ކ. މާލެ
|
6 ސެޕްޓެންބަރ 2022 | އަންގާރަ 19:32
އިނގިރޭސި އައު ބޮޑުވަޒީރު ލިޒް ޓްރަސް މިއަދު ރާނީގެ ގަނޑުވަރުގައި
އިނގިރޭސި އައު ބޮޑުވަޒީރު ލިޒް ޓްރަސް މިއަދު ރާނީގެ ގަނޑުވަރުގައި
ބީބީސީ
އިނގިރޭސި އައު ބޮޑުވަޒީރު
އިގިރޭސި އައު ބޮޑުވަޒީރު ލިޒް ޓްރަސްއަކީ ކޮންބޭފުޅެއް؟
ލިޒް ޓްރަސްއަކީ އިނގިރޭސި ރާނީ އެލިޒަބަތުގެ ރަނިކަމުގައި މަގާމާ ހަވާލުވެވަޑައިގެންނެވި 16 ވަނަ ބޮޑުވަޒީރު

ކޮންޒަރވޭޓިވް ޕްރައިމިނިސްޓަރއަށް ހުންނަވައި، ނަމްބަރ 10ގެ މަޝްހޫރު ކަޅު ދޮރުން ވެންނެވުމަކީ ލިޒް ޓްރަސްގެ ޒުވާން އުމުރުފުޅުގައި ހިތްޕުޅަށްއެރި ކަމަކަށް ނުވެދާނެއެވެ. ނަމަވެސް ސިޔާސީ ގޮތުން ތަފާތު ކުލަތައް އެކުލެވުނު ދިގު އަދި ބުރަ ދަތުރުފުޅަކަށްފަހު އެކަމަނާ މިއަދު މިވަނީ އެކަން ހާސިލްކުރައްވާފައެވެ.

އަންގާރަ ދުވަހު ރާއްޖޭގަޑިން 4.20 ހާއިރު ލިޒް ޓްރަސް ވަނީ ބެލްމޯރަލްގައި ހުންނަ ރާނީގެ ގަނޑުވަރަށް ވަޑައިގެން، ރާނީއާ ބައްދަލުކުރައްވާފައެވެ. އެއާއެކު، ސަގާފަތުގެ މަތިން، ރާނީ ވަނީ އައު ސަރުކާރު އެކުލަވާލެއްވުމަށް ލިޒް ޓްރަސްއަށް އަންގަވާފައެވެ.

ބައިގަޑިއެއްހާއިރުގެ ބައްދަލުވުމަށްފަހު ލިޒް ޓްރަސްއާއި ފިރިކަލުން ވަނީ އެނބުރި ލަންޑަނަށް ވަޑައިގެންފައެވެ. އެއާއެކު މިރޭގެ ވަގުތެއްގައި ލިޒް ޓްރަސްއާއި އާއިލާ، ބޮޑުވަޒީރުގެ ރަސްމީ ގަނޑުވަރު ނަމްބަރ 10 ޑައުނިންގ ސްޓްރީޓަށް ބަދަލުވެވަޑައިގަންނަވާނެއެވެ. އަދި ބޮޑުވަޒީރުގެ ހައިސިއްޔަތުން ލިޒް ޓްރަސް ފުރަތަމަ ފަހަރަށް ގައުމާ މުޚާތަބުކުރައްވާނެއެވެ.

ސިޔާސީ މަސައްކަތްޕުޅު

ސިޔާސީގޮތުން މައި ތިން ޕާޓީއެއްގައި މަސައްކަތްކުރައްވައި، ސަރުކާރުތަކުގެ އިސް މަގާމުތަކެއް ފުރުއްވާފައިވީނަމަވެސް ލިޒް ޓްރަސް މީގެ ކުރިން އެހާބޮޑަށް ސިޔާސީ މަސްރަހުގައި "ވިދާލާފައެއް" ނުވެއެވެ. ނަމަވެސް އެކަމަނާއާއެކު މަސައްކަތްޕުޅުކުރެއްވި ބޭފުޅަކު ވިދާޅުވެފައިވާގޮތުގައި، ބޮޑުވަޒީރުކަމަށް ކުރިމަތިލެއްވި ވޯޓުގެ ކަންކަމުގައި ލިޒް ޓްރަސްއަކީ އޭނާގެ އަމިއްލަފުޅު ނަސީބު އަމިއްލަ އަތްޕުޅުން ކަނޑައެޅުއްވި ބޭފުޅެކެވެ.

މަގާމު ކަށަވަރުކުރެއްވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އިގުތިސާދު ހަމަމަގަށް އެޅުވުމާ ބެހޭގޮތުން އެކަމަނާ ގެންގުޅުއްވާ ޕްލޭނެވެ. މީހުންގެ ހިތްތަކަށް އުންމީދެއް ލިބުނީ މިކަމުންނެވެ.

ތުއްޕުޅުއިރުގެ ހަޔާތް

މޭރީ އެލިޒަބަތު ޓްރަސް ދުނިޔޭގެ އަލިކަންދެކެވަޑައިގަތީ 1975 ވަނަ އަހަރު އޮކްސްފޯޑް ސިޓީގައެވެ. ބައްޕާފުޅު ޖޯންއާއި މަންމާފުޅު ޕްރިސިލާއަކީ ސިޔާސީ ގޮތުން ވާތުފިޔައިގެ ފިކުރަށް ތާއީދުކުރެއްވި ދެބޭފުޅުންނެވެ.

4 ބޭފުޅުންގެ ތެރެއިން އެންމެ ދޮށިފުޅު ލިޒް ޓްރަސްގެ އުމުރުފުޅުން ހަތަރު އަހަރުފުޅުގައި އެއާއިލާ ވަނީ ގްލަސްގޯއާ ކައިރި ހިސާބަކަށް ދިރިއުޅުއްވުން ބަދަލުކުރައްވާފައެވެ. އެއީ ހިސާބު ޕްރޮފެސަރެއްގެ ހައިސިއްޔަތުން ބައްޕާފުޅުގެ ވަޒީފާއަށް ގެންނެވި ބަދަލަކާގުޅިގެންނެވެ.

ލިޒްޓްރަސްގެ މަންމާފުޅަކީ ނަރުހަކަށްވާއިރު ނިއުކްލިއަރ ހަތިޔާރު ނައްތާލުންފަދަ މުހިންމު ކަންކަމުގައި ބޭއްވުނު އާންމު އެއްވުންތަކުގައި މަންމާފުޅުގެ އަރިހުގައި ތުއްޕުޅުއިރުވެސް ލިޒް ބައިވެރިވެވަޑައިގެންފައިވެއެވެ.

މަންމާފުޅާއި ބައްޕާފުޅުގެ ސިޔާސީ ފިކުރު ތަފާތުކަން ފާހަގަކޮށް ދެންނެވުނު ސުވާލެއްގެ ޖަވާބުގައި ލިޒް ވިދާޅުވެފައިވަނީ، މަންމާފުޅު މިހާރު އޭނާއަށް ތާއީދުކުރައްވާކަމަށާއި، އެހެންނަމަވެސް ބައްޕާފުޅުގެ ވޯޓް ލިބިވަޑައިގަންނަވާނެކަމަށް އަދިވެސް ގަބޫލުފުޅުނުކުރައްވާކަމަށެވެ.

ލިޒްގެ ތުއްޕުޅު ހަޔާތްޕުޅުގެ ތެރެއިން، އެއާއިލާ ފަހުން ވަނީ މުއްސަދިން ގިނަ ލީޑްސްގެ ރައުންދޭއަށް ބަދަލުވެވަޑައިގެންފައެވެ. އެކަމަނާ ވިދާޅުވިގޮތުގައި ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމަށް ހިތްވަރު ލިބިވަޑައިގަތީ ރައުންދޭގެ ސްކޫލްގައި ކުރެއްވުނު ތަޖުރިބާތަކުގެ ސަބަބުންނެވެ.

ކިޔަވާވިދާޅުވި ދުވަސްވަރު ލިޒް ޓްރަސްއަކީ ކިޔެވުމަށް މޮޅު ބޭފުޅެއްކަމަށް ޓީޗަރުން ފާހަގަކުރިނަމަވެސް އޭނާއަކީ މީހުންގެ ލޮލުގައި މާބޮޑަށް އަޅައިގަންނަ ގޮތަށް އުޅުއްވި ބޭފުޅެއް ނޫންކަމަށްވެއެވެ.

އެދުވަސްވަރު ރައުންދޭއިން ހޮވޭ ވަކި މަދު އަދަދެއްގެ ކުދިން ކޮންމެ އަހަރަކުވެސް އޮކްސްބްރިޖްގައި ތައުލީމް ފުރިހަމަކުރުމަށް ފޮނުވައެވެ. މިކަމަށް ލިޒް ޓްރަސް ހޮވިވަޑައިގެންނެވިއެވެ. އަދި އޮކްސްފޯޑްގެ މަރޓަން ކޮލެޖްގައި ޕޮލިޓިކްސް، ފިލޯސޮފީ، އަދި އިކޮނޮމިކްސްގެ ރޮނގުން ތައުލީމު ފުރިހަމަކުރެއްވިއެވެ.

ރެޑިކަލް ސްޓޫޑަންޓް

ކިޔަވާވިދާޅުވި ދުވަސްވަރުވެސް ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވިފައި ވީނަމަވެސް، އެދުވަސްވަރު ކެމްޕެއިންކުރެއްވީ ކޮންމެހެން ހަމައެކަނި ގިނަ އާންމުންނަށް ކަމުދާ ކަންކަމަކަށް ނޫނެވެ. މިގޮތުން އޭނާ އިސްކޮށް ބައިވެރިވެ ވަޑައިގެންނެވިއެއް ކެމްޕެއިނަކީ "މޮނާކީ" ނުވަތަ ރަސްކަން އުވާލަން ގޮވާލައި ކުރެވުނު ކެމްޕެއިނެވެ. އަދި އެކަމަށް ގޮވާލާ މޯޝަނެއްވެސް ހުށައެޅުއްވިއެވެ. އޭރު ލިޒް ހުންނެވީ ލިބަރަލް ޑިމޮކްރެޓް ޕާޓީގައެވެ. އެކަމަކީ އިނގިރޭސި ގިނަ ރައްޔިތުން ތާއީދުނުކުރާނެ ކަމަކަށް ވުމުން މޯޝަން ފާހެއްނުވިއެވެ.

1996ގައި ގްރެޖުއޭޓްވެވަޑައިގެންނެވިއިރު ލިޒް ޓްރަސް ވަނީ ކޮންޒަރވޭޓިވް ފިކުރަށް ލެނބިވަޑައިގަންނަވަން ފަށާފައެވެ. ގްރެޖުއޭޓްވުމަށްފަހު ލިޒްވަނީ ޝެލް ކުންފުނީގެ އިތުރުން ކޭބަލް އެންޑް ވަޔަރލެސްގައި މަސައްކަތް ކުރައްވާފައެވެ. އެދުވަސްވަރު ކޮންޒަރވޭޓިވް ޕާޓީ އޮތީ މާ ހަރަކާތްތެރި ކޮށެއްނޫނެވެ. ސިޔާސީގޮތުން އެމްބިޝަން އެއްއޮތް، ލިޒް ޓްރަސްއަށް މަގުދައްކައި ހިތްވަރުދެއްވަން ތިބި ބޭފުޅުންގެ މަދަދާއެކު 2001ގައި އަދި 2005ގައިވެސް މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލެއްވިއެވެ. ނަމަވެސް ކާމިޔާބު ލިބިވަޑައެއްނުގަތެވެ. އެއަށްފަހު 2009ގައި ޑޭވިޑް ކެމަރޫންގެ "އޭ" ލިސްޓްގައި ލިޒް ހިމެނުއްވުމާއެކު ސައުތުވެސްޓް ނޯފޯކްގެ ގޮޑި ލިބިވަޑައިގަތެވެ.

އޭރު ލިޒް ޓްރަސް ވަނީ އެކައުންޓަންޓެއްކަމަށްވާ ހިއު އޮލިއަރީ ކިޔާބޭފުޅަކާ ކައިވެނި ބައްލަވައިގެން ދެއަންހެން ބޭފުޅުންވެސް ލިބިވަޑައިގެންފައެވެ.

ސަރުކާރަށް ވެންނެވުން

މިނިސްޓަރަކަށް ވެވަޑައިގަތުމުގެ ހަރުގަނޑުގެ ފުރަތަމަ ހަރުފަތް ގިރާކުރެއްވީ 2012 ވަނަ އަހަރު ޖޫނިއަރ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުންނެވެ. އެއާއެކު ޗައިލްޑް ކެއަރއަށް އިސްލާހުތަކެއް ގެންނަވަން މަސައްކަތްޕުޅުކުރެއްވިއެވެ. މިގޮތުން ނަރސަރީތަކުގެ ކަންކަން ރަނގަޅުކުރެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވިއެވެ. ފާޑުކިޔާ މީހުން ކިޔާ އެއްޗަކަށް ނުބައްލަވައި، ޗައިލްޑްކެއަރގެ ކަންތަކުގެ އިތުރުން ތުއްތުކުދިންގެ ތައުލީމުގެ ކަންކަން ރަނގަޅުކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތްޕުޅުކުރެއްވިއެވެ.

ކެބިނެޓަށް ވެންނެވުން

ލިޒް ޓްރަސްގެ ފުރަތަމަ ކެބިނެޓް މަގާމަކީ އެންވަޔަރަންމަންޓް ސެކްރެޓަރީގެ މަގާމެވެ. އިނގިރޭސިވިލާތަށް އިމްޕޯޓްކުރެވޭ ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓެވުމަށް މިމަގާމުގައި މަސައްކަތްޕުޅުކުރެއްވިއެވެ. މިދުވަސްވަރު މީހުން އެންމެ އަޅައިގަތީ އީޔޫގައި ދެމި .އޮތުމަށް ތާއީދުކުރައްވައި ދެއްކެވި ވާހަކަފުޅުތަކާއި ލިއުއްވި އާޓިކަލްތަކެވެ. އޭގެފަހުން ޓްރޭޑް ސެކްރެޓަރީ، ޖަސްޓިސް ސެކްރެޓަރީ، އަދި ފޮރިން ސެކްރެޓަރީގައި، ކުރެއްވި މަސައްކަތްޕުޅުތަކުން އެކަމަނާއަށް އޮތް ތާއީދު އައީ އިތުރުވަމުންނެވެ.

އެންމެ ފަހުން ހުންނެވި ފޮރިން ސެކްރެޓަރީގެ މަގާމުގައިވެސް ފަހަތަށް ބެއްލެވުމެއްނެތި ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުއަޅުއްވައި، ޗައިނާގެ ކިބައިން އަތުވެދާނެ ގޮންޖެހުންތައް ސަރުކާރުގެ ސަމާލުކަމަށް ގެންނަވައި، އަދި އީރާނުގައި ހިފެހެއްޓިފައި ތިބި ބައެއް އިނގިރޭސި ރައްޔިތުން މިނިވަންކުރުމުގައި ޚާއްސަ ރޯލެއް އަދާކުރައްވާފައިވެއެވެ.

ހުރިހާ މަގާމެއްގައިވެސް ލިޒް ޓްރަސް އަބަދުވެސް އެންމެ ސަމާލުކަމެއް ދެއްވީ އިގުތިސާދީ މައްސަލަތަކަށް ކަމަށްވެއެވެ. މިއީ 2017 ވަނަ އަހަރު ޗީފް ސެކްރެޓަރީ ޓު ދަ ޓްރެޝަރީގެ މަގާމަށް ބަދަލުކުރެވުނު ހިސާބުން އުފެދުނު ޝައުގުވެރިކަމެއްކަމަށް ރިޕޯޓްތަކުގައި ފާހަގަކުރެއެވެ.

އިންސްޓަރގްރާމް ކުއީން

2017ން ފެށިގެން ލިޒްޓްރަސް ސޯޝަލް މީޑިޔާއަށްވެސް ޚާއްސަ ސަމާލުކަމެއް ދެއްވަންފެއްޓެވިއެވެ. އަދި އިނގިރޭސި ނޫސްތަކުގައި "އިންސްޓަރގްރާމް ކުއީން"ގެ ގޮތުގައި ފާހަގަވެގެން ދިޔައެވެ. ކުރިން ބޭނުންފުޅުކުރެއްވި މާޖެހި ހެދުންކޮޅުތައް ދޫކުރައްވައި، ގަދަ ކުލަކުލައިގެ ހެދުންކޮޅުތައް ތުރުކުރެއްވުން އެއީ އޭނާގެ އަމިއްލަ ޓްރޭޑްމާކަކަށް ހެއްދެވިއެވެ.

ދައުރެއްގެ މެދުތެރެއިން ނެގުނު ވޯޓުގައި ޕާޓީގެ ބޮޑު އަޣުލަބިއްޔަތެއް ލިބިވަޑައިގެން މިހާރު މިވަނީ ޕާޓީ ލީޑަރަށްފަހު ބޮޑުވަޒީރަށް ވެވަޑައިގެންފައެވެ. ދެން އޮތީ އުފުލެމުންދާ ދިރިއުޅުމުގެ އަގުތައް ކޮންޓްރޯލްކުރައްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުފުޅުތަކަށް އަމަލީ ސިފައެއް ގެންނަވައި، ދެން އޮންނަ އާންމު އިންތިޚާބަށް ގައުމުގެ ރައްޔިތުންގެ ތާއީދުވެސް ހޯއްދެވުމެވެ.

ލިޒް ޓްރަސްއަކީ އިނގިރޭސި ރާނީ އެލިޒަބަތުގެ ރަނިކަމުގައި، މަގާމާ ހަވާލުވެވަޑައިގެންނެވި 16 ވަނަ ބޮޑުވަޒީރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް