ޤާނޫނީ ވަކީލުންގެ ސުލޫކީ ގަވައިދާ ޚިލާފުވުމާ ގުޅިގެން ދެ ވަކީލެއްގެ ހުއްދަ ބާ ކައުންސިލުން ހިފަހައްޓައިފިއެވެ.
ބާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ 2021 ވަނަ އަހަރު އެއްބަސްވުމެއް ނޯޓަރައިޒްކޮށް ދިނުމުގައި، އަލްއުސްތާޛާ މެހެނާޒް ޙުސައިންއަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ސިއްކަ ބޭނުންކޮށް، އަލްއުސްތާޛު ޒުންނަވާރު ސަލީމް އެ ސިއްކައިގައި އަލްއުސްތާޛާ މެހެނާޒް ޙުސައިންގެ ސޮއިކޮށް އެއްބަސްވުން ނޯޓަރައިޒްކޮށްފައިވާ ކަމަށް ބަޔާންކޮށް، އަލްއުސްތާޛާ މެހެނާޒް ޙުސައިން އަދި އަލްއުސްތާޛު ޒުންނަވާރު ސަލީމްއަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ ސުލޫކީ ޝަކުވާއާ ގުޅިގެން އަލްއުސްތާޛާ މެހެނާޒް ޙުސައިން އަދި އަލްއުސްތާޛު ޒުންނަވާރު ސަލީމްއަށް ފިޔަވަޅުއަޅައި، އެފަރާތްތަކަށް ދޫކޮށްފައިވާ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާ ޚިލާފަށް އަލްއުސްތާޛު ޒުންނަވާރު ސަލީމް އެއްބަސްވުމުގެ ބައިވެރިއެއްގެ ވަކީލެއްގެ ގޮތުގައި ޢައްޔަނުވެހުރެ އެއްބަސްވުނ ނޯޓަރައިޒްކޮށްދީފައިވާކަމާއި، އަލްއުސްތާޛާ މެހެނާޒް ޙުސައިނަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީގެ ސިއްކަޖަހައި، އަލްއުސްތާޛާ މެހެނާޒް ޙުސައިންގެ ސޮއި އަލްއުސްތާޛު ޒުންނަވާރު ސަލީމް ސޮއިކޮށްފައިވަނީ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގަވާއިދުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބާ ކައުންސިލުން ބުންޏެވެ.
އަދި އެ ޢަމަލުތަކަކީ ޕަބްލިކް ނޯޓަރީގެ ޚިދުމަތުގެ ޞައްޙަކަމާމެދު ޢާންމުންގެ މެދުގައި ސުވާލު އުފެދޭނެ ފަދަ ޢަމަލުތަކެއްކަމަށްވާތީއާއި އެ ޢަމަލުތަކުގެ ސަބަބުން ޢާންމު މުޖުތަމަޢުގައި ޤާނޫނީ ވަކީލުންނާއި ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާމެދު އިތުބާރު ގެއްލިދާ ނެކަމާއި އެއީ ޤަނޫނީ ވަކީލެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ ޢަމަލުތަކެއްކަން ފާހަގަކޮށް އެ ޢަމަލުތަކަކީ ޤާނޫނު ނަންބަރ: 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު)ގެ 39 ވަނަ މާއްދާގެ (ބ) އަދި 41 ވަނަ މާއްދާއާ ޚިލާފު ޢަމަލުތަކެއްކަމަށް މައްސަލަ ބެލި ޕެނަލުން ނިންމާފައިވާ ކަމަށް ބާ ކައުންސިލުން ބުނެފައިވެއެވެ.
އަލްއުސްތާޛާ މެހެނާޒް ޙުސައިން އަދި އަލްއުސްތާޛު ޒުންނަވާރު ސަލީމް ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 39 ވަނަ މާއްދާގެ (ބ) އަދި 41 ވަނަ މާއްދާއާ ޚިލާފުވެފައިވާކަމަށް ކަނޑައަޅައި، ޤާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާބެހޭ ގަވާއިދު)ގެ 19 ވަނަ މާއްދާގެ (ހ)ގެ 4 ވަނަ ނަންބަރުގެ ދަށުން، އަލްއުސްތާޛާ މެހެނާޒް ޙުސައިންގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ 12 މަސްދުވަހުގެ މުއްދަތަށް ހިފެހެއްޓުމަށާއި، އަލްއުސްތާޛު ޒުންނަވާރު ސަލީމްގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ 15 މަސްދުވަހުގެ މުއްދަތަށް ހިފެހެއްޓުމަށް ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ވަނީ ނިންމާފަ އެވެ.
ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓިފައިވާ މުއްދަތުގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ޤާނޫނީ މަސައްކަތްކޮށް ޤާނޫނީ ޚިދުމަތް ދިނުމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 28 ވަނަ މާއްދާ ގެ ދަށުން މަނާކަމެއް ކަމަށްވެސް ބާ ކައުންސިލުން ބުނެފައިވެއެވެ.