ކ. މާލެ
|
19 ސެޕްޓެންބަރ 2021 | އާދީއްތަ 09:22
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު
ޓްވިޓަރ
އަލީ ވަހީދުގެ ރާގުބަދަލުވުން
އަލީ ވަހީދުގެ ބޫން ބޫންލާފައި ބަދަލުވަމުންދާ ރާގު
 
ޕީޖީ އަށާއި ޖޭއެސްސީއަށް ބަހުގެ ހަމަލާތަކެއް އަންނަނީ ދެއްވަމުން
 
މިއަހަރުގެ ފެބްރުއަރީ މަހު ބޭރަށް ވަޑައިގެންނެވިގޮތަށް ހުންނެވީ އަދިވެސް ބޭރުގައި
 
އަލީ ވަހީދުގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައި

ކަންކަމުގައި މީހުންގެ ރާގު ބަދަލުވުމަކީ ހަމަ އާންމު ކަމެކެވެ. ވަރަށް ގިނަ މީހުންނަށް ވާކަމެކެވެ. ބައެއް ފަހަރު އެހެންވާން ދިމާވާ އެއް ސަބަބެއް ކަމަށް ބެލެވެނީ ކަންކަމުގައި އެމީހަކަށް އެނގިފައި ހުންނަ މައުލޫމާތުގެ މިންވަރެވެ. އެކަމެއްގެ މައުލޫމާތު ތިމާއަށް ރަނގަޅަށް އެނގި ރޯފިލަމުންދާވަރަކަށް އެކަމަކާއި ގުޅިގެން ކުރިން ތިމާ ގަބޫލުކުރި ގޮތް ތަފާތުވެ ދައްކަމުންދިޔަ ވާހަކައިގެ ރާގު ބަދަލުވެއެވެ. އަނެއްބައި ފަހަރު ރާގު ބަދަލުވަނީ ތިމާއަށް ގެއްލުމެއްވާން އުޅޭކަމަށް ހީވާ ހިސާބުންނެވެ. އެކަމެއްގެ ތެރޭގައި ތިމާމީހާ އެކަނި ގެނބި މަރުވާންވީ ކީއްކުރަން ހެއްޔެވެ؟ ގެނބިގެންދާއިރު ދެން ކިރިޔާވެސް ގަންބާލެވޭނެ މީހެއް ވާނީ ގަންބާލާށެވެ. ނުވަތަ ތިމާ މީހާ ގެނބެން މެދުވެރިވާ މީހާ ސަލާމަތުން ބަހައްޓަނީ ކީއްކުރަން ހެއްޔެވެ؟ މިއީ ހަމަ ދުނިޔަވީ އާދައެވެ.

ކަންކަމުގައި ކުރިން އެމީހަކު ކިޔާފައިވާ އެއްޗެއްގެ ރާގު ބަދަލުވެ އެހެން ރާގެއް އާންމުކޮށް ކުޅެ އުޅޭ އެއް ބަޔަކީ ސިޔާސީ މީހުންނެވެ. އެއްބަޔަކު ބުނާ ގޮތުން ސިޔާސީ މީހަކަށް ވުމަށްޓަކައި ރީތިކޮށް ރާގު ބަދަލުކުރަން އެނގެންޖެހެއެވެ. އެއިރެއްގައި ތިމާއަށް ސިޔާސީ ގޮތުން ފައިދާވާނެ ދިމާލެއްގައި ހުރުން އެއީ ވަރަށް މުހިންމު ކަމެކެވެ. ތިމާ މީހާގެ ސިޔާސީ ފިކުރު ބަދަލުކުރާއިރު އެފިކުރު ބަދަލުކުރަނީ ހަމަ އަސްލަށްވެސް ރަނގަޅު ސަބަބެއްކަމަށް ރައްޔިތުންނަށް ސާބިތުވާވަރަށް އެމީހަކަށް އެކަން ކުރެވެން ޖެހޭނެއެވެ. ސިޔާސީ މީހަކަށް ވުމަށްޓަކައި މިއީ މުހިންމު ކޮންމެހެންވެސް އެމީހެއްގެ ގައިގާ އަށަގަންނުވަންޖެހޭ ސިފަތައް ކަމަށް މީހުން ބުނާތީއިވެއެވެ.

ނަމަވެސް ސިޔާސީ މީހަކަސް އެނޫން މީހަކަސް ގޮތެއް ހުންނަންވާނެތާއެވެ. ސިޔާސީ މީހާވެސް ހަމަދިރިއުޅޭނީ އާންމު އެހެން އިންސާނުންގެ ތެރޭގައިތާއެވެ. ސިޔާސީ ގޮތުން އެމީހަކަށް ކުރިޔަށްދެވިފައި ހުރި ހިސާބަކުން ބައެއް މީހުން އަދި ބާރުގަދަ މީހުންނަށް ވިޔަސް އާޚިރުގައި އެވެސް ހަމަ އިންސާނުންތާއެވެ. ސިޔާސީ މީހުން އެންމެފަހުން އަންނާނީ ހަމަ އާންމު ރައްޔިތުން ކައިރިއަށްވިއްޔާއެވެ. ގޮތެއް ހުންނަންވާނެޔޭ މިބުނަނީ މިހެންވެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް ބެލިނަމަވެސް ތަފާތު އެކި ގޮތްގޮތަށް ރާގު ބަދަލުކުރާ ސިޔާސީ އާޓިސްޓުން އުޅެއެވެ. އެއާޓިސްޓުންގެ އަދަދު މަދެއްވެސް ނޫނެވެ. ދެއިރު ދެ ދަޅައަށް ކުލަ ބަދަލުވެ ކުޅޭ ރާގު ބަދަލުވުން އެއީ ދިވެހިންގެ ތެރޭގައިވެސް ހަމަ އާންމު ކަމެކެވެ. މިފަހަކުން އެންމެ ބޮޑަށް ރާގު ބަދަލުވާން ފަށާފައިވާ ސިޔާސީ މީހަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އިނގިރޭސިވިލާތުގައި މިހާރު ހުންނެވި އަލީ ވަހީދުގެ މައްޗަށް އުފުލާފައިވަނީ ސީރިއަސް ދައުވާތަކެކެވެ. ވަޒީރުކަމުގައި ހުންނެވި ބޭފުޅަކަށް މިހާތަނަށް ރާއްޖޭގައި އެފަދަ ތުހުމަތުތަކެއް ކޮށްފައިނުވެއެވެ. ޓޫރިޒަމް މިނިސްޓަރ ކަމުގައި ހުންނަވާ އެމިނިސްޓްރީގެ އަންހެނުން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާ ތަކަކީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދައުވާ އެވެ. އަލީ ވަހީދަށް ތުހުމަތު ކުރި މުވައްޒަފުން ބުނާ ގޮތުން، އެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ޖިންސީ ގޯނާ ކޮށްފައިވަނީ މިނިސްޓްރީގެ ދަތުރުތަކުގައި ރިސޯޓުތަކަށް ގެންގޮސްގެން ކަމަށް ވެސް އެ މިނިސްޓްރީގެ މުވައްޒަފުން ބުނެއެވެ.

މިމުވައްޒަފުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ބައްދަލުކޮށް މިވާހަކަތައް ހިއްސާކުރުމުން ރައީސް ސާލިހު ވަނީ އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އަންގަވާފައެވެ. މިއީ ކެބިނެޓްގެ ވަޒީރަކު އިސްތިއުފާ ދެއްވުމަށް ރައީސަކު މިހާ ހާމަކަން ބޮޑު ގޮތެއްގައި އެންގެވި ފުރަތަމަ ފަހަރެވެ. އޭގެފަހުން ދެން ފެނުނީ އަލީ ވަހީދުގެ މައްސަލަ ފުލުހުން ބަލަން ފެށިތަނެވެ. އަލީ ވަހީދު ދިރިއުޅުއްވާ އެޕާޓްމަންޓަށް ފުލުހުން ކޯޓު އަމުރަކާއެކު ވަނެވެ. އެތަން ބަލާ ފާސްކުރުމަށްފަހު ކޯޓު އަމުރެއްގެ ދަށުން އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ނެގިއެވެ. އަލީ ވަހީދު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރިއެވެ.

2020 ވަނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހުގު ރޭ ދެ ގަޑިއިރު ވަންދެން ފުލުސް އޮފީހުގައި ހުންނެވުމަށް ފަހު ބޭރަށް ނިކުމެވަޑައިގެން މީޑިއާތަކާއި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ފުލުހުން ކުރި ހުރިހާ ސުވާލުތަކަށް ޖަވާބުދެއްވާފައިވާނެ ކަމަށާއި، މި މައްސަލަ އަކީ ސިޔާސީ ނުފޫޒު އެކުލެވޭ މައްސަލައެއް ކަމަށެވެ. އެކަމުގެ ތަފްސީލު ހާމަނުކުރައްވާ ވިދާޅުވީ މައްސަލައިގެ ތަހުގީގު ނިމުމުން ރައްޔިތުންނަށް ހަގީގަތް ހާމަވެގެން ދާނެ ކަމަށެވެ. މިމައްސަލާގައި ފުލުހުންވެސް މީޑިޔާތަކަށް ތަފްސީލީ މައުލޫމާތުތަކެއް ހާމައެއް ނުކުރެއެވެ. ޖިންސީ ގޯނާގެ މައްސަލަތަކެއް ކަމަށްވާތީ ކޯޓުގައި ކުރިޔަށްދާ ޝަރީޢަތްތައް އޮންނަނީ ސިއްރުކޮށްފައެވެ. އަލީ ވަހީދު މިފަހަކާ ޖެހެންދެންވެސް މިމައްސަލައިން ދިފާއުވާން ހަމައެކަނި ވިދާޅުވި ވާހަކައަކީ ވަގުތު އައިސް ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށާއި، ހަގީގަތް ކޮންމެވެސް އިރަކުން އެނގި ހާމަވާނެ ކަމަށެވެ.

މައްސަލައިގެ ޝަރީޢަތް ފެށުނުތަނާ ދެން ފެނުނީ ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާއެކު އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވިތަނެވެ. އެއީ މި އަހަރުގެ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. ހަތަރު މަސް ދުވަހަށް ޕާސްޕޯޓު ދޫކުރިނަމަވެސް ހަތަރުމަސް ހަމަވުމުންވެސް އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. އޭގެފަހުންވެސް ކޯޓުގައި މިމައްސަލައިގެ ޝަރީޢަތްތައް ތާވަލްކޮށްގެން ކުރިޔަށް ގެންދެއެވެ. ހަތަރުމަސް ހަމަވެ އެންމެ ފަހުން އަލީ ވަހީދުގެ ވިސާ ހަމަވެގެން މިހާރު ހުންނެވީ އިނގިރޭސިވިލާތުގެ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަލީ ވަހީދު އިނގިރޭސިވިލާތުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ތައްޔާރުވަމުންދަނިކޮށެވެ. އެބައްދަލުވުމުގައި "ގިނަ ވާހަކަ" ތަކެއް އަލި ވަހީދު ހާމަކުރައްވަން އުޅުނީ ކަމަށް ވާހަކަދެކެވެއެވެ. އަލީ ވަހީދު އިނގިރޭސި ފުލުހުން ހައްޔަރުކޮށްފައިވަނީ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުއެވެ.

މަންޒަރާއި ރާގު ބަދަލުވާން ފަށަނީ މިހާހިސާބުންނެވެ. 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ރައީސް ސާލިހު އަލީ ވަހީދަށް އިސްތިއުފާ ދެއްވުމަށް އެންގުވުމުން ކުރެއްވި ޓްވީޓްގައި "މިދުވަސްވެސް ހިނގައިދާނެކަމަށް" ވިދާޅުވެ ވަގުތު އައިސް ޖެހުމުން ހުރިހާ ކަމެއް އެނގޭނެކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެފަހުން ދެން ޓްވީޓެއް ކުރައްވާފައިވަނީ ނޫސްވެރިންނާ ބައްދަލުކުރުމަށް މިއަހަރުގެ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުއެވެ. އެދުވަހު އިނގިރޭސި ފުލުހުން ހައްޔަރުކުރުމާއެކު ދެން ފެންނަން މިފެށީ ބޫން ލާފައި ރާގު ބަދަލުވާން ފެށިތަނެވެ. އޭގެ ގާތްގަނޑަކަށް ދެ ހަފުތާ ފަހުން ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހު ކުރެއްވި ޓްވީޓްގައި ސިޔާސީ ދަޢުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީ ފަހަތަށް ނުޖެހޭނެކަމަށް ވިދާޅުވެ އިންސާފުވެރި ޢަދުލުވެރި ޝަރުޢީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާނެކަމަށް ވިދާޅުވިއެވެ. އަދި އިރާދަފުޅުން ދައްކަން އުޅުނު ވާހަކަ ދައްކާނެ ކަމަށާއި އެނބުރި އަންނާނެކަމަށް ވިދާޅުވިއެވެ.

އޭގެ ދެ ދުވަސްފަހުން ސެޕްޓެމްބަރ މަހުގެ 12 ވަނަ ދުވަހު ކުރެއްވި ޓްވީޓާއެކު ހަމަހަގީގަތުގައިވެސް ރާގު ބަދަލުކުރެއްވުމުގައި އަލީ ވަހީދުގެ ހުނަރުވެރިކަން ހާމަވާން ފެށިއެވެ. ރައީސް ޔާމީންގެ މައްޗަށް އެމް.އެމް.ޕީ.އާރު.ސީ. މައްސަލައާ ގުޅުވާ ކުރެވޭނެ އެއްވެސް ދަޢުވާއެއް ނޯންނާނެ ކަމަށް ވިދާޅުވެ ޓްވީޓް ކުރެއްވިއެވެ. އަދި ޔާމީންގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ކުރެވުނު ތަހުގީގުގައި އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ނުކުރެވުނީ އެހެންވެ ކަމަށާއި ރައީސް ޔާމީން މިނިވަންކުރަންޖެހޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އޭރުގެ ސިޔާސީ ފަރާތްތަކަށް ކުރިމަތިވަމުންދިޔަ ކަންތައްތަކާއެކު އަމިއްލަފުޅަށް އިނގިރޭސިވިލާތަށް އަރުވާލެވިގެން ތިއްބެވި ސިޔާސީ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ އަލީ ވަހީދެވެ. އިނގިރޭސިވިލާތުގައި ހުންނަވާ ރައީސް ޔާމީންގެ ސަރުކާރު ނިމުމަކަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވި ބޭފުޅުންގެ ތެރޭގައި އަލީ ވަހީދުގެ ނަން ނުހިމެނި ހަމަގައިމުވެސް ނުދާނެއެވެ. ވަކިން ޚާއްސަކޮށް ޔާމީންގެ ސަރުކާރުގައި ހިންގަމުންދިޔަ ކޮރަޕްޝަންތަކާއި އެމްއެމްޕީއާރުސީގެ މައްސަލަ އެންމެ ބޮޑަށް ފެންމަތި ކުރެއްވުމަށް އެވާހަކަތައް ދެއްކެވި ބޭފުޅަކަށް އަލީ ވަހީދު ވާނެއެވެ. އޭރު އަލީ ވަހީދަށް ޔާމީނަކީ "ވަގެކެވެ". ނަމަވެސް މިއަދު ރާގު ބަދަލުވެ އެއީ މިނިވަންކުރަންޖެހޭ މީހަކަށް ވެއްޖެއެވެ.

ސެޕްޓެމްބަރ މަހުގެ 12 ވަނަ ދުވަހުގެ ޓްވީޓަށް ފަހު ބޫންލާފައި އަލީ ވަހީދު ގެންދަވަނީ ޓްވީޓްތައް ކުރައްވަމުންނެވެ. ޓްވީޓްތައް ސީދާ އަމާޒުވަމުންދަނީ އަލީ ވަހީދުގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް މައްސަލަ ފޮނުއްވި ޕްރޮސެކިޔުޓަރ ޖެނެރަލް ހުސައިން ޝަމީމާއި ރާއްޖޭގެ ޝަރުއީ ނިޒާމަށެވެ. ފަނޑިޔާރުންގެ ކަންކަން ބެލުމަށް ގާނޫނުން މަތިކޮށްފައިވާ ޖޭއެސްސީއަށެވެ. ކުއްލިއަކަށް އަލީ ވަހީދުގެ ބަހުގެ ހަމަލާތައް ޕީޖީއަށް އަމާޒުވާން ފަށާފައިވާއިރު ވަކި ތާރީޚުތައް ކަނޑައަޅުއްވާ ޕީޖީއާ މެދު މީގެކުރިންވެސް ކުރެވެމުންދިޔަ ތުހުމަތުތަކެއް ސާފުކޮށްދެއްވާނެކަމަށް އަންނަނީ ވިދާޅުވަމުންނެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވެނީ ވަރަށްވެސް ސީރިއަސް ތުހުމަތުތަކެކެވެ. އެފަދަ ތުހުމަތުތަކަކާއި އަޅާބަލާއިރު މިހާތަނަށް ހުރިހާ ހިސާބަކުންވެސް ފެނިފައިވަނީ ވަރަށް ފިނިގޮތަކަށް ކަންތައްތައް ކުރިޔަށް ގެންދިޔަތަނެވެ. އަލީ ވަހީދުގެ ކުށެއްނެތް ކަމަށް ސީދާ ސިޔާސީ އިސް ބޭފުޅުން ވިދާޅުނުވިޔަސް އެހެން ވިދާޅުވިފަދައެވެ. ނަމަވެސް ކުރެވޭ ތުހުމަތުތަކުން ބަރީއަވާނީ ކުރެވޭ ދައުވާތައް ސާބިތުނުވާކަމަށް ކޯޓުން ހުކުމްކުރުމުންނެވެ. އެކަން ކުރުމަށްޓަކައި އަލީ ވަހީދު ކޯޓަށް ވަޑައިނުގަންނަވާ ހުންނަވާ ކުއްލި އަކަށް މިކުޅެން ފެއްޓެވި ރާގަކުން ކަންކަން އަދި ވާން މިއުޅެނީ ކުރިން އަލީ ވަހީދު ވިދާޅުވަމުން ގެންދެވި ވަގުތު އައުމުން ކަންކަން އެނގިގެންދާނެކަމަށް ވިދާޅުވި ގޮތަށްތޯ ސުވާލު އެބައުފެދެއެވެ. ކުރެވޭ ސީރިޔަސް ތުހުމަތުތަކުން ބަރީއަވުމަށް މިހާތަނަށްވެސް ވިދާޅުވަމުން ގެންދެވީ އެއީ ސިޔާސީ ގޮތުން ފްރޭމް ކުރުންކަމަށެވެ. ސިޔާސީ ގޮތުން ފްރޭމް ކުރާނަމަ ސިޔާސީ ގޮތުން އެކަމުގެ އަޑީގައި ތިބީ ކޮންބައެއްކަން ހާމަކުރައްވަން އެބަޖެހެއެވެ.

އެތައް މުވައްޒަފުންތަކެއް ދެއްކި ވާހަކައިގެ ހަގީގަތް އަލީ ވަހީދު ހާމަކޮށްދެއްވަން ޖެހެއެވެ. އޭގެ ބަދަލުގައި ޕީޖީ ކުރައްވާ ކަންކަމާއި އެހެން މައްސަލަތަކުގައި ޕީޖީ އުފުލާފައިވާ ދައުވާތަކުގެ ވާހަކަތައް ހުއްޓާލަން އެބަޖެހެއެވެ. އެހެންނޫންނަމަ ބޫންބޫން ލާފައި ރާގަށް ތިގެންނަވާ ބަދަލުތަކުން އަދި ރައްޔިތުން އަޑުއަހަން ބޭނުންވާ ރާގުތަކެއް ނުނިކުންނާނެއެވެ. ފަހަރުގައި މިއީ އަލީ ވަހީދަށް މިހާރު އެންމެ ފައިދާ ހުރި ސިޔާސީ ކުޅިބަޔަށްވުން އެކަށީގެންވެއެވެ. އަދި އެކުޅިބައިގައި ހިމެނޭ މީހުން އަޑުއަހަން ބޭނުންވާ ރާގަކަށް ވެދާނެއެވެ. ނަމަވެސް ވަޒީރަކަށް ހުންނަވާ ކޮށްފައިވާކަމަށް ބުނާ ކަންކަމުން ދިފާއުވުމަށް މިއަށްވުރެ ބޮޑަށް މަސައްކަތްތަކެއް ކުރައްވަންޖެހެއެވެ. ވަކިން ޚާއްސަކޮށް މިހުރިހާ ދުވަހު ފަރުދާގެ ފުރަގަހުގައި ވީ ކީއްހޭވެސް އަހާނުލާ ހުންނަވާފައި ރާގު ތިޔަ ބަދަލުކުރާކުރުމާމެދު ސުވާލު އުފައްދާނެ ރައްޔިތުން ތިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
40%
0%
0%
40%
20%
0%
ކޮމެންޓް