Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2025 | ބުރާސްފަތި 09:52
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ އާއި އިސްރާއީލްގެ ރައީސް ހާޒޮގް
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ އާއި އިސްރާއީލްގެ ރައީސް ހާޒޮގް
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ އާއި، އިސްރާއީލްގެ ރައީސް ހާޒޮގްގެ ބައްދަލުވުމުގައި ޚިޔާލު ތަފާތުވުން ތަކެއް
އެ ބައްދަލުވުމާ ގުޅޭ ގޮތުން އިނގިރޭސި ބޮޑު ވަޒީރު ސްޓާމާގެ އޮފީހުން ބުނެފައި ވަނީ، އެ ބައްދަލުވުމުގައި ސްޓާމާ ވަނީ ޣައްޒާގައި އިސްރާއީލް އިން ހިންގަމުން އަންނަ އަމަލުތައް ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ. އަދި އިންސާނީ އެހީ އާއި، ބޭސް ފަރުވާގެ އެންމެހައި ވަސީލަތްތައް ޣައްޒާ އަށް އެތެރެ ކުރުމާއި، ހަނގުރާމައިގެ އެންމެހައި އޮޕަރޭޝަންތައް ހުއްޓާލުމަށް ވެސް ވަނީ އެދިފަ އެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އާއި، އިސްރާއީލްގެ ރައީސް އައިސާކް ހާޒޮގްއާ ދެމެދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ޚިޔާލު ތަފާތުވުން ތަކެއް އުފެދިއްޖެ އެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ ވަނީ، ޑައުނިން ސްޓްރީޓްގައި އިސްރާއީލްގެ ރައީސް ހާޒޮގްއާ ބައްދަލު ކުރައްވައިފަ އެވެ. މިއީ އިނގިރޭސިވިލާތުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމި ފަހުން، މިފަދަ ގޮތަކަށް ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ.

މި ބައްދަލުވުން ބާއްވާފައި ވަނީ، ހަމާސްގެ ސިޔާސީ އިސްވެރިންނަށް އަމާޒުކޮށް، އިސްރާއީލް އިން ޤަތަރަށް ދިން ހަމަލާއާ ގުޅިގެން، އިނގިރޭސިވިލާތާއި، ޔޫރަޕުގެ ގިނަ ޤައުމު ތަކަކުން އެ ހަމަލާ ކުށްވެރި ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އިނގިރޭސިވިލާތާއި، ފްރާންސް އަދި ކެނެޑާ ހިމެނޭހެން ގިނަ ޤައުމު ތަކަކުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމުމާ ގުޅިގެން، އިސްރާއީލް އިން ވަނީ އެ ޤައުމު ތަކަށް ނުރުހުން ފާޅު ކޮށްފަ އެވެ. ޤައުމު ތަކުން ވަނީ އިސްރާއީލް އިން ޣަައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އާއި ލާއިންސާނީ އަމަލުތައް ކުށްްވެރި ކޮށްފަ އެވެ.

ސްޓާމާއާ އެކު ބޭއްވި ބައްދަލުވުމުގައި އިސްރާއީލްގެ ރައީސް ހާޒޮގް ވިދާޅުވެފައި ވަނީ، އެކުވެރިކަމާއި، އެއްބައިވަންތަކަން އޮންނަ ޤައުމު ތަކުގެ މެދުގައި ވެސް ޚިޔާލު ތަފާތުވުން އުފެދިދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އިސްރާއީލް އާއި އިނގިރޭސިވިލާތަކީ ދެ ޑިމޮކްރަސީއެއް ކަމަށެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން އިނގިރޭސި ބޮޑު ވަޒީރު ސްޓާމާގެ އޮފީހުން ބުނެފައި ވަނީ، އެ ބައްދަލުވުމުގައި ސްޓާމާ ވަނީ ޣައްޒާގައި އިސްރާއީލް އިން ހިންގަމުން އަންނަ އަމަލުތައް ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ. އަދި އިންސާނީ އެހީ އާއި، ބޭސް ފަރުވާގެ އެންމެހައި ވަސީލަތްތައް ޣައްޒާ އަށް އެތެރެ ކުރުމާއި، ހަނގުރާމައިގެ އެންމެހައި އޮޕަރޭޝަންތައް ހުއްޓާލުމަށް ވެސް ވަނީ އެދިފަ އެވެ.

އިސްރާއީލް އިން ޤަތަރަށް ދިން ކުއްލި ހަމަލާއާ ގުޅިގެން ސްޓާމާ ވިދާޅުވެފައި ވަނީ، އެއީ އެއް ގޮތަކަށް ވެސް ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަަމަށެވެ. ބޮޑު ވަޒީރު ސްޓާމާގެ ތަރުޖަމާނު ވިދާޅުވެފައިވާ ގޮތުގައި، އެ ހަމަލާ އަަކީ މުހިންމު ބައިވެރިއެއްގެ ސިޔާދަތަށް ދިން ސީދާ ހަމަލާއެއް ކަމަށް ބޮޑު ވަޒީރު ދެކޭ ކަމަށެވެ.

ޣައްޒާ ހަނގުރާމަ އާއި، ޣައްޒާ އަށް އިންސާނީ އެހީ އެތެރެ ކުރުމަށް އިސްރާއީލް އިން ހުރަސް އަޅާފައިވާތީ، އިސްރާއީލް އާއި އިނގިރޭސިވިލާތުގެ ގުޅުން ވަނީ ގޯސްވެފަ އެވެ. އަދި ޔޫރަޕުގެ އެހެން ޤައުމުތަކާ އިސްރާއީލްއާ ދެމެދު އޮތް ގުޅުން ވެސް ވަނީ ހީނަރުވެފަ އެވެ. އެގޮތުން މި ހަފުތާގެ ތެރޭގައި އިނގިރޭސިވިލާތުގައި ބާއްވާ ދިފާއި ވިޔަފާރީގެ އެންމެ ބޮޑު މައުރަޒުގައި އިސްރާއީލް ބައިވެރިވުން ވެސް ވަނީ މަނާ ކޮށްފަ އެވެ.

މި މަހު އެމެރިކާގެ ނިއު ޔޯކުގައި އޮންނަ އދ ގެ ޖެނަރަލް އެސެމްބްލީގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ބަަލައި ގަތުމަށް އިނގިރޭސިވިލާތުން ނިންމާފައިވާއިރު، ބޮޑު ވަޒީރު ސްޓާމާ ވަނީ ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސްއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

މަސްދަރު: ރޮއިޓާސް
- ކޮމެންޓް