ސައެންސްއާއި ހިސާބު ޢިލްމުގެ އިތުރުން އިންޖިނޭރުކަން ކިޔަވާ، އެކި ގުރޭޑްތަކުގެ ދަރިވަރުން މި ކުލާހަށް ހާޒިރުވެ، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފާ

މިފަދަ ވެއްޓެއްގައި ތަޢުލީމު ހާސިލު ކުރުމަކީ، އާންމު ކުލާސްރޫމެއްގައި ތިބިގެން ކިޔަވާ ކިއެވުމަށް ވުރެ ރަނގަޅަށް މަޢުލުމާތު ފަޙުމްކޮށްދޭ ކަމެއް
ހިއްސާކޮށްލަން މިއުޅެނީ އެތައް ގޮތަކުން ފިއްތާލެވިފައި އޮތް ޣައްޒާގެ ތަފާތު ވާހަކައެކެވެ. ކިތަންމެ ދަތި ހާލުގައި އުޅެން ޖެހުނު ކަމުގައި ވީ ނަމަވެސް، ދިރިއުޅުމުގައި އުފާވެރިކަން ތަޖުރިބާ ކުރުމުގެ ފުރުޞަތު، ހީވެސް ނުކުރާ ފަދަ ގޮތަކަށް ލިބިދާނެ ކަމުގެ ޢުއްމީދު އާ ކޮށްދެނިވި ވާހަކައެކެވެ. ދައްކަން މިއުޅެނީ ޒަމާނީ ޓެކްނޮލޮޖީގެ ދުނިޔެއިން އެންމެ ފަހުން ޖާގަ ހޯދި އެއް މީޑިއަމް ކަމަށް ވާ ވަރޗުއަލް ރިއާލިޓީ ނުވަތަ ވީއާރް ޓެކްނޮލޮޖީގެ އެހީގައި ޣައްޒާގައި ކިޔަވައިދޭން ފެށި ވާހަކައެވެ.
ހެޑްސެޓްތަކާއި ވީއާރް ހޭންޑްލްތައް ހިފައިގެން ކުލާސް ތެރޭގައި ތިބި ދަރިވަރުން މިއަދު ދަސްކުރަމުން އެ ދަނީ އިންސާނާގެ ހަށިގަނޑުގައިވާ ސެލްތަކާ ބެހޭ މަޢުލޫމާތެވެ. ކަރުދާހެއްގައި ކުރަހާފައި އޮންނަ ތަސްވީރަކަށް ވުރެ، ވީއާރް ޓެކްނޮލޮޖީގެ އެހީގައި ބަލާލެވޭ ތުރީ-ޑީ ތަސްވީރެއްގެ ތަޖުރިބާ، އެތައް ގުނައެއް ފުރިހަމަ ވާނެ ކަމާ މެދު ދެބަސް ވާނެ ޖާގައެއް ނެތެވެ.
ސައެންސްއާއި ހިސާބު ޢިލްމުގެ އިތުރުން އިންޖިނޭރުކަން ކިޔަވާ، އެކި ގުރޭޑްތަކުގެ ދަރިވަރުން މި ކުލާހަށް ހާޒިރުވެ، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައެވެ. މިއީ ޣައްޒާގައި ތަރައްޤީ ކުރި މިފަދަ ފުރަތަމަ ކުލާހެވެ. މި ކުލާސް ހުންނަނީ އަލް-ބަސްމާ މޮޑަރން ސްކޫލްގައެވެ. މި ސްކޫލުގެ މަންހަޖު މުޅިންހެންވެސް ފަރުމާކޮށްފައި އޮންނަނީ ޢަމަލީ ތަޖުރިބާގެ މައްޗަށެވެ. އުނގެނޭ އެއްޗެއްގެ މަޢުލޫމާތު، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައިވެސް ލިބިދޭ ފަދަ ގޮތަކަށެވެ.
އަލް-ބަސްމާ މޮޑަރން ސްކޫލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރ، އަހުމަދު އަލް-ނާތޫރު ވިދާޅުވީ، މިފަދަ ވެއްޓެއްގައި ތަޢުލީމު ހާސިލު ކުރުމަކީ، އާންމު ކުލާސްރޫމެއްގައި ތިބިގެން ކިޔަވާ ކިއެވުމަށް ވުރެ ރަނގަޅަށް މަޢުލުމާތު ފަޙުމްކޮށްދޭ ކަމެއް ކަމަށެވެ.
ފަލަސްޠީނުގައި ޤާނޫނު ހަމަޖެހިފައި އޮންނަ ގޮތުން، ޢުމުރުން 6 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިން ސްކޫލަށް ހާޒިރުވެ، ތަޢުލީމު ހާސިލު ކުރުން ލާޒިމެވެ. ތަޢުލީމު ފޯރުކޮށްދިނުމަށް، ބައިނަލްއަޤުވާމީ އެކިއެކި ފަރާތްތަކާއެކު އެހީއާއެކު ހިންގަމުންދާ މަޝްރޫއުތަކުގެ ނަތީޖާއެއްގެ ގޮތުން ހުޅަނގު އައްސޭރިއާއި ޣައްޒާގައި ލިޔަންކިއަން ދަންނަ މީހުންގެ ނިސްބަތް، މަޑުމަޑުން ނަމަވެސް ދަނީ އިތުރުވަމުންނެވެ.