Advertisement
ކ. މާލެ
|
19 ނޮވެންބަރ 2025 | ބުދަ 18:58
ސަރުކާރުގެ ޓެކްސީ ފްލީޓުގައި ހިމެނޭ ކާރުތައް ހުންނާނެ ގޮތް
ސަރުކާރުގެ ޓެކްސީ ފްލީޓުގައި ހިމެނޭ ކާރުތައް ހުންނާނެ ގޮތް
ސްކްރީން އިމޭޖް
ޓެކްސީ ލައިން
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
މާލެ ސަރަހައްދުގައި ޓެކްސީ ޚިދުމަތް ދިނުމަށް އެމްޓީސީސީއިން 285 ފުލްޓައިމް ޑްރައިވަރުންނާއި 122 ޕާޓްޓައިމް ޑްރައިވަރުން ނަގަން އިއުލާން ކޮށްފައިވޭ
ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ތިބި ފަރާތްތަކަށް އިސްކަންދެވޭނެ

ތަފާތު އެކި ތާރީހު ދިނުމަށްފަހު މިހާތަނަށް ވެސް ނުފެށި އޮތް ސަރުކާރުގެ ޓެކްސީތައް ދުއްވާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި އެވެ.

މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފަ އެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވުނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

އެމްޓީސީސީ އިން ކުރި އިއުލާނެއްގައި ވަނީ 285 ޑްރައިވަރުން 1 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް އަދި ޕާޓް ޓައިމްއަށް 122 ޑްރައިވަރުން ނެގުމަށް އިއުލާން ކޮށްފަ އެވެ. އިއުލާނުގައިވާ ގޮތުން 1 އަހަރުގެ ކޮންޓްރެކްޓަށް ނަގާ ޑްރައިވަރުން ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެވެ.

މިއިން އެއްވެސް ބައެއްގެ މުސާރައެއް ހާމަކޮށްފައި ނުވެއެވެ. ކޮންޓްރެކްޓް މުވައްޒަފުންގެ މުސާރައާއި އިނާޔަތުގެ ބައިގައި ޖަހާފައިވަނީ ކުންފުނިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ހަމަޖައްސާނެ ކަމަށެވެ. އަދި މަސައްކަތު ގަޑިއެއްގެ ގޮތުގައި ޖަހާފައިވަނީ ހަފްތާއަކު 6 ދުވަހު، ދުވާލަކު 8 ގަޑި އިރު ޑިއުޓީ ޝެޑިއުލްއާ އެއްގޮތަށެވެ.

އަދި ޕާޓްޓައިމް ޑްރައިވަރުންގެ މުސާރައިގެ ބައިގައި ޖަހާފައިވަނީ ސާވިސް ފީގެ މައުލޫމާތު ފަހުން ހިއްސަ ކުރެވޭނެ ކަމަށެވެ. މަސައްކަތު ގަޑިއެއްގެ ގޮތުގައި ޖަހާފައިވަނީ ހަފްތާއަކު އެންމެ ގިނަވެގެން 28 ގަޑިއިރު މަސައްކަތާއި ގުޅޭ ތަފްސީލު ފަހުން ހާމަ ކުރެވިގެންދާނެ އެވެ.

ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ލައިސަންސް ކެޓަގަރީ B1 ނުވަތަ B2 އޮތުމާއި، މިހިދުމަތައް ބޭނުންވާ ޑްރައިވަރުން ނެގުމުގައި މިވަގުތު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ގައި އެކުލެވިފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނޭ ކަމަށެވެ.

މީގެ އިތުރުން ކާރުތައް ސާފުކޮށް ބެލެހެއްޓުމަށް ކްލީނިންގ އެސިސްޓެންޓުންގެ ގޮތުގައި 26 މީހަކު ނެގުމަށް ވަނީ އިއުލާން ކޮށްފަ އެވެ.

މި މަގާމުތަަކަށް ކުރިމަތިލެވޭނެ ސުންގަޑިއަކީ ޑިސެމްބަރު 17 ވަނަ ދުވަހުގެ ދަންވަރު 11:59 އަށެވެ. އަދި ހުށަހަޅަންޖެހޭނީ އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށެވެ. މި މަޤާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއުކުރުން 2025 ޑިސެމްބަރ 18 ން 2026 ޖަނަވަރީ 15 އާ ދެމެދު ކުރިއަށް ގެންދެވޭނެ އެވެ.

މާލެ ސަރަހައްދުގައި ސަރުކާރުން ފެށުމަށް ނިންމާފައިވާ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ ފެބްރުއަރީ މަހު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ "ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104" މިނަމުގައި ސޯޝަލް ސެންޓަރުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވެފަ އެވެ. މިއީ މި ހިދުމަތް ފަށަން ސަރުކާރުން ދިން 3 ވަނަ ތާރީހެވެ.

އެންމެ ފުރަތަމަ މި ހިދުމަތް ފެށުމަށް ސަރުކާރުން ދިން ތާރީހަކީ ޖުލައި މަސް ތެރޭގަ އެވެ. ނަމަވެސް ސަރުކާރުން ބުނި ގޮތަށް ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ވެސް ހިދުމަތް ނުފެށި އޮގަސްޓް މަހުގެ މެދުތެރޭގައި ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި އެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް ހިދުމަތް ފަށާފައި ނުވާ އިރު މިކަމާއި ގުޅޭ ތަފްސީލެއް ވެސް ސަރުކާރުން ނުދެ އެވެ.

- ކޮމެންޓް