ކ. މާލެ
|
29 އޮކްޓޯބަރ 2024 | އަންގާރަ 20:40
ޝެއިޚް ނައީމް ގާސިމް - ހިޒްބުﷲ ގެ ސެކްރެޓަރީ ޖެނެރަލް
ޝެއިޚް ނައީމް ގާސިމް - ހިޒްބުﷲ ގެ ސެކްރެޓަރީ ޖެނެރަލް
ރޮއިޓާސް
ހިޒްބުﷲ
ހިޒްބުﷲ ގެ އައު ލީޑަރަށް އިޒްރޭލުގެ ދިފާއީ ވަޒީރު މަރުގެ އިންޒާރު ދީފި
"ވަގުތީ އައްޔަންކުރުމެއް. ވަގުތު ހިނގަން ފަށައިފި،" އިޒްރޭލުގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓް އެކްސްގައި ލިޔެފައިވޭ

ލުބުނާނުގެ ހިޒްބުﷲ އިން އަންގާރަ ދުވަހު ނައީމް ޤާސިމް އެ ޖަމާޢަތުގެ އައު ވެރިޔާގެ ގޮތުގައި އައްޔަން ކުރުމާއެކު، އިޒްރޭލުގެ ދިފާއީ ވަޒީރު އޭނާއަށް ނުސީދާ މަރުގެ އިންޒާރު ދީފިއެވެ.

ދިފާއީ ވަޒީރު ވިދާޅުވީ އޭނާގެ މަޤާމު އެއީ 'ވަގުތީ' އެއްޗެއް ކަމަށެވެ.

"ވަގުތީ އައްޔަންކުރުމެއް. ވަގުތު ހިނގަން ފަށައިފި،" އިޒްރޭލުގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓް ހިޒްބުﷲ ގެ އައު ލީޑަރު ޤާސިމްގެ ފޮޓޯއަކާއެކު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

އަންގާރަ ދުވަހު ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޖަމާޢަތުގެ "ޝޫރާ މަޖިލީހުން، 71 އަހަރުގެ ޤާސިމް، ސެކްރެޓަރީ ޖެނެރަލް ހޮވުމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އިންތިޚާބުކޮށްފި،" ކަމަށެވެ

ގާސިމް، ހިޒްބުﷲ ގެ ނައިބުގެ މަގާމަށް އިސްކުރީ 1991 ވަނަ އަހަރު އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި އައްބާސް އަލް މުސާވީ ހުންނެވި ދުވަސްވަރުއެވެ. އަލް މުސާވީ އިޒްރޭލުން ހަމަލާދީ އަވަހާރަކޮށްލީ 1992 ވަނަ އަހަރުއެވެ.

ހިޒްބުﷲ ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މީގެ ކުރިން ހުންނެވި ހަސަން ނަސްރުﷲ އަވާހަރަކޮށްލީ ވެސް އިޒްރޭލުގެ ހަމަލާއެއްގައެވެ. އެއީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.               

- ކޮމެންޓް