ކ. މާލެ
|
29 އޮކްޓޯބަރ 2024 | އަންގާރަ 22:00
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު
ފެނަކަ ކޯޕަރޭޝަން
ފެނަކައިގެ ކުރީގެ އެމްޑީ ސައީދު
ފެނަކައިގެ ކުރީގެ އެމްޑީގެ ޕާސްޕޯޓް ހިފެހެއްޓުން: ފިލައިގެން ދާންޖެހޭ ސަބަބެއް ނެތް، މިއީ ވަކި ބަޔަކު ރުއްސަން ހިންގި ފިނޑި ޢަމަލެއް - ސަޢީދު
ސަޢީދު ވިދާޅުވީ މިއީ ސިޔާސީ މަޤްޞަދެއް ޙާޞިލު ކުރުމަށްޓަކައި އަބުރު ކަތިލުން ކަމަށް
ތަޙުޤީޤީ އިދާރާތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނަން

ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) އަހްމަދު ސައީދުގެ ޕާސްޕޯޓު ހިފެހެއްޓުމާ ގުޅިގެން، އޭނާއަކީ ފިލައިގެން އުޅޭ މީހެއް ނޫން ކަމަށާއި، ފިލައިގެން ދާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ސަޢީދު ވިދާޅުވެއްޖެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިގެން ސަޢީދުގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު، ޕާސްޕޯޓު ހިފަހައްޓާފައިވަނީ ކޮން މައްސަލައަކާ ގުޅިގެންކަން އޭސީސީން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއެމްވީ އާ ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވީ، މިއީ ސިޔާސީ މަޤްޞަދެއް ޙާޞިލު ކުރުމަށްޓަކައި އަބުރު ކަތިލުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

ފެނަކައިގެ އެމްޑީ ގެ މަގާމުގައި ހުންނެވި އިރު ކަރަޕްޝަންގެ އަމަލުތައް އެ ކުންފުނީގައި ހިންގާފައިވާ ކަމަށް އޭނާ އާ މެދު ކުރެވޭ ތުހުމަތުތައް ތަކުރާރުކޮށް ސައީދު ވަނީ ދޮގު ކުރައްވާފައެވެ.

"އަޅުގަނޑު ވަކި ކަމެއް ކޮށް، ރިޝްވަތުގެ ޢަމަލެއް އަދި ކޮރަޕްޝަންގެ ޢަމަލެއްވެސް ހިންގާފައެއް ނުވާނެ. މިއީ ވަކި ބަޔަކު ރުޅިއައިސްގެން ވަކި ބަޔަކު ރުއްސަން ހިންގާ ފިނޑި ޢަމަލެއް، ތަޙުޤީޤީ އިދާރާތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނަން،" ސަޢީދު ވިދާޅުވިއެވެ.

ސަޢީދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ލިބިފައި ނެތް ނަމަވެސް، އޭނާ ވަނީ ތަޙުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިއްހީ ފަރުވާއަކަށް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުން ފަރުވާ ހޯއްދެވުމަށް ފަހު ސައީދު މާލެ ވަޑައިގަތީވެސް އޭނާގެ މައްޗަށް ކަރަޕްޝަންގެ ތުހުމަތުތައް ކޮށް އެވާހަކަ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގަ އާއި އެނޫން ތަންތާނގައިވެސް ދައްކަމުން ދަނިކޮށްނެވެ.

ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ކަރަަޕްޝަންގެ ތުހުމަތުތައް ކޮށް އޭސީސީން ތަހުގީގު ހިންގަމުންދާ ކަމަށް ބައެއް މީޑިއާ ތަކަށް އޭސީސީން މައުލޫމާތު ދީފައިވާއިރު، މިހާރު ފެނަކައިން ހިންގާ ކަމަށް އާންމު ވެފައިވާ ކަރަޕްޝަންގެ އެއްވެސް މައްސަލަ އަކަށް އޭސީސީ އަކުން ވެސް އަދި ސަރުކާރަކުންވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

- ކޮމެންޓް