެއްލުނު ގިނަ ބަޔަކު ވަގުތީގޮތުން ދިރިއުޅެމުން ދަނީ ދެކުނުގެ އަވަށެއް ކަމަށްވާ ޚާން ޔޫނިސްގެ ސްކޫލުތަކުގައެވެ. އޭގެތެރޭގައި، ޒަޚަމްވެފައިވާ އެތައް ބަޔަކު ހިމެނެއެވެ. ސްކޫލުގެ ބައެއް ކުލާސްތައް މިހާރު ވަނީ، ވަގުތީގޮތުން ހޮސްޕިޓަލުގެ ކޮޓަރިތަކަކަށް ބަދަލު ކޮށްފައެވެ. ބަލި މީހުން އެޑްމިޓްކޮށްފައި ބާއްވާފައި އޮންނަނީ ވައިޖަހާފައިވާ ގޮދަޑިތަކުގެ މަތީގައެވެ.
އާދައިގެ ކުލާހެއްގެ މޭޒުމަތީގައި އެޑްމިޓްކޮށްފައި އޮތް އެކަކީ ސަލްވާ ނަޖާރުގެ ދަރިފުޅެވެ. އޭނާގެ ދަރިފުޅަށް ހޮސްޕިޓަލުގައި ކޮންމެވެސް ވަރަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލީ މުޅިން ރަނގަޅު ނުވަނީހެވެ. އެއީ އަނިޔާ ލިބެމުންދާ މީހުންގެ އަދަދު އިތުރުވަމުންދާތީ، ހޮސްޕިޓަލުގައި އިތުރު ޖާގައެއް ނެތިގެންނެވެ.
ޣައްޒާ ކޮންޓްރޯލްކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ވަސް، މި ބިންމަތިން ފޮހެލުމަށްކަމަށް ބުނެ ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގެ ޝިކާރައަކަށްވެ، ސަލްވާގެ އިތުރު ދަރިއަކުވެސް ވަނީ މި ދުނިޔެއާ އަލްވަދާއު ކިޔާފައެވެ.
ހަށިގަނޑުން ބައެއް ވާގިނެތިފައިވާ އަނެއް ދަރިފުޅު ގޮވައިގެން ކުލާހެއްގެ ތެރޭގައި އިން ސަލްވާ ވަނީ އެހީއަށް އެދި ގޮވާލާފައެވެ.
އުދުވާންތަކުގައި އަނިޔާ ލިބި، ފަރުވާއެއް ނުލިބި ތިބީ މީގެ ކުރިން ހަމަ ގަދަފަދަކޮށް މަސައްކަތްކޮށް އުޅުނު މީހުންނެވެ. ސަލްވާގެ ދަރިފުޅަށް ޚިދުމަތްކުރުމަށް މިއަދު އޭނާއަށް ހުރެވުނު ނަމަވެސް، އެ ނަސީބުވެސް ލިބިފައި ނެތް ކިތަންމެ ބަޔަކު މިއަދު ޣައްޒާގައި އެބަތިއްބެވެ.
ހަމާސްގެ ހަމަލާގެ ރައްދުގައި ކަމަށް ބުނެ ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ މީހުން މަރަމުން ދަނީ އެޔެއްމިޔެއް ބެލުމެއް ނެތިއެވެ. އުދުވާންތަކަށް މަހެއް ވާން ގާތްވެފައިވާއިރު، މަރުވި މީހުންގެ އަދަދު 8500 މއަށްވުރެ މައްޗަށް އަރައެވެ. އޭގެ 40 ޕަސެންޓް ހިއްސާކުރަނީ ކުޑަކުދިންނެވެ.
އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ލޯތަކަށް ނުފެންނަ، އިޒްރޭލުގެ ޖަރީމާތަކުގައި މީގެ ކުރިން މުޅިންވެސް ހަމަލާދެމުން ދިޔައީ ވައިގެ މަގުން ކަމަށް ވީނަމަވެސް، އެއްގަމު މަގުންވެސް ހަމަލާތައް ވަރުގަދަކުރާތާ މިހާރު މި ވަނީ ހަފުތާއެއްހާ ދުވަސް ވެފައެވެ.





