ކ. މާލެ
|
11 ޖޫން 2021 | ހުކުރު 14:55
އަންހެނުންނަށް ވުރެ ފިރިހެނުންނަށް ކޮވިޑްޖެހޭ މިންވަރު އިތުރު، އަދި ބަލީގައި ނިޔާވާ މީހުންނަކީ ވެސް ގިނައިން ފިރިހެނުން
އަންހެނުންނަށް ވުރެ ފިރިހެނުންނަށް ކޮވިޑްޖެހޭ މިންވަރު އިތުރު، އަދި ބަލީގައި ނިޔާވާ މީހުންނަކީ ވެސް ގިނައިން ފިރިހެނުން
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ކޮވިޑްގައި މީހުން ނިޔާވަމުން ދަނީ އުމުރަކަށް، ފަންތިއަކަށް، ގިންތިއަކަށް ބެލުމެއްނެތި
 
ގްރޭޓަރ މާލެ ސަރަހައްދުން ފެންނަ ކޭސްތަކުގެ އެނާލިސިސްއެއް ވަނީ ހަދާފައި

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ބޮޑެތި ގައުމުތައް ކުޑަކަކޫ މައްޗަށް ތިރިވަމުން ދާއިރު މި ކުޑަކުޑަ ދިވެހިރާއްޖެއަަށް ވެސް ކޮވިޑްގެ ބިޔަ، ބޮޑު ރާޅެއް މިވަނީ ބިންދާލާފައެވެ. ކޮވިޑްގެ ކޭސްތައް އިންތިހާއަށް އިތުރު ވެގެން ދިއުމާއެކު މި ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް ވެސް އިތުރުވަމުން ދަނީ ކަންބޮޑުވާންޖެހޭ މިންވަރަށެވެ.

ޚާއްސަކޮށް މާލެ ސަރަހައްދުން ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދާއި ބަލީގައި ނިޔާވާ މީހުންގެ އަދަދު އިތުރުވެގެން ދިޔައީ ނުހަނު އަވަހަށް ކުއްލިއަކަށެވެ. މިކަމުގެ ތަފްސީލުތައް ދެއްވުމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ އަހުމަދު ޝަހީދު ވިދާޅުވީ ގްރޭޓަރ މާލެ ސަރަހައްދުން ފެންނަ ކޭސްތަކުގެ އެނާލިސިސްއެއް ހަދާފައިވާ ކަަމަށެވެ.

މެއި މަހުގެ މެދުތެރެއިން ފެށިގެން 1000ން މަތިން ބައެއް ދުވަސްދުވަހު ކޭސްތައް އައީ ރިޕޯޓު ކުރެވެމުންނެވެ. ނަމަވެސް ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މި އަދަދުތައް ވަނީ ދަށަށް ދާން ފަށާފައެވެ. އެގޮތުން މިހާރު މާލެ ސަރަހައްދުން ޕޮޒިޓިވް ވަނީ 200 އެއްހާ މީހުންނެވެ. ޑޮކްޓަރ ވިދާޅުވީ އަސްލު ޕޮޒިޓިވްވާ މީހުންގެ އަދަދު މިއަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެއީ މި އަދަދަކީ ކޮންޓެކްޓް ޓްރޭސިންގ ހެދޭ މިންވަރަށް ވެސް އަދި އެކްޓިވް ސަރވައިލަންސް ހެދޭ މިންވަރަށް ވެސް ބަރޯސާ ވާ އަދަދުތަކަކަށް ވުން ކަމަށް ވިދާޅުވިއެވެ. މިފަހަރުގެ ރާޅުގައި ޚާއްސަކޮށް ކޭސްތައް ވަރަށް އިތުރުވެގެން ދިޔަ ދަނޑުވަޅުގައި ކޮންޓެކްޓް ޓްރޭސިންގ ހެދޭ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ޑޮކްޓަރ ވިދާޅުވީ މިހާރު އަދަދުތައް ދަށަށް ދިއުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރަން ފަށާފައިވާ ކަމަށެވެ.

އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދުތަކަށް ބަލާއިރު މެއި މަހުގެ މެދުތެރޭގައި ގާތްގަނޑަކަށް 250 އާއި 270އާ ދެމެދުގެ އަދަދެއްގެ މީހުންނަށް މާލެ ސަރަހައްދުން އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދިޔައެވެ. ނަމަވެސް މިހާރު ދުވަހަކަށް ވުރެ ދުވަހެއް ހޮސްޕިޓަލްގައި އަދި ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދުތައް ވެސް މިވަނީ ދަށަށް ދާން ފަށާފައެވެ. 8 ޖޫންގެ ނިޔަލަށް 130 މީހުން އެޑްމިޓްކޮށްގެން ދިޔައީ ފަރުވާ ދެމުންނެވެ.

މުޅި މި ޕެންޑެމިކްގެ ތެރޭގައި ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވީ މެއި މަހުގައެވެ. މިކަން ވެސް ސިއްހީ ތަޖުރިބާކާރުންގެ ޓީމަކުން ދިރާސާ ކުރައްވާފައިވާއިރު ޑޮކްޓަރ އަހުމަދު ޝަހީދު ވިދާޅުވީ މި ބަލީގައި ނިޔާވި މީހުން ފަރުވާ ހޯދަމުން ދިޔަ ބަލިތައް ބަލައި ދިރާސާ ކުރެވުނު ކަމަށެވެ. އެގޮތުން އޭޕްރީލް މަހުގެ 28ން ފަށައިގެން ޖޫން މަހުގެ 5 ވަނަ ދުވަހާ ހަމައަށް ނިޔާވި މީހުންގެ ބައެއް ތަފާސް ހިސާބުތައް ޑޮކްޓަރ ހިއްސާކުރެއްވިއެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖެއިން 111 މީހުން ނިޔާވެފައިވެއެވެ. ނިޔާވެފައިވާ މީހުންގެ އުމުރުފުރާތަކަށް ބަލާއިރު މި މުއްދަތުގައި 80 އަހަރުން މަތީގެ 30 މީހުން ވަނީ ނިޔާވެފައެވެ. އަދި 65 އަހަރާ 80 އަހަރާ ދެމެދުގެ 37 މީހުން ނިޔާވެފައިވެއެވެ. ނިޔާވި 60 އިންސައްތަ މީހުންނަކީ 65 އަހަރުން މަތީގެ މީހުންނެވެ. މީގެ އިތުރުން ނިޔާވި 30 އިންސައްތަ މީހުންނަކީ އުމުރުން 40 އަހަރާއި 65 އަހަރާ ދެމެދުގެ މީހުން ކަމަށް ވާއިރު 20 އިންސައްތައަކީ 40 އަހަރުން ދަށުގެ މީހުންނެވެ.

މިކަމުން ވެސް ހާމަވެގެން ދަނީ އުމުރުން ހަގު މީހުންނަށް ވެސް މި ބަލީގެ ނުރައްކާ ބޮޑު ކަމެވެ. މިއީ ވަކި އުމުރުން ދުވަސްވީ މީހުންނަށް ޖެހޭ ބައްޔެއް ނޫނެވެ. ނުވަތަ މި ބަލީގައި ނިޔާވަނީ ވެސް އުމުރުން ދުވަސްވީ މީހުންނެއް ނޫނެވެ. މި ބަލީގެ ނުރައްކާ ހަމަ ކޮންމެ މީހަކަށް ވެސް އެބައޮތެވެ. ނިޔާވި މީހުންނަށް ބަލާއިރު 60 އިންސައްތަ މީހުންނަކީ ފިރިހެނުންނެވެ. އަދި 40 އިންސައްތަ މީހުންނަކީ އަންހެނުންނެވެ. މިއީ ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކުގައި ހަދާފައިވާ ދިރާސާތައް ދައްކާގޮތުންނާ އަދި އެކިއެކި ދިރާސާތައް އެއްކޮށްގެން ހަދާފައިވާ އެނާލިސިސްތަކަށް ބަލާއިރު ވެސް ހަމަ ފާހަގަ ކުރެވޭ ޓްރެންޑެކެވެ. އަންހެނުންނަށް ވުރެ ފިރިހެނުންނަށް ކޮވިޑްޖެހޭ މިންވަރު އިތުރެވެ. އަދި ބަލީގައި ނިޔާވާ މީހުންނަކީ ވެސް ގިނައިން ފިރިހެނުންނެވެ.

ދިގު މުއްދަތަށް ފަރުވާ ކުރާ ބަލިތައް ހުންނަ މީހުންނަކީ ހައި ރިސްކް ކެޓަގަރީގެ މީހުންނެވެ. މި މުއްދަތުގައި ނިޔާވި 111 މީހުންގެ ތެރެއިން ގިނަ މީހުންގެ މި ހުންނަނީ ފަސް ވައްތަރެއްގެ ބަލިކަމަށް ފާހަގަވެފައިވާ ކަމަށް ޑޮކްޓަރ ހާމަކުރެއްވިއެވެ. އެގޮތުން ފާހަގަވީ ބަލިތަކަކީ ލޭ މައްޗަށް ދިއުން، ހަކުރު ބަލި، ހިތުގެ ބަލި، ސްޓްރޯކް ޖެހުން އަދި ކިޑްނީގެ ބަލިތައް ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް މިކަމާ ގުޅިގެން އެނަލިސިސްތަކާއި، ސަރވޭތަކާއި ރިސްރޗްތައް ހަދާފައިވާއިރު އިޓަލީ، އެމެރިކާ، ޗައިނާފަދަ ގައުމުތަކުގައި ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި މި ބަލިތަކަކީ އެގައުމުތަކުން ވެސް ކޮވިޑްގައި ނިޔާވި މީހުންގެ ތެރެއިން ގިނަބަޔަކު ފަރުވާ ހޯދަމުން ގޮސްފައިވާ ބަލިތަކެކެ. މި ބަލިތައް ހުރުމާ ކޮވިޑް-19ގައި ނިޔާވުމާ ގުޅުމެއް ވާކަމަށް ހެދިފައިވާ ދިރާސާތަކުން ދައްކާފައިވެއެވެ. އެހެން ބައެއް ބަލިތައް ކަމަށްވާ ކެންސަރ ބަލީގައި މި މުއްދަތުގައި ރާއްޖެއިން ތިން މީހަކު ނިޔާވެފައިވާއިރު ނިޔާވި މީހުންގެ 8 އިންސައްތަ އަކީ ފުއްޕާމޭގެ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން ދިޔަ މީހުންނެވެ.

ކޮވިޑްގައި ނިޔާވި މީހުންގެ ތެރެއިން 80 އިންސައްތަ މީހުންނަކީ އިސްވެ ބަޔާންކުރެވުނު ބަލިތަކުގެ ތެރެއިން މަދުވެގެން އެއް ބައްޔަށް ފަރުވާ ކުރަމުންދިއަ މީހުންނެވެ. 60 އިންސައްތަ މީހުންނަކީ ދިގު މުއްދަތަކަށް ފަރުވާ ހޯދަންޖެހޭ ދެ ބައްޔަކަށް ފަރުވަ ހޯދަމުން ދިޔަ މީހުންނެވެ. އަދި އެއްވެސް ބައްޔެއް ނެތް މީހުން ވެސް ކޮވިޑްގައި ނިޔާވެފައިވާއިރު އޭގެ ތެރެއިން 20 އިންސައްތަ މީހުންނަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން ދިޔަ ބައެއް ނޫން ކަމަށް ހެދުނު ދިރާސާތަކުން ވަނީ ދައްކާފައެވެ.

މީގެ އިތުރުން އޭޕްރީލް މަހުގެ 28ން ފެށިގެން ޖޫން މަހުގެ 5 ވަނަ ދުވަހާ ހަމައަށް ނިޔާވި މީހުންގެ ތެރެއިން ވެކްސިން ޖަހާފައިވަނީ 30 އިންސައްތަ މީހުންނެވެ. ނިޔާވި 111 މީހުންގެ ތެރެއިން 80 އިންސައްތަ މީހުންނަކީ ހައިރިސްކް މީހުންނަށް ވާއިރު 70 އިންސައްތަ މީހުން އެއްވެސް ޑޯޒެއް ނުޖަހާކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.

ކޮންމެއަކަސް ކޮވިޑް ބައްޔަކީ ވަކި މީހަކަށް، އުމުރަކަށް، ފަންތިއަކަށް ބެލުމެއްނެތި ބަލި ޖެހެމުން، މީހުން ނިޔާވަމުންދާ ބައްޔެއްކަން ކުރިން ފާހަގަކުރި ތަފާސް ހިސާބުތަކުން ހާމަވެއެވެ. އެހެންކަމުން މި ބަލިން ރައްކާތެރިވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެތައް ބަޔަކު ބަލީގައި ނިޔާވަމުން ދާއިރު މިކަމުން ރައްކާތެރިވެ، ބަލިން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް