އޮޅުވާލައިގެން ދަފްތަރުގައި ޖެހިފައިވާ ކަން ސާބިތު ވެއްޖެ ނަމަ ހައްޖުގެ ފުރުޞަތު ގެއްލޭނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފި އެވެ.
އެމިނިސްޓްރީން ބުނެފައިވަނީ ސަރުކާރުގެ ޚަރަދުގައި ހައްޖަށް ދާން ފަޤީރުންގެ ދަފްތަރުންް ގުރުއަތުން ހޮވޭ ފަރާތްތައް ޙައްޖަށް ފޮނުވާނީ އިތުރަށް އެމީހުންގެ ޙާލަތު ބަލާފައި ކަމަށާއި ފަޤީރުންގެ ޝަރުޠަށް ފެތޭކަން ކަށަވަރުކޮށްފައި ކަމަށެވެ.
މިނިސްޓްރީން މިގޮތަށް ބުނެފައިވަނީ، ދިވެހި ސަރުކާރުގެ ޚަރަދުގައި މިއަހަރު ހިލޭ ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ 50 މީހުން ކަނޑައެޅުމަށް ގުރުއަތުލުން ބާއްވާފައިވާއިރު، އެލިސްޓުގައި ހިމެނޭ ބައެއް މީހުންނަކީ ފަގީރުންގެ ލިސްޓުގައި ތިބެޖެހެންޖޭ ވަރަށް ވުރެ، ތަނަވަސްކަންތިބި ބައެއް ކަމަށް ބުނެ ސޯޝަލް މީޑިޔާގައި އަޑު ފެތުރިފައިވަނިކޮށެވެ.
އެހެންކަމުން މިކަން އިތުރަށް ބަލައި އެއްވެސް ފަރާތަކީ ފަގީރުންގެ ލިސްޓުގައި ހިމެނޭ ވަރަށްވުރެ ތަނަސްމީހެއްތޯ، އެކަންވެސް ބަލާނެ ކަމަށާއި، އޮޅުވާލައިގެން ދަފްތަރުގައި ޖެހިފައިވާ ކަން ސާބިތު ވެއްޖެ ނަމަ ހައްޖުގެ ފުރުޞަތު ގެއްލޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިގޮތުން ފަޤީރުންގެ ދަފްތަރުގެ ތެރެއިން ހިލޭ ޙައްޖަށް މީހުން ފޮނުވުމާއި ގުޅޭ އުސޫލުގެ ދަށުން ޝަރުތުހަމަވާ 302 މީހުންގެ މެދުގައި ނެގުނު ގުރުއަތުން ވަނީ ޙައްޖަށް ފޮނުވާނެ 50 މީހުން ހޮވާފައެވެ. އަދި މިގެ އިތުރުން އެއްވެސް ސަބަބަކާހުރެ ހައްޖު ދަތުރުގައި ބައިވެރިނުވެވޭ ހާލަތެއް ގުރުއަތުން ހޮވޭ ފަރާތަކަށް މެދުވެރިވެއްޖެނަމަ، އެމީހުންގެ ބަދަލުގައި ފޮނުވާނެ 10 މީހުން ވެސް ވަނީ ގުރުއަތުން ހޮވާފަ އެވެ.
ދަޢުލަތުގެ ޚަރަދުގައި ޙައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަޤީރުންގެ ދަފްތަރަށް ބަލައިގެންނެވެ. މި ދަފްތަރަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސްއިން ރިވިއުކޮށްފައިވާ ދަފްތަރެކެވެ.
2024 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ދަޢުލަތުގެ ޚަރަދުގައި 50 ފަޤީރުން ޙައްޖަށް ފޮނުވާފައިވާކަން ފާހަގަކޮށްލެވެއެވެ.