ކ. މާލެ
|
15 ސެޕްޓެންބަރ 2022 | ބުރާސްފަތި 13:56
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސް އޮފީސް
މަގޭ ރިޕޯޓް
ރައީސް ނޫސްވެރިންނަށް: "ޤާނޫނުވެސް ބަދަލުކޮށްދޭނަން. އަމިއްލަ ޒިންމާވެސް ނަންގަވާ"
 
ނުކުންނަ ނަތީޖާއަކީ، ރަނގަޅު ނުވަތަ ގޯސް ނަތީޖާއެއްތޯ ބަލައިލުމަކީ، ޒިންމާދާރު ނޫސްވެރިން ކުރަންޖެހޭނެ ކަމެއް.
 
އެކެއްގެ މިނިވަންކަން ފެށޭ ހިސާބަކީ، އަނެކާގެ މިނިވަންކަން ނިމޭ ހިސާބަށް ވެގެންނުވާނެ
 
ފާޅުކުރެވޭ ޚިޔާލުވާންވާނީ، އަނެކާއަށް އިޙްތިރާމް ކުރެވޭ ޚިޔާލަކަށް

ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ކެމްޕެއިންގައި އެންމެ ހަރުއަޑުން ވިދާޅުވި އެއްބަސްފުޅަކީ ނޫސްވެރިކަމުގެ މިނިވަންކަން ހޯއްދަވައިދެއްވާނެ ކަމުގެ ވާހަކައެވެ. ޚިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ދެއްވާނެ ވާހަކައެވެ. ނޫސްވެރިން ހިފައި ހައްޔަރުކޮށް، މީޑިޔާތައް ބަންދު ނުކުރައްވާނެ ކަމުގެ ވާހަކައެވެ.

އެވައުދުފުޅުތަކާއެކު ފެށްޓެވި ވެރިކަމުގެ ކުރީކޮޅު އެމަނިކުފާނު ވަނީ އޭރު ނޫސްވެރިންނަށް ބޮޑު ބިރަކަށް ވެފައި އޮތް "މަޝްހޫރު އަބުރުގެ ޤާނޫނު" އުވާލެއްވިއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ނޫސްވެރިން އޮބަހެއްޓުމަށްޓަކައި ނޫސްވެރިކަމަށް ކުރިމަތިވާ ޤާނޫނީ ހުރަހެއްގެ ގޮތުގައި، ކުރިން އޮތް ޤާނޫނު ނަންބަރު 2016/15 މިހާރަކު ނެތެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވަނީ ސަރުކާރާ ޙަވާލުވެވަޑައިގެން، އަބުރު ރައްކާތެރިކުރުމުގެ ނަމުގައި އޮތް، އެ ޤާނޫނު އުވާލައްވާފައެވެ.

ރައީސް ސާލިހްގެ މި ދައުރު ނިމެން ކައިރިވެފައިވާއިރު އަދި ނޫސްވެރިއަކު ހައްޔަރެއް ނުކުރެއެވެ. ނުދެއްކޭވަރުގެ ބޮޑެތި ޖޫރިމަނާއަކުން ޗެނަލަކަށް ބިރުވެރިކަމެއް ނެތެވެ. ނޫސްތަކާއި ޓީވީ ރޭޑިޔޯތަކުން ކިޔާނެ އެއްޗެއް ކިޔާނެ ކަމުގެ މިނިވަންކަން އެވަނީ ތަންމިނަށް ލިބިދީފައެވެ. ހާމަޔަށް ހުޅުވާލާފައެވެ.

ލިބުނު ނޫސްވެރިކަމުގެ މިނިވަންކަމާއެކު ހަށިފޮޅާލިއިރު، އޭގައި މިންތަކެއް ހުންނަން ޖެހޭކަން ޢާއްމު މީހާ ޤަބޫލުކުރާ ހިސާބަށް ދިޔައެވެ. ޙައްގާއި ހައްގު ގުޅެން ޖެހޭކަން ކޮންމެ މީހަކުވެސް ގަބޫލުކުރާ ބީދައިންނެވެ. އެހެންކަމުން ނޫސްވެރިކަމުގައިވެސް ވަކި އިންތަކަކާއި މިންތަކެއް އޮންނަން ޖެހޭކަމަށް ކަނޑައަޅައި އެމީހަކު އެލިޔުނު އެއްޗެއްގެ އަސްލު ނުވަތަ އެމައުލޫމާތެއްގެ މަސްދަރު ވަކި ހާލަތެއްގައި ހާމަކުރަން ޖެހޭ ކަމަށް ކަނޑައަޅައި ހެއްކާ ބެހޭ ޤާނޫނަށް އިސްލާހެއް ގެނައެވެ. މިއިސްލާހާމެދު ދެކަފިވެފައިވާ ނޫސްވެރިންގެ ކަންބޮޑުވުންތައް އެކިގޮތްގޮތައް ހާމަކުރިއެވެ. އިހުތިޖާޖްތައްވެސް ހިސާބަކަށްވެސް ބޭއްވިއެވެ.

ރައީސް ސާލިހާ ހަމައަށްވެސް މިވާހަކަތައް އެހޫނު ކަމުގައި ނޫސްވެރިން ތިލަކުރިއެވެ. އެމަނިކުފާނު ވަނީ އެކަންބޮޑުތަކުގެ ވާހަކަތައް ގާތުން އަޑުއެއްސެވުމަށް މީޑިއާ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އެބައްދަލުވުމުގައިވެސް ދެއްވި ޔަޤީންކަމަކީ ނޫސްވެރިންނަށް ދެރަގޮތެއްވިޔަކަ ނުދެއްވާނެ ކަމަށާއި އެއިސްލާހާމެދު ދެވަނަ ވިސްނެވުމަކުން ވިސްނަވާނެ ވާހަކައެވެ.

މިފަހަރުވެސް ވިދާޅުވި ބަހެއްގެ ގޮތުގައި އެކަން ބޭއްވެވީކީ ނޫނެވެ. ޢަމަލުން އެކަން ކުރައްވަން ނިންމެވީއެވެ. އެގޮތުން ރައީސް ވަނީ މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑުގައި އެކަން އިއުލާން ކުރައްވާފައެވެ.

"މިދިޔަ ޖުލައި މަހު ތަޞްދީޤުކުރި، ހެތްކާބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގެ (ށ)އަށް، ގެނެވުނު އިޞްލާޙާމެދު މީޑިއާގެ ކަންބޮޑުވުމެއް އެބައޮތް. މިކަމާ ގުޅޭގޮތުން، މީޑިއާގެ ބޭފުޅުންނާ ބައްދަލުކޮށް، އަޅުގަނޑު މަޝްވަރާ ކުރިން. މިކަމުގައި ޙައްލެއް ހޯދުމަށް، އެ ޤާނޫނު އަލުން އިޞްލާޙު ކުރުމަށް، އަޅުގަނޑު މިހުރީ ނިންމައިގެން" ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް އެކަން އެހެން ނިންމެވުމުގެ ކުރިން ރާއްޖޭގެ ނޫސްވެރިންނާއި އަދި މީޑިޔާތަކާ މުޚާތަބު ކުރައްވާ ވަރަށް ވަރުގަދަ ނަސޭހަތެއް އެމަނިކުފާނު ދެއްވެވިއެވެ. އެ ނަސޭޙަތް އެމަނިކުފާނު ދެއްވެވީ ރާއްޖޭގެ ނޫސްވެރިކަމުގެ ކުރީގެ ޙާލަތާއި އެހާލަތުން ބަދަލުވަމުންދާއިރު ފެންނަ އަދި ފެންނާނެ ކަންކަމަށް ރިއާޔަތް ކުރައްވަމުންނެވެ.

އެގޮތުން ރައީސް ސާލިހް ވިދާޅުވީ ޚިޔާލު ފާޅުކުރުމާއި، މަޢުލޫމާތު ފެތުރުމަށްވުރެ، ނޫސްވެރިކަމާއި ބްރޯޑްކާސްޓް ކުރުމުގެ ޒިންމާ މާބޮޑު ކަމަށެވެ. އެއީ ޤައުމީ މަޞްލަޙަތު ޙިމާޔަތްކޮށް ޤައުމީ މަޞްލަޙަތާ ގުޅިފައިވާ ކަންކަމަށް، ރައްޔިތުންގެ ޚިޔާލާއި ވިސްނުން، ސީދާކޮށްދިނުމަށް ކަމަށާއި ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތާރީޚުންވެސް ސާބިތުކޮށްދެނީ އެ ޙަޤީޤަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުނިޔެއަށް ރާއްޖެ ހުޅުވި، އިންތިޒާމް ވެފައިވާ، ބައިނަލްއަޤްވާމީ ގުޅުންތައް، ދުނިޔެއާއި ރާއްޖެއާ ދެމެދު ހިނގާން ފެށީ ވަރަށްފަހުން ކަމަށާއި އިސް ރަށްވެއްސެއްގެ އުމުރާއި، ޤައުމުގެ މި ދެންނެވި މާޒީއާ ދާދި އެއް އިސްކޮޅު ކަމަށެވެ. ފަހުން އަންނާން ފެށި ބަދަލާއެކު ފާހަގަވި އުނިކަމަކީ، ކުރިންވެސް، އަދި ފަހުންވެސް އޮތް އުނިކަމެއް ކަމަށެވެ.

"މި ދެންނެވީ ބްރޯޑްކާސްޓިންގގެ، މުހިއްމު އެއް ދާއިރާ ކަމުގައިވާ، ނޫސްވެރިކަމުގެ މިނިވަންކަން. ދިވެހިންގެ ޚިޔާލާއި، ފިކުރާއި، ޝުޢޫރު އަބަދުވެސް ހިނގި. އެހެންނަމަވެސް، އެކަން ހިނގީ، އެއްކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި. ކުރެހުންތެރިއެއް، ޅެންވެރިއެއް، ނުވަތަ ލިއުންތެރިޔަކު ވިޔަސް، ދުއްވަންޏާ ދުއްވަންޖެހެނީ އެއްކޮޅަށް. އެއީ މި ދެންނެވި މަގުގައި ތީރުޖަހައި ދައްކާފައި އޮންނަ ކޮޅު. ބަދަލުގެ ރޯޅި، އެއްދިމާއަކަށް ފަހިވީ، ވީބަޔަކު ވަރަށްބޮޑު ޤުރްބާނީއެއް ވެގެން. އެ ރޯޅި އަރާ ފައިބައިގެން ދިޔައިރު، ވަރަށް ގިނަ ކަންކަން އޮތީ ބަދަލުވެފައި. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާއި، ޑިމޮކްރަސީއާއި، އެއްވެ އުޅުމާއި، ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ލިބިފައި. އެދި އެދި ތިބި، ނެތް އެއްޗެއް އަލަށް ލިބުމުން، އެކަމުން އަލާކެނޑެން، ވަގުތު ނަގާނެ. ހަނދި ޙަސަނަށް، މޫދު ހިތަކަށް ލިބުނު ދުވަހުވެސް ވީގޮތް، ކޮންމެ ކަމެއްގައިވެސް ވާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ ޤައުމެއް ނަމަވެސް، އަލަށް ގެނެވޭ އާ ނިޒާމަށް ހޭނުމުގައި، ހުރިހާ އެންމެންނަށް އޮންނަ އާކަން، ނޫސްވެރިންނަށްވެސް އޮންނާނެ ކަމަށާއި ސިޔާސީ ޕާޓީތަކާއި، ސަރުކާރު އުފެދުމާއި ނިމުމާ، މިނިވަން މުއައްސަސާތަކުންވެސް އެކަން ފާހަގަވާނެކަމަށެވެ. މިވަގުތުގެ މަންޒަރު އެންމެ އެއްގޮތްވާނީ، ރޯލު އަވަސްވެފައިވާ، 1940ގެ ކަޅާއި ހުދުގެ ވީޑިއޯ ފިލްމަކާކަމަށާއި 2008ގެ ފަހުން، ނޫސްވެރިކަމުގެ މިނިވަންކަން ލިބުމަށްފަހު، ކުރިމަތިވި ކަންތައްތަކުން އެކަނިވެސް، މި މަންޒަރު ފެންނަކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ޓީ.ވީ ޗެނަލްގެ ޢިމާރާތް، އަންދާ އަޅިއަށް ހަދާލުމާއި އެތައް ނޫސްވެރިންނަކަށް، ނުރައްކާތެރި ޙާލަތްތަކާ ކުރިމަތިވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސިޔާސީ މީހުން ނޫސްވެރިންނަށް، އަދި ނޫސްވެރިން ސިޔާސީ މީހުންނަށް، ބަދަލުވާ އަވަސް މަންޒަރު ފެންނަ ކަމަށެވެ.

ރައީސް ވިދާޅުވީ ބަސް ބުނުމުގެ ޙައްޤަކީ، އިންސާނީ ޙައްޤުތަކުގެ މުހިއްމު ތަނބެއް ކަމަށާއި ދުނިޔެއަށް ހެޔޮ ބަދަލެއް ގެނައުމަށް، ބަސް ބުނުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށެވެ.

" ސުވާލަކީ، ވަކި މިންގަނޑެއް، މިކަމުގައި އޮންނަންޖެހޭތޯ ކުރެވޭ ސުވާލު. ކަމަކާ ގުޅިގެން ތިމާއަށް ފެންނަ ގޮތާއި، ދެކޭގޮތް ހާމަކުރުމަކީ، އޮންނަންޖެހޭނެ މިނިވަންކަމެއް. އެހެނަސް، ފާޅުކުރެވޭ ޚިޔާލުވާންވާނީ، އަނެކާއަށް އިޙްތިރާމް ކުރެވޭ ޚިޔާލަކަށް. އެކެއްގެ މިނިވަންކަން ފެށޭ ހިސާބަކީ، އަނެކާގެ މިނިވަންކަން ނިމޭ ހިސާބަށް ވެގެންނުވާނެ. ޚިޔާލެއް ފާޅުކުރުމުގެ ކުރިން، ނުވަތަ ބަހެއް ބުނުމުގެ ކުރިން، އެކަމަކުން ނުކުންނާނެ ނަތީޖާއަކީ ކޮބައިތޯ ވިސްނާލަންޖެހޭނެ. އެއީ ތިމާއަށް ފެންނަގޮތް ހާމަކުރުމަކީ، ގޯސް ކަމަކަށް ވެގެންނެއް ނޫން. ނަމަވެސް، އެ ބުނެވޭ ބަހެއްގެ ސަބަބުން، ނުވަތަ ލިޔެވޭ ލިޔުމެއްގެ ސަބަބުން، ނުކުންނަ ނަތީޖާއަކީ، ރަނގަޅު ނުވަތަ ގޯސް ނަތީޖާއެއްތޯ ބަލައިލުމަކީ، ޒިންމާދާރު ނޫސްވެރިން ކުރަންޖެހޭނެ ކަމެއް. ތިމާގެ ބާރުހުރި އަތް، ހޫރާލުމުގެ ޙައްޤު ނިމެނީ، ކައިރީގައި ހުންނަ މީހާގެ ކަންކަށްޓަށް ލިބޭ އަނިޔާއިން ކަމަށްވާނަމަ، އެ މިނިވަންކަން އެ ބޭނުންކުރެވެނީ، ރަނގަޅަކަށް ނޫން. ކޮންމެ ކަމަކަށް ޤާނޫނެއް ބޭނުމެއްނުވޭ. މިއީ ނޫސްވެރިކަމުގެ އެތިކްސް." ރައީސް ވިދާޅުވިއެވެ.

އެގޮތުން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތިވާ ދުވަހަކީ، މާބޮޑު އުފަލެއް ލިބޭ ދުވަހަކަށް ހަދައިގެން ނުވާނެ ކަމަށާއި އަވަށްޓެރި ޤައުމަކަށް ކުރިމަތިވި ހިތާމަވެރި ޙާލަތެއް، ތިމާގެ ޤައުމަށް ކުރިމަތިނުވެގެން، ލޮލުފިޔަ ނުޖެހިފައި ތިބެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރާ ޚިޔާލު ތަފާތުވެވިދާނެ. އަޅުގަނޑާ ނުރުހި، އިދިކޮޅުވެސް ވެވިދާނެ. އެހެން ނަމަވެސް، އެއްވެސް މީހަކަށް، ޤައުމަކާ ދެކޮޅެއްނުވެވޭނެ. ނެތް ކަމެއް އޮތް ކަމަކަށް، އަދި އޮތް ކަމެއް ނެތް ކަމަކަށް، ހަދައިގެންވެސް ނުވާނެ." ރައީސް ވިދާޅުވިއެވެ.

ކޮންމެއަކަސް ކުރުކޮށް ފޮނިކޮށް ބުނަނީނަމަ ރައީސް އެވިދާޅުވީ ކަންބޮޑުވެގެން ތިއުޅުއްވާ ޤާނޫނަށް ބަދަލު ގެންނަން ތިމަން މަނިކުފާނު ތައްޔާރު ކަމަށެވެ. އަދި އެކަން ކުރައްވާނެ ކަމަށެވެ. ނަމަވެސް އެއާއެއްވަރަށް ނޫސްވެރިންވެސް އަދި މީޑިޔާތަކުންވެސް އަމިއްލަ ޒިންމަވާ ނެންގެވުމަށެވެ. ހައްޤުގެ ބޭނުން ހިފާއިރު އަނެއް ހައްޤަށް އަރައިގެން ނުވާނެ ކަމަށެވެ. ޒިންމާ ނުނެންގެވޭނެ ލިޔުމެއް ނުލިޔެ ލިޔާލިޔުމަށް ރަނގަޅަށް ޒިންމާދާރުވާންވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް