ކ. މާލެ
|
5 ނޮވެންބަރ 2021 | ހުކުރު 07:47
އިންޑޮނޭޝިޔާގައި ބޯޓުދެލި ނަގާ ތަނެއް
އިންޑޮނޭޝިޔާގައި ބޯޓުދެލި ނަގާ ތަނެއް
ރޮއިޓަރސް
ކޮޕް26 ކޮންފަރެންސް
ކޮޕް26: ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުން ހުއްޓާލުމުގެ ވައުދަށް ބޮޑެތި ގައުމުތަކުގެ އާނ ބަހެއް ނުލިބުނު
މިއެއްބަސްވުމުގައި އެންމެ ބޮޑަށް ބޯޓުދެލި އަންދާ ގައުމުތަކެއް ނުހިމެނޭ
މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 77 ގައުމަކުން

ހަކަތަ އުފެއްދުމުގައި ބޯޓުދެލި އެންދުން ހުއްޓާލުމަށް ވެފައިވާ ވައުދުގައި އިތުރު 23 ގައުމަކުން ސޮއިކޮށްފިއެވެ.

މިހާރު ކުރިޔަށްދާ ކޮޕް26 ކޮންފަރެންސްގައި ބޯޓުދެއްޔަށް ބަރޯސާވުން ހުއްޓާލުމުގެ ވައުދުގައި 77 ގައުމަކުން ވަނީ ސޮއިކޮށްފައެވެ. އެހެންނަމަވެސް ދުނިޔެ ހޫނުކުރާ ވިހަ ގޭސްތައް ޖައްވަށްދޫކުރާ ބޮޑެތި ގައުމުތަކުގެ ސޮއި މިވައުދަށް އަދި ނުލިބެއެވެ. ކޮޕް26 ކޮންފަރެންސްގައި އަންނަނީ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ބެހެއްޓުމަށް ކުރެވޭނެ ކަންކަމުގެ މައްޗަށް އަލިއަޅުވާލައި އެކަމާ ގުޅޭގޮތުން ގޮތްތައް ނިންމަމުންނެވެ. އެގޮތްތައް ނިންމުމުގެ މަސައްކަތްކުރަމުންދާއިރު އެންމެފަހުން މިކަމާ ގުޅޭގޮތުން ކުރިޔަށްގެންދިޔަ ދިރާސާއިން ހާމަވެފައިވާކަންކަމުގެ ސަބަބުން ވެސް ދުނިޔެއަށް ވަނީ އަވަސް ނިންމުންތަކެއް ނިންމުމަށް މަޖުބޫރުވެފައެވެ. އެގޮތުން ޖައްވަށް ކާބަންޑައިއޮކްސްއިޑް ބޭރުކުރާ މިންވަރު މިހާރުހުރީ ޕްރީ-ޕެންޑަމިކް ލެވެލްގައި ކަމަށް އެންމެ ފަހުގެ ދިރާސަތަކުން ދައްކައެވެ.

ހަކަތަ އުފެއްދުމުގައި ބޯޓުދެލި އެންދުމަކީ ޖައްވަށް އެންމެ ގިނައިން ވިހަ ގޭސް ބޭރުވާ ގޮތެވެ. އެކަމުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކަކީ އެންމެ ބޮޑަށް ޝާމިލުވާ ގައުމުތަކެވެ. އެހެންކަމުން ދުނިޔޭގެ ހޫނުމިން ވަކިމިންވަރެއްގައި ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތުގައި ބޯޓުދެލި އެންދުން ހުއްޓާލުމަށް ގައުމުތަކުން އެއްބަސްވުމަކީ އެންމެ މުހިންމު އެއް ކަންތަކެވެ.

ބޯޓުދެލި އެންދުން ހުއްޓާލުމަށް ވައުދުވެފައިވާ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، އިންޑިޔާ، ޗައިނާ އަދި އެމެރިކާއެއް ނުހިމެނެއެވެ. މިގައުމުތަކަކީ މުޅި ދުނިޔޭގައި ހުރި ބޯޓުދެލި އަންދާ ކާރުޚާނާތަކުގެ ދެބައިކުޅަ އެއްބައި ކާރުޚާނާ ހުރި ގައުމުތަކެވެ. އަދި ކުރިޔަށް އޮތްތަނުގައި މިފަދަ ކާރުޚާނާތައް އުފެއްދުމުގެ ޕްލޭންތައް ރާވަމުންދާ ގައުމުތަކަކީ ވެސް މިއެވެ.

ކޮވިޑް-19 އާ ގުޅިގެން އިޤްތިޞާދީ ހަކަރާތްތައް ހުއްޓުމަކަށް އައުމާ ގުޅިގެން 2020 ވަނަ އަހަރު ޖައްވަށްދޫކުރާ ކާބަންޑައިއޮކްސައިޑްގެ ލެވެލް ވަނީ 5.4 އިންސައްތަ ދަށްވެފައެވެ. ނަމަވެސް ގްލޯބަލް ކާބަން ޕްރޮޖެކްޓުން އެންމެފަހުން ބުނެފައިވަނީ މިއަހަރުގެ ތެރޭގައި ކާބަންޑައިއޮކްސައިޑް ޖައްވަށް ދޫކުރާ މިންވަރު 4.9 އިންސައްތަ އިތުރުވާނެކަމަށެވެ.

މިވައުދާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކޮޕް26 ކޮންފަރެންސްގެ ރައީސް އަލޮކް ޝަރްމާ ވިދާޅުވީ މިކޮންފަރެންސްގެ ތެރެއިން ދުނިޔެއިން ހަކަތަ އުފެއްދުމުގައި ބޯޓުދެއްޔަށް ބަރޯސާވާތަން ހުއްޓުމަކަށް އަންނަތަން ފެންނަކަމަށެވެ. މިވައުދުގެ ތެރޭގައި ހިމެނެނީ ބޯޓުދެލި އެންދުން ހުއްޓާލުމާއި އެފަދަ ތަންތަން އަލަށް ނުހެދުމެވެ.

މިވައުދުގައި ސޮއިކޮށްފައިވާ 77 ގައުމުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބޯޓުދެލި އެންދުން ހުއްޓާލުމަށް އެއްބަސްވެފައިވާ 23 ގައުމެއް ހިމެނެއެވެ. އޭގެތެރޭގައި ޕޮލެންޑް، ވިއެޓްނާމް އަދި ޗިލީ ފަދަ ގައުމުތައް ހިމެނެއެވެ.

މުއްސަނދި ގައުމުތަކުން ވަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް ބޯޓުދެލި އެންދުން ހުއްޓާލުމަށް އެއްބަސްވެފައެވެ. އަދި ފަގީރު ގައުމުތަކުން އެއްބަސްވެފައިވަނީ 2040 ވަނަ އަހަރާ ހަމައަށް ބޯޓުދެލި އެންދުން ހުއްޓާލުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް