ޑިމޮކްރެޓިކް ވެރިކަމެއް ހިންގުމަށް އޮތް ތިން ބާރުވަކިވެފައިވާ ގާނޫނު އަސާސީގެ ކޮންސެޕްޓް ގެއްލުވާލާލުމުންނާއި ސަރުކާރުން ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމުން، އެ ހައްގުތައް ހޯދަން މުޒާހަރާ ކުރި މީހުންނާ މެދު އަނިޔާވެރިވެ ބިޑި އަޅުވާ ޖަލަށް ލާފައިވާއިރު މިދިޔަ ހޯމަ ދުވަހު ގިނަ އަދަދެއްގެ ފައިސާތައް ފޭރުނު މީހުން ކަމަށް ތުހުމަތު ކުރާ މީހުން ނަލަކޮށް ހިންގުވާފައި ގެންދިއުމުން ސަރުކާރަށާއި ފުލުހުންނަށް އާމުންގެ ފާޑިކިއުން އަމާޒުވެއްޖެ އެވެ.
ހޯމަ ދުވަހު ފަތިހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ވަދެ ބީއެމްއެލް މުވައްޒަފުން އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތުމަށް ފަހު ލޯންޗެއްގައި ފިލި ބަޔަކު ކ. ހުރާ އިން ހައްޔަރުކޮށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ފުލުހުން ހައްޔަރު ކުރި މީހުން ގެންދަނީ އަތުގައި ބިޑި ނާޅުވަ އެވެ.
ހައްޔަރު ކުރެވުނު 4 މީހުންނާ މެދު ފުލުހުން އަމަލުކޮށްފައިވަނީ އެއްވެސް ކުށެއްގެ ތުހުމަތެއް ނެތް ބަޔަކާ މެދު އަމަލުކުރާ ގޮތައް ކަމަށާއި އެމީހުން ފުލުހުންގެ މަރުކަޒަށް ގެންގޮސްފައިވަނީ ނަލަކޮށް ހިންގުވާފަ ކަމަށް ބުނެ އާމުންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ ފުލުހުންނަށާއި ސަރުކާރަށް ފާޑު ކިޔަމުންނެވެ.
އެގޮތުން ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ، އެ މަންޒަރުން ސިފަވަނީ ސީރިއަސް ކުށެއް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކޮށްގެން ގެންދާ ބަޔަކަށްވުރެ ރައްކާތެރިކަމާއި ހިމާޔަތް ދީގެން ގެންދާ ބައެއްގެ ގޮތުގައި ކަމަށެވެ. އަދި ފުލުހުންނަކީ ރައްޔިތުން ހިމާޔަތް ކުރުމާއި ރައްޔިތުންނަށް ހިދުމަތް ކުރަން ތިބި ބަޔަކަށް ވީއިރު މިކަހަލަ "ފީކަޅާ" އަމަލުތައް ފުލުހުންގެ ފަރާތުން ފެންނާތީ އެމީހުންނަށް އިތުބާރެއް ނެތް ކަމަށާއި މިއަށްވުރެ ކުދިކުދި ކަންކަމުގައި އަނިޔާވެރިކޮށް އަތްފައި ބިންދައިގެން ހައްޔަރު ކުރާ މަންޒަރު ފެނިފައިވާ ކަމަށް ވެސް އާމުން ސޯޝަލް މީޑިއާގައި ދަނީ ބުނަމުންނެވެ.
މިއީ ހާދަ ފައްކާ ހައްޔަރެއްގައި ތިބި ބައެކޭ، މުޒާހަރާ ކުރީމަ ފަހަތަށް ބިޑި އަޅުވާފަ ބިންމަތީގައި ދަމާފައި ގެންދަނީ. މިއީ އެކިޔާ ބެސްޓް ޕްރެކްޓިސް ދޯ ؟
ހައްޔަރު ކުރި މީހުން ގެންދާ ވީޑިއޯ ފޭސްބޫކްގައި ޝެއަރ ކުރި މީހަކު ލިޔެފައިވާ ލިޔުންކޮޅެއް![]()
މީގެ އިތުރުން ވެސް މި މަންޒަރު ފެނި ސޯޝަލް މީޑިއާގައި މީހަކު ބުނީ، މިއީ މިއަދު ގައުމުގެ ހާލަތު ކަމަށާއި އެތަނުން ކުށްވެރިއެއް ފާހަގަ ނުވާ ކަމަށެވެ. ރައީސް މުޢިއްޒު ރެކޯޑު ހެދުމަކުން އަދި ނިމުނީ ނޫން ކަމަށް އޭނާ ބުނެފައިވެ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފައިސާ ފޭރުނު މައްސަލާގައި ހައްޔަރު ކުރި 4 މީހުންގެ ބަންދަށް ކޯޓުން ޖަހާފައިވަނީ 5 ދުވަހެވެ. ނަމަވެސް ދާދިފަހުން އޮތް "ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާގައި ހައްގު ހޯދަން ނިކުތް މީހުން ހައްޔަރުކޮށް ކޯޓުން އެމީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފަ އެވެ. އަދި ހައްޔަރު ކުރި މާފުށީ ކައުންސިލުގެ ރައީސް ގެ އިނގިލި ވެސް ވަނީ ބިންދާލާފައެވެ. އޭގެ އިތުރުން މުޒާހަރާ ރޫޅާލަން ނުރައްކާތެރި ހަތިޔާރެއް ކަމަށް ވާ ސޮނިކް ޑިވައިސް ވެސް ވަނީ ބޭނުން ކޮށްފައެވެ.