ކ. މާލެ
|
25 އޯގަސްޓް 2022 | ބުރާސްފަތި 17:49
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ރައީސް ޔާމީންގެ 390 މިނިޓް އާއި ރައީސް ޞާލިޙްގެ 840 މިނިޓް
 
ޖަލްސާ ނިމުމާއެކު ރައީސް ޔާމީން އެނބުރި އަވަހަށް ވަޑައިގަންނަވާ
 
ޖަލްސާ ނިމުމާއެކުދަރިވަރުންނާއެކު ރައީސް އިބޫ ވަރަށް ގިނަ ވަގުތު ހޭދަކުރައްވާ

ދަރިފުޅުގެ މަދުރަސީ ހަޔާތުގައި މައިންބަފައިން އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ ސާނަވީ އަދި މަތީ ސާނަވީ މަރުހަލާ ނިންމާލާއިރު ލިބޭ ކާމިޔާބީއެވެ. އޯލެވެލް އިމްތިހާނާއި އޭލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާއެއް ލިބި، ރާއްޖެއިން ގަދަ 10ގައި އަދި މުޅި ދުނިޔެއިން ގަދަ 10ގައި ހިމެނުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެ ބޮޑު އުއްމީދެކެވެ. ދަރިވަރުންނާއި މުދައްރިސުން އަދި އެކުއްޖަކު އެކިޔެވި ސްކޫލެއްގެ އެންމެ އިސްވެރިންވެސް ފަޚުރުވެރިވާ ކަމެކެވެ. އެފަދަ ކާމިޔާބުތައް ހާސިލްކުރާ ދަރިވަރުން ދެކޭ އެހެން ހުވަފެނެއް އޮވެއެވެ. ލިބުނު ކާމިޔާބީގައި ސަރުކާރުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަތުމެވެ. ސްޓޭޖްމަތިން އެ އިނާމު ނުވަތަ އެ އެވޯޑް ހަވާލުކޮށްދެއްވާ ބޭފުޅަކީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމަށްވާން ކޮންމެ ދަރިވަރަކުވެސް އެދެއެވެ. އެ ފޮޓޯގަނޑު ނަގަން ކޮންމެ ކުއްޖަކާއި މަންމައާއި ބައްޕަވެސް އެދެއެވެ. އަދި އެއީ އެކުއްޖަކު އިތުރު ހަރުފަތްތަކަށް ދިއުމުގައި ހިތްވަރަކަށްވެސް ވެގެން ދެއެވެ. ބައެއް ފަހަރަށް އެއީ ރާއްޖޭގެ އެންމެ އިސްވެރިން ތައުލީމަށާއި މަތީވަނަތައް ހާސިލްކުރާ ދަރިވަރުންނަށް ދެއްވާ އަހައްމިއްޔަތުކަން މިނެކިރާލާ ކަމަކަށްވެސް ވެދެއެވެ.

މިރިޕޯޓުގައި މިބަލާލަނީ ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގެ 5 އަހަރުގެ ދައުރާއި މިހާރު ކުރިއަށް މިދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ދައުރުގައި، އެޖަލްސާތަކަށް ވަޑައިގެން ޖަލްސާގައި އެބޭފުޅުން ހޭދަކުރެއްވި ވަގުތުތަކަށެވެ.

2014

މި ޖަލްސާއަކީ ރައީސް ޔާމީން ވަޑައިގެންނެވި މިފަދަ ފުރަތަމަ ޖަލްސާއެވެ. އެޖަލްސާގައި ރައީސް ޔާމީން ވަނީ މަތީ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ސްޓޭޖްމަތިން އެވޯޑް ދެއްވާފައެވެ. އެރޭގެ ޖަލްސާގައި ރައީސް ޔާމީން ހޭދަކުރެއްވީ ޖުމްލަ 210 މިނިޓެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ވަޑައިގަންނަވާފައެވެ.

2015

2015 ވަނަ އަހަރުގެ ގަދަ 10ގެ ޖަލްސާގެ އިންތިޒާމުތައް ހަމަޖެހިގެން އައިއިރު އެޖަލްސާވެސް ރޭވިގެން އައީ ރައީސް ޔާމީން ވަޑައިގަންނަވާގޮތަށެވެ. ނަމަވެސް ކުރީއަހަރުގެ ޖަލްސާގައި މާ ގިނަ ވަގުތު ހޭދަކުރައްވަން ޖެހިވަޑައިގަތުމުގެ ސަބަބުން އެމަނިކުފާނު ހިތްޕުޅާ ހަމައެއްނުކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އެޖަލްސާއަކަށް ރައީސް ޔާމީން ވަޑައެއްނުގަންނަވައެވެ. އެޖެންޑާ ޕްރިންޓްކުރުމާ ހަމައަށް ދިޔައިރުވެސް ޝަރަފްވެރި މެހެމާންގެ ގޮތުގައި ރައީސް ޔާމީންގެ ނަންފުޅު އޮތެވެ. ނަމަވެސް އެޖަލްސާއަށް އެމަނިކުފާނު ވަޑައިނުގެންނެވުމުން އެޖަލްސާ ޝަރަފްވެރިކޮށްދެއްވީ އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. އެޖަލްސާގައި ޑރ. ޖަމީލްވެސް 210 މިނިޓް ހޭދަކުރެއްވިއެވެ.

2016

ވިދިގެން އައި 2016 ވަނަ އަހަރުގެ ޓޮޕްޓެން ޖަލްސާއަށް އައިއިރު އާއްމުންގެ ވަރަށް ބޮޑު ފާޑުކިއުމެއް ރައީސް ޔާމީނަށް އަމާޒުވިއެވެ. ކުރީއަހަރުގެ (2015 ވަނަ އަހަރުގެ) ޖަލްސާއަށް އެމަނިކުފާނު ވަޑައިނުގެންނެވުމުންނެވެ. އާއްމުންގެ އިތުރުން އަމިއްލަ ޕާޓީގެ ބައެއް އިސްބޭފުޅުންގެވެސް ކުދިކިއުމާއެކު އެ ޖަލްސާއަށް ވަޑައިގެންނެވުމަށް ނިންމެވިއެވެ. ނަމަވެސް ރައީސް އޮފީހުން އަންގަވައިގެން ޖަލްސާގެ ބައެއް އިންތިޒާމްތައް ބަދަލުކުރައްވައި ޖަލްސާ ކުރުކުރެއްވިއެވެ. އެގޮތުން 2015 ވަނަ އަހަރު ބޭއްވި ގަދަ 10ގެ ޖަލްސާގައި ރައީސް ޔާމީން ހޭދަކުރެއްވީ ޖުމްލަ 180 މިނިޓެވެ. ބައިވެރިވެވަޑައިގެންނެވީ ކުރީއަހަރުގެ ޖަލްސާގައި ހޭދަކުރެއްވި ވަގުތަށްވުރެ 30 މިނިޓް މަދުކޮށެވެ.

2017

2017 ވަނަ އަހަރު ބޭއްވި ޖަލްސާއަށްވެސް އެޑިއުކޭޝަނުން ބޭނުންވީ ރައީސް ޔާމީން ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށެވެ. ނަމަވެސް ބައިވެރިވެވަޑައިގެންނެވި ދެޖަލްސާގައި އެހާގިނަ ވަގުތު ހޭދަކުރައްވަން ޖެހިވަޑައިގަތުމުން އެޖަލްސާއަށް ވަޑައިގެންނެވުމަށް އުޒުރުވެރިވެވަޑައިގެންނެވިއެވެ. ނަތީޖާއެއްގެގޮތުން އެޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދަރިވަރުންނަށް އެވޯޑް ދެއްވީ އޭރުގެ ނައިބު ރައީސް ޖިހާދުއެވެ. ޖިހާދުވެސް ވަނީ ރައީސް ޔާމީން ފުރަތަމަ ވަޑައިގެންނެވި ޖަލްސާއާއި ޑރ. ޖަމީލް ވަޑައިގެންނެވި ޖަލްސާގައި ހޭދަކުރެއްވި މިންވަރަށް އެޖަލްސާގައި ހޭދަކުރައްވާފައެވެ. އެއީ 210 މިނިޓެވެ.

2018

މިއަހަރުވެސް އައީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. ނަމަވެސް ޖަލްސާއެއް ބޭއްވުމުގެ ބަދަލުގައި ރައީސް ޔާމީން ފޮނުއްވެވީ އެމަނިކުފާނުގެ ފަރާތްޕުޅުން ސިޓީފުޅަކާއި އިނާމެކެވެ. އެކަމަކު އެއީ ގަދަ 10ގައި ލައްވާލި ހުރިހާ ކުދިންނަކަށް ނޫނެވެ. އޭގެ ތެރެއިން ގަދަ ތިނެއްގައި ހިމެނުނު ކުދިންނަށް އެކަންޏެވެ.

2019

2018ގައި ނުބޭއްވި ޓޮޕްޓެން ޖަލްސާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2019 ވަނަ އަހަރު ވަނީ ބާއްވާފައެވެ. އެޖަލްސާއަށް ވަޑައިގެންނެވީ ރައީސް ސޯލިހެވެ. އެޖަލްސާގައި ރައީސް ސޯލިހްވެސް ހޭދަކުރެއްވީ 210 މިނިޓެވެ.

2019

ރައީސް ސޯލިހުގެ ވެރިކަމުގައި ބޭއްވި ގަދަ 10ގެ ދެވަނަ ޖަލްސާވެސް (2019 ވަނަ އަހަރުގެ ޖަލްސާ) 2019 ވަނަ އަހަރު ބޭއްވިއެވެ. މި ޖަލްސާވެސް ޝަރަފްވެރިކޮށްދެއްވީ ރައީސް އިބޫއެވެ. އެޖަލްސާގައިވެސް އެމަނިކުފާނު ވަނީ 210 މިނިޓް ހޭދަކުރައްވާފައެވެ.

2020 އަދި 2021

ރާއްޖެއަށާއި މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ހާލަތުގެ ސަބަބުން އެ ދެ އަހަރުގެ ޖަލްސާ އެއްކޮށްލައިގެން ޓޮޕްޓެން ޖަލްސާ ބާއްވަނީ ދެ ރެއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަރޭގެ ގޮތުގައި މިދިޔަ ބުދަދުވަހުގެރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ރައީސް ސޯލިހެވެ. ބުދަދުވަހުގެރޭގެ ޖަލްސާގައި ރައީސް ވަނީ 210 މިނިޓް ހޭދަކުރައްވާފައެވެ. އަދި ބުރާސްފަތި ދުވަހުގެރޭ ބާއްވާ ޖަލްސާވެސް ޝަރަފްވެރި ކޮށްދެއްވުމަށްވެސް ހަމަޖެހިފައިވަނީ ރައީސް ސޯލިހެވެ. އާއްމު އެޖެންޑާއަށް ބަލާއިރު އެޖަލްސާގައިވެސް މަދުވެގެން 210 މިނިޓް ހޭދަވާނެއެވެ.

މިއީ ރަސްމީ އެޖެންޑާގެ ވަގުތުތަކުގެ މައްޗަށް ބަލާލައި ހިމަނާލި އަދަދުތަކެކެވެ. މިއަދަދުތަކަށް ބަލާއިރު ދެ ޖަލްސާއަށް ވަޑައިގެން ރައީސް ޔާމީން ހޭދަކުރައްވާފައިވަނީ ޖުމްލަ 390 މިނިޓެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ 4 ވަނަ އަހަރުގައި އެކަނިވެސް ތިން ޖަލްސާއަށް ވަޑައިގެން ދަރިވަރުންނާއެކު 630 މިނިޓް ވަނީ ހޭދަކުރައްވާފައެވެ. އަދި ބުރާސްފަތި ދުވަހުގެރޭ ވަޑައިގަތުމަށް ހަމަޖެހިފައިވާ ޖަލްސާއާއެކު ޖުމްލަ 840 މިނިޓް ހޭދަކުރައްވާނެއެވެ.

މިހާރުގެ ނަތީޖާތަކަށް ބަލާއިރު މިއަހަރަކީ މިހާތަނަށް އެންމެ ގިނަ ދަރިވަރުން އޯލެވެލްގައި މަތީވަނަ ހޯދި އަހަރަށްވާއިރު، އަންނަ އަހަރުގެ ޖަލްސާ ދިގުދެމިގެން ދިއުން ނުވަތަ މިއަހަރުގެ ޖަލްސާތަކެކޭ އެއްފަދައި ދެ ރެއަކަށް ބަހާލައިގެން ބޭއްވުމަކީ އެކަށީގެންވާ ކަމެކެވެ. ނޫންނަމަ އެއް ޖަލްސާއެއްގެ ގޮތުގައި (210 މިނިޓަށް ފައްތައިގެން) ބޭއްވިއަސް އެޖަލްސާއަށް ރައީސް އިބޫ ވަޑައިގަންނަވައިފިނަމަ އިތުރު 210 މިނިޓާއެކު 1050 މިނިޓަށް ބަދަލުވެގެންދާނެއެވެ.

ދެރައީސުންގެ ފާހަގަކުރެވުނު އެހެން ކަމަކަށްވެސް ބަލާލާނަމެވެ. އެގޮތުން ރައީސް ޔާމީންގެ ދައުރުގައި އެމަނިކުފާނު ވަޑައިގެންނެވި ޖަލްސާގެ ރަސްމީބައި ނިމުމާއެކު އެމަނިކުފާނުވަނީ އެނބުރިވަޑައިގަންނަވާފައެވެ. ނަމަވެސް އެއާ ޚިލާފަށް ރައީސް ސޯލިހު ވަޑައިގެންނެވި ޖަލްސާތައް ނިމުމާއެކު، ޖަލްސާގެ ބައިވެރިންނާއެކު (ޚާއްސަކޮށް މަތީ ވަނަތައް ހޯދި ދަރިވަރުންނާއެކު) ވަރަށް ގިނަ ވަގުތު ވަނީ ހޭދަކުރައްވާފައެވެ. އެކުދިންނާއެކު ފޮޓޯއާއި ސެލްފީ ނަގަން ފުރުސަތުދެއްވައި އަދި އެކުދިންގެ ވާހަކަތައްވެސް އެމަނިކުފާނު އައްސަވާފައިވެއެވެ. އޭގެތެރެއިންވެސް ފާހަގަކޮށްލެވުނު އެއް ޖަލްސާއެއް މިސާލެއްގެ ގޮތުގައި ދަންނަވާލާނަމެވެ. ތާޖުއްދީން ސްކޫލުގައި ބޭއްވި ގަދަ 10ގެ ޖަލްސާއެވެ. އެޖަލްސާ ބޭއްވުނީ އައުޓްޑޯރގައެވެ. ހިސާބަކަށް ހިމަފޮދުވާރޭ ވެހުނު މިޖަލްސާ ނިމުނުތާ އެތައް އިރެއް ވެގެން ދިޔައިރުވެސް ދަރިވަރުންނާއެކު ހޭދަކުރެއްވިއެވެ. ޚާއްސަކޮށް ޖަލްސާ ޒީނަތްތެރިކުރުމުގެ ގޮތުން ޕަރީންގެ ހެދުމުގައި ތިބި ތުއްތު ކުދިންނާ ސަމާސަކުރައްވައި އެކުދިންނާއެކު ވަގުތު ހޭދަކުރެއްވިއެވެ.

ކޮންމެއަކަސް ރައީސް ސޯލިހު ފާހަގަަކުރެވެނީ ދަރިވަރުންނާ ގާތްގުޅުމެއް ބާއްވައި އަދި އެކުދިންގެ ކަންކަން ވަރަށް ގާތުން ބައްލަވާ ރައީސެއްގެ ގޮތުގައެވެ. އެގޮތުން ރައީސްގެ މިދައުރުގައި ހުޅުވުނު ސްކޫލްތަކަށް ވަޑައިގެން އެހަފްލާ ޝަރަފްވެރިކޮށްދެއްވައި ހުރިހާ ކްލާސް ރޫމްތަކަކަށް ވަޑައިގެން ދަރިވަރުންނާ ބައްދަލު ކުރެއްވިއެވެ. އެކިއެކި މުނާސަބަތުތަކާއި ގުޅުވައިގެން ދަރިވަރުންނަށް އިންތިޒާމުކުރެވޭ ގިނަހަފްލާތަކުގައި ބައިވެރިވެވަޑައިގެން އެކުދިންނާއެކު ވަރަށް ގިނަ ވަގުތުތައް ހޭދަކުރައްވާފައިވެއެވެ. އެހަފްލާތަކަށް ކަނޑައެޅިފައިވާ ވަގުތު ހަމަވެގެން ދިޔަކަމުގައިވިއަސް އެމަނިކުފާނު އެނބުރިވަޑައިނުގަންނަވައި އެކުދިންނާއެކު ހޭދަކުރައްވައެވެ. މިއީ ކިޔަވާކުދިންނަށާއި ބެލެނިވެރިންނަށް ލިބޭ ބޮޑު ހިތްވަރެކެވެ. އަދި ޝުކުރުވެރިވާ ކަމެއްވެސް މެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
7%
29%
0%
7%
0%
57%
ކޮމެންޓް
26 އޯގަސްޓް 2022 | ހުކުރު 13:57
ދާންދޫ މުހައްމަދު އަލީ
ވީމާ ދެން އޮންނަ ރިޔާސީ އިންތިޚާބުގާ ބޮޑުތަނުން ވޯޓުދީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ރައީސްކަމަށް ހޮވުން ވަރަށް މުހިންމު މި ޑިމޮކްރަސީގާ ފުރަތަމަ 2 ދައުރު ފުރިހަމަ ކުރާ ރައީސަކަށް އިބްރާހީމް މުހައްމަދު ސާލިހު ހަދަމާ ބަހީ. ގައުމުގެ ހުރިހާ އުސްތާޒުނާ ދަރިވަރުންނާއި ރައްޔިތުން ވެގެން.. ޝުކުރިއްޔާ!. ރައީސް ސާލިހް.