ދިވެހިރާއްޖޭގެ ބާކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ ނައިބު ރައީސްކަމަށް އަލްއުސްތާޛް އިބްރާހިމް ޝަމީލް އިންތިހާބުކޮށްފިއެވެ.
އެގްޒެކެޓިވް ކޮމެޓިއަށް ނައިބު ރައީސާއި 2 މެންބަރުން އިންތިހާބުކުރުމަށް ބާ ކައުންސިލުން "ފަހިވޯޓު" މެދުވެރިކޮށް، އޮންލައިންކޮށް އިންތިހާބުގެ ދެވަނަ ބުރެއް ބާއްވާފައިވަނީ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.
ބާ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހިރާއްޖެގެ ބާ ކައުންސިލުގެ ހިނގަމުންދާ އެގްޒެކެޓިވް ކޮމެޓީގެ ނައިބު ރައީސާއި 4 މެންބަރުންގެ ދައުރު 14 ޖުލައި 2025 ގައި ނިމުމަކަށް އަންނާތީ، އެގްޒެކެޓިވް ކޮމެޓީއަށް މެންބަރުން ހޮވުމަށް 26 މޭ 2025 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެގްޒެކެޓިވް ކޮމެޓިގެ މެންބަރުކަމަށް ކުރިމަތިލި އަލްއުސްތާޛް ޢަބްދުއްﷲ ނާހިދު އަދި އަލްއުސްތާޛު އަޙްމަދު ޝާފިޢު ވަނީ އިންތިހާބުވެފައިވާކަމަށެވެ.
އަދި އެގްޒެކެޓިވް ކޮމެޓީއަށް މެންބަރުން އިންތިހާބުކުރުމަށް ކުރި އިއުލާނާއި ގުޅިގެން މަގާމުގެ ޝަރުތު ފުރިހަމަވާ 5 ކެނޑިޑެޓުން އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކޮށްފައިވާކަމަށާއި މި އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ 1086 ގާނޫނީ ވަކީލުން ކަމަށް ބާ ކައުންސިލުން ނެރުނު ނޫސްބަޔާނުގައިވެ އެވެ.
އެގޮތުން އެގްޒެކެޓިވް ކޮމެޓިގެ ނައިބު ރައީސްކަމަށް ކުރިމަތިލައްވާފައިވާ އިބްރާހިމް ޝާމިލް އަށް 291 ވޯޓު ލިބިފައިވާއިރު އެ މަގާމަށް ކުރިމަތިލި މަޢާޝާ ލުޠުފީ އަށް ލިބިފައިވަނީ 216 ވޯޓެވެ. އަދި ކޮމެޓިގެ މެންބަރުކަމަށް 3 ފަރާތެއް ކުރިމަތިލާފައިވާއިރު އެ މަގާމަށް ކުރިމަތިލި ސަމާހަތު ޢައްބުދެއްލަތީފް އަށް ލިބިފައިވަނީ 146 ވޯޓެވެ. އަދި ޢަބްދުﷲ ނާހިދު އަށް 294 ވޯޓު ލިބިފައިވާއިރު އަޙްމަދު ޝާފިއު އަށް ލިބިފައިވަނީ 284 ވޯޓެވެ.
އެހެންކަމުން ނިމިގެން މިދިޔަ އިންތިހާބުގެ ދެވަނަ ބުރުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓިއަށް ނައިބު ރައީސަކާއި 2 މެންބަރުން ވަނީ އިންތިހާބު ކުރެވިފައިވާކަމަށް އެ ކައުންސިލުން ވަނީ އިއުލާން ކޮށްފައެވެ.