ދީނީ، ފިކުރީ ބައިބައިވުމުގެ މައްސަލަތަކަކީ އިޖްތިމާއީ މައްސަލަތަކެއްގެ ގޮތުގައި ބަލަންޖެހޭ: ޒަކަރިއްޔާ
15 ޑިސެމްބަރު 2021 | ބުދަ 02:51ދީނީ ފިކުރީ ބައިބައިވުންތައް ވަރަށް ބޮޑު


ފަލަސުރުހީ ޕްރޮގްރާމްގައި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވާހަކަދައްކަވަނީ،
ދީނީ، ފިކުރީ ބައިބައިވުމުގެ މައްސަލަތަކަކީ އިޖްތިމާއީ މައްސަލަތަކެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށް ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޒަކަރިއްޔާ ވިދާޅުވީ ޚާއްސަ ޕްލޭންތަކެއްގެ ތެރެއިން ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ފަރާތުން ތަފާތު ޕްރޮގްރާމްތަައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދެވޭ ކަމަށެވެ. ނަމަވެސް ތަފާތު ފިކުރުތަކުގެ ސަބަބުން މުޅި މުޖުތަމައުއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށާއި، އެފަދަ ކަންކަމަކީ ކެތްކުރެވޭ، ނުވަތަ ތަހައްމަލް ކުރެވޭ ކަންކަމަށްވާންޖެހޭ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.
ޒަކަރިއްޔާ ވިދާޅުވީ ދީނީ ފިކުރީ ބައިބައިވުންތައް ވަރަށް ބޮޑު ކަމަށާއި، އެއްބައިވަންތަ އެކުވެރި މުޖުތަމައުއެއް ގާއިމްކުރުމަށް މުޅި މުޖުތަމައު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މި މައްސަލައަކީ ދީނީ މައްސަލައެއްގެ ގޮތުގައި ނުދެކި އިޖްތިމާއީ މައްސަލައެއްގެ ގޮތުގައި ބަލައި މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ޖަމާއަތް ބަައިބައިވުމުގެ ސަބަބުން ގެއްލުން ވެގެންދަނީ ޖަމާއަތަށް ކަމަށްވާއިރު، އެއީ އިޖްތިމާއީ މައްސަލައެއް ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.
ޑްރަގްގެ މައްސަލަތަކަށް އިޝާރާތް ކުރައްވައި ޒަކަރިއްޔާ ވިދާޅުވީ، އެއީ އިޖްތިމާއީ މައްސަލަތަކެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ކަމަށާއި، އެފަދަ މައްސަލަތައް ހައްލުކުރުމަށް މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭ ކަމަށެވެ.
ޒަކަރިއްޔާ ވިދާޅުވީ އެއްބައިވަންތަ، އެކުވެރި މުޖުތަމައުއެއް ގާއިމްކުރުމަކީ މަޤްޞަދު ކަމަށްވާއިރު، ބާރުގެ ބޭނުން ކޮށްގެން ދާއިމީ ހައްލެއް ނުލިބޭނެ ކަމަށެވެ. ހަރުކަށި ފިކުރު ބަދަލުވާނީ އެފިކުރު ބަދަލުކޮށްގެން ކަމަށާއި، އެފިކުރު ބަދަލު ކުރުމަށް އެފަދަ މީހުންނަށް ފަރުވާ ދޭންޖެހޭ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. މި މައްސަލައަކީ ވެސް އިޖްތިމާއީ މައްސަލައެއް ކަމުގައި ގަބޫލުކޮށް، އެންމެންގެ އެއްބާރުލުން ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.








