ޔޫރޯ ފުޓްބޯޅަ މުބާރާތެއް ނުވަތަ ވޯލްޑްކަޕެއް ކުރިއަށްދާއިރު އެންމެ މޮޅީ ކާކުހޭ އަދި އެންމެ މޮޅީ ކޮން ޓީމެއްހޭ އަހައި ބަލައި ސުވާލުކުރާ ގޮތަށް ސަޕޯޓަރުންގެ މެދުގައި އަދި އެހެން ބަހުސެއްވެސް ކުރިއަށްދެއެވެ. އެންމެ ރީތީ ކޮން ކުޅުންތެރިއެއްތޯ އާއި ރީތި ކުޅުންތެރިން އެންމެ ގިނައީ ކޮންޓީމެއްގައިތޯ އަދި އެންމެ ފެޝަން ޓީމަކީ ކޮބައި ކަމުގެ ބަހުސްވެސް މުބާރާތާ އެކުއެކީގައި ކުރިއަށްދެއެވެ. ސޯޝަލް މީޑިއާއިން ފެންނަ މިޒާތުގެ ބަހުސްތަކުގައި ދިވެހި އަންހެން ސަޕޯޓަރުންވެސް ޚިޔާލު ފާޅުކޮށް ހުކުމް އިއްވާތީ ފެނެއެވެ.
ބޮޑު މުބާރާތެއް ނިމިގެންދާއިރު ވަރަށް ގިނަ ފަހަރަށް ފެޝަނުން އެއްވަނަ ލިބޭ ޓީމަކީ އިޓަލީއެވެ. ދުނިޔޭގެ ފެޝަނުގެ ކޮށާރަކީ އިޓަލީ ކަމަށް ބުނެވެއެވެ. ގުޗީ އާއި އަރްމާނީއާއި މިހެންގޮސް ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ގިނަ ފެޝަން ބްރޭންޑުތައް ނިސްބަތްވާ ގައުމަކީ އިޓަލީއެވެ. މީގެ އަސަރު އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުންވެސް ވަރަށް ބޮޑަށް ފެނެއެވެ. ބައެއް ފަހަރު ގަޔަށް ބާރު ބޮޑީސޫޓުހެން ހީވާ ޖޯޒީ ލައިއުޅޭނެއެވެ. އަނެއްބައިފަހަރު ގަޔަށްދޫ ކުރުތާހެން ހީވާ ޖޯޒީވެސް ލައި އުޅޭނެއެވެ. ދެ މުބާރާތެއްގައި އެއް ސްޓައިލެއް ނުފެންނާނެއެވެ.
ބޮލުގެ އިސްތަށިގަޑު ވަކި ޑިޒައިނަކަށް ބެހެއްޓުމަށް އެންމެ އިސްކަމެއް ދެނީވެސް އިޓަލީގެ ކުޅުންތެރިންނެވެ. އެމީހުންގެ ޗޭންޖިން ރޫމަށް ވަންނަ މީހަކަށް އެންމެ ގިނައިން ފެންނާނީ ބޮލުގައި އުނގުޅާ ޒާތްޒާތުގެ ޖެލްތަކާއި ހަންގަނޑު ރީތިކުރާ އެކިކަހަލަ ކްރީމްތަކެވެ. އޭގެ ބައިވަރެެއް އޮވެއެވެ.
އެންމެ ރީތި ކުޅުންތެރިން ގިނަ ޓީމަކަށް ވުމުގެ ތަށިވެސް ގިނަ ފަހަރު އޭޝިޔާ ބައްރުގެ ސަޕޯޓަރުން ދީއުޅެނީ އިޓަލީއަށެވެ. ސްޕޭނާއި ތުރުކީއަކީވެސް މި ގިންތީގައި އިޓަލީއާ ވާދަކުރާ ޓީމުތަކެވެ. ޚާއްސަކޮށް އޭޝިއާ ބައްރުގެ އަންހެން ސަޕޯޓަރުންގެ ވޯޓު އެ ޓީމުތަކަށް ލިބެނީ އެއީ ދެކުނު ޔޫރަޕުގައި މެޑިޓެރޭނިއަން ކަނޑުގެ އައްސޭރީގައިވާ ގައުމުތަކަށް ވެފައި އެތަންތާގައި ދިރިއުޅޭ މީހުންގެ ހަމުގެ ރަތްދޮންކުލަޔާ ގަޔާ ވެވޭތީއެވެ.
ޔޫރަޕުގެ މެދުތެރެއާއި އުތުރު ޔޫރަޕުގެ ގައުމުތަކުން ފެންނާނީ އެއަށްވުރެ ހުދު ދޮން ކުލައެކެވެ. އެންމެ ފެޝަން ޓީމުގެ ދަރަޖައާއި ރީތި ކުޅުންތެރިން އެންމެ ގިނަ ޓީމު ކަމަށް ވުމުގެ މަގާމު އިޓަލީއަށް ލިބޭއިރު އެޓީމުގެ މިހާރުގެ ކޯޗު ރޮބާޓޯ މެންޗީނީއަކީ އެންމެ ފެޝަން ކޯޗެވެ. ފުޓްބޯޅަ ބަލައި އުޅޭ ގިނަ ދިވެހިންގެ ތެރޭގައި މެންޗީނީ މަޝްހޫރުވެފައި އޮންނަނީ ދޯފައްޓާ ކޯޗުގެ ނަމުންނެވެ.
ދޯފައްޓާ ކޯޗުގެ ނަމުން މެންޗީނީ މަޝްހޫރުވެގެން ދިޔައީ އިންގްލެންޑުގެ މެންޗެސްޓަރ ސިޓީގެ ކޯޗަކަށް އޭނާ ހުރި ޒަމާނުގައެވެ. މެންޗީނީގެ ކަރަށް މެންޗެސްޓަރ ސިޓީގެ މަޑުނުލާއި ހުދުކުލައިގެ ފޮށާ ޒާތުގެ ފޮތިކޮޅެއް މަހާލައިފައި އަބަދުވެސް އޮވެއެވެ. ދޯޕައްޓާއޭ ކިޔުނީ އެހެންވެގެންނެވެ. މިހާރު އިޓަލީ ކުޅޭ މެޗުތަކުގައިވެސް ބައެއް ދުވަސް ދުވަހު މެންޗީނީގެ ކަރުން އިޓަލީގެ ގަދަނޫކުލައިގެ ފޮތިކޮޅެއް ފެންނާނެއެވެ. އެއީ އިޓަލީގެ ޖޯޒީގެ ކުލަޔާއި އެއްގޮތް ކުރުމުގެ ގޮތުންނެވެ.
ކޮންމެއަކަސް ފެޝަން ކޯޗެއްގެ އިރުޝާދުގެ ދަށުން ފެޝަން ކުޅުންތެރިންނާއެކު މިފަހަރުގެ ޔޫރޯގައި އިޓަލީގެ ޓީމު ދަނޑުމަތީގައި ހަމައެކަނި މޮޑެލް ކުރަނީއެއް ނޫނެވެ. އެންމެ މޮޅަށް ކުޅެނީވެސް އިޓަލީއެވެ. މިހާތަނަށް މި ޔޫރޯގައި އިޓަލީ ދެ މެޗު ކުޅުނުއިރު އެ ދެ މެޗުންވެސް މޮޅުވީ ތިނެއް ސުމަކުންނެވެ. ބައިކޮޅަށް އެންމެ ގޯލެއްވެސް ނުވަދެ އެންމެ ގިނަ ގޯލް ޖަހާފައިވަނީވެސް އިޓަލީއެވެ.
ވަކިވަކި ކުޅުންތެރިންގެ އަމިއްލަ ފެޝަނާއި ހެއަރ ސްޓައިލަށް ވިސްނާއިރު މިފަހަރުގެ ޔޫރޯގައި މާވަރުގަދަ އައު ސްޓައިލެއް ނުފެނެއެވެ. އެންމެ އަޅައިގަންނަ ހެއަރ ސްޓައިލަކީ ކުރިންވެސް އެކި މުބާރާތްތަކުން ފެނި ބައުވެފައިވާ ސްޓައިލްތަކެވެ. ހެއަރ ސްޓައިލުގެ ގޮތުން މިފަހަރުވެސް އެންމެ ފާހަގަ ކުރެވެނީ ސްލޮވާކިއާގެ ކެޕްޓަން ހެމްސިކެވެ. ބޮލުގެ ދެއަރިމަތިން އިސްތަށިކޮޅު ބާލާފައި މެދަށް ހުންނަބައި ނަގައި ކޮޅަށް ޖަހާފައި ހުންނާތީ އޭނާ ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. މިއީ އަބަދުވެސް އޭނާ ހުންނަ ގޮތެވެ. މީގެ ފަސް އަހަރު ކުރީގެ ޔޫރޯގައި ވެސް އޭނާ ފެނުނީ މިގޮތަށެވެ. އިޓަލީގެ ކުލަބެެއް ކަމުގައިވާ ނާޕޮލީއަށް ކުޅުނު ޒަމާނުގައިވެސް ހުންނަނީ އެހެންނެވެ. މިހާރުވެސް ހަމައެހެންނެވެ. ބުނެވޭ ގޮތުގައި މި ސްޓައިލް އޭނާ ދަމަހައްޓަނީ އޭނާގެ އަންހެން ސަޕޯޓަރުންނަށް އެގޮތް ކަމުދާތީއެވެ.
ހެމްސިކްގެ މި ސްޓައިލް ކަމުގޮސްގެން އެގޮތް ނަކަލުކޮށްގެން އުޅޭ ވަރަށް މަޝްހޫރު އެހެން ކުޅުންތެރިޔަކުވެސް ދަނޑުމަތިން ފެނެއެވެ. އެއީ ޗިލީގެ މިޑްފީލްޑަރު ވިޑާލެވެ. ޗިލީއަކީ ޔޫރަޕުގެ ގައުމަކަށް ނުވާތީ މިފަހަރުގެ ޔޫރޯއަކުން ވިޑާލެއް ނުފެނެއެވެ. އޭގެ ބަދަލުގައި އޭނާ ފެންނަނީ މިހާރު ބްރެޒިލްގައި ކުރިއަށްދާ ދެކުނު އެމެރިކާގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް ކަމުގައިވާ ކޮޕާ އެމެރިކާއިންނެވެ.
ދިވެހިރާއްޖޭގައި ރާޅާއަޅާ ކުދިންނާއި ކުރަހާ ފަންނާނުންނާއި މިއުޒިކް ކުޅޭ ކުދީންގެ ތެރޭގައި ވަރަށް ކުރީއްސުރެ މަޝްހޫރުވެފައި އޮންނަ ހެއަރ ސްޓައިލެއް މިފަހަރުގެ ޔޫރޯގެ ތެރެއިންވެސް އެބަފެނެއެވެ. މި ސްޓައިލަކީ ހަގީގަތުގައި 80 ގެ އަހަރުތަކުގެ ފަހުކޮޅު ހޮލެންޑުގެ ކެޕްޓަން ރޫޑް ގުލިޓްގެ ފަރާތުން ތައާރަފުވި ސްޓައިލެކެވެ. ދިވެހި ފަންނާނުން ކޮޕީކުރީވެސް އޭނާގެ ކިބައިން ކަމަށް ހީކުރެވެއެވެ.
ޔޫރޯއިން މިފަހަރު ފެންނަ ކުޅުންތެރިންގެ ތެރެއިން މި ސްޓައިލް ދަމަހައްޓަނީ ޕޯޗުގަލްގެ ރެނާޓޯ ސަންޗޭޒް އާއި ބެލްޖިއަމްގެ ޑިފެންޑަރު ގްރެގަރީ ޑިނޭޔަރ އެވެ. އެ ދެކުޅުންތެރިން ފެނުނީމާ ބައެއް ފަހަރު ދިވެހި ފުޓްބޯޅައިގެ މަތިންވެސް ހަނދާންވާނެއެވެ. އެއީ ރަތް ޖޯޒީގައި ގަލޮޅު ދަނޑުންވެސް އެ ސްޓައިލަށް އިސްތަށިގަޑު ބަހައްޓައިގެން ކުޅުނު މަޝްހޫރު ދިވެހި ކުޅުންތެރިންތަކެއް ފެނިފައިވާތީއެވެ.