ކ. މާލެ
|
31 އޮކްޓޯބަރ 2023 | އަންގާރަ 17:43
އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ދަރިފުޅު އަތްދަނޑިމައްޗަށް ލައިގެން ހުރި ބައްޕައެއް
އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ދަރިފުޅު އަތްދަނޑިމައްޗަށް ލައިގެން ހުރި ބައްޕައެއް
ރޮއިޓާސް
އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް
ޣައްޒާ، ކުޑަކުދިންގެ ގަބުރުސްތާނަކަށް ވެއްޖެ
މުޅި ޣައްޒާ މިވަނީ މިހާރު "ކުޑަކުދިންގެ ގަބުރުސްތާނަކަށް" ވެފައި ކަމަށް ޔުނިސެފްގެ ތަރުޖަމާނު ވަނީ ވިދާޅުވެފައި
އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ 3،500ށްވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައި ވާކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނޭ
ޣައްޒާގެ 950ށްވުރެ ގިނަ ކުޑަކުދިން ގެއްލިފައިވާކަމަށް ޔުނިސެފުން ބުނޭ

ޣައްޒާ، ކުޑަކުދިންގެ ގަބުރުސްތާނަކަށް ވެއްޖެކަމަށް، އދ.ގެ ކުޑަކުދިންގެ ޖަމިއްޔާ، ޔުނިސެފުން ބުނެފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑަރ ވަނީ، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މުޅި ޣައްޒާ ވަނީ މިހާރު "ކުޑަކުދިންގެ ގަބުރުސްތާނަކަށް" ވެފައި ކަމަށް ވިދާޅުވެފައެވެ.

އެލްޑަރ ވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން، މިހާރުން މިހާރަށް ހުއްޓާލުމަށް ޔުނިސެފުން ގޮވާލާ ގޮވާލުން ތަކުރާރުކުރައްވާފައެވެ. އަދި އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ޣައްޒާއަށް ވަނުމުގެ ފުރުސަތު ދިނުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ.

އިސްރާއީލުގެ ހަމަލާތަކުގައި މަރުވަމުންދާ ކުދިންގެ އިތުރުން، ބަނޑުހައިހޫނުކަމުގެ ސަބަބުންނާއި ފެން ނުލިބުމުގެ ސަބަބުންނާއި ބޭސްފަރުވާ ނުލިބުމުގެ ސަބަބުންވެސް ގިނަ އަދަދެއްގެ ކުޑަކުދިންގެ ފުރާނަ ގެއްލެމުންދާކަން އެލްޑަރ ވަނީ ފާހަގަކުރައްވާފައެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ 3،500އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައި ވާކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައި ވާއިރު، ޣައްޒާގެ 950ށްވުރެ ގިނަ ކުޑަކުދިން ގެއްލިފައިވާކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ.

ބައިނަލްއަގުވާމީ އެކި މައްސަލަތަކުގެ ސަބަބުން ފާއިތުވި ހަތަރު އަހަރު، އަހަރެއްގެ މައްޗަށް މަރުވި ކުޑަކުދިންގެ ޖުމުލަ އަދަދަށްވުރެ ގިނަ އަދަދެއްގެ ކުދިން، މިދިޔަ ތިން ހަފުތާގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މަރުވެފައިވާކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، 2022ގައި 24 ގައުމުން ޖުމްލަ 2،985 ކުޑަކުދިން އެކި މައްސަލަތަކުގައި މަރުވެފައިވެއެވެ. 2021ގައި 2،515 ކުދިން، އަދި 2020ގައި 2،674 ކުދިން، އަދި 2019ގައި 4،019 ކުދިން މަރުވެފައިވާކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

އިސްރާއީލުން ހަމާސް ޖަމާއަތާ ދެކޮޅަށް، އަދި ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް، ހުއްޓުމެއްނެތި ހަމަލާތައް ދޭން ފަށާފައިވަނީ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު، ހަމާސް ޖަމާއަތުން ދިން ކުއްލި ހަމަލާގެ ބަދަލުގައެވެ. އިސްރާއީލުން މުޅި ޣައްޒާ ބަންދުކޮށް، ހުއްޓުމެއްނެތި ހަމަލާތައް ދެމުންދާއިރު، މިހަމަލާތަކުގައި ޣައްޒާގެ 8،500އަށްވުރެ ގިނަ މީހުން ތިން ހަފުތާ ތެރޭގައި މަރުވެފައިވާކަމަށް، ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މީގެތެރޭގައި 3،500އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން ދަނީ ރާވައިގެން ގަސްތުގައި، ޣައްޒާގެ ސިއްހީ ފަރުވާދޭ ސެންޓަރުތަކަށާއި ހޮސްޕިޓަލްތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް