އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ ތާވަލުގެ އެއްވަނައަށް އޭސީ މިލާމް ޖެހިލިއިރު، ތާވަލުގެ ދެވަނަ މަގާމަށް އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން ޖެހިލައިފިއެވެ.
ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން މީގެ ކުރިން ތާވަލުގެ އެއްވަނައިގައި އޮތް ނާޕޮލީ ވަނީ އެޓަލަންޓާ އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެއާއެކު ތާވަލުގެ ކުރިއަށް މިލާން ޖެހިލީ 2-0 ގެ ނަތީޖާއަކުން ތާވަލުގެ ފުލުގައި އޮތް ސަލެނިޓާނާ ބަލިކުރުމަށްފަހުއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި މިލާނުން ދެ ލަނޑު ޖަހާފައިވަނީ މެޗު ފަށައިގެން 18 މިނެޓުގެ ތެރޭގައެވެ. އެގޮތުން މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ފްރޭންކް ކެސިއޭ ވަނީ ލަނޑެއް ޖަހައި، މިލާނަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 18 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން މިލާނަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އަލެކްސިސް ސަލަމޭކާސްއެވެ.
މި މެޗުން މޮޅުވެ ތާވަލުގެ އެއްވަނައަށް މިލާން ޖެހިލިއިރު، ތާވަލުގެ ކުރިއަށް އިންޓަ ޖެހިލީ 3-0 ގެ ނަތީޖާއަކުން ހޯސޭ މޮރީނިއޯގެ ރޯމާ ބަލިކުރުމަށްފަހުއެވެ.
ރޯމާގެ ދަނޑުގައި ކުޅުނު މި މެޗުގައި އިންޓައިން ތިން ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ކޯނަރަކުން އިންޓައަށް ލީޑު ނަގައިދިނީ ހަކަން ޗަޅަނޯލޫއެވެ. އަދި މެޗުގެ 24 ވަނަ މިނެޓުގައި ރޯމާއަށް ކުރިން ކުޅުނު އެޑިން ޒެކޯ އިންޓަގެ ލީޑު ފުޅާކޮށްދިންއިރު، މެޗުގެ 39 ވަނަ މިނެޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ ޑެންޒެލް ޑަމްފްރީސްއެވެ.
މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައަށް މިލާން ޖެހިލީ ކުޅުނު 16 މެޗުން ލިބުނު 38 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އިންޓައަށް 16 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ ތިންވަނައިގައި ނާޕޮލީ އޮތީ 16 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ. އަދި ހަތަރުވަނައިގައި އެޓަލާންޓާ އޮތީ 16 މެޗުން 34 ޕޮއިންޓާއެކުއެވެ.