ހޮނިހިރު ދުވަހު ހެނދުނު އިޒްރޭލުން އީރާނަށް ދިން ހަމަލާގައި އެ ޤައުމުގެ ދެ ސިފައިން މަރުވެފައިވާ ކަމަށް އީރާނުން ބުނެފިއެވެ.
މި ހަމަލާއާ ގުޅިގެން އީރާނުގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ޒަޔަނިސްޓް ވެރިކަމުން ދިން މިސައިލް ހަމަލާތަކަށް ކުރިމަތިލާ މިސައިލްތައް ހުއްޓުވުމަށް މަސައްކަތްކުރަމުން ދިޔަ އީރާނުގެ ދެ ސިފައިން ފުރާނައިން ޤުރުބާން ވެއްޖެ' ކަމަށެވެ.
އީރާނުގެ އިސްކަރިއްޔާގެ މިބަޔާނުގައި އެ ފަރާތްތަކުގެ ނަން ހާމަކޮށްފައި ނުވި ނަމަވެސް، މިހަމަލާގައި މަރުވެފައިވަނީ އީރާނުގެ ވައިގެ ދިފާއީ ބާރުގެ ކެޕްޓަން ހަމްޒާ ޖަހަންދީދެ އާއި ޝަހްރޮޚީފަރު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެމީހުން މަރުވެފައިވަނީ އިޒްރޭލު އަސްކަރިއްޔާއިން ދޫކުރި ބެލިސްޓިކް މިސައިލެއް، ތެހުރާނާ ކައިރީގައި ހުރި އެސް-300ޕީއެމްޔޫ-2 ދުރު ރޭންޖުގެ ވައިގެ ދިފާއީ ނިޒާމެއްގެ ކޮމާންޑް އަދި ކޮންޓްރޯލް ޓްރަކަކަށް އަމާޒުވުމާ ގުޅިގެންނެވެ.
މީގެއިތުރުން އީރާނުގެ އަސްކަރީ މަރުކަޒެއްގައި ހުރި ދިފާއީ މިސައިލް ބެޓަރީއަކަށް އަމާޒުކޮށް ހަމަލާ ދެވުނު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އެކި ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން ހަމަލާ ދީފައިވަނީ، އީރާނުގެ އެމްއައިއެމް-23 ހޯކް ބެޓަރީއަކަށެވެ.
އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން އީރާނަށް ދިން ހަމަލާއަކީ އީރާނުން އިޒްރޭލަށް ދިން ރޮކެޓް ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާ އެއް ކަމަށް އިޒްރޭލުން ބުނެފައިވެއެވެ. އަދި މި ހަމަލާގެ ބަދަލު ހިފައިގެން ނުވާނެ ކަމަށް ބުނެ އީރާނަށް އެމެރިކާ އާއި އިނގިރޭސިވިލާތުން އިންޒާރު ދީފިއެވެ. އެހެން ނަމަވެސް، އީރާނުން ބުނެފައިވަނީ، އެގައުމަށް އިޒްރޭލުން ދިން ހަމަލާގެ ބަދަލު ހިފުމުގެ ހައްގު އެގައުމަށް ލިބިގެންވާ ކަމަށެވެ.