ކ. މާލެ
|
8 އޮކްޓޯބަރ 2024 | އަންގާރަ 07:03
ހިޒްބުﷲ އިން އިޒްރޭލުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ސަރަހައްދުގައި ހުރި އިޒްރޭލުގެ އަމާޒުތަކަށް ދިން ހަމަލާއެއްގެ ސްކްރީން އިމޭޖެއް
ހިޒްބުﷲ އިން އިޒްރޭލުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ސަރަހައްދުގައި ހުރި އިޒްރޭލުގެ އަމާޒުތަކަށް ދިން ހަމަލާއެއްގެ ސްކްރީން އިމޭޖެއް
ޕްރެސް ޓީވީ
ލުބުނާން-އިޒްރޭލް ހަނގުރާމަ
އިޒްރޭލުން ލުބުނާނަށް ބޮން އަޅަމުންދަނިކޮށް ހިޒްބުﷲ އިން އިޒްރޭލަށް ރޮކެޓް ފުންޏެއް އޮއްސާލައިފި
އިޒްރޭލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ބޯޑަރު ސަރަޙައްދުގެ ހަނގުރާމައިގައި އިޒްރޭލުގެ އިތުރު ދެ ސިފައިން މަރުވެފައިވާ ކަމަށެވެ. މިއާއެކު ލުބުނާންގައި މިހާތަނަށް މަރުވެފައިވާ އިޒްރޭލުގެ ސިފައިންގެ އަދަދު 11 އަށް ވަނީ އަރާފައެވެ
ޚަބަރުގެ އޯޑިއޯ

އިޒްރޭލުން ދެކުނު ލުބުނާންގައި ހަމަލާތައް ފުޅާކޮށް، ބެއިރޫތުގެ ދެކުނު ސަރަޙައްދުތަކަށް ބާރުގަދަ ހަމަލާތައް ދެމުންދާއިރު، ލުބުނާންގެ ހަތިޔާރުއެޅި ޖަމާޢަތް ހިޒްބުﷲ އިން އުތުރު އިޒްރޭލުގެ ސަރަޙައްދުތަކަށް ގިނަ މިސައިލް ހަމަލާތަކެއް ދީފިއެވެ.

އިޒްރޭލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ހޯމަ ދުވަހު "އެއް ގަޑިއިރުގެ ތެރޭގައި" ދެކުނު ލުބުނާނުގައި ހުރި ހިޒްބުﷲ ގެ 120 އަމާޒަކަށް ހަމަލާދީފައިވާ ކަމަށެވެ.

އޭގެ ކުރިން ބިންތް ޖުބައިލް ކައިރީގައި ހުރި މުނިސިޕަލް އިމާރާތަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި މަދުވެގެން ލުބުނާނުގެ 10 ފަޔަރ ފައިޓަރުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޕަބްލިކް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.

ހިޒްބުﷲ އިން ބުނެފައިވަނީ އުތުރު އިޒްރޭލުގެ ޕޯޓު ސިޓީ ހައިފާ އާ ކައިރި ސަރަޙައްދުގައިވާ އިޒްރޭލުގެ ސިފައިންގެ މަރުކަޒުތަކަށް "ރޮކެޓް ފުންޏެއް" ފޮނުވާލާފައިވާ ކަމަށެވެ.

އޭގެ ފަހުން، އެ ޖަމާޢަތުން ބުނެފައިވަނީ ހައިފާގެ އުތުރުގައިވާ ސަރަޙައްދުތަކަށް އިތުރު ރޮކެޓް ހަމަލާތަކެއް ދީފައިވާ ކަމަށެވެ. ހައިފާއަށް ދިން ފުރަތަމަ ހަމަލާގައި މަދުވެގެން އިޒްރޭލުގެ 10 މީހުން ޒަޚަމްވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއީ އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހަމަލާތައް ބަދަލުކުރަން ފެށި ފަހުން އިޒްރޭލުގެ ޕޯޓް ސިޓީއަށް އަމާޒުކޮށް ހިޒްބުﷲ އިން ދިން ފުރަތަމަ ހަމަލާއެވެ. އިޒްރޭލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ހިޒްބުﷲ އިން ފޮނުވާލި ގާތްގަނޑަކަށް 135 ރޮކެޓް އިޒްރޭލުގެ ސަރަޙައްދަށް ވަދެފައިވާ ކަމަށެވެ.

އޭގެ ފަހުން ހިޒްބުﷲ އިން ބުނެފައިވަނީ އެ ޖަމާޢަތުގެ ހަނގުރާމަވެރިން ބްލިދާ އަވަށުގައި "އިޒްރޭލުގެ ސިފައިން އެއްވެފައި ތިބި ތަނަކަށް... ރޮކެޓާއި ބޮޑުބަޑިން ހަމަލާދީފައިވާ" ކަމަށެވެ.

އިޒްރޭލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ބޯޑަރު ސަރަޙައްދުގެ ހަނގުރާމައިގައި އިޒްރޭލުގެ ދެ ސިފައިން މަރުވެފައިވާ ކަމަށެވެ. މިއާއެކު ލުބުނާންގައި މިހާތަނަށް މަރުވެފައިވާ އިޒްރޭލުގެ ސިފައިންގެ އަދަދު 11 އަށް ވަނީ އަރާފައެވެ.

މިއާ އެކު ލުބުނާނުގައި ހިންގާ ހަނގުރާމައިގައި ބައިވެރިވުމަށް އިތުރު ޑިވިޜަނެއް ފޮނުވާފައިވާ ކަމަށްވެސް އިޒްރޭލުގެ ސިފައިންގެ ފަރާތުން އިޢުލާނުކޮށްފައިވެއެވެ.

ލުބުނާނުގެ ޞިއްޙީ އިދާރާތަކުން ބުނެފައިވާ ގޮތުގައި އެއް އަހަރު ދުވަހުގެ ތެރޭގައި އިޒްރޭލުން އެ ޤައުމަށް ދިން ހަމަލާތަކުގައި މަދުވެގެން 2,083 މީހުން މަރުވެ، 9,869 މީހުން ޒަޚަމްވެފައިވެއެވެ.

ހޯމަ ދުވަހުގެ ރޭ އިޒްރޭލުން ބެއިރޫތުގެ ދެކުނު ސަރަޙައްދުތަކަށް 30ށް ވުރެ ގިނަ ހަމަލާ ދީފައިވާކަމަށް ލުބުނާންގެ ރަސްމީ މީޑިއާ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ބުނެފައިވެއެވެ. މިއީ ސެޕްޓެމްބަރ 23 ވަނަ ދުވަހު އިޒްރޭލުން ލުބުނާނަށް ހަމަލާތައް ދޭން ފެށި ފަހުން އެންމެ ގިނަ ހަމާލަދިން ދިން ރެއެވެ.

މި ހަމަލާތަކުގެ އަމާޒަކަށްވީ ބެއިރޫތުގެ އެއަރޕޯޓަށް ދާ މައި މަގުމަތީގައި ހުރި ޕެޓްރޯލް ސްޓޭޝަނަކާއި، ބޭސް ފަރުވާގެ ތަކެތި ރައްކާކުރާ ގުދަނެއް ކަމަށް އެ އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ.

ހިޒްބުﷲ އިން ވެސް ދެކުނު ލުބުނާނުގެ ބޯޑަރު ސަރަހައްދުގެ ދެ އަވަށެއްގައި ތިބި އިޒްރޭލް ސިފައިންނަށް ހަމަލާދީފައިވާ ކަމަށް ބުނެފައިވެއެވެ. އެ ޖަމާއަތުން ބުނެފައިވަނީ އެ ގްރޫޕުގެ ހަނގުރާމަވެރިން "މަރޫން އަލް-ރާސް ގައި ޖަމާވެފައިތިބި އިޒްރޭލު ސިފައިންނާ ދިމާލަށް "ރޮކެޓް ފުންޏެއް" ފޮނުވާލި ކަމަށެވެ.

އިޒްރޭލުން މަރޫން އަލް-ރާސް ސަރަޙައްދުގައި ގްރައުންޑް ރެއިޑްތައް ފަށާފައިވާކަމަށް ބުނި ފަހުން، ވޭތުވެދިޔަ އެތައް ދުވަހެއްގެ ތެރޭގައި އެ ސަރަޙައްދުގައި އެތައް ހަމަލާއެއް ހިންގާފައިވާކަމަށް ހިޒްބުﷲ އިން ރިޕޯޓުކޮށްފައިވެއެވެ.

ލުބުނާނުގެ ހިޒްބުﷲ އިން ތެލް އަވީވް ކައިރީގައިވާ އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް ވެސް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތަކެއް ވަނީ ދީފައެވެ.

ހޯމަ ދުވަހު އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ހިޒްބުﷲ ގެ މި ހަމަލާގެ އަމާޒަކީ އިޒްރޭލު ސިފައިންގެ އެންމެ ބޮޑު ޔުނިޓް ކަމުގައިވާ، އަދި އެތައް ހާސް ސިފައިން ހިމެނޭ އަސްކަރީ އިންޓެލިޖެންސް ޔުނިޓްގެ ގްލިލޮޓް މަރުކަޒު ކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ.

މީގެ އިތުރުން ހޯމަ ދުވަހު، ހިޒްބުﷲ އިން ވަނީ މިފަދަ ރޮކެޓް ހަމަލާތަކެއް ނިމްރާ ބޭސް އަށްވެސް ދީފައެވެ. މިއީ އިޒްރޭލުން ވެރިވެ ގަނެގެން އުޅޭ ފަލަސްތީނުގެ ބިމުގެ އުތުރުގައިވާ އެ ޤައުމުގެ މައި މަރުކަޒުތަކުގެ ތެރެއިން އެއް މަރުކަޒެވެ. އަދި ޖަލް އަލް-އަލަމް ސަރަޙައްދުގެ ކައިރިން ދުޝްމަނުން ޖަމާވެފައިވަނިކޮށް އެމީހުންގެ އުޅަނދުފަހަރާއި ސިފައިންނަށް ހަމަލާދީފައިވާ ކަމަށްވެސް ހިޒްބުﷲ އިން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް