ދަރަވަންދޫ އެއާޕޯޓުގެ ހާލަތު އޮތީ ވަރަށް ދަށު ދަރަޖާގައި، މިދަނީ މަޝްވަރާކުރަމުން: އެމްޑީ މިހާދު
17 އެޕްރީލު 2023 | ހޯމަ 16:11އެއާޕޯޓު ޓާމިނަލްގެ ފަންކާއެއް ނުއެނބުރޭ


ބ. ދަރަވަންދޫ
ބ. އަތޮޅުގެ ދަރަވަންދޫ އެއާޕޯޓުގެ ހާލަތު އޮތީ ވަރަށް ދަށު ދަރަޖާގައި ކަމަށާއި، މައްސަލަ ހައްލުކުރުމަށް އޯނަރުންނާއެކު މަޝްވަރާ ކުރަމުންދާކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު އެސްއޯއީ ކޮމެޓީގައި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ، ދަރަވަންދޫ އެއާޕޯޓަށް ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް 14 ފްލައިޓް ޖައްސާ ކަމަށާއި، ނަމަވެސް އެއާޕޯޓު އޮތީ ވަރަށް ހާލުގައި ކަމަށެވެ. މެމްބަރު ވިދާޅުވީ އެތަނުގެ ޓާމިނަލްގެ ފަންކާ ނުއެނބުރޭ ކަމަށާއި، ވަރަށް ހޫނު ގަދަ ކަމަށެވެ. އަދި ފާޚާނާވެސް ބޭނުން ނުކުރެވޭ ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ލަގެޖް އުފުލަން ޖެހެނީ ވަރަށް ހާލުން ކަމަށެވެ. އެފަދަ ހާލަތަށް އެއާޕޯޓު ދިއުމުން އެކަން ހައްލު ކުރުމަށް އައިލެންޑް އޭވިއޭޝަނުން ކުރަމުންދަނީ ކޮން މަސައްކަތެއްތޯ ވަނީ ސުވާލުކުރައްވާފައެވެ.
މިސުވާލަށް ޖަވާބުދެއްވަމުން މިހާދު ވިދާޅުވީ، އެއާޕޯޓުގެ ހާލަތު ދަށްކަމަށް ގަބޫލުކުރައްވާކަމަށެވެ. އެމައްސަލަ ހައްލުކުރުމަށް އެއާޕޯޓު ހަވާލުކޮށްފައިވާ ކުންފުންޏާއެކު މަޝްވަރާ ކުރަމުންދާކަމަށް މިހާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދަރަވަންދޫގެ އެއާޕޯޓު ތަރައްގީކުރުމަކީ މިހާރު ހިންގުމަށް ހަވާލުވެފައިވާ ކުންފުނީގެ ޒިންމާއެއް ކަމަށާއި، ކުންފުނީގެ އޯނަރުންނާއެކު ދާދިފަހުންވެސް ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ. މިމަޝްވަރާތަކުގައި ޓްރާންސްޕޯޓް މިނިސްޓްރީވެސް ބައިވެރިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ދަރަވަންދޫގެ ވަށައިގެން ގިނަ ރިސޯޓުތަކެއް ހުރުމުގެ ސަބަބުން އެ އެއާޕޯޓަށް ވަރަށް ބޮޑު ޑިމާންޑެއް އޮވެެއެވެ.
ދަރަވަންދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.









