ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅިގެން އެއާޕޯޓުގެ ކާރު ކިއު އަށާއި އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ ކާރުތައް މަޑުކުރަންޖެހޭ ތަނަށް ބަދަލު ގެނެސްފި އެވެ.
މި ބަދަލު ގެންނަން ނިންމާފައިވަނީ 20 ޖުލައި 2025 އިން ފެށިގެން ކަމަށް އެމްއޭސީއެލް އިން ބުންޏެއެވެ.
މި ބަދަލާއެކު ޑޮމެސްޓިކް ޓާމިނަލް ކައިރިއަށް ކާރުތަކަށް މަޑެއް ނުކުރެވޭނެއެވެ. އޭގެ ބަދަލުގައި ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ ކާރުތައް މަޑުކުރާނީ އިންޓަނޭޝަނަލް ޓާމިނަލަށް އަންނަ ކާރުތައް މަޑުކުރަން ހާއްސަކޮށްފައިވާ ސަރަހައްދަށެވެ.
އަދި ހުޅުލޭގެ ދެކުނު ފަރާތުގައި އޮންނަ ކާރު ކިއު ޑޮމެސްޓިކް ޓާމިނަލް ކައިރީގައި އޮންނަ ކުރީގެ ކާގޯ ޓާމިނަލް ކުރިމައްޗަށް ބަދަލުކުރަން ވަނީ ނިންމައިފައެވެ. އެތަނުގައި ކިއު ބެލެހެއްޓުމުގެ ކަންކަން މި ކުންފުނީގެ އެސްޓޭޓް ސެކިއުރިޓީ ސާވިސަސް (އީއެސްއެސް) އިން ކުރިއަށް ގެންދާނެއެވެ.
މީގެ އިތުރުން ވީއައިއޭއަށް އަންނަ އެމްޓީސީސީގެ ބަސްތައް މަޑުކުރާނީ ކޯޕަރޭޓް އޮފީސް ފަހަތުގައި އޮންނަ ބަސް ހުއްޓިއަށް އެކަނި ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެއެވެ.
ވީއައިއޭގެ އައު ޓާރމިނަލް ޖުލައި 26 ވަނަ ދުވަހު ހުޅުވުމަށް ދަނީ މަސައްކަތް ކުރަމުންނެއެވެ.