ކޮވިޑް-19ގެ ޕެންޑަމިކްގައި ދެކުނު އެފްރިކާގައި މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް އެއް ދުވަހާ ކޮވިޑް ޖެހުނު ދުވަހަކީ ހުކުރު ދުވަސްކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހުކުރު ދުވަހު އެކަނި 24،000ށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު ދެކުނު އެފްރިކާއަށް ވަނީ ކޮވިޑްގެ ތިން ވަނަ ރާޅެއް މިހާރު ކުރިމަތިވެފައެވެ. ތިން ވަނަ ރާޅެއް ކުރިމަތިވިއިރު ވެކްސިން ދެވިފައިވަނީ އެންމެ 5 އިންސައްތަ މީހުންނަށެވެ.
ކޮވިޑްގެ ހާލަތު ދެކުނު އެފްރިކާގައި ގޯސްވަމުންދާއިރު ހޮސްޕިޓަލްތައް ބަލި މީހުންނާއިގެން އަންނަނީ ފުރެމުންނެވެ. އެގޮތުން ދެކުނު އެފްރިކާގެ އެންމެ ބޮޑު ސިޓީ ޖޮހުނަސްބާގްގެ ހޮސްޕިޓަލްތައް ފުރި ހާލު ބޮޑު ބަލި މީހުންނަށް ފަރުވާދިނުމުގައި ސިއްހީ އެހީތެރިންނަށް އަންނަނީ ދަތިތަކާ ކުރިމަތިވަމުންނެވެ.
އަނެއްކޮޅުން ސަރުކާރުން ގެންގުޅެމުންދާ ސިޔާސަތުތަކުގެ ސަބަބުންވެސް ކޮވިޑް ކޮންޓްރޯލްކުރުމަށް އަންނަނީ ދަތިތަކާ ކުރިމަތިވަމުންނެވެ. ދެކުނު އެފްރިކާގެ މެޑިކަލް އެސޯސިއޭޝަނުން ވަނީ 200ށް ވުރެ ގިނަ ޖޫނިއަރ ޑޮކްޓަރުންނަށް ވަޒީފާ ދިނުމަށް ސަރުކާރުން ދެކޮޅު ހެދުމުން ކޯޓަށް ދާނެކަމަށް ބުނެ އިންޒާރުދީފައެވެ. ސިއްހީ މަސައްކަތްތެރިންގެ ދަތިކަމާއެކުވެސް ސަރުކާރުން ވަނީ އެމީހުން ޑިޔުޓީތަކަށް ނެރުމަށް ދެކޮޅު ހަދާފައެވެ.
ދެކުނު އެފްރިކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 2 މިލިއަނަށްވުރެ މައްޗަށް އަރާއިރު މިބަލީގައި މަރުވި މީހުންގެ އަދަދު 60،000ށް އަރައެވެ. ވެކްސިން ޖަހަންޖެހޭ 60 މިލިއަން މީހުންގެ ތެރެއިން ވެކްސިން ދެވިފައިވަނީ 3.3 މިލިއަން މީހުންނަށެވެ.
އަނެއްކޮޅުން ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ މިހާރު ވަނީ އިތުރު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން ރެސްޓޯރެންޓްތަކުގައި ޑައިންއިން ކުރުން ކުރިޔަށް އޮތް ދެ ހަފުތާއަށް ވަނީ މެދުކަނޑާލާފައެވެ. މީގެއިތުރުން އެލްކޮހޯލް ވިއްކުންވެސް ވަނީ މެދުކަނޑާލާފައެވެ.
ސައިންސްވެރިން ބުނާގޮތުގައި ދެކުނު އެފްރިކާގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދަނީ ޑެލްޓާ ވޭރިއަންޓްގެ ސަބަބުންނެވެ.
އަނެއްކޮޅުން ގައުމުތަކަށް ވެކްސިން ލިބުމުގައި ދިމާވަމުންދާ ދަތިތަކާ ގުޅިގެންވެސް އެކަމުގެ އަސަރު ދެކުނު އެފްރިކާއަށް އަންނަނީ ކުރަމުންނެވެ. މުއްސަނދި ގައުމުތަކުން އެގައުމުތަކުގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ވެކްސިން ހިފަހައްޓައިގެން އުޅޭތީ ރައީސް ރަމަފޯސާ ވަނީ މީގެކުރިންވެސް އެކަމަށް ފާޑުވިދާޅުވެފައެވެ.