ކ. މާލެ
|
19 ސެޕްޓެންބަރ 2022 | ހޯމަ 12:07
ކުކުޅު ބިސް ބުރެއްގެ ބައްޓަމަށް އޮންނަ، 105 ކެރެޓްގެ ކޮހިނޫރު ޖަވާހިރަކީ، އެ ތާޖުކޮޅުގައިވާ އެންމެ މަޝްހޫރު ޖަވާހިރު
ކުކުޅު ބިސް ބުރެއްގެ ބައްޓަމަށް އޮންނަ، 105 ކެރެޓްގެ ކޮހިނޫރު ޖަވާހިރަކީ، އެ ތާޖުކޮޅުގައިވާ އެންމެ މަޝްހޫރު ޖަވާހިރު
ރޮއިޓާރސް
ކޮހިނޫރު ޖަވާހިރު
ރާނީ އަވަހާރަވުމާއެކު ކޮހިނޫރު ހޯދުމަށް އިންޑިއާ ކެތްމަދުވެފައި!
 
ކޮހިނޫރު ޖަވާހިރު ފެނިފައި ވަނީ މީލާދީން 12 ވަނަ ޤަރުނާއި 14 ވަނަ ޤަރުނާ ދެމެދު އުޅުނު ކަކަތިޔާން ޚާންދާންގެ ވެރިކަމުގެ ދުވަސްވަރު، މިހާރުގެ ނަމުން ނަމަ، އަންދްރަ ޕްރަދޭޝްއިން
 
އީސްޓް އިންޑިއާ ކޮމްޕެނީއަށް ކޮހިނޫރު ލިބުނީ 1840ގެ އަހަރުތަކުގެ ފަހުކޮޅުގައި، އީސްޓް އިންޑިއާ ކޮމްޕެނީއިން އެ ޖަވާހިރު ދެން ހަދިޔާ ކުރީ ކުއީން ވިކްޓޯރިއާ
 
ކޮހިނޫރު ޖަވާހިރަކީ، އަވަހާރަވެފައިވާ ރާނީ އެލިޒަބަތު 2 ވަނައިގެ މަންމާފުޅު ނުވަތަ ކުއީން މަދަރގެ ތާޖުކޮޅުގައިވާ 2800 ޖަވާހިރުގެ ތެރެއިން 1 ޖަވާހިރު

ތާރީޚީ ގިނަ ރެކޯރޑްތަކަކާއެކު އިނގިރޭސިވިލާތުގެ ޝާހީ ތަޚުތުގައި ރެނދަލި ކުރައްވަމުން ގެންދަވަނިކޮށް، ރާނީ އެލިޒަބަތު 2 ވަނަ، ސެޕްޓެމްބަރު 8 ވަނަ ދުވަހު އަވަހާރަވުމާއެކު، އަވަށްޓެރި އިންޑިއާގައި ޓްވިޓަރގައި އެންމެ ވަރުގަދަ ޓްރެންޑް ކުރަން ފެށި އެއް ބަހަކަށް ވީ "ކޮހިނޫރް" އެވެ.

އެއީ ދުނިޔޭގައި ވާ އެންމެ އަގުބޮޑު ޖަވާހިރުތަކުގެ ތެރެއިން އެއް ޖަވާހިރުގެ ރަމްޒެވެ. ކޮހިނޫރު ޖަވާހިރަކީ، އަވަހާރަވެފައިވާ ރާނީ އެލިޒަބަތު 2 ވަނައިގެން މަންމާފުޅު ނުވަތަ ކުއީން މަދަރގެ ތާޖުކޮޅުގައިވާ 2800 ޖަވާހިރުގެ ތެރެއިން 1 ޖަވާހިރެވެ. އެހެނެއް ކަމަކު، ކުކުޅު ބިސް ބުރެއްގެ ބައްޓަމަށް އޮންނަ، 105 ކެރެޓްގެ ކޮހިނޫރު ޖަވާހިރަކީ، އެ ތާޖުކޮޅުގައިވާ އެންމެ މަޝްހޫރު ޖަވާހިރެވެ.

އިންޑިއާގައި ކޮހިނޫރު ޖަވާހިރުގެ ނަން މަޝްހޫރެވެ. އެއީ އެމީހުންގެ އަތުން، އިނގިރޭސިން އެ ޖަވާހިރު ގެންދިޔަ ގޮތުގެ ސަބަބުންނެވެ.

ކޮހިނޫރުގެ މާޒީ

ކޮހިނޫރު ޖަވާހިރު ފެނިފައި ވަނީ މީލާދީން 12 ވަނަ ޤަރުނާއި 14 ވަނަ ޤަރުނާ ދެމެދު އުޅުނު ކަކަތިޔާން ޚާންދާންގެ ވެރިކަމުގެ ދުވަސްވަރު، މިހާރުގެ ނަމުން ނަމަ، އަންދްރަ ޕްރަދޭޝްއިންނެވެ. ނުކަނޑާ އޮތްއިރު، ކޮހިނޫރަކީ 793 ކެރެޓްގެ ޖަވާހިރެއް ކަމަށް ބުނެވެއެވެ. ކޮހިނޫރުގެ އެންމެ ފުރަތަމަ މިލްކުވެރިން ކަމަށް ރެކޯރޑް ކުރެވިފައި ވަނީ މުގަލުންނެވެ. އެއީ މީލާދީން 16 ވަނަ ޤަރުނުގެ ތެރޭގައެވެ. އޭގެ ފަހުން ފާރިސީން އަދި އޭގެ ފަހުން، އަފްޣާނުންވެސް ވަނީ އެ ޖަވާހިރު ގެންގޮސްފައެވެ.

ކޮހިނޫރު ޖަވާހިރު އަނބުރާ އިންޑިއާއަށް ގެންދިޔައީ، އަފްޣާނިސްތާނުގެ ލީޑަރު ޝާހް ޝުޖާ ދުއްރާނީގެ އަތުން އެ ޖަވާހިރު ނެގި، ސިކުންގެ މަހާރާޖެއް ކަމަށް ވާ ރަންޖީތު ސިންހްއެވެ. އިނގިރޭސިންގެ މުށުތެރެއަށް ކޮހިނޫރު ދިޔައީ ދެނެވެ. އެއީ އިނގިރޭސިން ޕަންޖާބު ހިފި ދުވަސްވަރުގައެވެ. އީސްޓް އިންޑިއާ ކޮމްޕެނީއަށް ކޮހިނޫރު ލިބުނީ 1840ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ. އެއީ އުމުރުން އެންމެ 10 އަހަރު މަހާރާޖާއެއް ކަމަށް ވާ ދުންޖީޕު ސިންހްގެ މިލްކިއްޔާތުގައި ހުރި ހުރިހާ އެއްޗަކާއި ބިމެއް ދޫކޮށްލަން މަޖުބޫރު ކުރި ކުރުމުގެ ތެރޭގައެވެ.

އީސްޓް އިންޑިއާ ކޮމްޕެނީއިން އެ ޖަވާހިރު ދެން ހަދިޔާ ކުރީ ކުއީން ވިކްޓޯރިއާއަށެވެ. އެއަށްފަހު ޕްރިންސް އެލްބަރޓްގެ އަމުރަށް ކޮހިނޫރް ޖަވާހިރު ކެނޑިއެވެ. އަދި ކުއީން އެލެކްސްޒެންޑްރާއާއި ކުއީން މޭރީގެ ތާޖުކޮޅުގައި އެ ޖަވާހިރު ބޭނުން ކުރެއްވިއެވެ. އަވަހާރަވެފައިވާ ރާނީ އެލިޒަބަތު 2 ވަނައިގެން މަންމާފުޅުގެ ތާޖުގައި ކޮހިނޫރު ޖެއްސެވީ 1937 ވަނަ އަހަރުއެވެ. އެކަމަނާ ވަނީ، އެލިޒަބަތު 2 ވަނަ، 1953 ވަނަ އަހަރު، އިނގިރޭސި ރަނިކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގައިވެސް އެ ތާޖުކޮޅު ބޭނުން ކުރައްވާފައެވެ. އޭގެ ފަހުން ކޮހިނޫރު ވެފައި ވަނީ އިނގިރޭސި ތާޖުކޮޅުތަކުގެ ޖަވާހިރަށެވެ. ނަމަވެސް، އިންޑިއާގެ އިތުރުން އީރާން، އަފްޣާނިސްތާން އަދި ޕާކިސްތާނުންވެސް ދަނީ އެ ޖަވާހިރުގެ މިލްކުވެރިކަމަށް ވަކާލާތު ކުރަމުންނެވެ.

ކޮހިނޫރުގެ އިނގިރޭސި މިލްކިއްޔާތުގެ ހައިޖާނު

ކުރިއަށް އޮތް ތަނުގައި ކޮހިނޫރު ޖަވާހިރުގެ މިލްކުވެރިކަމަށް ވާނެ ގޮތެއް، ރަސްމީ ސިފައެއްގައި ލިޔެ، އާންމު ކޮށްފައި ވާތީ އަދިއެއް ނުފެނެއެވެ. ނަމަވެސް، އިނގިރޭސިވިލާތުގައި އެ ޖަވާހިރު އޮތުމާ ގުޅިގެން އެކަމާ ދެކޮޅަށް ޓްވިޓަރ ގައި އިންޑިއާއިން ފާޅު ކުރަމުން ދާ ޝުއޫރުތަކުގެ އަޑުފަށްގަނޑު ދަނީ ގަދަވަމުން ކަން ސާފެވެ. ޑިމާންޑް ކުރަމުން ދަނީ އެ ޖަވާހިރު، އިންޑިއާއާ ހަވާލު ކުރުމަށެވެ.

"ރަސްގެފާނު ކޮހިނޫރު ތުރު ނުކުރައްވާނަމަ، އެ އަނބުރާ ގެނައުމަށް" ވެސް ބައެއް ޓްވިޓަރގައި އިންޒާރު ކޮށްފައި ހުރި އިރު، ކޮހިނޫރަކީ "މަރާއި"، "ބަނޑުހައިހޫނުކަން" އަދި "ލޫޓުވުމުގެ" ތެރެއިން "މުއްސަނދިކަން ހޯދި" އިނގިރޭސިން "ވަގަށް ނެގި" ޖަވާހިރެއް ކަމަށްވެސް ބުނެފައި އެބަހުއްޓެވެ.

މިއީ އިންޑިއާއާ ކޮހިނޫރް ހަވާލު ކުރުމުގެ ޑިމާންޑް ގަދަވި ފުރަތަމަ ފަހަރެއް ނޫނެވެ. 1947 ވަނަ އަހަރު އިނގިރޭސިންގެ އަތް ދަށުން އިންޑިއާ މިނިވަންވުމާއެކު، އިންޑިއާގެ ސަރުކާރުން ވަނީ އެ ޖަވާހިރު އަނބުރާ ދިނުމަށް، އިނގިރޭސިވިލާތުގައި އެދިފައެވެ. އޭގެ ފަހުން، ރާނީ އެލިޒަބަތު 2 ވަނަ، މަޤާމާ ޙަވާލުވެވަޑައިގަތުމުގެ އިހުތިފާލާ ދިމާކޮށްވެސް އިންޑިއާއިން ވަނީ އެކަމަށް އެދިފައެވެ. ނަމަވެސް އެ ހުރިހާ ހުށަހެޅުމެއް ގޮސް ޖެހުނީ އިނގިރޭސީންގެ ބީރު ކަންފަތުގައެވެ. ދިފާއުގައި އިނގިރޭސީން ވަކާލާތު ކުރަމުން ދިޔައީ، ކޮހިނޫރުގެ އެއްވެސް ބަދަލެއް އިންޑިއާއަށް ޙައްޤުވާ، ޤަނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ބުނަމުންނެވެ.

އިނގިރޭސި ދަރިކޮޅުގެ އިންޑިއާ މުސައްނިފު އަދި ސިޔާސީ ކަންކަމަށް ފާޑުކިއާ ސޯރާވް ދަތު ބުނާ ގޮތުގައި، އިނގިރޭސީން އެ ޖަވާހިރު އިންޑިއާއާ ހަވާލު ކުރުމަށް އޮތީ ނާދިރު ނުވަތަ ހަނި ފުރުޞަތެކެވެ.

ތެދެކެވެ. 19 ވަނަ ޤަރުނުގެ ތެރޭގައި އިނގިރޭސި އަސްކަރީ ސިފައިން ލޫޓުވި އަގުހުރި މައުދަންތަކެއް، އިނގިރޭސީން ދާދި ފަހުން ވަނީ ނައިޖީރިއާގެ ސަރުކާރާ ހަވާލުކޮށްފައެވެ. ނަމަވެސް ދަތު ބުނާ ގޮތުގައި އިނގިރޭސި ޝާހީ ހާންދާން އަދިވެސް އޮތީ އިސްތިއުމާރީ އަޅުވެތިކަމުގެ ޖަޒުބާތީ ހުވަފެނުގެ ތެރޭގައެވެ. ކޮހިނޫރަކީ އިސްތިއުމާރީ ބާރުވެރިކަމުގެ ދުވަސްވަރުގެ ރަމްޒެކެވެ. ވީ އިރު، އެފަދަ މުހިންމު ޖަވާހިރެއް އަނބުރާ ދިނުމަކީ ޝާހީ ހާންދާނުގެ އަމިއްލަ ނަފުސުގެ ޝަހްސު ކަތިލުން ކަމުގައި އެ އާއިލާއަށް ވާނެ ކަމަށްވެސް ދަތު ވަކާލާތު ކުރެއެވެ.

ދަތު ބުނާ ގޮތުގައި ކޮހިނޫރާ ގުޅިފައި ވަނީ "ކަޅު ތާރީޚް" އެއް ކަން، އިނގިރޭސި އާ ރަސްގެފާނު، ޗާލްސް 3 ވަނަ ޤަބޫލުފުޅު ކުރައްވަން ޖެހެއެވެ.  އަންނަން އޮތް ޖީލުތަކުން އެ ޖަވާހިރު އަނބުރާ ހަވާލު ކުރުމާ ހިސާބަށް ދެވެން އޮތީވެސް އޭރުން ކަމަށް ދަތު ބުނެއެވެ.

ނަމަވެސް، އެހާ ދުވަހު އިންޑިއާއަށް ކެތްތެރިކަމާއެކު އޮވެވިދާނެ ކަމަކަށް ނުބެލެވެއެވެ. ޓްވިޓަރ ޕްލެޓްފޯމަށް ބަލާލުމުން އެކަނިވެސް، އެކަމަށް ހެކި ލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
10%
20%
10%
30%
10%
20%
ކޮމެންޓް
19 ސެޕްޓެންބަރ 2022 | ހޯމަ 20:12
ދަނޑުވެރިއާ
އީސްޓް އިންޑިއާ ކޮންޕެނީން ޖަވާހިރު ހަދިއާ ކުރީ ކުއީން ވިކްޓޯރިއާއައް ... މީގަ ދެން އަނބުރާ ދޭން ޖެހޭ ގޮތެއް ނޭގެ