ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދުނިޔެ އުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ވައިރަހުން ރައްކާތެރިވުމަށް ކުރަން ޖެހޭ ކަންކަން އެންމެންނަށްވެސް ހިތު ދަހެވެ. ވައިރަހާއެކު އުޅެންޖެހޭ ކަން އެންމެންނަށްވެސް އެނގެއެވެ. ނަމަވެސް ރާޅަކަށް ފަހު ރާޅެއް ހަމަ އަރަނީއެވެ. މުޅި ދުނިޔެ ހިސޯރުކޮށްގެން ވައިރަސް ރަސްކަން ކުރަމުންދަނީއެވެ.
އެރަސްކަމާއި ދެކޮޅަށް މުޅި އިންސާނީ ނަސްލު ކުރަމުންދާ ހަނގުރާމައިގައި އަދި ފުރިހަމަ ކާމިޔާބީއާ ހިސާބަކަށް ނުދެވެއެވެ. ކާމިޔާބީ ލިބެނީއޭ ހިތަށް އަރާ ހިންދެމިލާއިރު އޮންނަނީ ހަނގުރާމައިގެ ވިލާގަނޑު އަނެއްކާވެސް ވަށާލާފައެވެ. ނަމަވެސް އިންސާނާއަށް މިކަން އަދިވެސް ދަސްނުވާ ފަދައެވެ. ނުވަތަ ދުވަހަކުވެސް އުޅެން ބޭނުންނުވާ ގޮތަކަށް އުޅެން ޖެހުމުން މާބޮޑަށް ކަންފަސޭހަކޮށްލަނީއެވެ.
މީގެ އަހަރެއް ކުރިން ޗައިނާގެ ވޫހާނުން ކޮވިޑް-19 ފެނުމާއެކު ވައިރަހުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ވާހަކަ ސިއްހީ މާހިރުން ކިޔައިދޭން ފެށިއެވެ. ކޮންމެވެސް ވަރަކަށް މާސްކު އެޅުން ފަދަ ކަންކަމުގައި ދިން އިރުޝާދު ތަފާތުވި ނަމަވެސް ފަހުން މުޅި ދުނިޔެ ކަހަލަ ގޮތަކަށް އިއްތިފާގުވީ މާސްކު އަޅައިގެން އުޅެންޖެހޭ ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ އުޅޭނަމަ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް މީހުން ބަލިވެ އިންސާނުންގެ މަރުވެފައިވާ ހަށިތަކުން ބިންގަނޑު ފުރާލާނެ ކަމުގެ އިންޒާރު ދެމުންދިޔައެވެ.
ރާއްޖެއަށް ބެލިނަމަވެސް ދެމުން ދިޔައީ ހަމަ މި އިރުޝާދެވެ. ވައިރަހުން ރައްކާތެރިވުމަށް އަތްދޮވުމާއި މާސްކު އެޅުމާއި ގައިދުރުކުރުމާއި ކޮންޓެކްޓް ބަބްލް ކުޑަކުރުމެވެ. ވައިރަސް ހިފައިގެން ދާ މީހާއަށް ތިމާ ނުވުމެވެ. ފަރުދީ ޒިންމާ އަދާކުރުމެވެ. ފިޔަވަޅުތަކަށް ބޯނުލަނބާނަމަ މަރުވާނެ މީހުންގެ އަދަދުގެ އަންދާޒާއެއް އެންމެ ފުރަތަމަ ކުރިއިރުވެސް އަދަދު ހުރީ މަތީގައެވެ. އެކަމާއި ކަންބޮޑުވެ މީހުން ބިރުންވެސް އުޅުނެވެ. އެއީ މީގެ އެއް އަހަރު ކުރިއެވެ.
އޭގެ އެއްއަހަރު ފަހުން މިހާރުގެ ހާލަތަށް ބަލާއިރު އޭރު އަންދާޒާ ކުރި އަދަދު ވަނީ ގާތްގަނޑަކަށް ހަގީގަތަކަށް ވެފައެވެ. ނަމަވެސް މިއަދު މަންޒަރު ތަފާތެވެ. ވައިރަހާއެކު އަހަރެއްހާ ދުވަހު އުޅެންޖެހުމުން ކުރަން ޖެހުނު ތަޖުރިބާތަކާއެކު ވައިރަސް ދެކެ މީހުން ގަންނަ ބިރާއި ސަމާލުކަން ދޭ މިންވަރު ވަނީ ތަފާތުވެފައެވެ. ކޮވިޑްގެ ހަތަރު ވަނަ ރާޅު މިއަދު ގައުމަށް ބިންދާލާފައިވާއިރު ކުރިން އެރި ހުރިހާ ރާޅަކަށްވުރެވެސް މިރާޅު ބޮޑެވެ. އަދަދުތަކުން ފެންނަނީ އެކަމެވެ.
ދުވާލެއްގެ މައްޗަށް ވައިރަސް ޖެހޭ މީހުންގެ އަދަދު ހާހަކަށްވުރެ މައްޗަށް އަރާފާނޭ ހިތަށް އެރި މީހަކު މަދުވާނެއެވެ. ކުރިން ސަތޭކައިން މަތިން އަދަދުތައް ހުރިއިރުވެސް ތިބީ ބިރުން ކުރުސި ކިޔަވާލަ ކިޔަވާލައެވެ. ވައިރަސް ޖެހިގެން ދުވާލަކު ފަސްވަރަކަށް މީހުން މަރުވިޔަސް މާޔޫސްކަމާއި ހިތްދަތިކަން ވަށާލައެވެ.
ނަމަވެސް މިއަދު ދުވާލެއްގެ މައްޗަށް 10ށް ވުރެ ގިނަ މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަނީއެވެ. އެއީ ކިޔާލާ ނުވަތަ ލިޔެލާ އަދަދުތަކަށް ވިޔަސް ހަގީގަތަކީ އެއީ ކޮންމެވެސް ދިވެހި ރައްޔިތެކެވެ. އިންސާނެކެވެ. ކޮންމެވެސް މީހެއްގެ މަންމައެއް ނުވަތަ ބައްޕައެއް ނުވަތަ މާމަ އެއް ނުވަތަ ކާފައެކެވެ. ބޮޑު ބޭބެ ނުވަތަ ބޮޑު ދައިތައެވެ. އުމުރުން ދުވަސްވީ މީހުންގެ އާބާދީގެ ބޮޑު ބަޔެއް މިބަލީގައި ނެތިދަނީއެވެ. ގައުމު ބިނާކުރުމުގައި މުހިންމު ރޯލެއް އަދާކުރަމުންދިޔަ މީހުން މިބަލީގައި ދުނިޔެއާ އަލްވަދާއު ކިޔަނީއެވެ.
ބައެއް އާއިލާތަކުން ކޮވިޑް ޖެހިގެން އެއް ހަފުތާތެރޭގައި ދެ މީހުންވެސް ދުނިޔެ ދޫކޮށްފައި އެބަހުއްޓެވެ. ބައެއް އާއިލާތަކުން އެކަކަށްވުރެ ގިނަ މީހުން މިބަލީގައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ދުނިޔެ ދޫކޮށްފިއެވެ. މިއީ ދައްކަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. އަޑުއަހަންވެސް ހިތަށް ކެތްވާވަރުގެ ވާހަކައެއް ނޫނެވެ.
އެޗްޕީއޭއިން މެސެޖެއް އަންނައިރު ދުއާ ކޮށްލެވެނީ އެއީ މީހެއްގެ މަރުގެ ޚަބަރަކަށް ނުވޭތޯއެވެ. ފޯނަށް އަންނަ ނޮޓިފިކޭޝަންވެސް ބަލާލެވެނީ ހަމަ އެދުއާގެ މަތީގައެވެ. ރައްޓެއްސަކު މެސެޖެއް ކޮށްލިއަސް އާއިލާގެ މީހަކު މެސެޖެއް ކޮށްލިއަސް ދުއާއަކީ ހަމައެޔެވެ.
ކޮންމެ ދުވަހަކު ޑިޔުޓީ ފަށާއިރު ދުއާއަކީ މިއަދު ކޮވިޑް ޖެހިގެން މީހަކު މަރުވާ ޚަބަރު ލިޔަން ނުޖެހުމެވެ. އެޚަބަރު ކިޔަން ނުޖެހުމެވެ. ބައެއް ފަހަރު ލިޔަން ޖެހެނީ އަދި ކިޔަންޖެހެނީ ތިމާ ދަންނަ މީހެއްގެ ޚަބަރަށް ވުމުން އެކަން ކުރަން އަދި މާހިތްދައްޗެވެ. ނަމަވެސް ކުރަނީ ކީއްހެއްޔެވެ؟ މިއަދުގެ ހާލަތަކީ އެޔެވެ.
ދެން އޮތީ މިކަން މިހިސާބަށް އައީ ކީއްވެހޭ ކުރާ ސުވާލެވެ. އެނގޭހާވެސް ކަމަކީ މިއަދުގެ މިހާލަތު މިހިސާބަށް އައީ ކޮވިޑް-19 އަކީ ކޯއްޗެއްކަން ނޭނގިގެނެއް ނޫނެވެ. އެކި ހިސާބުތަކުން ނަގަންޖެހޭ ޒިންމާތައް ރަނގަޅަށް ނުނެގުމުންނެވެ. ވެރިންނާއި ރައްޔިތުންނެވެ. ޒިންމާގެ ވާހަކަ އެއްބަޔަކު އަނެއް ބަޔެއްގެ ބޮލަށް ޖަހާލާފައި ސަލާމަތްވެވޭކަށް ނެތެވެ.
ވައިރަސް ޖެހެނީ ވަކި މީހަކަށް ބަލައިގެނެއް ނޫނެވެ. މުޖުތަމައެއްގެ ސިފައިގައި އެންމެން ނަގަންޖެހޭ ޒިންމާ ނުނަގާނަމަ ކޮވިޑަކީ އެފަދަ މުޖުތަމައުތަކާއި ވަރަށް ރަށްޓެހި އެއްޗެކެވެ. ދުނިޔެއިން ފާއިތުވި އެއް އަހަރު ދައްކުވައިދިނީ އެމަންޒަރެވެ.
މިއަދު ހާލަތުވަނީ ދުވަހަކުވެސް ހުވަފެނުންވެސް ދެކެން ބޭނުންނުވާ ހިސާބުގައެވެ. ސިއްހީ މަސައްކަތްތެރިން ވަރުބަލިވެ އެނދުތައް ފުރިއްޖެއެވެ. ބަލި މީހުންނަށް ބޭނުންވާ ވަރަށް އެހީތެރިކަމެއް ނުލިބެއެވެ. ކަންކަން ފާލުން ނެއްޓޭ ހިސާބުގައި ހުރިހާ ކަމެއް އެބަވެއެވެ.
އެނގޭހާވެސް ކަމަކީ މިއީ އަތުވެދާނެ ކަމަށް ކުރިން އަންދާޒާކުރި އަދި އެވާހަކަތަކެއް ތަކުރާރުކޮށް ދައްކަމުންދިޔަ ވާހަކަތަކެއް ކަމެވެ. އެހެންވީމާ ދެން ރޯންވީހެއްޔެވެ؟ ނޫނީ ރުޅި އައިސްގެން އެކަކު އަނެކަކަށް ހަޅޭއްލަވަންވީ ހެއްޔެވެ؟ ނޫނީ ދެންވެސް މިކަމުން ސަލާމަތްވާން ކުރެވުނުގޮތަކުން މަސައްކަތް ކުރަންވީ ހެއްޔެވެ؟