ކ. މާލެ
|
20 އޭޕްރިލް 2019 | ހޮނިހިރު 10:53
ރޯކޮށްލި ނުސްރަތު ޖަހާން ރަފީ
ރޯކޮށްލި ނުސްރަތު ޖަހާން ރަފީ
ބީބީސީ
ބަންގްލަދޭޝްގައި އަންހެނަކު ގައިގައި ރޯކޮށްލުން
ޖިންސީ ގޯނާ ރިޕޯޓް ކުރުމުން ރޯކޮށްލީ!
 
ރޯކޮށްލީ ސްކޫލަށް އިމްތިހާނު ހަދަން ގޮސް އުޅެނިކޮށް ފަސް މީހުންގެ ގުރޫޕަކުން
 
އަވަށުގަ އުޅޭ މީހުން ވަނީ އޭނާއަށް މައްސަލަ ނަގަން ބުނެ ފުރައްސާރަކޮށްފައި
 
ޖިންސީ ގޯނާގެ ތުހުމަތު ކުރެވެނީ ކިޔަވަން އުޅުނު މަދަރުސާގެ ހެޑްމާސްޓަރު

މި ފަހުން އަވަށްޓެރި ބަންގްލަދޭޝްގައި ހިނގި ހިތާމަވެރި ހާދިސާއެކެވެ. ވެރިރަށް ޑާކާގެ ދެކުނުން 100 މޭލެ ދުރުގައި އޮންނަ ކުޑަކުޑަ ފެނި އަވަށަށް ނިސްބަތްވާ އުމުރުން އެންމެ ނަވާރަ އަހަރުގެ ނުސްރަތު ޖަހާން ރަފީ މި ދުނިޔެ ދޫކޮށް ދިޔަ ހިތްދަތި ގޮތުގެ ވާހަކައެވެ. ނުސްރަތު ކިޔަވަމުން ދިޔަ ސްކޫލްގެ ހެޑްމާސްޓަރު އޭނާއަށް ޖިންސީ ގޯނާ ކުރި ވާހަކަ ރިޕޯޓް ކުރުމުގެ ބަދަލެއްގެ ގޮތުން އޭނާ ގައިގައި ރޯކޮށްލުމާ ގުޅިގެން ލިބުނު އަނިޔާތަކަށް ކެތް ނުވެގެން އެ ހިތްވަރުގަދަ އަންހެން ކުއްޖާ އެންމެ ފަހު ނޭވޭ ދޫކޮށްލީ އޭނާއަށް އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރާ ހާލުގައެވެ.

މާޗް މަހުގެ 26 ވަނަ ދުވަހު ނުސްރަތު ސްކޫލަށް ދިޔައީ އޭނާގެ މުޅި ހަޔާތް ބަދަލުވާނެ ދުވަހެއް ކަމުގައި ހީކޮށްގެނެއް ނޫނެވެ. ނަމަވެސް އެ ދުވަހު ކަންވީ ގޮތުން އޭނާގެ ފަހު ނޭވާއާ ހަމަޔަށް ނުސްރަތު އުޅެން ޖެހުނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ނުސްރަތުއަކީ ދީންވެރި އާއިލާއަކަށް ނިސްބަތްވާ އަންހެން ކުއްޖެއް ކަމުން އޭނާ ކިޔަވަން ދަނީ ފެނި އަވަށުގައި ހުންނަ އިސްލާމީ މަދަރުސާ އަކަށެވެ. އާދައިގެ މަތިން ސްކޫލަށް އުގެނެން ގޮސް އުޅެނިކޮށް ހެޑްމާސްޓަރުގެ އޮފީހަށް ގެންގޮސް އޭނާގެ ނުރުހުމުގައި ގަޔަށް އަތްލީއެވެ. އިތުރު ޖިންސީ ގޯނާއެއް ލިބުމުގެ ކުރިން ނުސްރަތު އެތަނުން ސަލާމަތްވެގެން ގޮސް ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކުރީއެވެ. ރަށުތެރޭގައި މައްސަލަ ގޯސްވީ ބަޔާން ދިން ވަގުތު ފުލުހުންގެ އޮފިސަރަކު ނެގި ވީޑިއޯ ލީކުވުމާއި ގުޅިގެންނެވެ.

މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމުން ޖެހިގެން އައި ދުވަހު ނުސްރަތު ކިޔަވާ މަދަރުސާގެ ހެޑްމާސްޓަރު ހައްޔަރު ކުރެވުނެވެ. ދެން ކަންވެގެން ދިޔަ ގޮތުން ހާމަވެގެން ދިޔައީ ބަންގްލަދޭޝް ފަދަ ގައުމުތަކުގައި ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަތައް ކަމާބެހޭ ފަރާތަށް ރިޕޯޓް ނުކުރާ ސަބަބެވެ. އެ ހިސާބުން މަދަރުސާގައި އުޅުނު ދެ ދަރިވަރަކު އިސްވެ ހެޑްމާސްޓަރު ދޫކޮށްލުމަށް މަގުތަކުގައި މުޒާހަރާ ކުރިއެވެ. މި މުޒާހަރާތަކުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ބައެއް ސިޔާސީ ފަރާތްތަކުން ވެސް ބައިވެރިވިއެވެ. ތުހުމަތުގެ އިނގިލި ރައްދުވީ ނުސްރަތު އަށެވެ. އެ ހިސާބުން އޭނާގެ ސަލާމަތާ ދޭތެރޭ އޭނާގެ އާއިލާއިން ވެސް ފިކުރު ބޮޑުވާން ފެށިއެވެ.

މި ހުރިހާ ކަމެއް މިހެން ހުއްޓާ ވެސް، އެޕްރީލް ހަވަނަ ދުވަހު ނުސްރަތު ނިންމީ އޭނާގެ ފަހު އިމްތިހާނުތަކުގައި ބައިވެރިވުމަށް މަދަރުސާއަށް ދާށެވެ. އެ ދުވަހު ނުސްރަތު ގޮވައިގެން ސްކޫލް ދޮށަށް ދިޔަ ނުސްރަތުގެ ބޭބެ އޭނާ ގޮވައިގެން މަދަރުސާ ތެރެއަށް ވަންނަން އުޅުމުން، އޭނާއަށް ހުރަސްއެޅިއެވެ. "އަހަރެން އެ ވަގުތު ނުހިފެހެއްޓި ނަމަ ކަންތައް އެހެން ނުވީސް" ނުސްރަތުގެ ބޭބެ މަހްމޫދުލް ހަސަން ނޫމާން ބުންޏެވެ.

ހަމަލާ ހިނގައި ދިޔަ ގޮތް ކިޔައިދެމުން ނުސްރަތު ބުނީ ސްކޫލަށް ވަނުމުން އޭނާގެ އެކުވެރި އަންހެން ދަރިވަރަކު މަދަރުސާގެ ޓެރަހުގައި އޭނާގެ އެހެން އެކުވެރިއަކަށް ބަޔަކު ހަމަލާ ދެނީ ކަމަށް ބުނެ އެތަނަށް ދާން އެދުނެވެ. ނަމަވެސް ޓެރަހަށް އެރުމުން ނުސްރަތުއާ ދިމާކޮށްލީ ބުރުގާ އަޅައިގެން ތިބި ފަސް މީހުންގެ ގްރޫޕެކެވެ. އެމީހުން ބުނަމުން ދިޔައީ ހެޑްމާސްޓަރާއި ދެކޮޅަށް ހުށައަޅާފައި އޮތް މައްސަލަ ނަގަން ޖެހޭނެ ކަމަށެވެ. މިކަންކަމަށް ނުސްރަތު އެއްބަސް ނުވުމުން އެ ފިނޑި މީހުންތައް އޭނާ ގަޔަށް ކަރާސީނު އަޅާ ރޯކޮށްލީއެވެ.

ނުސްރަތަށް ހަމަލާދިނުމަށް ފަހު އެ ސަރަހައްދުން އެ މީހުން ފިލައިގެން ދިޔައީ އޭނާ މަރުވާން ދޫކޮށްލާފައެވެ. ނަމަވެސް ކަން ވެގެން ދިޔަ ގޮތުން ނުސްރަތުގެ ކަރުން މަތީގައި ހުޅުހިފާފައި ނެތުމުން އެ ވަގުތު އޭނާ ސަލާމަތްވީއެވެ. ކަރާސީނު އަޅާލި މީހުންތައް އޭނާގެ ބޮލުގައި ހިފަހައްޓައިގެން ތިބުމުން ކަރާސީނު ނޭޅި ހުރީއެވެ.

ހޮސްޕިޓަލަށް ގެންދިޔަ އިރު އޭނާގެ ހަށިގަނޑުގެ 80 އިންސައްތަ އަނދާފައި ހުރުމުން އޭނާ އިތުރު ފަރުވާއަށް ފޮނުވާލީ ޑާކާ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށެވެ. ދިރިހުންނާނެ ކަމުގެ އުއްމީދު ކުޑަވުމުން އެމްބިއުލާންސްގައި ގެންދިޔަ ގަޑީގައި ނުސްރަތު ވަނީ އޭނާއަށް ހަމަލާދިން ގޮތުގެ ތަފްސީލް ކިޔައިދީފައެވެ. އަދި މި މަންޒަރު ވަނީ އޭނާގެ ބޭބެގެ ފޯނުން ރިކޯޑް ވެސް ކޮށްފައެވެ. އެ ހާލުގައި އޮވެގެން ވެސް ނުސްރަތު ބުނީ "މުދައްރިސު އަހަރެން ގަޔަށް އަތްލި. ފަހު ނޭވާއާއި ހަމައަށް ވެސް މި ކުށާ ދެކޮޅަށް ހަނގުރާމަ ކުރާނަން" އެވެ. މި ވީޑިއޯގައި އޭނާ ވަނީ އޭނާއަށް ހަމަލާދިން ބައެއް މީހުންގެ މައުލޫމާތު ވެސް ދީފައެވެ.

ނުސްރަތުގެ ޖަނާޒާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވި

ލިބުނު އަނިޔާއަށް ފަރުވާ ހޯދަމުން ދަނިކޮށް ނުސްރަތު މި ދުނިޔެ ދޫކޮށް ދިޔައީ އޭނާއަށް ހަމަލާދިން ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް އުއްމީދު ކުރަމުންނެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް 15 މީހަކު ހައްޔަރުކުރެވިފައިވާ އިރު، އޭގެ ތެރޭގައި އޭނާއަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވީ ހަ މީހަކު ވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނުސްރަތު ބަޔާން ދިން ވަގުތު ވީޑިއޯ ކުރި ފުލުސް މީހާ ވެސް ވަނީ މަގާމުގެ މައްސޫލިއްޔަތުން ދުރުކޮށް، އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފައެވެ.

ނުސްރަތުގެ މަރާ ގުޅިގެން ބަންގްލަދޭޝްގައި އެތައް ބަޔަކު މުޒާހަރާ ކުރަމުންދާ އިރު، އެ ގައުމުގެ ބޮޑުވަޒީރު ޝޭހް ހަސީނާ ވަނީ މި ހަމަލާގައި ބައިވެރިވި ހުރިހާ އެންމެންނަށް އަދަބު ލިބޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ދަނީ މިކަމާއި ދެކޮޅަށް އަޑުއުފުލުމަށް ފަހު، ޖިންސީ ގޯނާ ރިޕޯޓް ކުރާ ފަރާތްތަކަށް މިހާރަށް ވުރެ ރަނގަޅަށް ގާނޫނީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގޮވާލަމުންނެވެ.

ބަންގްލަދޭޝްގައި މިދިޔަ އަހަރުގެ ތެރޭގައި އެކަނިވެސް، ރޭޕްގެ 940 މައްސަލަ ހުށައެޅިފައިވާ އިރު، އަސްލު އަދަދު އުޅޭނީ މިއަށް ވުރެ މާ މަތީގައި ކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ އަންދާޒާ ކޮށްފައެވެ. ނުސްރަތުގެ މަރާ އެކު މުޅި ބަންގްލަދޭޝް އިންތިޒާރު ކުރަމުން އަންނަނީ އޭނާއަށް އިންސާފު ލިބޭނެ ދުވަހަކަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
100%
0%
0%
0%
ކޮމެންޓް