ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން ކުރިމަތިވި އެއްވެސް ނުފޫޒަކަށް ބޯނުލަނބާ މިހާހިސާބަށް އާދެވުމުން އުފާކުރާކަމަށް ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރި މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަހާޒް ވިދާޅުވީ ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހޭ ކަމަށާއި އަދި ސުޕްރީމް ކޯޓުަގެ އެތެރެއިންނާއި ބޭރުން ކުރިމަތިވި އެއްވެސް ނުފޫޒަކަށް ބޯލަނބާފައި ނުވާނެކަމަށެވެ.
ގައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރި މަހާޒް ވިދާޅުވީ، ކުރިއަށްއޮތި އަދި މާއުފާވެރި ދުަވަސްތަކެއްކަމަށާއި ހިތްވަރުދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހޭ. ކުރި ހުރިހާ މަސައްކަތެއް ކޮށްފައިވާނީ ކުރާ ހިތުން. ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް އާދެވުމުން އުފާކުރަން. ކީރިތި الله އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތީ
— Mahaz Ali (@mahazalii) May 14, 2025
ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ވަކި ކުރައްވާފައި މިވަނީ މިމައްސަލަ މަޑު ޖައްސާލުމަށް ކަމާގުޅުންހުރި ބޭރުގެ ލޯފާމްތަކާއި، އެކި ޖަމިއްޔާތަކުން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ. އަދި މި ދެ ފަނޑިޔާރުން ވަކިކުރަންޖެހޭ ގާނޫނީ ހުއްޖަތެއް ދެއްކިފައެއް ނެތް ކަމަށާއި، މިއީ ކޮންގެންވާނެ ކަމެއް ނޫން ކަމަށް ގިނަ ގާނޫނީ ވަކީލުން ވިދާޅުވެފައިވެއެވެ. މިމައްސަލަ ކުރިއަށް ދިޔަ ގޮތާ ގުޅޭގޮތުން ބާރ ކައުންސިލްގެ ގިނަ ވަކީލުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށެވެ.
މަހާޒް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ނޫސްވެރިންނާއި ގާނޫނީ ވަކީލުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި ވަކިވަކި ފަރުދުންގެ ހައިސިއްޔަތުން ގާނޫނާ ޚިލާފަށް ހިނގަމުންދިޔަ ކަންކަމަށް ދެކޮޅުހައްދަވައި ފާޅު ކުރެއްވި އެންމެހައި ޝުއޫރުތަކަށް ވެސް ޝުކުރު އަދާ ކުރަށްވާކަމަށެވެ.