ކ. މާލެ
|
21 ސެޕްޓެންބަރ 2017 | ބުރާސްފަތި 08:51
ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ނިމާލް ރައީސް ޔާމީނާއި ސަލާމްކުރައްވަނީ
ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ނިމާލް ރައީސް ޔާމީނާއި ސަލާމްކުރައްވަނީ
އަބުދުﷲ ނަސީރު އިބްރާހިމް
މަގޭ ރިޕޯޓް
ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟
 
އޮޑިޓް ރިޕޯޓުގައި ބައެއް މައުލޫމާތު އެއްވެސް މިންވަރަކަށް ހިމަނާފައެއް ނުވޭ
 
ފެނަކައަށް ތެޔޮ ވިއްކަމުން ގެންގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ބައެއް ކުންފުނިތަކުން
 
ޑޮލަރު ގަތުމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ތެޔޮ ގަތުމުގައި ހިންގި ކޮރަޕްޝަންގެ މައްސަލަތައް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވޭ

މި ސަރުކާރުގެ އެއްވެސް ކުންފުންޏަކީ، އެމްއެމްޕީއާރުސީގެ ވައްކަމަށް ދޫކުރާނެ ކުންފުންޏެއް ނޫންކަން އޮޑިޓަރ ޖެނެރަލް ހަސަން ޖިޔަތު ނެރުއްވި އޮޑިޓް ރިޕޯޓުން ހާމަވެ އެވެ. ވައްކަމާއި، ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވުމުގައި އެއް ކުންފުންޏަށް ވުރެ އަނެއް ކުންފުނި ކުރިއަރައި ގޮސްފައިވާ މިންވަރު އެ އޮޑިޓް ރިޕޯޓް ހާމަވެގެންދެ އެވެ. ކޮންމެ އަކަސް ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓްގައި ވަނީ އައު ވާހަކަތަކެއް ނޫނެވެ. މުޅި ރިޕޯޓުގައި ވެސް ފާހަގަ ކޮށްފައިވާ އެތައް މިލިއަން ރުފިޔާ އާއި ޑޮލަރުގެ ވައްކަމުގެ ވާހަކަތަކީ އިދިކޮޅު ފަރާތްތަކުން އެތަށް ދުވަހެއްވަންދެން ދައްކަމުންގެންދާ ބައު ވާހަކަތަކެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

 

ސަރުކާރުގެ ތެޔޮ ކުންފުނިން އަގު ހެޔޮކޮށް ތެޔޮ ވިއްކުމަށް ހުށައަޅާފައިވަނިކޮށް، އަމިއްލަ މީހުންނަށް ފައިދާތައް ވާގޮތަށް، ބޮޑެތި އަދަދުތަކުން ތެޔޮ ގަނެފައިވާ ވާހަކައާއި، ޑޮލަރު ގަތުމުގެ ނަމުގައި ހުއްދަވެސް ނުލިބޭ ކުންފުނިތަކުން ޑޮލަރު ގަނެ، ވައްކަން ކޮށްފައިވާ ވާހަކަތަކާއި، މަޝްރޫއުތައް ހަވާލުކުރުމުގައި އެ ކުންފުނިން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދީ، ބޮޑެތި އަދަދުތަކުން ފައިސާ ދޫކޮށްފައިވާ މައްސަލައިގެ ވާހަކަ މީގެކުރިން އިދިކޮޅު ފަރާތްތަކުން ވެސް ކަންބޮޑުވުމާއެކު ފާހަގަ ކޮށްފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެމްބަރުންނަށް، އެކި ދާއިރާތައް ބަހާލުމަށް ފަހު، ތެޔޮ ވިއްކުމުގެ ވިޔަފާރިތައް ހަވާލުކޮށް ބޮޑެތި ކަޓުތައް ނަގަމުންދާ ވާހަކަ އިދިކޮޅު ފަރާތްތަކުން ވަނީ މިގެ އެތަކެއް ދުވަހެއް ކުރިންވެސް ކަންބޮޑުވުމާއެކު ފާހަގަކޮށްފަ އެވެ. އެކަން މިހާރު އެ ވަނީ އޮޑިޓް ރިޕޯޓުގައިވެސް ކަށަވަރުކޮށްދީފަ އެވެ.

 

ސަރުކާރުގެ ތެޔޮ ކުންފުނި، އެފްއެސްއެމް ހިންގާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަދި ފެނަކައިގެ މެނޭޖިން ޑިރެކްޓަރ -- ފައިލް ފޮޓޯ؛ ސަން އޮންލައިން

 

ޕީޕީއެމްގެ ބައެއް މަޖިލީސް މެމްބަރުން، ތެލުގެ ވިޔަފާރިކޮށްފައިވަނީ އެސްޓިއޯގެ ތެޔޮ ބާޖުތަކުގައި ތެޔޮ އުފުލައި، އެސްޓީއޯގެ ވަސީލަތްތައް ބޭނުންކޮށްގެންކަންވެސް އިދިކޮޅު ފަރާތްތަކުން އޭރުގައި ފާހަގަކޮށްފައިވެއެވެ. ހަމައެކަނި އެ މަޖިލީސް މެމްބަރުންގެ ކުންފުނިތަކުން ކޮށްފައިވާ މަސައްކަތަކީ ތެޔޮ ވިއްކި ކަމުގެ ރަސީދު ތައްޔާރުކޮށްލުމުގެ މަސައްކަތްތެވެ. އެއީ މެމްބަރންނަށް ސަރުކާރުން ދެއްވި ހަދިޔާއެއްގެ ގޮތުގައި ބަޔެއް ބޭފުޅުން ވަނީ ސިފަކުރައްވާފަ އެވެ. އެގޮތުން ގަނޑުކޮށް މެމްބަރުންނަށް ފައިސާ ދެއްވުމުގެ ބަދަލުގައި ދާއިމީ ގޮތެއްގައި މެމްބަރުންނަށް ފައިސާ ލިބޭނެ ކޮޅުތައް ހަމަޖެއްސުމުގެ ގޮތުން އެންމެ ބޮޑަށް ވައްކަމުގައި ބޭނުން ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ކަމަށް އޭރުވެސް އިދިކޮޅު ފަރާތްތަށް ބުނަމުންގެންދިޔަ އެވެ.

 

އޮޑިޓަރ ޖެނަރަލް ހަސަން ޒިޔަތު ނެރުއްވި އޮޑިޓް ރިޕޯޓަށް ބަލާކަމުގައިވާނަމަ އެ ރިޕޯޓުގައި ވަނީ ބައެއް ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަތަށްކަން ސާފުވެއެވެ. ހާމަކޮށްފައި ވަނީ އަދި ކުޑަ މިންވަރެއްކަން ވެސް އެނގެ އެވެ. މުޅި ރިޕޯޓުގައި ވެސް ބޮޑެތި ވައްކަންތަކާއި، ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނެފައިވީ ނަމަވެސް އެ ހުރިހާ ފައިސާއަކާއި ޑޮލަރެއް ލިބުނު ކުންފުނިތަކާއި، ވައްކަމުގައި ބައިވެރިވި އެއްވެސް ފަރާތެއްގެ ނަމެއް އެ ރިޕޯޓުގައި ހާމަކޮށްފައެއް ނުވެއެވެ.

 

އުފެދޭ ސުވާލަކީ މިވަރުގެ ރިޕޯޓެއް މި ދަނޑިވަޅުގައި އާންމުކުރީ ކީއްވެތޯ؟ ސަރުކާރުގެ ކުންފުންޏަކުން ކޮށްފައިވާ މިވަރުގެ ބޮޑެތި ވައްކަންތަކެއްގެ ވާހަކަ އާންމު ކުރުމަށް ސަރުކާރުން އޮޑިޓަރ ޖެނަރަލަށް ފުރުސަތުދެއްވީ ކީއްވެތޯ؟ ބައެއް ވާހަކަތައް ނުހިމަނާ، ވަކި އަތޮޅުތަކަކާއި، ރަށްތަކެއް ހިމެނޭގޮތަށް މި ރިޕޯޓް އާންމުކުރީ ކޮން ކަމެއް ހާސިލްކުރުމަށްތޯ؟ ލ އަތޮޅަށް ނިސްބަތްވާ ޕީޕީއެމްގެ އިސް މަޖިލީސް މެމްބަރެއްގެ ހިއްސާ އޮންނަ ކުންފުޏަކާއި، ފެނަކަ އާއި ގުޅިގެން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާއިރު އެއިން އެއްވެސް މުއާމަލާތެއްގެ ވާހަކަ މި ރިޕޯޓްގައި ނެތީ ކީއްވެތޯ؟

 

މި ސަރުކާރުން މިހާތަނަށް ވެސް އަމަލުކޮށްފައިވާގޮތަށް ބަލާއިރު، އޮޑިޓް ރިޕޯޓްތަކަށް މި ސަރުކާރުން ފުރުސަތުދީފައިވަނީ ސަރުކާރުން ބޭނުންވާ ކޮންމެވެސް މަގުސަދެއް ހާސިލްކޮށް، މީހަކު ކުށްވެރި ކުރުމަށްކަން އެނގެ އެވެ. އެކަމުގެ ހެއްކަކަށް އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓް ފުދެ އެވެ. އަދީބް ކުށްވެރިކޮށް، އެމްއެމްޕީއާރުސީގެ ވައްކަން ނިމެނީ އަދީބާ ހިސާބުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މެމްބަރުތަކެއްވާކަމާއި، އެ މެމްބަރުންނަށް ފިޔަވަޅުތައް އަޅާނެކަމަށް ބުނެ ސަރުކާރުން އެތަށް ބިރެއް ދައްކާފައިވެއެވެ.

 

ހަމައެފަދައިން ފެނަކައިގެ އޮޑިޓް ރިޕޯޓު އާންމުކޮށް، ކުށްވެރިކޮށް ބިރުދައްކަން ބޭނުންވާނެ ބައެއް ސަރުކާރުގެ ރާޑަރުގައި ތިބޭނެކަމަށް ގަބޫލުކުރެވެއެވެ. އެހެން ކަމަށްވާނަމަ ފެނަކައިގެ ވައްކަންތަކުގެ ބައެއް ހާމަކޮށް ސަރުކާރުން މި ދަނޑިވަޅުގައި ކަތިލުމަށް ބޭނުން ވަނީ ކޮން ބައެއްތޯ މިއީ އުފެދޭ ބޮޑު ސުވާލެކެވެ.

 

ރާއްޖޭގެ އެކި ދާއިރާތައް ބަހާލުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހިއްސާވާ އަދި އެ ބެފުޅުންނަށް ފައިދާވާ ކުންފުނިތަކާއި ތެޔޮ ވިއްކުމާއި، ފެނަކައިގެ ޕްރޮޖެކްޓްތައް ދީފައިވާކަމަށް އަޑުތައް ފެތުރިފައިވާއިރު، ފެނަކައިގެ އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވަނީ ތ. އަތޮޅުގެ ވާހަކަ އެކަނި އެވެ. އެ އަތޮޅު ވާހަކަ ވަނީ ވަކިން ނުކުތާއެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ. ތ. އަތޮޅަށް ނިސްބަތްވާ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދަކީ ތެލުގެ ވިޔަފާރި ކުރައްވާ ބޭފުޅެކެވެ.

 

ރިޔާޒު ރަޝީދުގެ ހަރަކާތްތަކަށް ބަލާއިރު، އޭނާގެ ފަރާތުން ސަރުކާރު ދިފާއުކުރުމުގެ މީގެކުރިން ފެނިފައިވާ ފަދަ ހަރަކާތްތެރިކަމެއް މިހާރު އެއްވެސް މިންވަރަކަށް ނުފެނެއެވެ. ގިނަ ދުވަސްތަކެއްވަންދެން ރިޔާޒް ހުންނެވީ ތަސްވީރުން ގެއްލިފައެއް. ސިޔާސީ ކަންކަމުގައި އަދި ސަރުކާރު ދިފާއުކުރުމުގައިވެސް އެއްވެސް އެއްޗެއް ވިދާޅުނުވެ އެވެ.

 

ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު -- ފައިލް ފޮޓޯ:ރައްޔިތުންގެ މަޖިލީސް

 

މި ސަރުކާރަކީ، މި ސަރުކާރުގެ ދިފާއުގައި މަސައްކަތް ނުކޮށް، ހިޔާލު ތަފާތުވާ ފަރާތްތަކަށް ނޭވާއެއް ލުމަށް ވެސް ފުރުސަތުދޭން ބޭނުންވާ ސަރުކާރެއް ނޫނެވެ. ވަކިން ހާއްސަކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސަރުކާރާއި ހިޔާލު ތަފާތުވެއްޖެނަމަ އެ މެމްބަރަކަށް ސަރުކާރުން "ހޭ އަރުވާލާނެ" އެވެ. އެ ނަޒަރުން ވިސްނާ ކަމުގައިވާނަމަ މި އޮޑިޓް ރިޕޯޓަކީ ރިޔާޒް ފަދައިން ސަރުކާރުގެ ދިފާއުގައި އެހާ ގިނަ މަސައްކަތްތަކެއް ނުކުރައްވާ މެމްބަރުންނަށް ދިން ވަރުގަދަ އިންޒާރަކަށް ވެސްވެދާނެ އެވެ. ސަރުކާރުން ބޭނުންވާ ގޮތަށް ކަންތައް ނުކޮށްފިނަމަ އޮޑިޓް ރިޕޯޓްގައިވާ ކަންކަން ތަހުޤީޤްކޮށް، ހައްޔަރުކޮށް ޖަލަށްލާނެކަމުގެ ބިރުދައްކައިގެންނެވެ. އެހެންކަމަށްވާނަމަ މި ރިޕޯޓަކީ، ފެނަކައިގެ ވައްކަމުގައި ބައިވެރިވެ، އެ ކުންފުނީގެ ފޮނި މީރުކަން ނަމަހަގޮތުގައި ހޯދި ހުރިހާ ފަރާތްތަކަށް ވެސް ވަރަށް ވަރުގަދަ އިންޒާރެއް ކަމަށް ގަބޫލުކުރަންޖެހެ އެވެ.

 

ދެން އޮތީ މީގެ އަނެއްކޮޅެވެ. އިހުލާސްތެރިކަމާއެކު އޮޑިޓަރ ޖެނަރަލް ނެރުއްވި ރިޕޯޓަކަށްވުމެވެ. އެހެންކަމަށްވާނަމަ މަޤާމުގައި ހުންނަވަން ހަސަން ޖިޔަތަށް އޮތީ މަދު ދުވަސްކޮޅެކެވެ. އެހެނީ، ސަރުކާރާއި ދެކޮޅުވާ އެއްވެސް މީހަކު މަގާމެއްގައި ހުރުމަށް މާ ގިނަ ދުވަހެއް ސަރުކާރުންދީފައި ނުވާތީ އެވެ. އެކަމުގެ ހެއްކަކަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ފުދެ އެވެ. އެމްޕީއެލްގެ އޮޑިޓް ރިޕޯޓާއެކު ނިޔާޒް ވަނީ ބޭރުކޮށްލާފަ އެވެ. މިއީ ޒިޔަތު ވެސް އިހުލާސްތެރިކަމާއެކު ނެރުއްވި ރިޕޯޓަކަށްވާނަމަ ޒިޔަތުގެ މަޤާމު ވަރަށް އަވަހަށް ގެއްލޭނެ އެވެ. އަދި ޖަލުގައި އޮންނެވި އެއްބަފާ ކޮއްކޮ އަބްދުﷲ ޒިޔަތަށް ވުރެ ގޯސް ހާލަތެއް ޖެހިވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ.

 

ފެނަކައިގެ އޮޑިޓް ރިޕޯޓް ކޮންމެ ބޭނުމެއްގައި ނެރުނު ކަމުގައިވިނަމަވެސް ޔަޤީންވާ އެއްކަމެއް އޮވެއެވެ. އެ ވައްކަންތަކަކީ ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިގެން ހިންގަވާފައިވާ ވައްކަންތަކަކަށް ނުވާނެކަމެވެ. އެހެނީ، ސަރުކާރުން ކުންފުންޏެއް ބޭނުން ކޮށްގެން ކުރާ އެއްވެސް ވައްކަމަކީ އެމަނިކުފާނަށް އެނގިވަޑައިގެން ހިނގާފައިވާ ވައްކަންތަކަކަށް މިހާތަނަށް ވެސް ވެފައިނުވާތީ އެވެ. އެއިން ވައްކަމެއްގެ މައުލޫމާތެއް، އަދި އެއިން ވައްކަމެއްގެ ޒިންމާއެއް ހަމަ ހިލާ ރައީސް އަބްދުﷲ ޔާމީން އުފުލަވަން ޖެހިވަޑައިނުގަންނަވާނެ ކަމެވެ. ސަރުކާރުގެ ތެރެއިން ވައްކަމެއްކޮށްފިނަމަ އެ ވައްކަމެއް ވާނީ އެމަނިކުފާނަށް ނޭނގި ކޮންމެވެސް ބޭފުޅަކު ކުރައްވާފައިވާ ވައްކަމަކަށް އެންމެފަހުން ނިމޭނެތޯ އެވެ.

 

ކޮންމެއަކަސް ފެނަކައިގެ އޮޑިޓް ރިޕޯޓެއް އެ ވަނީ ހާމަކޮށްފަ އެވެ. އެއާއެކު ގިނަ ކަންތައްތަކެއް ފެންމަތިވެގެން އަންނާނެކަމަށް ބެލެވެ އެވެ. އަމިއްލައަށް ފަލީހަތްވާ މީހުން ޕޯޑިއަމްތަކުގައި އަމިއްލައަށް ފަލީހަތްވެ، ގެކޮޅަށް ފައިސާ ވަދެފައިވާކަމަށް އިއުތިރާފުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ކުރިއަށް ހުރި ދުވަސްތަކުގައި އަނެއްކާވެސް ލައްކަ ކަންތައްތައް ފެނަމތިވާނެކަމަށް ބެލެވެ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
100%
0%
0%
0%
0%
0%
ކޮމެންޓް