އިންސާނަކަށް ވީތީ ލިބިދޭން ޖެހޭ އެންމެ ޛަރޫރީ އަދި އަސާސީ ޙައްޤުތަކުން ޣައްޒާގެ ރަށްވެހިން ވަނީ މަޙްރޫމުވެފައި


ޣާޒާގައި ހިނގާފައިވާ ކަންކަމުގެ ތެރެއިން
އިޒްރޭލުގެ ޔަހޫދީ ޤާޠިލުންގެ ޢުދުވާނީ ޙަމަލާތަކުގައި 2 ހަފުތާއަށް ވުރެ ގިނަ ދުވަސް ގުނަމުންދާ ޣައްޒާއަށް ކުރިމަތިލާން ޖެހިފައި ވާ ގޮންޖެހުންތަކުގެ ލިސްޓެއް ލިޔާނަމަ، އެ ލިޔެ ކޮޅުންލާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އިންސާނަކަށް ވީތީ ލިބިދޭން ޖެހޭ އެންމެ ޛަރޫރީ އަދި އަސާސީ ޙައްޤުތަކުން ޣައްޒާގެ ރަށްވެހިން ވަނީ މަޙްރޫމުވެފައެވެ. ބައިނަލްއަޤުވާމީ ދުނިޔެއާއި ޣައްޒާއާއި ދެމެދު އޮތް ގުޅުންވެސް މިހާރު ވަނީ މަޑުމަޑުން ކެނޑެން ފަށާފައެވެ. ޔަހޫދީން ވަނީ ޣައްޒާއިން ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑާލާފައެވެ. ޣައްޒާއިން ވަނީ ތެޔޮ ހުސްވެފައެވެ. ނަތީޖާއެއްގެ ގޮތުން، އާންމު ރައްޔިތުންނަށް މިއަދު އެމީހުންގެ ފޯނުގަނޑު ޗާޖު ކޮށްލުމަކީވެސް މާ ފަސޭހަ ކަމެއް ނޫނެވެ. ހުރިހާ ކޮޅަކުން ބައްދާލާފައި އޮތް ޣައްޒާ، އަނެއްކާވެސް ޤައިދު ވީއެވެ.
ބޭރު ދުނިޔެ ކީއްކުރަންތޯއެވެ. ޣައްޒާގެ އެކި ހިސާބުތަކަށް ބަދަލުވެފައި ވާ ޢާއިލާގެ މެންބަރުންނާއި ގާތް އެކުވެރިންގެ ޙާލު ބަލާލުމަށްވެސް މިއަދުގެ ޣައްޒާގެ ރަށްވެހިން އުފުލަން ޖެހިފައި އޮތް ބުރަ ކުޑައެއް ނޫނެވެ. ޚަބަރެއް ނުލިބި، މާޔޫސް ކަމުގެ ތެރޭގައި ގުނަން ޖެހިފައި އޮތީ ކުޑަ ވަޤުތުކޮޅެއް ނޫނެވެ.
ޣައްޒާގައި ބޭނުން ކުރާ ހަކަތައިގެ ސަޕްލައިގެ ގާތްގަނޑަކަށް 3 ބައިކުޅަ 2 ބައި ދޫކުރަނީ އިޒްރޭލުންނެވެ. އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު، އިޒްރޭލުގެ ހަކަތައާއި ބެހޭ ވުޒާރާއިން ވަނީ، އިޒްރޭލަށް އަމާޒުކޮށްގެން ހަމާސް ޖަމާޢަތުން ދިން ޙަމަލާގެ ރައްދުގައި، ޣާއްޒާއިން ހަކަތައިގެ ސަޕްލައި ކަނޑާލާނެކަން ޢިއުލާން ކޮށްފައެވެ. މީގެ ކުރިން އިޒްރޭލަށް ބަޔަކު ދީފައި ނުވާ ފަދަ ވަރުގަދަ ޙަމަލާއެއް ހަމާސްއިން ދިނީ، އިޒްރޭލަށް ދޮންކަޅުވެސް އަނގާނުލާ ކަމަށް ބުނާ އިރު، ހަމާސްއިން އެވަރުގެ ކަމެއް ރާވަމުން ދާކަން، ޖާސޫސް ކުރުމުގެ ރޮނގުން އެންމެ އުހަށް އަރައި އޮތް އިޒްރޭލަށް ނޭނގި އޮވެދާނެ ކަމާ މެދު ސުވާލު އުފެދެއެވެ. އެ ބުނާ ޙަމަލާތަކަކީ، އަޑީގައި އިޒްރޭލު އޮވެގެން، ޣައްޒާ ހަފުސްކޮށްލަން އުޛުރެއް ހޯދަން ކުރި ކަމެއް ނޫންތޯވެސް ސުވާލު އުފެއްދިދާނެއެވެ.
ޣައްޒާއަށް ތެޔޮ އެތެރެ ކުރުމަށް އޮތް ދޮރޯށިވެސް އިޒްރޭލުން ބަންދުކޮށްގެން އުޅޭ އިރު، އެ ރަށުގައި ހުރި ހަމަ އެކަނި އިންޖީނު ގެ ވަނީ ބަންދުކޮށްފައެވެ.
ޣައްޒާގެ ރަށްވެހިން މިހާރު ބަރޯސާވަމުން ދަނީ އާންމު ގޭބިސީތަކުގައި ހުރި ކުދިކުދި ޖަނަރޭޓާރުތަކަށެވެ. އެއީވެސް މާ ގިނަ ޢަދަދެއްގެ ޖަނަރޭޓަރުތަކެއް ނޫނެވެ. އިރުގެ އަވިން ހަކަތަ އުފައްދާ ނިޒާމުގެ ތެރެއިން ލިބޭ އެއްޗެއްގެ ބޭނުންވެސް ކުރެއެވެ. ނަމަވެސް، ޖަނަރޭޓަރުތަކަށް އަޅާނެ ތެޔޮ ނުލިބުމުގެ ދަތިކަން ފޫބެއްދޭ ވަރަށް ވުރެ ބޮޑެވެ. ނަތީޖާއެއްގެ ގޮތުން، ހަކަތައިގެ ސަޕްލައި، ތަދު ބޭހަކަށް ވުރެ ތަދެވެ.
އެމީހަކަށް ވީ ގޮތަކަށް ދިރިއުޅުމައިގެން ކުރިއަށް ދިޔުމުގެ ރޫޙު، ޣައްޒާގެ ސާބިތު ހިތްތަކުން ފިލާ ނުދެއެވެ. އަތުގައި އޮތް ފޯނުތައް ޗާޖު ކުރުމަށްޓައި އެއް ބަޔަކު ދަނީ، ކާރު ބެޓެރީ ފަދަ ތަކެތީގެ ބޭނުންވެސް ހިފަމުންނެވެ. ފޯނު ޗާޖު ކުރެވޭނެ ސްޓޭޝަނެއް ހަދާފައި ވާ އިރު، އަވަށްޓެރިންނަށްވެސް އެ ސްޓޭޝަން ބޭނުން ކުރެވޭނެ ގޮތް ވަނީ ހަދައިދީފައެވެ.
މުޙައްމަދު އަލް-ޚުދާރީއަކީވެސް ފޯނު ޗާޖު ކޮށްލެވޭނެ ކަމުގެ އިންތިޒާރުގައި އިން މީހެކެވެ. ޚުދާރީއަކީވެސް އޭނާގެ ޢާއިލާއާ ނުގުޅިގެން އުޅޭ މީހެކެވެ. އެމީހުން ތިބި ގެއަށް އިޒްރޭލުގެ ޙަމަލާ ޢަމާޒު ކުރި ފަހުން، ޢާއިލާ މީހުންނާ ގުޅޭ ގޮތެއް އަދި ނުވެއެވެ.
ރަސްމީ ސިފައެއްގައި ހަނގުރާމަ ޢިއުލާންކޮށް، އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ޖަހައިދިން އަށްޑަނައިގެ ނިވަލުގައި އޮވެގެން، ޣައްޒާ ސުންނާފަތި ކުރަން ފެށުމުގެ ކުރިންވެސް، ޣައްޒާއަކީ ދަތި ދިރިއުޅުމެއް ތަޙައްމަލު ކުރަމުން ދިޔަ ބަޔަކު އުޅުނު ރަށެކެވެ. އެކަމުގެވެސް އެންމެ ބޮޑު ހިއްސާއަކީ މުސްލިމުންގެ ބިންތަކަށް ވެރިވެގަނެ، ލާއިންސާނީ އިސްތިޢުމާރީ ޙިޞާރެއްގައި ޣައްޒާ ޤައިދު ކޮށްގެން އުޅޭ ޔަހޫދީ އިޒްރޭލެވެ. 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާއަކީ ދުނިޔޭގައި މިވަޤުތު އޮތް އެންމެ ބޮޑު ޖަލުގެ ގޮތުގައި ސިފަ ކުރާ އިރު، އެ ބުނާ"ޤައިދީން"ގެ ކުށަކީ ކޮބައިތޯއެވެ؟ އާބާދީގެ 80 ޕަސެންޓަށް ވުރެ ގިނަ މީހުންނަކީ އިންތިހާ ފަޤީރު ޙާލުގައި ދިރިއުޅުމުގެ ދުވަސްތައް ގުނަމުން ދާ ބައެކެވެ. އެ ވަރުންވެސް އިޒްރޭލުގެ ހިތް ނުފުރިގެން، މިއަދު އެ ދަނީ އެ ރައްޔިތުންނަކީ އިންސާނުންނަށް ވީތީ ލިބިދޭ ދިރިހުރުމުގެ ޙައްޤަށްވެސް ހުރަސް އަޅަމުންނެވެ.