ކ. މާލެ
|
19 އޯގަސްޓް 2025 | އަންގާރަ 08:33
އީރާނުގެ ހަތިޔާރު އެޅި ހާއްސަ ފުލުހުން ސައިކަލުތަކުގައި ސަރަހައްދެއް މޮނިޓަރ ކުރަނީ
އީރާނުގެ ހަތިޔާރު އެޅި ހާއްސަ ފުލުހުން ސައިކަލުތަކުގައި ސަރަހައްދެއް މޮނިޓަރ ކުރަނީ
ގެޓީއިމޭޖަސް
އީރާން-އިސްރާއީލް
އިސްރާއީލާއެކު ހަނގުރާމަ އަލުން ކޮންމެ ވަގުތެއް ގައި ވެސް ފެށިދާނެ ކަމަށް އީރާނުން އިންޒާރު ދީފި
އީރާނުގެ އިސް އޮފިޝަލުން ބުނަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ނެތް ކަމަށާއި އީރާނުން އޮތީ ހަނގުރާމައިގެ މަރުޙަލާގައި ކަމަށެވެ. އީރާނާއި އިސްރާއީލާ ދެމެދު އަދި އެމެރިކާއާ ދެމެދު އެއްވެސް ޕްރޮޓޮކޯލެއް، ގަވާއިދެއް، އެއްބަސްވުމެއް ނެތް ކަމަށެވެ.

އިސްރާއީލާއެކު ހަނގުރާމަ ކޮންމެ ވަގުތެއްގައި ވެސް ފެށިދާނެ ކަމަށް އީރާނުގެ އިސް އޮފިޝަލަކު ހޯމަ ދުވަހު އިންޒާރު ދީފިއެވެ.

ޖޫން މަހު ހިނގި 12 ދުވަހުގެ ހަނގުރާމަ އަށް ފަހު މިހާރު އޮތް ހާލަތީ ވަގުތީ ހުއްޓުމެއް ކަމުގައި ބުނެފައިވެއެވެ.

"އަޅުގަނޑުމެން ކޮންމެ ވަގުތެއްގައި ވެސް ކުރިމަތިލުމަށް ތައްޔާރު ވެގެން ތިބެން ޖެހޭނެ؛ މިވަގުތު އަޅުގަނޑުމެންނަކަށް ހަމަލާތައް މުޅިން ހުއްޓާލުމުގެ އެއްބަސްވުމެއް ނެތް؛ އަޅުގަނޑުމެން މިތިބީ ހަނގުރާމަވެރި ޢަމަލުތައް ވަގުތީ ގޮތުން ހުއްޓާލައިގެން،" ފަސްޓް ވައިސް ޕްރެސިޑެންޓް މުޙައްމަދު ރިޒާ ޢާރިފް ވިދާޅުވިއެވެ.

ޖޫން މަހު ހިނގި ހަނގުރާމައިގައި އިސްރާއީލުން ވަނީ އީރާނުގެ ނިއުކްލިއަރ އަދި އަސްކަރީ ތަންތަނާއި، އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ބޮން އަޅާފައެވެ. މިގޮތުން 1،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި އީރާނުގެ އިސް ކޮމާންޑަރުންނާއި ނިއުކްލިއަރ ސައިންޓިސްޓުން ހިމެނެއެވެ.

އީރާނުން ޖަވާބު ދިނީ މިސައިލް އަދި ޑްރޯން ހަމަލާތަކުންނެވެ. އީރާނުގެ މިސައިލު ހަމަލާތައް އިސްރާއީލުގެ މުހިންމު އެތައް ތަނަކަށް އަމާޒުވެ އެތައް ބަޔަލު މަރުވެފައި ވެއެވެ.

އެމެރިކާ އިން ޖޫން 24 ގައި ހަނގުރާމަ ހުއްޓާލުން އިޢުލާނު ކުރީ، އެ ޤައުމުން އީރާނުގެ ނިއުކްލިއަރލިއަރ ފެސިލިޓީތަކަށް ބޮންއަޅައި ހަނގުރާމައިގައި ބައިވެރިވިތާ ދެ ދުވަސް ފަހުންނެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ ރަސްމީ އެއްބަސްވުމެއް ނެތެވެ. އޮތީ ހަމައެކަނި ނުރަސްމީ ކޮށް ހަނގުރާމަވެރި ޢަމަލުތައް ހުއްޓާލުމުގެ ހާލަތެކެވެ.

އާދީއްތަ ދުވަހު، އީރާނުގެ އެންމެ މަތީ ވެރިޔާ ޢަލީ ޚާމަނާއީގެ އަސްކަރީ މުޝީރު ޔަޙްޔާ ރަޙީމް ސަފަވީީ އީރާނުގެ މީޑިއާތަކަށް ވިދާޅުވެފައި ވަނީ އެ ޤައުމުން "އެންމެ ނުރައްކާތެރި ހަމަލާތައް ދިނުމަށް ރޭވުންތައް ރާވަމުންދާ" ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައެއް ނޫން މިތިބީ، އަޅުގަނޑުމެން މިތިބީ ހަނގުރާމައިގެ މަރުޙަލާގައި، މިހާލަތު ކޮންމެ ވަގުތެއްގައި ވެސް ނިމުމަކަށް އައިސްދާނެ، އަޅުގަނޑުމެންނާއި އިސްރާއީލުންނާ ދެމެދު، އަޅުގަނޑުމެންނާއި އެމެރިކާއާ ދެމެދު އެއްވެސް ޕްރޮޓޮކޯލެއް، ގަވާއިދެއް، އެއްބަސްވުމެއް ނެތް،" ޝަރްޤް ދުވަހު ނޫހުގައި ރިޕޯޓު ކޮށްފައިވެއެވެ.

"ހަނގުރާމަ ހުއްޓާލުން މާނަ ކުރެވެނީ ހަމަލާތައް ހުއްޓާލުން ކަމަށް؛ އެކަން ކޮންމެ ވަގުތެއްގައި ވެސް ބަދަލުވެދާނެ،" އޭނާ އިތުރުކުރެއްވިއެވެ.

އީރާނުގެ އޮފިޝަލުން ބުނެފައި ވަނީ އެ ޤައުމުން ހަނގުރާމަ ކުރާކަށް ނޫޅޭ ކަމަށާއި، ނަމަވެސް އިރާނަށް ހަމަލާ އެއް ދީފި ނަމަ ކުރިމަތިލުމަށް ތައްޔާރަށް އޮތް ކަމަށެވެ.

- ކޮމެންޓް