ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް އޮޅިގެން، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ޗެއާމަން، އަބްދުﷲ ފާއިޒު އެ މަގާމުން ވަކިކުރެވިއްޖެ އެވެ.
8 އޮގަސްޓް 2024 ގައި ޕީސީބީން ފާއިޒަށް ފޮނުވާފައިވާ ސިޓީގައި ސޮއި ކުރައްވާފައި ވަނީ ޕީސީބީގެ ރައީސް ހަމްދީ އަގީލެވެ.
ސިޓީގައި ބުނެފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން އެމްޓީޑީސީ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންކަމުގެ މަގާމުން މއ.ދޭލިޔާގެ އަބްދުﷲ ފާއިޒް ވަކިކޮށްފައިވާ ކަމަށެވެ.
އެމްޓީޑީސީ ބޯޑު މެންބަރުކަމުގެ މަގާމުގައި ހުންނަވައިގެން ކުންފުންޏަށާއި، ކުންފުނީގެ ބޯޑަށް ފާއިޒް ކޮށްދެއްވި ޚިދުމަތް ވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް ޕީސީބީން ވަނީ ފާއިޒަށް އެސިޓީ ފޮނުވުނީ އޮޅުމަކުން ކަމަށް އަންގާފައެވެ.
އެމްޓީޑީސީގެ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑީއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ފާއިޒު މަގާމަށް އަލުން އައްޔަން ކުރިކަމުގެ ލިޔުން އާދިއްތަ ދުވަހު ފޮނުވާނެ ކަމަށް ދެންނެވި ކަމަށް ވެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ފާއިޒު އެމަގާމަށް އައްޔަން ކުރެއްވީ 13 ފެބްރުއަރީ 2019 ގައެވެ.