މިދިޔަ އެޕްރީލް މަހު ޒަކާތް ފަންޑުން 1.7 މިލިއަން ރުފިޔާ ބޭސް ފަރުވާއަށް ހަމަޖައްސާދީފައިވާ ކަމަށް ޒަކާތު ހައުސުން ބުނެފިއެވެ.
ޒަކާތު ހައުސުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެޕްރީލް މަހު ޒަކާތް ފަންޑުން ބޭސް ފަރުވާއަށް އެހީގެ ގޮތުގައި ޖުމްލަ 1،725،631.51 ރުފިޔާ ހަމަޖައްސާފައިވާ ކަމަށެވެ. އޭގެތެރެއިން އެހީގެ ގޮތުގައި 111 މީހަކަށް 1،142،696.29 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޒަކާތު ހައުސުން ބުނެއެވެ.
ސިކުނޑީގެ ބަލިތަކަށް 506،458.64 ރުފިޔާ، ކެންސަރުގެ ބައްޔަށް 301،075.50 ރުފިޔާ، ހިތުގެ ބަލިތަކަށް 54،240.50 ރުފިޔާ، ޓްރާންސްޕްލާންޓަށް 50،886 ރުފިޔާ، ކިޑްނީގެ ބަލިތަކަށް 40،324 ރުފިޔާ އަދި އެހެނިހެން ބަލިތަކަށް 772،646.87 ރުފިޔާ ދޫކޮށްފައިވެއެވެ.
މީގެ އިތުރުން ޒަކާތު ހައުސުން ބުނީ، ޚާއްސަ ހާލަތްތައް މެދުވެރިވެގެން ހާލުގައި ޖެހޭ ފަރާތްތަކަށް 42،500 ރުފިޔާ އެހީގެ ގޮތުގައި ހަރަދު ކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ވަނިކޮށް ހާލުގައި ޖެހި އެހާލަތުން ސަލާމަތްވުމަށް އިބްނުސަބީލް ބައިން 62،052 ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށެވެ.
ފީސަބީލިﷲ ބައިން ވެސް ގިނަ ޚަރަދުތަކެއް ޒަކާތު ހައުސުން ކޮށްފައިވެއެވެ.
އެގޮތުން އެޕްރީލް މަހުގެ ތެރޭގައި، ގުރުއާން ހިތުދަސް ކުރުމާއި، ގުރުއާން އިލްމު ފެތުރުމަށް 157،827.10 ރުފިޔާ ހަރަދުކޮށްފައިވާއިރު، ފޮތް ތަރުޖަމާ ކުރުމަށް 578،460 ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް 300،836.07 ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ޒަކާތް ހައުސްއިން އާންމުކުރި ޖެނުއަރީ، ފެބްރުއަރީ، މާޗް އަދި އޭޕްރީލްގެ ރިޕޯޓުން ހާމަވާ ގޮތުގައި މިއަހަރު ފުރަތަމަ ކުއާޓާގައި ޖުމްލަ 370 މީހުންނަށް ވަނީ މި ފަންޑުން އެހީ ފޯރުކޮށްދީފައެވެ. އަދި ފުރަތަމަ ކުއާޓާގައި ފަގީރުންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.