ކ. މާލެ
|
23 އޮކްޓޯބަރ 2018 | އަންގާރަ 17:31
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާއެއް
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާއެއް
މުހައްމަދު ޝަރުހާން
އައު ސަރުކާރު
އައު ސަރުކާރުގެ ކެބިނެޓް: ސިޔާސީ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ
 
ރައްޔިތުން ދެކެން ބޭނުންވަނީ ނަމޫނާ ސަރުކާރެއް
 
ސިޔާސީ ޕާޓީތަކުން ސަރުކާރު އެކުލަވާލުމުގައި ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ
 
ކެބިނެޓަށް ބޭނުން ވަނީ މަސައްކަތަށް ގާބިލް ފަރާތްތައް

އާ ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ މަސައްކަތްތައް ވަރަށް ބާރަށް އަންނަނީ ކުރަމުންނެވެ. ޓްރާންސިޝަން މަސައްކަތްތައް ކުރުމުގައި އެކި ވުޒާރާތަކާ ބައްދަލުކޮށް ކަންކަން ފަހިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އިންތިހާބުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ހޮވިވަޑައިގަތުމާ އެކު ރައްޔިތުން އަންނަނީ ވަރަށް ފޮނި އުންމީދުތަކެއް ކުރަމުންނެވެ. އިންތިހާބު ކާމިޔާބު ކުރުމަށް ކުރި ކެމްޕެއިންގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެންމެ ބޮޑަށް ދައްކަމުން ދިޔައީ ވެރިކަން ލިބުމުން އިންސާފު ގާއިމްކޮށް ކޮރަޕްޝަން ނައްތާލާނެ ވާހަކައެވެ. މިކަންކަމާ ހުރެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމަށް ރައްޔިތުން އަންނަނީ ބޮޑު އުންމީދެއް ކުރަމުންނެވެ. އެގޮތުން މިހާރު ރައްޔިތުން އެންމެ ބަލައިލަން ބޭނުންވަނީ ރައީސް ސޯލިހުގެ ކެބިނެޓެވެ. ރައީސް އަބްދުﷲ ޔާމީން އެކުލަވާލި ކެބިނެޓާ ހުންނާނެ ތަފާތުތަކަކީ ކޮބައިތޯ ބަލައިލަން ރައްޔިތުން ތިބީ ކެތްމަދުވެފައެވެ.

ބައެއް ފަރާތްތަކުން މިހާރު ވެސް އަންނަނީ ކެބިނެޓް މިނިސްޓަރު ކަމަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އަދި ކެބިނެޓްގައި ހިމެނިދާނެ ކަމަށް ބެލެވޭ ބައެއް ނަންތައް ވެސް ވަނީ ފެންމަތިވެފައެވެ. އެ ގޮތުން ކުރީގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ އިކޮނޮމިކް މިނިސްޓަރު ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. ޖާބިރު އެކަން ހާމަކުރެއްވުމާ އެކު ސޯޝަލް މީޑިއާ ކެކި އަރައިގަތެވެ. 

ސޯޝަލް މީޑިއާގައި ފާޑުކީ ބައެއް މީހަކު ބުނީ ވިޔަފާރިވެރިން ރަނގަޅުވާނީ ގައުމުގެ ހިދުމަތުގައި ތިބުން ކަމަށެވެ. ކެބިނެޓުން ޖާގަ ދޭންޖެހޭނީ ގާބިލް އަދި ފަސް ބައި ސާފު ފަރާތްތަކަށް ކަމަށް ވެސް ބުނެފައި ވެއެވެ. 

އެހެން މީހަކު ބުނީ ޖާބިރަކީ ވިޔަފާރިވެރިއަކަށް ވާއިރު މިފަދަ މަގާމަކަށް ގެނައުމުން މަސްލަހަތު ފުށޫއަރާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ބުނެފެއިވާ ގޮތުގައި ޓެކްސްގެ ތަފާތު އެކި މައްސަލަތަކަށް ތުހުމަތުކުރެވޭ ބޭފުޅަކު ކެބިނެޓުގައި އިންނެވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. 

އެހެން މީހަކު ބުނީ މިނިސްޓަރުންނަށް ތިބެން ޖެހޭނީ އިލްމުވެރި ގާބިލް މީހުން ކަމަށެވެ.

ކޮންމެ ވެރިކަމެއްގައި ވެސް ކެބިނެޓް މިނިސްޓަރުންނަކީ އެ ހުންނަވާ ވެރިއެއް ހާސިލްކުރަން ބޭނުންވާ ކަންކަން ހަގީގަތަށް ހަދައިދިނުމަށް އެންމެ ބުރަ މަސައްކަތް ކުރަންޖެހޭ ފަރާތެވެ. އެހެން ކަމަށްވާ ނަމަ ކެބިނެޓަށް ގެންނަން ޖެހޭނީ އެކަމަށް އެންމެ ގާބިލް ފަރާތްތަކެވެ. ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ވެސް ގާބިލް މީހަކަށް ވާންޖެހެއެވެ. ވިޔަފާރިވެރިންނާއި ކޮރަޕްޝަނުގެ ތުހުމަތުތައް ކުރެވޭ ފަރާތްތައް ނުހިމެނޭ، ރައްޔިތުންނަށް އެއް ހަމައެއްގައި ހިދުމަތް ދެވޭނެ މިނިސްޓަރުން ގައުމު އިސްލާހު ކުރުމަށްޓަކައި ކޮންމެހެން ބޭނުންވެއެވެ. އަދި ވަކި މަސްލަހަތެއް އޮންނަ ފަރާތަކަށް ކެބިނެޓުން ޖާގަ ދިނުމަކީ ރައްޔިތުން މި ވަގުތު ރުހޭނެ ކަމެއް ނޫނެވެ. 

ދުނިޔޭގައި ނަމޫނާ ކެބިނެޓްތަކަށް ބަލައިލާއިރު ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ 2015 ވަނަ އަހަރު އެކުލަވާލި ކެބިނެޓް ފާހަގަކުރެވެއެވެ. ކެނެޑާގެ ކެބިނެޓްގައި 30 މިނިސްޓަރުން ތިއްބަވާއިރު އޭގެ ތެރޭގައި ހިމެނެނީ ފިރިހެން 15 މިނިސްޓަރުންނާއި އަންހެން 15 މިނިސްޓަރުންނެވެ. މިނިސްޓަރުންގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ދެ މިނިސްޓަރުންނާއި އިންޑިއާ ނަސްލަށް ނިސްބަތްވާ 3 މިނިސްޓަރުން ވެސް ހިމެނެއެވެ. ސިއްހީ ވުޒާރާއަށް ޑޮކްޓަރެއް މިނިސްޓަރު ކަމަށް ކަނޑައެޅުނު އިރު ސައިންސް ދާއިރާގެ މިނިސްޓަރަކަށް ކަނޑައެޅީ ސައިންޓިސްޓެކެވެ. އެހެން ދާއިރާތަކަށް ބަލާއިރު ވެސް މިނިސްޓަރުންގެ ގޮތުގައި ނަގާފައިވަނީ އެދާއިރާތަކުގެ ތަޖުރިބާ އާއި ގާބިލްކަން ހުރި ފަރާތްތަކެވެ. އިގްތިސާދީ ދާއިރާއަށް ނަގާފައިވަނީ އެދާއިރާގެ ފުރިހަމަ ތަޖުރިމާ އާއި ތައުލީމު ލިބިފައިވާ ފަރާތްތަކެވެ. ކެބިނެޓްގައި 15 ލޯޔަރުންނާއި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރި ތިން ފަރާތެއްގެ އިތުރުން ދެ ސިވިލް ސަރވެންޓުންނާއި އިކޮނޮމިސްޓަކު ވެސް ހިމެނެވެ.

ރާއްޖޭގައި ވެސް އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ އިރު ރައްޔިތުން ބޭނުންވަނީ އިންތިހާބީ ރައީސް ސޯލިހުގެ ކެބިނެޓުން މިފަދަ ނަމޫނާތަކެވެ. ކެބިނެޓުގައި ތިބޭ މިނިސްޓަރުންނަކީ ސިޔާސީ ގޮތުން އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި މަސައްކަތް ކޮށްދެއްވި މީހުންގެ ތަރުތީބަށް ބަލައިގެން ވެދުންކުރަންޖެހޭ މަގާމަކަށް ވުރެ އެކަމަށް ގާބިލް، ހިޔާލު ތަފާތުވުންތަކާ އެކު މަސައްކަތް ކުރެވޭ، އިހްލާސްތެރި، ކަނޑައެޅިފައިވާ އުސޫލުތަކާއި ގާނޫނާއި ގަވައިދުތައް ކޮންމެ ފަދަ ހާލެއްގައި ވެސް ނަގަހައްޓާނެ އަދި އަމިއްލަ މަސްލަހަތެއް ނެތް މިނިސްޓަރުން މިއަދު ގައުމަށް ބޭނުންވެއެވެ.

ކޮންމެއަކަސް މިކަން ހާސިލް ކުރުމަށް އިންތިހާބީ ރައީސް ސޯލިހަށް ދަތިތަކާ ވެސް ކުރިމަތިވުން ވެސް އެކަށީގެންވެއެވެ. ސަބަބަކީ ސިޔާސީ ގޮތުން ގިނަ ޕަޓީތަކެއް ގުޅިގެން އެކުލަވާލާ ސަރުކާރެއް ކަމުން ކޮންމެ ސިޔާސީ ޕާޓީއެއް ހިތްހަމަޖައްސައިދިނުމަށް ނުވަތަ ރުއްސައިގެން ގައުމު ހިންގުމަށް ކުރަންޖެހޭނެ މަސައްކަތްތަކަކީ ފަސޭހަ މަސައްކަތަކަށް ނުވާނެތީއެވެ. އަދި ނިސްބަތުން ޕާޓީތަކުގެ މެދުގައި ސަރުކަރުގެ މަގާމުތައް ބަހާލަން އެއްބަސްވެފައި ވުމަކީ ވެސް އެކަމަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ. އެހެން ނަމަވެސް ގައުމު ހިންގުމަށް ކެބިނެޓް އެކުލަވާލުމުގައި ސިޔާސީ މަސްލަހަތު އިސްކުރުމަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަންޖެހެއެވެ. އެކަމަށް އެންމެ ބޮޑަށް ސަމާލުކަމެއް ދޭންޖެހެނީ ޕާޓީތަކުންނެވެ. ކެމްޕެއިން މަސައްކަތްކޮށްދިނީތީ ދޭ ހަދިޔާއެއްގެ ގޮތުގައި ކެބިނެޓުގެ މަގާމުތައް ވެގެން ނުވާނެއެވެ. ޕާޓީތަކުން ހުށަހަޅަންޖެހޭނީ އިންތިހާބީ ރައީސް ސޯލިހަށް ވެސް ގަބޫލުފުޅު ކުރެވޭ ފަދަ ނަންތަކެކެވެ. އަދި އެ ނަންތައް ވާންޖެހޭނީ ރައްޔިތުންގެ ފާޑު ވީހާ ވެސް ކުޑަކޮށް އަމާޒުވާނެ ނަންތަކަކަށެވެ. ނޫން ނަމަ އާ ސަރުކާރަށް އެކަތިގަނޑެއްގެ ގޮތުގައި ދެމި އޮތުމަށް އުނދަގޫތަކެއް ކުރިމަތިވާނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
0%
0%
50%
ކޮމެންޓް
23 އޮކްޓޯބަރ 2018 | އަންގާރަ 11:48
މާމެލިދައިތަ
Varah rangalhu vaahakaeh. Inthikhabee raees Ibrahim mohamed Solihves mi liyumun khiyalai fikuru nangavai amalu kurehvumakee buddiveri kamehkamugai danavan!