Advertisement
ކ. މާލެ
|
23 ނޮވެންބަރ 2025 | އާދީއްތަ 18:45
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ މިނިސްޓަރު މުހައްމަދު އަމީން
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ މިނިސްޓަރު މުހައްމަދު އަމީން
ރާއްޖެ އޮންލައިން
އާރްޑީސީ
ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!
ރާއްޖޭގެ ހަތް އަތޮޅުގައި އާރުޑީސީގެ އެއްވެސް މަޝްރޫއެއް ނުހިނގާ
ޕީއެންސީ މަޖިލިސް މެންބަރުން ވެސް އެ މެންބަރުންގެ ދާއިރާގައި މަޝްރޫއުތައް ކުރިއަށް ނުދާތީ ކަންބޮޑުވުން ފާޅުކުރޭ

ރާއްޖޭ ގެ އެންމެ އުތުރުން ފެށިގެން ގޮސް އައްޑު އަތޮޅާ ހަމައަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މަޝްރޫއުތައް ކުރިއަށް ނުދާ އެއްވެސް ދާއިރާއެއް ނެތް ކަމަށް ވިދާޅުވެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދޮގު ހައްދަވައިފި އެވެ.

އާރްޑީސީ ގެ 6 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި ހޮނިހިރު ދުވަހު ގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ތުރާކުނުން ފެށިގެން އައްޑު އަތޮޅާ ހަމައަށް އެ ކުންފުނީ ގެ ފަރާތުން ހިންގާ މަޝްރޫއުތައް ކުރިއަށް ނުދާ އެއްވެސް ދާއިރާއެއް މި ގައުމުގައި ނެތް ކަމަށެވެ.

މިނިސްޓަރު އެހެން ވިދާޅުވި ނަމަ ވެސް އާރުޑީސީ ގެ ރަސްމީ ވެބްސައިޓު ގައި ހިމެނޭ މައުލޫމާތުން އެކަނި ވެސް އެއީ ދޮގެއް ކަން ހާމަ ވެއެވެ. އާރްޑީސީ ގެ ވެބްސައިޓު ގައި ވާ ގޮތުން އައްޑު އަތޮޅާއި، ފ. އަތޮޅު، ބ. އަތޮޅު، ކ. އަތޮޅު، އއ. އަތޮޅު، ވ. އަތޮޅު އަދި ޏ. އަތޮޅު ގައި އާރުޑީސީގެ އެއްވެސް މަޝްރޫއެއް ނު ހިނގަ އެވެ.

މީގެ އިތުރުން، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ވަނީ އެ މެންބަރުން ގެ ދާއިރާ ގައި މަޝްރޫއުތައް ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

އެގޮތުން ރައީސް މުއިއްޒުގެ ސަރުކާރުން ގދ. މަޑަވެއްޔަށް މިހާތަނަށް އަދި އެއްވެސް ކަމެއް ކޮށްދެވިފައި ނެތް ކަމަށާއި މިވަރުން އަތް ޖެހެން ނެތް ކަމަށް ޕީއެންސީ އަށް ނިސްބަތްވާ މަޑަވެލި ދާއިރާ ގެ މެންބަރު މުހައްމަދު ޝަމީޒް ވިދާޅުވި އެވެ.

މެންބަރު ޝަމީޒް ގެ އިތުރުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ވެސް ވަނީ މި ސަރުކާރުން އެ މެންބަރު ގެ ދާއިރާގައި މަޝްރޫއުތައް ނުހިންގާ ކަމަށް ވިދާޅުވެފަ އެވެ. އަދި މާފުށީ ދާއިރާ ތަމްސީލު ކުރާ ޕީއެންސީގެ މެންބަރު ހުސައިން ރިޒާ އާދަމް ވެސް ވަނީ މާފުށީ ދާއިރާ ގައި ވެސް މަޝްރޫއުތައް ނުހިނގާ ކަމަށް އެއްބަސްވެ ވަޑައިގެންފަ އެވެ.

އޭގެ އިތުރުން ސަރުކާރަށް ނިސްބަތްނުވާ މެންބަރުން ވެސް އެ މެންބަރުންގެ ދާއިރާގެ ޕްރޮޖެކްޓު ތައް ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އެގޮތުން މިކަމުގެ ކަންބޮޑުވުން ވެލިދޫ ދާއިރާ ގެ މެންބަރު މުހައްމަދު އައްބާސް ވެސް ވަނީ އެކި ފަހަރު މަތިން ފާޅު ކުރައްވާފަ އެވެ.

ރައްޔިތުންނަށް ސައްހަ މައުލޫމާތު ދިނުމަކީ ސަރުކާރު ގެ އިސް ބޭފުޅުން ގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް ވީއިރު އެންމެ ކުދި ކަންކަމުން ފެށިގެން ގޮސް ރައްޔިތުންނާ ގުޅުން ހުރި މުހިއްމު ކަންކަމުގައި ވެސް ސަރުކާރުން އޮޅުވާލާތީ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔުން އަމާޒު ކުރަމުންނެވެ.

- ކޮމެންޓް