ތޮއްޖެހިފައިވާ މާލޭގައި ކާރުބާރު ބޮޑުކަމުގެ އިހުސާސް ކިރިޔާވެސް ކުޑަކޮށްދެނީ ހިތްހަމަޖެހޭ ފަދަ ގެއެއް ތިމާ އަށް ލިބޭ ހިސާބުންނެވެ. ދަތިހާލުގައި ނަމަވެސް ދިރިއުޅޭނެ އަމިއްލަ ތަނެއް މިލްކު ވުމަކީ މި މާލޭގައި އުޅޭ ކޮންމެ މީހެއްގެ އުންމީދެވެ. ކޮންމެ މީހަކު ވެސް ބަލަނީ ލިބޭ އާމްދަނީ އިން ފަރުޖައްސާ، ލިބޭ އާމްދަނީ އިން ރައްކާކޮށްގެން ނުވަތަ މާލީ އެހެން އެހީއެއްގެ ޒަރީއާ އިން ނަމަވެސް ބޯހިޔާކޮށްލާނެ ތަނެއް އަމިއްލަ ނަންމަތީގައި ހުންނާނެ ގޮތެއް ފެނޭތޯއެވެ. ތިމާ އާއި ތިމާގެ އާއިލާ މާލޭގެ ހަލަބޮލި ދިރިއުޅުމުގައި ގަނަތެޅޭ ތެޅުމަށް ކުޑަ ނަމަވެސް ލުޔެއް އެކަމުން ލިބޭނެ ކަމަށް ގަބޫލުކުރެވެއެވެ. މިކަމުގައި މާލީގޮތުން އެންމެ ތަނަވަސް މީހާއެކޭ މާލީ ތަނަވަސްކަން ކުޑަ މީހާއެކޭ ފަރަގެއް ނެތެވެ. މިއީ މާލޭގައި ދިރިއުޅޭ ހުރިހާ ފަންތިއެއްގެ މީހުންގެ އުންމީދާއި ޚިޔާލުތައް ހުރިގޮތެވެ.
ކަންމިހެން ހުރުމާއި އެކު ގެދޮރުވެރިކަމުގެ ޕްރޮގްރާމްތައް ވަނީ އާއްމުންނަށް ޝައުގުވެރި ވާހަކައަކަށެވެ. ސޯޝަލް ހައުސިން އާއި އަދި އެ ނޫނަސް އެކި ކަހަލަ ހައުސިން މަޝްރޫޢުތައް އިޢުލާން ކުރުމާއި އެކު އެ މީހެއްގެ ފުދުންތެރިކަން ހުރި މިންވަރަކުން އެންމެން ވެސް ބަލަނީ ބޯހިޔާވަހިކަމުގެ ރާހަތު ލިބޭނެ ގޮތެއް ހޯދޭތޯއެވެ. ބައެއް ފަހަރު އެކަން ކުރަނީ މުޅި އުމުރު އެއްކުރި ފައިސާކޮޅުގެ އެހީގައެވެ. ނަމަވެސް މިފަދަ ހައުސިން ޕްރޮގްރާމްތަކުގެ އަގު މިލިއަނުން މިލިއަނުން ގުނާލެވޭ އިރު ގިނަ ފަހަރު މި ތަންތަނަށް ފައިސާ ދެއްކުމަކީ އެކަނި އެކަކަށް އުފުލޭ ވަރަށް ވުރެ މާލީ ގޮތުން މާ ބޮޑު ޒިންމާއެކެވެ. އެފަދަ މާލީ ތަނަވަސްކަމެއް ހުންނަނީ މަދު މީހެއްގެ ކިބައިގައެވެ. އެ ހިސާބުން އާއިލާ އެންމެން އެކުވެގެން ނަަމަވެސް ބޯހިޔާވަހިކަމުގެ ފޮނިކަން ލިބޭތޯ ބަލާ މީހުން މަދެއް ނޫނެވެ. އެވަރުން ފަރުޖައްސާ ނުލެވޭ ނަމަ ލޯނު ނަގައިގެން ދަރަނިވެރިވެގެން ނަމަވެސް ތިމާ އާއި ތިމާ އަށް ބަލަދު އަރާ މީހުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭތޯ ބަލައެވެ.
އެހެންކަމަށް ވާއިރު ޖާނާއި މާލު ހުސްކޮށްގެން ބޯހިޔާވަހިކަމުގެ އުންމީދު ފުރިހަމަކުރަން މަސައްކަތް ކުރަމުން ދަނިކޮށް މިފަދަ މަޝްރޫޢުތައް ނުނިމި ދިގުލައިގެން ދިއުމަކީ އެ ފްލެޓްތައް ގަނަން ފަރާތްތަކަށް ނުހަނު ތަކުލީފާއި، ވޭނާއި ތުރާލާ ކުރިމަތިލާން ޖެހޭ ކަމެކެވެ. ޚާއްސަކޮށް އަގު ބޮޑު ފްލެޓްތައް ގަންނަ މީހުންގެ ޖީބުން އެތައް ފައިސާ އެއް ހޭދަކުރުމަށް ފަހު ފްލެޓްތައް ނުނިމި، އެ ފްލެޓްތައް ލިބޭނެ ދުވަހެއް ނޭނގި، ދިގު އިންތިޒާރެއްގެ އަނދަވަޅަކަށް ވެއްޓުމަކީ އެ ފަދަ މީހުންނަށް ނަފްސާނީ އަދި މާލީ އެތައް ގޮންޖެހުމަކާއި ކުރިމަތިކުރުވާ ކަމެކެވެ.
މިފަދަ އެއް މިސާލަކީ އަމިއްލަ ބައެއް ކުންފުނިތަކާ ހަވާލުކޮށްގެން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ފްލެޓްތައް ގަތް ފަރާތްތަކުގެ ވާހަކައެވެ. އެގޮތުން ބަލާ އިރު އެންސިސް ފިޝަރީޒް އާއި ޖާހު (ޖައުސާ)ގެ އިތުރުން ކޭ-ޕާކާއި އަކުއާ ވިޓާ އިން ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ އެޕާޓްމަންޓްތައް އިމާރާތްކުރަމުން ދާއިރު އެތަންތަން ނުނިމި ލަސްވުމަކީ އެތަންތަން ގަތް މީހުން އުފުލަން ޖެހިފައިވާ ވޭނަކަށް ވަނީ ވެފައެވެ. މިއިން ކޮންމެ ފްލެޓެއްގެ ހުވަފެން ދުށް މީހުން ތިބީ އެ ހުވަފެނުގައި ކުލަ ޖެހޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެތައް އަހަރެއްވި އިރު އެ ފްލެޓްތަކުގެ އަސްލު ފެނުމުގެ ބަދަލުގައި މާޔޫސްކަމާއި ދިމާލަށް، އެ ފްލެޓްތައް ގަތް މީހުންގެ ހާލަތު ވަނީ ބަދަލުވެފައެވެ.
މި ފްލެޓްތަކުގެ ތެރެއިން ކޮންމެ ފްލެޓެއްގެ ވާހަކަ އަކީ ވެސް ވަރަށް ފުޅާކޮށް ދެއްކިދާނެ ވާހަކައެކެވެ. ނުނިމި ލަސްވާ ކޮންމެ ފްލެޓެއްގެ ފަހަތުގައި އެތައް އާއްމުންނެއްގެ ހުސްނުވާ ޝަކުވާ އެހާ ބައިވަރެވެ. ނުނިމި ލަސްވާ ކޮންމެ ފްލެޓަކާއި އެކު ބިކަ ވަނީ އެތައް ބައެއްގެ އުންމީދެކެވެ. ނުނިމި ހުރި ފްލެޓްތަކުގެ ތެރެއިން ދައްކަން މިއުޅެނީ ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ޖާހު ކުންފުނިން ތަރައްގީކުރަމުން އަންނަ ދަ ގާޑަން ފްލެޓްތަކުގެ ވާހަކައެވެ. ސަބަބެއް ވެސް ނެތި އެއް ނޫނެވެ.
ޖާހު ޖައުސާގެ ފްލެޓްތައް "އިނބިލީހުގެ ކައިވެންޏަށް"، އާއްމުންގެ ޝަކުވާ އިންތިހާ!
ޖާހު ޖައުސާގެ ފްލެޓްތަކުގެ ސަޅި ވާހަކަތައް ފެށުނީ 2017 ވަނަ އަހަރެވެ. ޒަމާނީ ފެންވަރަށް ހަދާ މޮޅެތި ފްލެޓްތަކުގެ ވާހަކަ އާއި އެކު އެ ފްލެޓްތައް ގަތުމުގެ ލަޔާގަތުކަން ލިބިފައިވާ ކޮންމެ މީހަކު ވެސް ބެލީ ވީހާވެސް އަވަހަށް އެތަނުން ފްލެޓެއް ގަނެވޭތޯއެވެ. ވާނީވެސް އެހެންތާއެވެ. މާލޭގައި ބޯހިޔާވަހިކަމަށް ލިބޭ ފުރުސަތެއް ދޫކޮށްލާނީ ވަކި ކާކުހެއްޔެވެ؟
މި ފްލެޓްތަކުގެ ވާހަކަ އިއުލާންކުރުމާއި އެކު އަތުފަތު ނުޖެހި ފްލެޓްތައް ވިކުނު މަންޒަރު ފެނުނެވެ. ގިނަ ފްލެޓްތައް ވިއްކާ އެޑްވާންސްކޮށް ފައިސާ ވެސް ނަގައިފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގެ ދެކުނުގައި އޮތް ބިމެއްގައި ޖާހުން ފްލެޓްތައް އަޅަމުން އަންނަ އިރު އެތަނުން ފްލެޓް ގަތް މީހުން ތިބީ ދާދި އަވަހަށް އެ ފްލެޓްތަކަށް ވަދެވި ބޯހިޔާވަހިކަމަށް ސަލާންޖެހުމުގެ ރާސްތާ ނިމުމަކަށް އަންނާނެ ކަމުގެ އުންމީދުގައެވެ. މާލޭގައި ދިރިއުޅުމަށް ކުލީގެ ދަންތުރައިގައި އުޅެން ޖެހުން ނިމުމަކަށް އަންނާނެ ކަމަށް ދެކިގެންނެވެ.
2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެ ފްލެޓްތައް ހަވާލު ކުރާނެ ކަމަށް ބުނި ހިސާބުން އެ އުންމީދުތައް ވީ އިތުރެވެ. އެހެންނަމަވެސް އެ އުންމީދުގެ ރާހު ބަދަލުވީ ދެން ކަންވެގެން ދިޔަ ގޮތުންނެވެ. އެންމެ ފުރަތަމަ އެ ފްލެޓްތައް ދޭނެ ކަމަށް ބުނި ތާރީހު ބަދަލުވާން ފެށުން ވެގެން ދިޔައީ، ފްލެޓްތައް ގަތް މީހުންނަށް "ތާރީހަކަށް ފަހު ތާރީހެއް" ލިބުމުގެ ފެށުމަށެވެ.
29 މޭއި 2017އިގައި އެންމެ ފުރަތަމަ ބުނީ 2019 ވަނަ އަަހަރުގެ ފެބްރުއަރީ މަހު ފްލެޓްތައް ދޭނެ ކަމަށެވެ. އެ ތާރީހު ފަހަތަށް ސޮއްސާލާ ދެން ފްލެޓް ދެވޭނީ ސެޕްޓެމްބަރ 2019 ވަނަ އަހަރުކަމަށް އެންގީ 2017 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ސިނާއީ މަސައްކަތެއްގައި އަންނަ ލަސްކަމަކީ މުޅި މަޝްރޫއު އަށް އަންނަ އުނިކަމަކަށް ވެދާނެ ކަމަށް ފްލެޓްތައް ގަތް ފަރާތްތަކުން ތިބީ އުންމީދުކޮށްގެނެއް ނޫނެވެ.
ބައެއް މީހުން 2017 ވަނަ އަހަރު ޑައުންޕޭމެންޓުގެ 20 އިންސައްތަ ދައްކާފައި ވާއިރު އެކި ސަބަބުތަކާއި ހުރެ މި ތަނުގެ އެއްބަސްވުމުގައި ސޮއިކުރީ 26 ފެބްރުއަރީ 2019 ވަނަ އަހަރެވެ. އެއީ އެގްރީމެންޓްގައި ސޮއިކުރި ތާރީހުގެ އެއް އަހަރާއި ނުވަ މަސް ދުވަސް ފަހުންނެވެ. އޭރު ދިން އުންމީދަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފްލެޓްތައް ލިބޭނެ ކަމެވެ.
އެހެންނަމަވެސް އެ އުންމީދު ހަގީގަތަކަށް ނުވާނެކަން ފްލެޓްތައް ގަތް ފަރާތްތަކަށް ރޭކާލީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަސް އައި އިރު ވެސް ކުންފުނީގެ ފަރާތުން އެކަށީގެންވާ މުއާމަލާތެއް ކަސްޓަމަރުންނާއި ނުކުރުމާއި، އަނެއްކާވެސް އިމާރާތުގެ މަސައްކަތް ލަސްވި ވާހަކަ ފެންމަތިވެގެން އައި ހިސާބުންނެވެ. ސަބަބަކަށް ވީ މޫސުމީ ހުރަސްތަކާއި ކޮވިޑް-19އިގެ އާލަމީ ބަލިމަޑުކަމުގެ ވާހަކައެވެ. އަދި ޗައިނީޒް ނިއުއެއާގެ ވާހަކައެވެ.
މިއީ މި ފްލެޓްތަކުގެ ވެރިންގެ ޝަކުވާތަކުގެ މަލަމަތި ފެށޭ ހިސާބެވެ. ފާއިތުވި ހަތަރު އަހަރު ދުވަހު މި ފްލެޓްތައް ހޯދަން ކުރި މަސައްކަތަށް ފަހު ގިނަ މީހުން ތިބީ މިހާރު މާލީ އަނދަވަޅެއްގެ ތެރޭގައެވެ. އަދި ފްލެޓްތައް ލިބިދާނެ ކަމާއި މެދު ކުރާ އުންމީދު ކުޑަވެ، ކުންފުންޏަށް އޮތް ބަރޯސާ ކުޑަވެފައިވާކަން އާއްމުންގެ ވާހަކަތަކުން އެނގެއެވެ.
ދަރާ ވިކިއްޖެ، ފްލެޓެއް ނުލިބޭ: ދާނެ ތަނެއް ކުރާނެ ކަމެއް ނޭނގި ގޮތް ހުސްވަނީ!
އަޅުގަނޑުމެންނަކީ ވެސް ތިބުނާ ފުދޭ ބައެއް ނޫން. އެންމެން ވެެގެން ލޯނެއް ނަގައިގެން މި ތަން މި ގަތީ. މިހާރު ކިހާ ދުވަހެއްތޯ؟ ވަރަށް ކެތް ވެސް ކޮށްފިން. ކިތައް ބައްދަލުވުންތޯ ބޭއްވީ. ފަހުން ފޯނުވެސް ނުަނަގަނީ. އެކި ތަންތަނަށް ހިނގާ ހިނގާ ގޮތް ހުސްވެއްޖެ. ކޮންމެ ފަހަރަކު ވެސް މި ބުނަނީ މި ކުރަނީ އޭ މި ކުރަނީ އޭ. އެކަމަކު ވާތަނެއް ނާދޭފްލެޓް ގަތް މީހެއް
ނަން ހާމަކުރަން ބޭނުން ނުވާ މީހަކު އޭނާގެ ތަޖުރިބާ ހިއްސާކުރަމުން ބުނީ މި ފްލެޓްތައް ގަންނަން އޭނާ ފަދަ އެތައް ބަޔަކު ބޮޑެތި ލޯނުތައް ނަގާފައިވާ ކަމަށެވެ. އެހެންކަމުން އެ ލޯނުތަކަށް ފައިސާދައްކަމުން ދިރިއުޅޭ ތަނަށްކުލި ދެއްކުމަކީ މާލީ ގޮތުން އުފުލަންޖެހޭ ވަރަށް ބޮޑު ތަކުލީފެއްކަން އޭނާ ފާހަގަކުރިއެވެ. އަދި މަޝްރޫޢުގެ ކުރީކޮޅު ޖާހުގެ މެނޭޖްމެންޓާއި ވަރަށް ރަނގަޅަށް މުއާމަލާތް ކުރެވުނު ނަމަވެސް ފަހުން ފްލެޓް ގަތް މީހުންނާއި ކުރިމަތިލާން ވެސް އެ މީހުން ބޭނުން ނުވާ ކަަމަށް އޭނާ ބުންޏެވެ.
މިކަމާއި ގުޅޭ ގޮތުން ވާހަކަދެއްކި އިތުރު މީހަކު ބުނީ ފްލެޓް ހަވާލުކުރާނެ ކަމަށް ބުނާ ތަރީހު ލަސްވެގެން އާއްމުން ޝަކުވާކުރަން ފެށުމުން ފަހުން މި ކަމާއި ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގައި ޖައުސާ އިން އަމަލުކުރަމުން އައި ގޮތް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މި ކަމާއި ގުޅޭ މައުލޫމާތު އޮޅުން ފިލުވާ ދިނުމަށް ކުންފުނިން ދޭން ޖެހޭ އެއްބާރުލުން ނުދޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން ފްލެޓްތައް ގަތް މީހުންގެ ޝަކުވާތައް ވެސް އެންމެ ރަނގަޅަށް އެ ކުންފުނިން އަޑު ނާހާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކުރިން ވާހަކަވެސް ދައްކާ. ކޮންމެ ފަހަރަކު ވެސް ބުނާނެ ނިމޭނެ އޭ. ދެން ފަހުން ފޯނުވެސް ނުނަގާ. އެޕޮއިންޓްމެންޓެއް ވެސް ނުލިބޭ. ދެން އެހާ ދޮގުވެސް ހަދަނީ. ކޮންމެ ފަހަރަކު ވެސް ވަރަށް ދޫދިނިން. އަމިއްލަ އަތްމަތި ދަތިވެ ނުވާ ހިސާބަށް ދިޔައީމަ މި ބުނަން ޖެހެނީ. ނުނިމެންޏާ ނުނިމޭ ވާހަކަ ވެސް ބުނަންވާނެ. އެކަމަކު އެ ދޭން ބުނާ ތާރީހު ގޮސް އަދި އޭގެ މާ ފަހުން ނުދެވެއޭ ވެސް މި ބުނަނީ. ދެން ފަހުން ފޮނުވާ ލިޔުމުގައި މުޅިން ހުންނަނީ އެސްޓިމޭޓެޑް ޑޭޓް. ސީދާ ތާރީހެއް ނުހުރޭ ލިޔުންތަކުގައި ތާރީހެއް ނުހުރޭފްލެޓް ލިބުނު މީހެއް
މި ފްލެޓްތައް ގަތް މީހުންގެ ތެރެއިން ބައެއް މީހުންނަކީ މި ފްލެޓްތަކަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކާފައިވާ ފަރާތްތަކެވެ. އެހެންކަމުން ފްލެޓްތައް ނުލިބި ލަސްވުމަކީ އެފަދަ ބޮޑު ޚަރަދެއް ކޮށްފައިވާ ބަޔަކަށް ލިބޭ އިތުރު އުނދަނގުލެކެވެ. އެހެންނަމަވެސް އެ ޝަކުވާތަކާއި އެކު ޖާހު ކުންފުންޏާއި ހަމައަށް ދިއުމުން އެކަށީގެންވާ ތަސައްލީ އެއް ދިނުމުގެ ބަދަލުގައި ފްލެޓް ދޫކޮށްލަން އިރުޝާދު ދޭކަމަށް "ރާއްޖެ އެމްވީ" އާއި ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ. އަދި ލޯނު ހޯދާ ދޭނެ ކަމަށް ބުނެ ބައެއް މުއާމަލާތުތައް ވެސް ޖާހުގެ ފަރާތުން ކުރި ނަމަ ވެސް އެ އަހުދާއި ވެސް ހިލާފުވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ބައްދަލުވަނީ ވެސް އެހާ އުނދަނގުލުން ދެން ބައްދަލުވީމަ އަޅުގަނޑުމެން ބުނިން މާލީ ދަތި ވާހަކަ. އެ ބޭފުޅުން ވިދާޅުވި ކްލައިންޓެއް ތްރޫކޮށް ލޯ އިންޓްރެސްޓް ރޭޓުގައި ލޯނު ދެއްވާނެ ގޮތެއް ހޯދާ ދޭނެ ކަމަށް. އެކަމަކު ފަހުން އެކަމެއް ވެސް ކޮށެއް ނުދެއްވާ. ދެން ނުވިތާކަށް ބަަދަލު ދިނުމުގެ ކަންތައް ވެސް ވަރަށް ހެއްވާ. އެ ވާހަކަ ދައްކާކަށް ބޭނުމެއް ވެސް ނުވޭ. އެގްރީމެންޓުގައި އެބަ ބުނޭ ލަސްވާ ނަމަ ބަދަލު ދޭން ވާނެ ކަމަށް.ފްލެޓް ލިބުނު މީހެއް
ފްލެޓް ލިބުނު ބައެއް ފަރާތްތަކުން ތިބީ މިހާރު މާޔޫސްވެ ކޯޓު މަރުހަލާ އަށް ދިއުމަށް ބޭނުން ވެފައެވެ. އެހެންނަމަވެސް މިއީ ދިގު މަރުހަލާ އަކަށް ވުމުން އެއީ އަނެއްކާވެސް އެ މީހުންނަށް އުފުލަން ޖެހޭ މާލީ އަދި ނަފްސާނީ ތަކުލީފަކަށް ވާނެކަން އެ ފަރާތްތަކުން ގަބޫލުކުރެއެވެ. އެެހްނަމަވެސް ޖާހުގެ ފްލެޓްތައް ނުލިބި ލަސްވުމުގެ ވާހަކަ މިހާހިސާބުން ނިމުނީކީ ނޫނެވެ މި މައްސަލަ އާއި މެދު ފްލެޓް ގަތް ފަރާތްތަކުގެ ކަންބޮޑުވުންތައް ގިނަ ވެފައި ބޮޑެވެ.
މީގެ އިތުރުން މި މައްސަލައިގައި ވާހަކަދައްކާ އަޑު އުފުލަން މަސައްކަތް ކުރި ބައެއް މީހުންނަށް ބިރު ދައްކާފައިވާ ކަމަށް ވެސް "ރާއްޖެ އެމްވީ" އާއި ވާހަކަދެއްކި ބައެއް މީހުން ވަނީ ބުނެފައެވެ. އަދި ފްލެޓްތައް ނިމޭނެ ގޮތެއް ހޯދާ ދިނުމުގެ ބަދަލުގައި މީހުން ފްލެޓްތައް ދޫކޮށްލުމަށް ބާރު އަޅާ ކަމަށާއި އެކަން ކުރަނީ އިތުރަށް ބޮޑު އަގުގައި ފްލެޓްތައް ވިއްކާލުމަށް ކަމަށް ފްލެޓް ގަތް ފަރާތްތަކުން ތުހުމަތުކުރެއެވެ.
ހަމައެހެންމެ ފްލެޓްތައް ނިންމާ ތާރީހު ގަސްތުގައި ލަސްކުރާ ކަމަށް ވެސް އެ ފަރާތްތަކުން ތުހުމަތުކުރެއެވެ. މީގެ އިތުރުން މަސައްކަތް ނިމިފައިވާ އިންސައްތަ ބަޔާންކުރުމުގައި ވެސް އެ ކުންފުނިން އޮޅުވާލާ ކަމަށް އެ ފަރާތްތަކުން ތުހުމަތުކުރެއެވެ. އަދި ކޮންސްޓްރަކްޝަން ކަނޑައެޅި މުއްދަތަށް ނިމޭނެ ކަމުގެ ޔަގީންކަން ދިނުމުން ބައެއް މީހުން އިމާރާތުގެ އެތެރޭގެ ކުރެހުންތައް ތަކުރާރުކޮށް ކުރަހާފައިވާ ކަަމަށާއި އެވެސް ވަރަށް ބޮޑު މާލީ ބުރައެއް ކަމަށް އެ މީހުން ފާހަގަކުރެއެވެ. މީގެ އިތުރުން ފްލެޓްތައް ނިމޭނެ ކަމަށް ލަފާކުރެވޭތީ ގޭގެ ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނު ފަދަ ތަކެތި ބޭރުން އިމްޕޯޓްކޮށް އެތަކެތި ފްލެޓްތައް އަޅާ ސަރަހައްދުގައި ބަހައްޓާފައިވާ ކަމަށާ މިހާރު އެ އެއްޗެހި ހުރި ހާލެއް ވެސް ނޭނގޭ ކަަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ. މިއީ މާލީ ގޮތުން ބަލާ އިރު ފޫ ނުބެދޭ ވަރުގެ ގެއްލުމެއް ކަަމަށް އެ މީހުން ބުނެއެވެ. ހަމައެހެންމެ ސައިޓް ވިޒިޓޭޝަން އަށް ފުރުސަތު ނުލިބުމަކީ ވެސް ފްލެޓް ލިބުނު މީހުންގެ ވަަރަށް ބޮޑު ޝަކުވާއެކެވެ.
ޖާހުގެ ބަހަކީ ކޮބާ؟ : " ދަތިތައް ބައިވަރު، ކަސްޓަމަރުންނަށް ދެރައެއް ނުދޭނަން، ޔަގީންކުރައްވާ"
ޖާހު ކޮންސްޓްރަކްޝަން އާއި ހަވާލު ކުރި ފްލެޓްތައް ނުނިމި ލަސްވަމުން ދިއުމުގެ ފަހަތުގައި ހުރީ ކުންފުންޏަށް ދިމާވި ހައްސާސް ސަބަބުތައް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އެގޮތުން އެންމެ ފުރަތަމަ މި އިމާރާތްކުރުމަށް ބޭނުންވާ ބިން ލިބުމުގެ ދަތިކަމާއި އެ ކުންފުންޏަށް ދިމާވި ކަމަށާއި އޭގެ ސަބަބުން ވެސް ކުންފުންޏަށް ވަރަށް ބޮޑެތި ދަތިތައް ވިކަމަށް އެ ކުންފުނީގެ އޮފިޝަލަކު ވަނީ ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް ވީހާވެސް އަވަހަށް ވީހާވެސް ފުރިަހަމަ މަސައްކަތެއްފޯރުކޮށްދިނުމަށް އެ ކުންފުނިން އަބަދުވެސް މަަސައްކަތް ކުރަމުން ދާ ކަމަށާއި މި މަޝްރޫޢު އޭގެ ތެރެއިން އިސްތިސްނާ ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޖާހު ކޮންސްޓްރަކްޝަން އިން ކްލައިންޓުން ގުޅީމަ ފޯނު ނުނަގާ ކަމަށާއި އިޖާބަ ނުދޭ ކަމަށް ބުނާ ވާހަކަ އޭނާ ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ މި މަޝްރޫޢުގައި ވެސް އަދި އެހެން މަޝްރޫޢުތަކުގައި ވެސް އެ މަޝްރޫޢުތަކުގެ ހިނގާ ނުހިނގާ ގޮތް އަބަދުވެސް ކްލައިންޓުންނާއި ހިއްސާކުރާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުރުން ކްލައިންޓުންނަށް ލޯނު ހަމަޖައްސާ ދިނުމަށް އެއްބަސްވުމަށް ފަހު ފަހުން އެކަން ކޮށްދީފައި ނުވާ ކަމަށް ބުނާ ވާހަކަވެސް އެނާ ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެއީ ވެސް ކްލައިންޓުންނަށް ފަސޭހަ ކޮށްދިނުމަށް ހަމަޖައްސާދިނުމަށް މަސައްކަތްކުރި އިންތިޒާމެއް ކަމަށާއި، އެއްވެސް އިރެއްގައި އެކަން ކުރުމަށް ވައުދުވެފައި ނުވާނެ ކަަމަށެވެ. އަދި މަޝްރޫޢު ލަސްވާ ސަބަބާއި ނިމޭނެ ކަމަށް އަންދާޒާކުރާ ތާރީހު އަޕްޑޭޓްކުރަމުން އައިސްފައިވާ ކަމަށް އެނާ ވިދާޅުވިއެވެ. އަދި ފަހުން ލިޔެކިޔުންތަކުގައި "ނިމޭނެ ތާރީހުގެ" ބަދަލުގައި "ނިމޭނެ ކަމަށް ލަފާކުރެވޭ ތާރީހު" މިގޮތަށް ބޭނުން ކުރާ ކަމަށް ކްލައިންޓުން ބުނި ނަމަވެސް އެ ކުންފުނިން ބުނާ ގޮތުން އެއީ އަބަދުވެސް މަޝްރޫޢުތައް ނިމޭނެ ތާރީހު ބަޔާންކުރާ ލިޔުންތަކުގައި އަމަލުކުރާ ގޮތް ކަމަށެވެ. މީގެ އިތުރުން މަސައްކަތް ނިމޭ މިންވަރާއި މެދު އެއްވެސް އޮޅުވާލުމެއް ގެންގުޅެފައި ނުވާނެ ކަމަށާއި ކްލައިންޓުންނަށް ވީހާވެސް އަވަހަށް ފައިނަލް ޕްރޮޑަކްޓް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކަަމަށް އޭނާ ވިދާޅުވިއެވެ.
ލޯނު އެއީ އަޅުގަނޑުމެން އެ ބޭފުޅުންނަށް ފަސޭހަކޮށްދިނުމަށް މަސައްކަތް ކުރިން އެކަން ކުރެވޭތޯ. އަޅުގަނޑުމެންނަށް ވެސް އެކަން ކާމިޔާބު ނުވީ. ދެން ފްލެޓްތައް ދޫކޮށްލަން ބުނަނީ ވެސް އެ އޮޕްޝަން ދިނުމަށް. ދޫކޮށްލާ ފްލެޓްތައް އަޅުގަނޑުމެން ވިއްކާނެ ނޫންތޯ މާކެޓް އަގުގައި. އަސްލު ވެގެން މިއުޅޭ ގޮތަކީ އަޅުގަނޑުމެން އެކަންޏެއް ނޫން ފްލެޓްތައް ނުދެވި ހުރީ. އެހެންނަމަވެސް އަޅުގަނޑުމެންގެ ހައިކްލާސް ކްލައިންޓުން ތިބީ. އެހެންވެ އެހާ ބޮޑަށް އެވާހަކަ މި ދެކެވެނީ. އަޅުގަނޑުމެން މި ދޭ ޔަގީން ކަމަކީ ގަސްތުގައި އެންމެ ދުވަހެއް ވެސް ލަސް ނުކުރާނަމޭ. ކްލައިންޓުންނަށްޓަކާ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ.ޖާހު ކޮންސްޓްރަކްޝަންގެ އޮފިޝަލް
އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ކޮވިޑްގެ ސަބަބުންނާއި މޫސުމުގެ ސަބަބުން ކޮންސްޓްރަކްޝަން އަށް ވަރަށް ބޮޑަށް ދަތިވި ކަމަށެވެ. އަދި ބަދަލު ދިނުމާއި މެދު ކްލައިންޓުން އެދޭ ގޮތަށް އަމަލުކުރެވެން ނެތީ އެއީ ކުންފުންޏަށް މާލީ ގޮތުން ކުޅަދާނަ ކަމަކަށް ނުވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ކްލައިންޓުންނަށް ފްލެޓް ދޫކޮށްލުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ ކަަމަށާއި އެއީ ކްލައިންޓުންނަށް ފަސޭހަކޮށްދިނުމަށް އޮންނަ އޮޕްޝަން އެއް ކަަމަށް ގަބޫލުކުރައްވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މީގެ އިތުރުން މަސައްކަތް ނިމޭ ނިސްބަތް އޮޅުވާލާ ކަމަށް ދެކެވޭ ވާހަކަ އަށް ރައްދު ދެއްވާ އޭނާ ވިދާޅުވީ ފްލެޓްތައް ނިމޭ ނިސްބަތް ޗެކް ކުރުމުގެ މަސައްކަތް އެޗްޑީސީ އިން ވެސް ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެއީ އޮޅުވާލެވޭނެ ކަމެއް ކަަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އެ ފްލެޓްތައް ނުނިމި ލަސްވުމާއި މެދު މީސްމީޑިއާ އާއި މީޑިއާގައި ތަފާތު ގޮތްގޮތަށް ވާހަކަ ފެތުރުމަކީ އެ ކުންފުނީގެ މަސައްކަތަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެ ކުންފުނިން ފްލެޓްތައް ނިންމާ ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ތަކުރާރުކޮށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ސައިޓް ވިޒިޓޭޝަން އަށް ނަން ނޯޓުކޮށްފައި ހުރި ތަރުތީބުން ފުރުސަތު ދެމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ޖައުސާ އާއި މެދު ތުހުމަތުގެ ފުންޏެއް: ޕޮންޒީ ސްކީމެއްގެ ތުހުމަތު، އޭސީސީ އާއި ފުލުހުން، އަދި މަޖިލީހަށް މައްސަލަ އެއް!
ޖައުސާގެ މި ދިފާއުތަކަކީ ފްލެޓްތައް ގަތް ފަރާތްތަކަށް ބަލައިގަނެވޭ ވާހަކަތަކެއް ނޫން ކަަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ. އަދި އެ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މަސައްކަތް ނިންމުމުގައި ލަސްވާ ސަބަބުތައް ކަަަމަށް ބުނެ ޖައުސާއިން ދައްކާ ވާހަކަތަކުގެ ދެކޮޅެއް ނުޖެހެއެވެ. އަދި އިމާރާތްކުރުމަށް ބޭނުންވާ ލޭބަރުން ނުލިބުމާއި، މޫސުމީ ބަދަލުތައް އަދި ކޮވިޑް އަށް ބެލި ނަމަވެސް މިހާ ގިނަ ދުވަހަށް އެކަން ނުނިމި ދިގުލައިގެން ދާނެ ޖެހޭ ކަަމަށް އެ ފަރާތްތަކުން ގަބޫލެއް ނުކުރެއެވެ. މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީ އަށް އަށް މައްސަލަ އެއް ހުށަހެޅުމަށް، ޖާހުގެ ފްލެޓްތައް ގަތް ކްލައިންޓުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޤާނޫނީ ވަކީލާ މަރިޔަމް ޝުނާނާ ވަނީ ނިންމަވާފައެވެ.
ޝުނާނާ ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އޭނާ މަޖިލީހަށް މައްސަލަ އެއް ހުށަހަޅުއްވަނީ މި މައްސަލައިގައި އެތައް ބައެއްގެ ހައްގުތައް ގެއްލިގެން ދާއިރު އެޗްޑީސީ އާއި ކަމާއި ބެހޭ ފަރާތްތަކުން އާއްމުންގެ ހައްގުތައް ހިމާޔަތްކުރަން އެކަށީގެންވާ މަަސައްކަތެއް ކުރަމުން ނުދާތީ ކަމަށެވެ. އަދި ތަކުރާރުކޮށް އެކި ތާރީހުތައް ދީގެން ވެސް އެ މަަސައްކަތް ނިންމާފައި ނުވާއިރު އެ ކަމަށް ފިޔަވަޅު ނޭޅިވާ ސަބަބު އޮޅުންފިލުވަން ބޭނުންވާ ކަމަށް އެނާ ވިދާޅުވިއެވެ. ޝުނާނާ ވިދާޅުވި މި މައްސަލައިގައި މަޖިލީހަށް ޕެޓިޝަން އެއް ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުންދާ ކަަމަށެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން އެ މައްސަލަ އާއި ގުޅިގެން އެޗްޑީސީ އާއި ބައްދަލުކުރަން މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތް ވެސް ކާމިޔާބު ނުވާ ކަމަށެވެ. އެހެންނަމަވެސް ހައުސިން ޑެވެލޮޕަމަންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ކަމާއި އަޙުމަދު އާތިފް ހަވާލުވެވަޑައިގެންނެވި ފަހުން ރަނގަޅަށް މުއާމަލާތު ކުރެވޭ ކަމަށާއި އެ މައްސަލައިގައި ވަރަށް އަވަހަށް ބައްދަލުކުރައްވާނެ ކަަމަށް ވިދާޅުވިކަން ޝުނާނާ ފާހަގަކުރެއްވިއެވެ.
ހުސް ދޮގު އިނގޭތޯ މި މައްސަލައިގައި އެ ހަދަނީ. އެތަަނަށް އެކަނިތޯ ވާރޭ ވެހެނީ. އެހެން މަޝްރޫޢުތައް ނިންމަން މީހުން ވެސް ލިބޭ. މީ ހަމަ ޕޮންޒީ ސްކީމެއް. މި ފައިސާ ނަގާފައި މި ފައިސާ އެހެން ތަންތަނަށް އިންވެސްޓް ކުރަނީ. މި މައްސަލަ އަޅުގަނޑުމެން ހުށަހަޅާނަން ކަމާއި ބެހޭ ފަރާތްތަކަށް. ސީލައިފް ކަހަަލަ މައްސަލަ އެއް މިއީ ހަމަ. އަޅުގަނޑުމެންނަށް ހީވޭ ބައެއް ފަހަރު ހަަ ފިލާފާނެއޭ.މަރިޔަމް ޝުނާނާ
ޝުނާނާ ވިދާޅުވީ މި ފްލެޓްތަކާއި ގުޅޭގޮގޮތުން މަކަރާއި ހީލަތް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭތީ އެކަމާއި ގުޅޭ ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅުއްވާނެ ކަަމަށެވެ. އަދި މި މައްސަލައިގައި ލިބުނު މާލީ އަދި ނަފްސާނީ ގެއްލުމުގެ ބަދަލް ހޯދުމަށް ކޯޓުގައި ދައުވާ ކުރައްވަން ނިންމަވާފައިވާ ކަމަށް ވެސް ޝުނާނާ ވިދާޅުވިއެވެ.
ޝުނާނާ މިފަދަ މައްސަލަތަކެއް ހުށަހަޅުއްވަން ނިންމަވާފައި ވާއިރު މި ކަމާއި ގުޅޭ އިތުުރު މައްސަލަ އެއް އަމިއްލަ ފަރާތަކުން އޭސީސީ އަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަން ރާއްޖެ އެމްވީ އަށް އިތުބާރު ހުރި ގޮތަކަށް ވަނީ މައުލޫމާތު ލިބިފައެވެ. އެ މައްސަލަ އަކީ މި ފްލެޓްތައް ނުދީ ލަސްވާ މައްސަލަ އޮއްބާލާ، ނާޖާއިޒް މަންފާތަކެއް ހޯދުމަށް ކަމާއި ބެހޭ އިދާރާތަކުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން މަސައްކަތްކޮށްފައިވާ ކަަމަށް އެ މައްސަލަ ހުށަހަޅާ ފަރާތާއި ހަވާލާދީ ރާއްޖެ އެމްވީ އަށް މައުލޫމާތުދިން މީހާ ވަނީ ބުނެފައެވެ. މި މައްސަލަތައް ހުށަހަޅާނެ ތާރީހެއް އެ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އެ މައްސަލަތައް ހުށަހަޅާނެ ކަމަށް ބެލެވެއެވެ.
އެޗްޑީސީ އަށް ވެސް ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތު
އެނގިފައިވާ ގޮތުން އޭސީސީ އަށް ޖާހު ކޮންސްޓްރަކްޝަންގެ ފްލެޓްތަކާއި މެދު ހުށަހަޅާ މައްސަލަ އަކީ މި މައްސަލައިގައި ނުރަނގަޅުކޮށް ހިނގާ ކަންކަން އޮއްބާލުމަށް އެޗްޑީސީގެ އިސް ބައެއް މުވައްޒަފުން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ހުށަހަޅާ މައްސަލައެކެވެ. އެގޮތުން އެޗްޑީސީގެ ނުފޫޒު ގަދަ މަޤާމުތަކުގައި ތިބި ބައެއް ފަރާތްތަކުން ޖާހު ކޮންޓްރަކްޝަންގެ ބައެއް ފްލެޓްތައް އައްމުކޮށް ވިއްކާ އަގަށް ވުރެ ހެޔޮ އަގުގައި ބައްލަަވައިގަނެފައިވާ ކަމަށް ވެސް އެ މައްސަލަ ހުށަހަޅާ ފަރާތުން ތުހުމަތުކުރެއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އާތިފް މި މައްސަލަ އާއި ގުޅޭ ގޮތުން ރާއްޖެ އެމްވީ އަށް ވިދާޅުވީ މި ފްލެޓްތަކުގެ އިންސްޕެކްޝަންގެ މަސައްކަތް އެޗްޑީސީ އިން ކެނޑިނޭޅި ކުރަމުންދާ ކަމަށެވެ. އަދި މަސައްކަތް އެންމެ އެކަށީގެންވާގޮތުގައި ނުދާކަމަށް އޭނާ ވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މި މައްސަލައިގައި ކްލައިންޓުންނާއި އޭނާ އާއި ބައްދަލު ނުވާ ކަމަށާއި ދާދި އަަވަހަށް އެ މައްސަލައި ހިމެނޭ ފަރާތްތަކާއި ބައްދަލުކުރައްވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން 5 ޖެނުއަރީގައި އެޗްޑީސީ އާއި ކްލައިންޓުންނާއި ބައްދަލު ވި އިރު މި މަސައްކަތުގެ ޕްރޮގްރެސް ރިޕޯޓް އެޗްޑީސީގެ ވެބްސައިޓުގައި ޝާއިއު ކުރާނެ ކަމަށް ބުނި ނަމަވެސް އެކަން ކޮށްފައި ނުވާ ކަމަށް ފްލެޓް ގަތް ފަރާތްތަކުން ބުނެއެވެ. އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން އާތިފް ވިދާޅުވީ އެކަމާއި ގުޅޭ މައުލޫމާތު އޭނާ އަށް އެންމެ ސާފުކޮށް އެނގިވަޑައި ނުގަންނަވާ ކަމަށާއި ރިޕޯޓް ޝާއިއުކުރަން ބުނިކަން އެ ބައްދަލުވުމުގައި އޭނާ ނެތުމުން ޔަގީންކޮށް ދަންނަވަން ނޭނގޭ ކަމަށެވެ. އެހެންނަމަވެސް މި މައްސަލައިގައި އާއްމުންގެ ހައްގުތައް ގެއްލެން ދޫކޮށް ނުލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަގީގަތަކީ ކޮންމެ ސަބަބަކާއި ހުރެ ނަމަވެސް މި އެޕާޓްމަންޓްތައް ނިންމަން ބުނި ތާރީހު އެތައް އަހަރެއް ފަހަތަަށް ސޮއްސާލައިފިއެވެ. އުސޫލާއި ޚިލާފަށް އެތައް ކަމެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރާ އިރު މި މައްސަލަތައް ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ވެސް ފްލެޓް ގަތް މީހުންނަށް ހިންދެމިލެވޭކަށް ނެތެވެ. އެއީ ވެސް ދިގު ބުރަ ބޮޑު މަރުހަލާއެކެވެ. އަނެއްކާވެސް އަނެއް ތަކުލީފެވެ. ތާރީހުތައް އަމުނަމުން އައިސް އެންމެ ފަހުން ދިން ތަރީހަކީ މިދިޔަ އޮގަސްޓް މަހު ދިން ތާރީހެވެ. އެއީ ޑިސެމްބަރ 2022 އެވެ. އެހެންނަމަވެސް އެ ތާރީހަށް ވެސް ފްލެޓްތައް ލިބިދާނެ ކަމަށް އާއްމުން ކުރާ އުންމީދު މި ވަނީ ފަނޑުވެފައެވެ.