ނަމަވެސް، ހަނގުރާމައާއި ހަނގުރާމަތަކުން ކުރަލާފައިވާ މައުސޫމު ހިތްތަކަށް ތަސައްލީއެއް ހޯދުމަށް، މިއަދު އެނޫން އެހެން ގޮތެއް ނެތުނީތީ ފެންނަމުންދާ މަންޒަރު

ޓޮޕްރޮކްއާއި ޑައުންރޮކްގެ ނަންދީފައިވާ އެކި ހަރަކާތްތައް ކުރުމުގައި އެ ކުދިން ހަރަކާތްތެރިވަނީ، ތަމްރީނު ދޭ މީހެއްގެ ޚާއްސަ އިރުޝާދުގެ ދަށުން
ހާސްކަމާއި ނުތަނަވަސްކަމަކީ ވަކި އުމުރެއްގެ ނުވަތަ ވަކި ޖިންސެއްގެ ބަޔަކަށް އޮތް ކަމެއް ނޫނެވެ. ކޮންމެ އަސްލަކާއި ނަސްލެއްގެ ބަޔަކަށްވެސް އެ ތަކުލީފުތައް އުފުލަން ޖެހެއެވެ. ވަކިން ހާއްސަކޮށް، ދިރިއުޅެން ޖެހިފައިވާ ހާލަތުގެ ސަބަބުން އެކަން ބޮޑުވާ ފަހަރުވެސް އާދެއެވެ. އެފަދަ ގޮތަކަށް، އިންތިހާ ހާސް ކަމާއި ނުތަނަވަސްކަމުގައި ދުވަސްތައް ގުނަމުން ދާ އެއް ބަޔަކީ ޣައްޒާގެ ކުޑަ ކުދިންނެވެ. މިޞްރާއި ޔަހޫދީ އިޒްރޭލުގެ އިތުރުން، ފަލަސްޠީނުގެ މައި ސަރުކާރުން ފިއްތާލާފައިވާ ޣައްޒާގައި ދިރިއުޅެމުންދާ ކުޑަކުދިންނަށް ކުރިމަތިލާން ޖެހިފައި ވާ މާޔޫސްކަމާއި، ހާސްކަމާއި ނުތަނަވަސްކަމުން އަރައިގަތުމަށް އެކުދިންވެސް ދަނީ ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުންނެވެ.
ޣައްޒާގެ މެދުތެރޭގައި ހުންނަ ނުސައިރާތު ރެފިއުޖީ ކޭމްޕުގެ މަގެއް މަތިން ފެނިގެން ދަނީ ފުރާވަރު އުމުރުގެ ކުދިން، ނެށުމުގެ އެކި ހަރަކާތްތައް ކުރުމުގައި އަވަދި ނެތި އުޅޭ މަންޒަރެވެ. އެއީ އެ ސަރަޙައްދުގެ ބައެއް މީހުން މީގެ ކުރިން ނަފްރަތު ކުރި ކަމެއް ކަމުގައި ވީ ނަމަވެސް، ހަނގުރާމައާއި ހަނގުރާމަތަކުން ކުރަލާފައިވާ މައުސޫމު ހިތްތަކަށް ތަސައްލީއެއް ހޯދުމަށް، މިއަދު އެނޫން އެހެން ގޮތެއް ނެތުނީތީ ފެންނަމުންދާ މަންޒަރެކެވެ.
ޓޮޕްރޮކްއާއި ޑައުންރޮކްގެ ނަންދީފައިވާ އެކި ހަރަކާތްތައް ކުރުމުގައި އެ ކުދިން ހަރަކާތްތެރިވަނީ، ތަމްރީނު ދޭ މީހެއްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ. ތަމްރީނުތަކުގެ މުގުލުގައި ހުރީ ޣައްޒާގެ ޒުވާނެއް ކަމަށް ވާ އަޙުމަދު އަލް-ޣްރައިޒްއެވެ. ޣްރައިޒް ބުނާ ގޮތުގައި އޭނާ ދެމުން އެ ދަނީ "ޑާންސް ތެރަޕީ"އެވެ. ބޭނުމަކީ، ކުދިންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަމާއި ހާސްކަން ފިލުވާލުމެވެ.
އުމުރުން 32 އަހަރުގެ ޣްރައިޒް ވަނީ، ބޮޑެތި ކާރިޘާތަކުން ލިބޭ އަނިޔާތަކަށް ފަރުވާ ދިނުމުގެ ރޮނގުން ސަނަދު ހާޞިލުކޮށް، ވިލާތުގައި 7 އަހަރެއްހާ ދުވަސް ހޭދަކޮށްފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުގެ ޙައްޤުގައި، ވަކިން ޚާއްސަކޮށް ޣައްޒާގެ ރަށްވެހިންގެ އާދޭސްތަކަށް ބައިނަލްއަޤުވާމީ ސަމާލުކަން ހޯދުމަށް، ބްރޭކްޑާންސް ޝޯތައްވެސް އިންތިޒާމް ކުރި ޒުވާނެކެވެ.
މަސައްކަތް ފަށައިގެން އައި ދުވަސްވަރު، ހިޕްހޮޕް ޑާންސްގެ ހަރަކާތްތައްވީ، ޣައްޒާގެ ރަށްވެހިންނަށް މާ ކަމުދާ ކަމަކަށް ނޫނެވެ. އެކަމަށް ބަޔަކު އިންކާރުވެސް ކުރަމުން ދިޔައެވެ. ނަމަވެސް ޣްރައިޒް ދިޔައީ، ކޮންމެ ދުވަހަކުމެހެން ޣައްޒާގެ ކުޑަކުދިން އުފުލަމުންދާ ތަކުލީފުތަކުން މިންޖުވުމަށް އެ ހަރަކާތްތަކުން ހޯދިދާނެ އެހީތަކާއި ތަޖުރިބާތައް ކިޔައިދެމުންނެވެ.
ބޮޑެތި ކާރިޘާތަކަށް ފަހު ކުރިމަތިލާން ޖެހޭ ހާސްކަމާއި ނުތަނަވަސް ކަމުގެ އިތުރުން، އެންޒައިޓީއާއި ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިމަޑުކަމަށް ފަރުވާ ކުރުމަށް އާންމުކޮށް ދެމުން އަންނަ ކައުންސިލިންގްއާއި ރީހެބިލިޓޭޝަން ފަރުވާގެ އިތުރުންގެ، ނެށުމަކީވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރަމުންދާ ތެރަޕީ އުކުޅެކެވެ.
ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް)އިން މި އަހަރު ހާމަ ކުރި ގޮތުގައި، ޣައްޒާގައި ތިބި ކުޑަކުދިންގެ ތެރެއިން 500000 އެއްހާ ކުޑަކުދިން ވަނީ ނަފްސާނީ ފަރުވާއާއި އެހީއަށް ބޭނުން ޖެހިފައެވެ. ޣައްޒާގައި ވަޒަންވެރިވެގެން އުޅޭ ފަލަސްޠީނުގެ 2.3 މިލިއަނެއްހާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 2 ބައިކުޅަ 1 ބައި ހިއްސާ ކުރަނީވެސް ކުޑަކުދިންނެވެ.
ބްރޭކްޑާންސްއަކީ 1970ގެ އަހަރުތަކުގެ ތެރޭގައި، އެމެރިކާގެ ނިއުޔޯކްގައި ދިރިއުޅެމުން ދިޔަ ކަޅު އަދި ލެޓީނޯ ދަރިކޮޅުތަކުގެ މީހުންގެ ތެރެއިން މަޤުބޫލުވެގެން އައި ނެށުމުގެ ވައްޓަފާޅިއެކެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެ ހަރަކާތް ފުޅާ ވެގެން ދިޔައީ ހިޕްހޮޕް ޘަޤާފަތް ފެތުރިގެން ދިއުމާއެކުގައެވެ. އެކްރޮބެޓިކް ޑާންސް ހަރަކާތެއްގެ ގޮތުގައި ސިފަކުރާ ބްރޭކްޑާންސްއަކީ އޮލިމްޕިކްސް ކުޅިވަރެއްގެ ގޮތުގައި ހިމަނަންވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. ކުޅިވަރެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ބްރޭކްޑާންސް ފެނިގެންދާނީ 2024 ވަނަ އަހަރު، ފަރަންސޭސިވިލާތުގައި ކުރިއަށް ގެންދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައެވެ.