މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ގޮސްފައިވާ ދިވެހި ޙައްޖާޖީންނަށް، ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ލިބޭ މުއްދަތު ކުރުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އިސްލާމިކް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު ދޮގު ކުރައްވައިފި އެވެ.
ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ޙައްޖުވެރިންނަަށް ލިބޭ 19 ދުވަހުގެ މުއްދަތު ވަނީ 15 ދުވަހުގެ މުއްދަތަކަށް ކުރު ކޮށްފަ އެވެ. އަދި އެއީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.
އެހެން ނަމަވެސް، މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ޝަހީމް ވިދާޅުވީ، މިއަހަރު ރާއްޖެ އިން ޙައްޖަށް ދިޔަ އެއްވެސް ޙައްޖާޖީ އަކު ސައުދީ އަރަބިއްޔާގައި 15 ދުވަހު ނުތިބޭނެ ކަމަށެވެ.
އެކަން ފާހަގަ ކުރައްވައި ޝަހީމް ވިދާޅުވެފައި ވަނީ ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ފުރަތަމަ ފްލައިޓުގައި ރާއްޖެ އިން ދިޔަ ޙައްޖާޖީން 18 ދުވަސް ވަންދެން ސައުދީގައި މަޑު ކުރާނެ ކަމަށެވެ. އަދި ފަހު ތިން ފްލައިޓުން ދިޔަ ޙައްޖާޖީން 19 ދުވަސް ވަންދެން ސައުދީގައި މަޑު ކުރާނެ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.
އިތުރަށް ޝަހީމް ވިދާޅުވެފައި ވަނީ މީގެ އަހަރުތަކެއް ކުރިން ޙައްޖަށް ދާ މީހުން 30 ދުވަހު ސައުދީގައި މަޑު ކުރާ ކަމަށެވެ. އެހެން ނަމަވެސް، މި ފަހުން އައިސް ޙައްޖުވެރިން ސައުދީގައި މަޑު ކުރަނީ އާންމު ގޮތެއްގައި 22 ދުވަސް ނުވަތަ 25 ދުވަސް ކަމަށް ވެސް ޝަހީމް ފާހަގަ ކުރެއްވި އެވެ.
ޙައްޖު އަޅުކަން އަދާ ކުރުމަށް ފަހު މަދީނާ އަށް ޙައްޖާޖީން އައުމަށް ފަހު، އެނބުރި މައްކާ އަށް ދެ އެވެ. ނަމަވެސް ވަޒީރު ޝަހީމް ވިދާޅުވީ ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ފަހު މަދީނާ އަށް އައުމަށް ފަހު، މައްކާ އަށް އެނބުރި ނުގޮސް ދިވެހި ޙައްޖުވެރިން ރާއްޖެ އަންނަ ގޮތަށް ހަމަޖައްސާފައި ވަނީ، ޙައްޖުވެރިންގެ ސަލަމާތާއި ރައްކާތެރި ކަމަށްޓަކައި ކަމުގައި ވިދާޅުވި އެވެ.
އަދި އެއީ މޫސުމަށް ބެލުމަށް ފަހު، ޙައްޖުވެރިންގެ ޞިއްޙަތަށް ވެސް ބެލުމުގެ ގޮތުން ސައުދީ އިން ދެމުން އަންނަ އިރުޝާދުތަކަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ވެސް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފަ އެވެ.