Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2025 | ހޯމަ 14:57
ފުލުހަކު މަގުމަތި ބަލަހައްޓަނީ
ފުލުހަކު މަގުމަތި ބަލަހައްޓަނީ
ރާއްޖެއެމްވީ
ފޭރުމުގެ މައްސަލަ
ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށް ބުނާ އެއަރޕޯޓުން ގިނަ އަދަދެއްގެ ފައިސާ ހުރި ސޫޓް ކޭސް ފޭރުނު މައްސަލާގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކޮށްފި
އެއަރޕޯޓުން ގިނަ އަދަދެއްގެ ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގަތީ ހޯމަ ދުވަހުގެ ފަތިހު 4:45 އެހާކަންހާއިރު
ރާއްޖޭގެ މައި ވައިގެ ބަނދަރު ގައި ފޭރުމާއި ބޮޑު ވައްކަމެއްގެ ހާދިސާ ހިނގާފައިވާ އިރު ރާއްޖޭގެ މައި ކަނޑުގެ ބަނަދަރުން ވެސް ވަނީ 40 ފޫޓުގެ 2 ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނަގާފައި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ޓަރމިނަލް އެކަކަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން، ފައިސާ ހުރި ސޫޓް ކޭސްއެެއް ފޭރިގަތް މައްސަލާގެ ތުހުމަތު ގައި ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.

އެއަރޕޯޓުން ގިނަ އަދަދެއްގެ ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގަތީ ހޯމަ ދުވަހުގެ ފަތިހު 4:45 އެހާކަންހާއިރެވެ. ބޭންކެއްގެ ދެ މުވައްޒަފަކަށް ބިރު ދައްކައި، ފައިސާ ހުރި ސޫޓް ކޭސް ފޭރިގަނެފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބައެއް ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން މިނިސްޓަރު އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ވައްކަމުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ލޯންޗު ހޯދާފައިވާ ކަމަށާއި، ތުހުމަތުވާ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ގެއްލުނު ފައިސާ ހޯދުނު ކަމެއް ނުވަތަ ނޫން ކަމެއް ހާމަ ކޮށްފައިނުވެ އެވެ. އަދި އިތުރު ތަފްސީލެއް ވެސް ދީފައިނުވެ އެވެ.

އެކިއެކި މީޑީއާ ތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެއީ ފުރާ މީހުންނަށް ދޫކުރާ ފައިސާ މާރު ކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކައުންޓަރަށް ގެންދިޔަ ފައިސާ އެވެ. އެއީ ގާތްގަނޑަކަށް ލައްކާއެއްހާ ޑޮލަރު ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ.

މި ހާދިސާ އާ ގުޅޭގޮތުން މިހާތަނަށް ބީއެމްއެލުން އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައިނުވެ އެވެ.

އެއަރޕޯޓަށް ވަންނަން ދަނިކޮށް ފައިސާ ސޫޓް ކޭސްއެއް ފޭރިގަނެފައިވާއިރު، އެއަރޕޯޓުގެ ސެކިއުރިޓީ މިފަހުން ވެސް ވަނީ ވަރުގަދަ ކޮށްފަ އެވެ. އާއްމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމްއޭސީއެލުން މި އަހަރުގެ ކުރީކޮޅު ސެކިއުރިޓީ ބެލެހެއްޓުމަށް އައު ޑިޕާޓްމަންޓެއް އުފައްދާ ގިނަ އަދަދެއްގެ މުވައްޒަފުން ނަގައި ތަމްރީން ކޮށްފައިވެ އެވެ. މީގެ އިތުރުން އެއަރޕޯޓު ގައި ގިނަ އަދަދެއްގެ ފުލުހުންގެ އިތުރުން ސިފައިން ވެސް ހަރަކާތްތެރިވެ އެވެ.

ރާއްޖޭގެ މައި ވައިގެ ބަނދަރު ގައި ފޭރުމާއި ބޮޑު ވައްކަމެއްގެ ހާދިސާ ހިނގާފައިވާ އިރު ރާއްޖޭގެ މައި ކަނޑުގެ ބަނަދަރުން ވެސް ވަނީ 40 ފޫޓުގެ 2 ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނަގާފައެވެ.

- ކޮމެންޓް