Advertisement
ކ. މާލެ
|
16 ސެޕްޓެންބަރ 2025 | އަންގާރަ 09:19
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރާއްޖެއެމްވީ
މީޑިއާ ބިލު
މީޑިއާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަގުތު ދިނުމަށް ބާ ކައުންސިލުން ގޮވާލައިފި
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާ ބިލު ފާސްކުރީ 72 އިސްލާހާއެކު
ނޫސްވެރިންނާއި މީޑިއާތަކަށް ފިޔަވަޅު އެޅޭގޮތަށް ބިލުގެ ބައެއް މާއްދާތައް އޮތްކަމަށް ބުނެ ނޫސްވެރިން އިހުތިޖާޖުކުރި

"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" (މީޑިއާ ބިލު) އަށް އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް އެކަށީގެންވާ ވަގުތު ދިނުމަށް ބާ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާނު ހުށަހެޅުއްވި އެ ބިލާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހޯމަ ދުވަހު ވަނީ އެ ބިލު ފާސްކޮށްފައެވެ.

ބާ ކައުންސިލުން ހޯމަ ދުވަހުގެރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ގާނޫނުއަސާސީގެ އުސޫލުތަކާއި ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބިލަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ބިލު ގާނޫނަކަށް ހެދުމުގެ ކުރިން ކަމާ ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކުރުމަށާއި އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް އެކަށީގެންވާ ވަގުތު ދިނުމަށް މަޖިލީހުގައި އެދިފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ހޯމަ ދުވަހު ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގެ ނާއިބު މުގައްރިރު، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވަނީ ބިލަށް 72 އިސްލާހު ހުށަހަޅުއްވާފައެވެ. މި އިސްލާހުތަކުގެ ތެރެއިން ނޫސްވެރިން ފާހަގަކުރި ބައެއް ކަންބޮޑުވުންތަކަށް ބަދަލު ގެނެސްފައިވީ ނަމަވެސް، އެންމެ މުހިންމު ކަންބޮޑުވުންތައް އަދިވެސް ދެމިއޮތްކަން ނޫސްވެރިން ފާހަގަކުރިއެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު އެމްޑީޕީގެ މެންބަރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވަނީ ބިލުގެ ހުރިހާ މާއްދާއެއް ވަކިވަކިން ވިދާޅުވެ، އެ މާއްދާތަކުގައި ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވައި، އެ މާއްދާތައް އުވާލުމަށް ހުށަހަޅުއްވާފައެވެ.

އަދި މީޑިއާތަކާއި ނޫސްވެރިންނާއި، ސޯޝަލް މީޑިއާގައި ޝާއިޢުކުރާ ޚިޔާލުތަކަށް ފިޔަވަޅު އެޅޭގޮތަށް ބިލުގެ ބައެއް މާއްދާތައް އަދިވެސް އޮތްކަން ފާހަގަކޮށް، ބިލު ފާސްނުކޮށް ބޭރުކޮށްލުމަށް ގޮވާލައި ކޮމިޓީ އަޑުއަހަން ވަޑައިގެން ތިއްބެވި ނޫސްވެރިން ވަނީ އިހުތިޖާޖުކޮށްފަ އެވެ.

- ކޮމެންޓް