ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ 87 މަޖިލިސް މެންބަރުންނާއި ވަޒީރުންނާއި ސަރުކާރުން ދެންވެސް ބޭނުންވާ ބަޔަކާއެކު މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްދޭން ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އެދި ވަޑައިގެންފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ 2 އަހަރުގެ ދަރަނި 38 ބިލިއަނަށް އަރާފައިވާ ހަބަރާއެކު ސަރުކާރުންނާއި ޕީއެންސީން ކުރީ ސަރުކާރޭ ކިޔައިގެން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ ކުރީ ސަރުކާރު، ކުރީ ސަރުކާރު ކިޔާތާ މިހާރު 2 އަހަރު ވެއްޖެ ކަމަށެވެ. އެއްވެސް ހާސްކަމެއް ނެތް ކަމަށާއި، ހުސް ފެހި ސިގްނަލޭ ކިޔާފައި އައި މީހުން، އެއްކޮށް ގަބުވެ ދެން ކުރިޔަށް ދާނެ ގޮތެއް ނޭގި ތިބިކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ހައްލު ކުރެވުނު ކަމެއް ނެތް ކަމަށާއި، ހޯދުނު ކުރިއެރުމެއް ނެތް ކަމަށެވެ. އަދި ހުރިހާ ކަމެއް ގޯހުން ގޯހަށް ދާއިރު، މިދިޔަ ސަރުކާރުގައި ކުރިމަތިލާން ޖެހުނު ދަތިތަކާއެކުވެސް، މާލީ އަދި އިޤްތިސާދީ ސިޔާސަތު ގެންގޮސްފައިވާނީ ޖުމްލަކޮށް ރަނގަޅަށް ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ 2020 ވަނަ އަހަރު، ކޮވިޑްގެ ދަތިތަކާއެކު %33 ދަށަށް ދިޔަ އިޤްތިސާދު، 2021 ވަނައަހަރު %38 ކުރިއަރައި 2022 ވަނައަހަރު ކުރީކޮޅު އޮތީ ކޮވިޑް އައި އިރު އޮތް އިޤްތިސާދަށް ވުރެ ބޮޑު އިޤްތިސާދަކަށް ބަދަލުކޮށްފައި ކަމަށެވެ.
އަދި ކޮވިޑްގެ ވަބާއިން އަރައިގަނެ، އަމިއްލަ ފަރުދުންނާއި ވިޔަފާރިތައް ސަލާމަތްވީ އޭރު އެޅުނު މާލީ، އިޤްތިސާދީ އަދި އިޖްތިމާއީ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ އޭގެ ފަހުން އައި ޔުކްރެއިން-ރަޝިޔާ ހަނގުރާމައިގެ ސަބަބުން ދިމާވި ދަތިތައް ވެސް ވާނި ރައްޔިތުންނާއި ވިޔަފާރިތަކަށް އަސަރު ނުކުރާނެ ގޮތަށް މެނޭޖްކުރެވިފައި ކަމަށެވެ. އަދި މި ދަތިތަކާއެކުވެސް ރާއްޖޭގެ ތާރީޚުގައި ސަރުކާރަކުން ނުކުރާ މަސައްކަތްތައް ރަށް ރަށުގައި އޮންނާނީ ހިންގާފައި ކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު ވަނީ އެކްގައި ކުރެއްވި ޕޯސްޓުގައި ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތަކުގެ ލިސްޓެއްވެސް ހިއްސާކުރައްވާފައެވެ.
އަމީރު ވިދާޅުވީ ކޮވިޑްގެ ދުވަސްވަރު ދަށަށް ދިޔަ އިޤްތާސާދާއެކު، އާމްދަނީ ދަށަށް ދިޔުމުން ދަރަނި ނަގަން ޖެހުނު ކަމަށެވެ. އަދި މި ސަރުކާރުން ފާހަގަ ކުރާ 56 ބިލިއަން ރުފިޔާގެ ތެރެއިން 19 ބިލިއަން އަކީ ކޮވިޑާއެކު އިތުރުވި ދަރަނި ކަމަށެވެ. ކޮވިޑް ނެތްނަމަ ކުރީ ސަރުކާރުގެ ދަރަންޏަކީ 37 ބިލިއަން ކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ، އެވަރު މި ސަރުކާރުގެ 2 އަހަރު ނުވަނީސް މިހާރު އިތުރު ވެއްޖެ ކަމަށެވެ. 2 އަހަރުގެ ތެރޭގައި ތަރައްގީގެ ބޮޑު މަސައްކަތެއް ނުކޮށް އިގްތިސާދު ފުނޑުފުނޑުވަމުން ދާއިރު މި ސަރުކާރުގެ ދަރަނި ވަނީ 38.1 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައެވެ.
އަމީރު ވިދާޅުވީ ކުރި ކަމެއް، ހިންގި ޕްރޮޖެކްޓެއް ފެންނަ މީހެއް މި ޤައުމަކު ނެތް ކަމަށެވެ. އަދި ކުރީ ސަރުކާރާއި ކުރިމަތިލާން ޖެހުނު ދަތިތަކުން، އަރައިގަތީ ރައްޔިތުންނާއި ވިޔަފާރިތައް ސަލާމަތްކޮށްގެން ކަމަށާއި، އެއާއެކު ދެން ގެންނަންޖެހޭނެ ރިފޯމްތައް ދަނެގެން، ތައްޔާރުވެތިބެ ކަމަށެވެ. އަމީރު ވިދާޅުވީ މާލީ އަދި އިގްތިސާދީ ސިޔާސަތު ހިންގީ ވެރިކަން ބަދަލުވެގެން ދެން ހަވާލުވާނީ މަކަރުވެރި، ތަންދޮރު ނުދަންނަ ބަޔެއް ކަމަށް ބަލައިގެން ނޫން ކަމަށެވެ. އެހެންނަމަ ސިޔާސަތުތައް ބަދަލުކުރެއްވީސް ކަމަށް އަމީރު ވިދާޅުވިއެވެ.
ކުރީ ސަރުކާރު، ކުރީ ސަރުކާރު ކިޔާތާ މިހާރު 2 އަހަރު ވެއްޖެ. އެއްވެސް ހާސްކަމެއް ނެތޭ، ހުސް ފެހި ސިގްނަލޭ ކިޔާ އައި މީހުން، އެއްކޮށް ގަބުވެ ދެން ކުރިޔަށް ދާނެ ގޮތެއް ނޭގިފަ. ހައްލު ކުރެވުނު ކަމެއް ނެތް، ހޯދުނު ކުރިއެރުމެއް ނެތް. ހުރިހާ ކަމެއް ގޯހުން ގޯހަށް. މި ދިޔަ ސަރުކާރުގައި…
— Ibrahim Ameer 🇵🇸 (@iameeru) September 8, 2025
އަމީރު ވަނީ މުޅި މަޖްލިސް ކޮމިޓީއަކަށް، މޮޅު ވާހަކަ ނުދައްކާ ގެންދިއުމަށް އެދިވަޑައިގެންފައެވެ. އަދި އެ ކޮމިޓީގައި ސަރުކާރުގެ 87 މެމްބަރުންނާއި، ވަޒީރުންނާއި އަދިވެސް ގެންދަން ބޭނުން އެންމެން ގެންދިއުމަށް އަމީރު ވަނީ ސަރުކާރަށް ޗެލެންޖް ކުރައްވާފައެވެ. އަމީރު ވިދާޅުވީ މާލީ އިޤްތިސާދީ ސިޔާސަތު ހިންގި ގޮތާއި، ކާރިސާ ތަކާއެކު ގެނެވުނު ބަދަލުތަކާއި ދަރަނި ނަގަން ޖެހުން ގޮތާއި، ފައިސާ ޗާޕްކުރުމާއި، ހުރިހާ ވާހަކަތަކެއް ރަނގަޅަށް ދައްކަވާނެ ކަމަށެވެ. އަދި ސަރުކާރުން ހަދާ ދޮގުތައް ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށް އަމީރުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރ ނިމުނުއިރު ދިވެހި ދައުލަތުގެ ޖުމްލަ ދަރަނި 148.9 ބިލިއަން ރުފިޔާ އަށް އަރާފައިވާ އިރު ރައީސް މުއިއްޒުގެ ސަރުކާރުގެ ދެ އަހަރުގެ ދަރަނި 38.1 ބިލިއަން ރުފިޔާއަށް އަރާކަން މިނިސްޓްރީ އޮފް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މި ހިސާބުތަކަށް ބަލާއިރު، ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައި ފަހުން ނެގި ދަރަނި ވަނީ 38.1 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައެވެ. ފިނޭންސް މިނިސްޓްރީގެ "މީޑިއަމް ޓާމް ޑެޓް ސްޓްރެޓެޖީ 2025 - 2027" އިން އަންދާޒާ ކޮށްފައި އޮތް ގޮތަށް ބަލާއިރު، 2024 ނިމުނު އިރު ރާއްޖޭގެ ގައުމީ ދަރަނި 123.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. 2023 ވަނަ އަހރު ނިމުނު އިރު ގައުމީ ދަރަނީ ހުރީ 110.8 ބިލިއަން ރުފިޔާގައެވެ.
ފިނޭންސް މިނިސްޓްރީން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ނެރުނު ފިސްކަލް ސްޓްރެޓެޖީ ސްޓޭޓްމަންޓް 2024-2026 ގައި ވަނީ 2024 ވަނަ އަހަރު ނިމޭއިރު ގައުމީ ދަރަނި 129 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފަ އެވެ. ނަމަވެސް މިހާރުގެ އަންދާޒާ ތަކުން ދައްކާ ގޮތުގައި މިއަހަރު ދަރަނީގެ މިންވަރު 123.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި އެއީ ޖީޑީޕީގެ 114.1 އިންސައްތައާ އެއްވަރުވާ މިންވަރެއް ކަމަށް އެއިރު ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ޖުމްލަ ދަރަނީގެ 80.2 ބިލިއަން ރުފިޔާ އަކީ އެތެރޭގެ ދަރަނި ކަމަށާއި 43.2 ބިލިއަން ރުފިޔާ އަކީ ބޭރުގެ ދަރަނި ކަމަށް އެ ރިޕޯޓުގައިވެ އެވެ.
2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ދަރަނީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ޖުމްލަ ދަރަނީގެ ތެރޭގައި ހިމެނެނީ ސީދާ ދައުލަތުން ނަގާފައިވާ 127.8 ބިލިއަން ރުފިޔާ އާއި ދައުލަތުން ގެރެންޓީ ދީފައިވާ 21.1 ބިލިއަން ރުފިޔާގެ ދަރަންޏެވެ.