ރާއްޖޭގައި މިއަދު ކުރިއަށްމިދާ ހުރިހާ ކަމެއްގެ ޒިންމާ މިސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ނަންގަވަން ޖެހޭނެ ކަމަށާއި ވަގުތުން އިސްތިއުފާ ދެއްވުމަށް ޓެކްސީ ޑްރައިވަރުން ގޮވާލައިފި އެވެ.
މިނިސްޓަރ އަމީން ދިރިއުޅުއްވާ ގޭގެ ކައިރީގައި ޓެކްސީ ޑްރައިވަރުން ކުރިއަށްގެންދާ އިހްތިޖާޖުގައި ބުނެފައިވަނީ ޓެކްސީ ޑްރައިވަރުންގެ މައްސަލަތަކެއް ހުރި ކަމުގައިވާ ނަމަ އެކަމުގައި މަޝްވަރާކުރުމަށް އެދޭ ކަމަށެވެ. ނަމަވެސް މިނިސްޓަރ އަމީންގެ އިސްވެ ހުންނަވައިގެން ޓެކްސީ ޑްރައިވަރުންނާއި މަޝްވަރާ ކުރުމެއް ނެތި، ޓެކްސީ ޑްރައިވަރުންނަށް އިހާނެތިކޮށް ކަންތައް ނުކުރާނެ ކަމަށް ވިދާޅުވުމަށްފަހު، ޓެކްސީ ލައިންއެއް ތަޢާރަފްކުރަން ނިންމި ކަމަށް ޑްރައިވަރުން ދަނީ ބުނަމުންނެއެވެ.
މިހާރު ކުރިއަށް މިގެންދާ އަޑުއުފުލުންތައް ހުއްޓާނުލާއި ކުރިއަށްގެންދާނެ ކަމަށާއި، ސަރުކާރުން މިހުރިހާ ކަމަކަށް ހައްލު ބޭނުން ނަމަ ޑްރައިވަރުންގެ އަޑު އަހަންޖެހޭނެ ކަމަށް ޑްރައިވަރުން ދަނީ ބުނަމުންނެއެވެ. އަދި މިކުރިއަށްދާ އިޙްތިޖާޖުގައި ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ލިބޭނެ ގޮތަށް އިހްތިޖާޖް ކުރިއަށް ނުގެންދާނެ ކަމަށްވެސް ޑްރައިވަރުން ވަނީ ބުނެފައެވެ.
މިދާއިރާ ފުރިހަމައަށް ރެގިއުލޭޓްކޮށްދިނުމަށް މިނިސްޓަރަށް ދަންނަވާފައިވާނެ ކަމަށާއި ޓެކްސީ މީޓަރު ތަޢާރަފްކޮށްދިނުމަށް އެދުނު ނަމަވެސް އެކަންވެސްކޮށްނުދީ ޓެކްސީ ޑްރައިވަރުންގެ އަގު ވައްޓާލާ ޚިޔާނާތަށް މަގުފަހިވާ ގޮތަށް 80 މިލިއަން ހަރަދުކޮށްގެން 100 ކާރު ގެންނަން ސަރުކާރުން މަސައްކަތްކުރާ ސަބަބު ނޭނގޭ ކަމަށް ޑްރައިވަރުން ވަނީ ބުނެފައެވެ.
ސަރުކާރުން ތައާރަފުކުރަން ނިންމާފައިވާ ޓެކްސީ ލައިނުގެ ޚިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ. އަދި ސަރުކާރުން ޓެކްސީ ލައިންގެ ޚިދުމަތް ފަށާނީ 100 ޓެކްސީ އާއެކުގައެވެ. މިއާއެކު މިހާރު މި ޚިދުމަތް ދެމުންދާ މީހުންނަށް މިކަމުގައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށާއި، އާމްދަނީ އަށް ވަރަށް ބޮޑު އަސަރު ކުރާނެ ކަމަށް އެމީހުން ދަނީ ބުނަމުންނެވެ.
ސަރުކާރުން ވަކި ވިޔަފާރިއަކަށް ވަނުމަށް މަސައްކަތް ނުކުރާކަން ފާހަގަކުރައްވައި މިނިސްޓަރު އަމީން ވިދާޅުވީ ޓެކްސީ ޚިދުމަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ކަމަށާއި، މި ޚިދުމަތް ރައްޔިތުންނަށް ރަނގަޅަށް ނުދެވޭ ކަމަށެވެ.