ފަގީރުންނަށް ހިންގާ ޒަކާތު ނަފާ ޕްރޮގްރާމް ވަރަށް ކާމިޔާބު، ދަނޑުވެރިންނަށް ނަފާ ލިބެން ފަށައިފި
21 އެޕްރީލު 2023 | ހުކުރު 07:28އެމީހެއްގެ ފަންނު ހުރި ދިމާލަކުން މަސައްކަތް ކުރުމަށް އެހީތެރިވެދޭނެ


ފަންޑް މެނޭޖަރު އަބްދުﷲ އަލީ
ޒަކާތު ނަފާ ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށާއި، ދަނޑުވެރިންގެ ދަނޑުތަކުން ނަފާ ލިބެމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި, އިސްލާމިކް މިނިސްޓްރީގެ ފަރާތުން ފަންޑް މެނޭޖަރު އަބްދުﷲ އަލީ ވިދާޅުވީ ފަގީރުންނަށް ފިތުރު ޒަކާތުން ލިބޭ މިންވަރު ނުވަތަ އަހަރަކު އެއްފަހަރު މުދަލުގެ ޒަކާތުން ދޭ މިންވަރު ދީފައި ނިންމާލުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެ މިންވަރުން އެމީހުންގެ ހާލަތަށް މާ ބޮޑު ބަދަލެއް ނާންނަކަން ފާހަގަކުރައްވައި އަބްދުﷲ ވިދާޅުވީ އިތުރު ކަންކަން ކޮށްދޭން ޖެހޭ ކަމަށެވެ. އެގޮތުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ޚާއްސަކޮށްގެން ޒަކާތު ނަފާގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންދާ ކަމަށާއި، އެ ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ޕްރޮގްރާމްގެ އަމާޒަކީ ފަގީރުން ފުދުންތެރި ބަޔަކަށް ހެދުން ކަމަށް އަބްދުﷲ ވިދާޅުވިއެވެ.
އަބްދުﷲ ވިދާޅުވީ މިހާރު ހދ.ނޮޅިވަރަމްގައި ނަފާ ޕްރޮގްރާމް ކުރިއަށް ގެންދާ ކަމަށާއި، ބައެއް ދަނޑުވެރިން ދަނޑުތައް ހައްދާ ބައެއް ބާވަތްތައް އެގްރޯނެޓަށް ވިއްކަމުންދާ ކަމަށެވެ. މީގެ އިތުރުން އަބްދުﷲ ވިދާޅުވީ ދަނޑުވެރިކަމުގެ އިތުރުން އެމީހެއްގެ ފަންނު ހުރި ދިމާލަކުން މަސައްކަތް ކުރުމަށް އެހީތެރިވެދޭ ކަމަށެވެ. އެގޮތުން މަސްވެރިކަން ކުރުމަށާއި، ބޭކަރީ ހިންގުން ފަދަ މަސައްކަތްތަކަށް އެހީތެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ނަފާ ޕްރޮގްރާމުން ފަގީރުންގެ ހާލަތު ބަދަލުކުރުމަށް ކުރާ މަސައްކަތް އެދެވޭ ރަނގަޅު ނަތީޖާއެއް ފެނިގެންދާ ކަމަށެވެ. އުންމީދަކީ ރާއްޖޭގެ ހުރިހާ ފަގީރުންނަށް މި ޕްރޮގްރާމް ހިންގުން ކަމަށް މިނިސްޓްރީން ބުނެއެވެ.
ޒަކާތު ނަފާ ޕްރޮގްރާމަކީ އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.








