'ޓެކްސީ ނަފާ' ލޯނު ސްކީމުގެ ދަށުން ކާރު ހޯދަން އެދުނު ފަރާތްތަކަށް ކާރު ލޮލަށް ވެސް ނުފެންނަނީސް، އެއްބަސްވި ގޮތާ ޚިލާފަށް، ލޯނު ދައްކަން، މި ސްކީމުގެ ބައިވެރިންނަށް މުއިއްޒު ސަރުކާރުން އަންގާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
2023 ވަނަ އަހަރު އޭރުގެ ސަރުކާރުން "ޓެކްސީ ނަފާ" ގެ ނަމުގައި މާލޭ ޞަރަޙައްދުގައި ޓެކްސީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެސް.ޑީ.އެފް.ސީ މެދުވެރިކޮށް ލޯނުގެ ޕްރޮގްރާމެއް ވަނީ ހުޅުވާލާފައެވެ. މިސްކީމާ ގުޅިގެން އޭރުގެ ސަރުކާރުން ވަނީ މާލޭ ޞަރަޙައްދަށް ޓެކްސީ ކުރުމަށްޓަކައި ގެނެވޭ ކާރުތައް ރަޖިސްޓްރީ ކޮށްދިނުމަށް، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރމުގެ ޤަވާޢިދަށް އިޞްލާޙް ގެނެސް މިސްކީމުގެ ދަށުން ގެނެވޭ ކާރުތައް ރަޖިސްޓްރީކުރުމުގެ ފަހި ފުރުޞަތެއް ތަނަވަސް ކޮށްދީފައެވެ.
ނަމަވެސް އެސްކީމަށް ކުރިމަތިލާ ހޮވުނު އެއްވެސް ފަރާތަކަށް ލޯނު ދޫކުރުމުގެ ކުރިން ސަރުކާރު ބަދަލުވެ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން މަޖިލިސް އިންތިޚާބާ ދިމާކޮށް ލޯން ލިބުނު ބައެއް ފަރާތްތަކަށް ކާރު ގަތުމަށްޓަކައި "ކާރު އެމްވީ" ވެންޑަރ އަށް ވަނީ ފައިސާ ދޫކޮށްފައެވެ.
މި ސްކީމުގެ އެގްރީމެންޓް ބުނާ ގޮތުން ކާރު ރާއްޖެ އެތެރެކޮށް ރަޖިސްޓްރީ ކުރުމަކީ ވެންޑަރގެ ޒިންމާއެކެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި 12 ފަރާތެއްގެ ކާރު ގެނެސް ވަނީ ހަވާލުކޮށްފައެވެ. އެހެން ނަމަވެސް ކާރު ގެނައުމަށްފަހު ރަޖިސްޓަރީ ކުރުމުގެ މަރުހަލާގައި ވަނިކޮށް ޓްރާންސްޕޯޓް މިނިސްޓްރީން ކުއްލިއަކަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވައިދަށް ކުރީ ސަރުކާރުން ގެނައި ބަދަލު ބާޠިލްކޮށް، މި ސްކީމުގެ ދަށުން ގަންނަ ކާރު މާލެ ސަރަހައްދަށް ރަޖިސްޓަރީ ކުރެވޭނެ މަގު ވަނީ ބަންދު ކޮށްފައެވެ. އެފަރާތްތަކުން މިއަދާ ހަމައަށް ވެސް އެކާރުތައް ރަޖިސްޓަރީ ކުރެވޭނެ ގޮތެއް ނެތި ލޯނަށް އަންނަނީ ފައިސާ ދައްކަމުންނެވެ.
ކަންމިހެން އޮތް އިރު އަންގާރަ ދުވަހު ކުއްލިއަކަށް ބޭންކް އޮފް މޯލްޑިވްސް އިން މިލޯނަށް ކުރިމަތިލީ ބާކީ ތިބި ހުރިހާ ފަރާތްތަކުގެ 'ޓެކްސީ ނަފާގެ' ލޯން އެކައުންޓަށް 179،400.00 (އެއްލައްކަ ހަތްދިހަ ނުވަހާސް ހަތަރުސަތޭކަ ރުފިޔާ) ގެ ދަރަނި ހިމަނައި މަހަކު 6،840ރ (ހަ ހާސް އަށް ސަތޭކަ ސާޅީސް ރުފިޔާ) ދައްކަން ވަނީ އަންގާފައެވެ. މިގޮތަށް އެންގި އިރު ކުރިން ކާރު ގެނެސް ދިން 12 ފަރާތުގެ އިތުރުން ދެންތިބި ފަރާތްތަކުގެ ނަންމަތީގައި ކާރު ގެނެސްފައިވާ ކަމަށް ބުނެ، އެ ކާރުތައް 'ބީ' ޒޯނަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެފައިވާއިރު އެފަރާތްތަކަށް ކާރު ލޮލަށް ވެސް ފެނިފައި ނުވާ ކަމަށް މައުލޫމާތު ލިބިއެވެ. މިކަން މިހެން އޮތް އިރު އެފަރާތްތަކުން ސޮއިކުރި ލޯން އެގްރީމެންޓްގައި ބުނާ ގޮތުން ކާރު ރަޖިސްޓްރީ ކުރެވޭނީވެސް ހަމައެކަނި މާލޭ ޒޯން އަށެވެ. އެއީ 'އޭ' ޒޯންއެވެ.
މި ނޫހަށް ވާހަކަ ދެއްކި މި ލޯނަށް އެޕްލައި ކުރި ފަރާތަކުން ބުނީ، ކަނޑައެޅިގެން މަކާރާ ހީލަތުގެ ސްކީމަކަށް މިލޯން ސްކީމް މިހާރު ވަނީ ބަދަލު ކޮށްފައި ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ލޯނުގައި ބައިވެރިވި ފަރާތްތަކުން މިހާރުދަނީ ސަރުކާރުގެ މަކަރު ހީލަތުގެ މި ބޮޑު އޮޅުވާލުމުގެ މައްސަލަ ތަޙްޤީޤު ކޮށްދިނުމަށް އދި މޯލްޑިވްސް ޕޮލިސް ސާވިސް އަށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.
"ސަރުކާރަށް 02 އަހަރު ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވަނީ ޓެކްސީ ޑްރައިވަރުން ބާކީ ނުކުރާނެ ކަމަށް. އެކަމު ހެނދުނު ހޭލިއިރު މިއޮތީ ކާރު ނުލިބި ބޮޑު ލޯނަކަށް ފައިސާ ދައްކަން އަންގާފައި. އަޅުގަނޑު މިހާރުވެސް ޓެކްސީ ކުރަނީ ކާރަށް މަހަކު 9،000 (ނުވަހާސް ރުފިޔާ) ދައްކަކައިގެން. އަދި އޭގެ އިތުރުން މިހާރު އެބުނަނީ 7،000 (ހަތްހާސް ރުފިޔާ) ސަރުކާރަށް ދައްކާށޭ. މި މުޢިއްޒު އިސްވެ ހުރެ ރައްޔިތުން ފެލާލަނީ. މީ ވަރަށް ބޮޑު ސްކޭމެއް،" ލޯނު ލިބުނު ފަރާތަކުން ބުންޏެވެ.
އެހެން ޓެކްސީ ޑްރައިވަރަކު ކިޔައިދިން ގޮތުގައި ބޮޑު އަދަދަކުން ފައިސާ ނެގުމަށް ފަހު މިހާރު ވެސް ޓްރާންސްޕޯޓް މިނިސްޓްރީ ތެރެއިން މާލެ ސަރަހައްދަށް ކާރު ރަޖިސްޓަރީ ކޮށްދޭ ކަމަށެވެ.
"މިނިސްޓަރ އަމީން ކިޔާނެ މިހާރު ރަޖިސްޓަރީއެއް ނުވާނޭ. އަޅުގަނޑުމެންނަށް މިނިސްޓްރީ ތެރެއިން އެބަ އަންގާ 190،000 (އެއްލައްކަ ނުވަދިހަ ހާސް ރުފިޔާ) ދޭށޭ. ކާރު މާލެ ޒޯނަށް ރަޖިސްޓަރީވާނޭ. އެކަން އެނގޭނެ މާލޭގެ މަގުތަކުގައި ގަރާޖު ނެތި ރަޖިސްޓަރީ ބޯޑް ފަހު އަކުރުގައި 'ސީ' ޖަހާފަ 2000 ނަންބަރުން ފެށިގެން މަތީގެ ހުރިހާ ކާރަކީ މިނިސްޓަރ އަމީންގެ މިނިސްޓަރ ކަމުގައި ރަޖިސްޓަރީ ވެފައި ހުރި ކާރުތައް. ލަކްޒަރީ ޕްރައިވެޓް ކާރުތައް ރަޖިސްޓްރީ ވަމުން ދަނީ. އެކަމު އެކާރުތައް ހަމަ މަގުމަތީގައި ޕާކުކޮށްފައި ހުންނަނީވެސް. ނިކަމެތި ޑްރައިވަރުންނަށް އެހަދަނީ މިމީހުން އަތުގައި ބާރު އޮތީމާ ހަދާނެ ގޮތް. މިއަނިޔާވެރި ވެރިކަންވެސް ނިމޭނެ އަދި،" ޓެކްސީ ދުއްވާ ފަރާތަކުން މި ނޫހާ ވާހަކަ ދައްކަމުން ބުނެފައިވެއެވެ.