ކ. މާލެ
|
8 އޮކްޓޯބަރ 2024 | އަންގާރަ 17:25
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މަހާތުމާ ގާނދީގެ މަޤްބަރާއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މަހާތުމާ ގާނދީގެ މަޤްބަރާއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ރައީސް އޮފީސް
މަގޭ ރިޕޯޓް
މުއިއްޒުގެ ފަޚުރުވެރި އިންޑިއާ ދަތުރުފުޅުން ހާސިލްވީ މަލާމާތާ ފުރައްސާރަ ނޫންތޯ؟
ހިނިތުންވުމުގެ މޫނަކައިގެން ރައީސް ޑރ މުޙައްމަދު މުއިއްޒު އިންޑިއާގައި އުޅުއްވަމުންދާއިރު، އެމަނިކުފާނަކީ ވެރިކަމަށް ވަޑައިގަތުމަށް އިންޑިއާ އަށް ފުރައްސާރަކުރުމަށް ބޮޑެތި ކެމްޕެއިން ހިންގެވި ބޭފުޅެވެ. އަދި ވެރިކަމަށް ވަޑައިގަތް ފަހުންވެސް މުއިއްޒު ސިޔާސީ މަގާމުތައް ދެއްވައިގެން ގެންގުޅުއްވާ މީހުންވެސް މުއިއްޒު ހިންގެވި ފިޔަވަޅު މަތިން ހިނގާ އިންޑިއާގެ ބޮޑުވަޒީރަށް މަލާމާތާ ފުރައްސާރަ ކޮށްފައިވެއެވެ.
ޚަބަރުގެ އޯޑިއޯ

ކޮންމެ ކަމެއްގައި ވެސް އޮޅުވާލުމެވެ. ކޮންމެ ކަމެއްގައިވެސް މަކަރާ ހީލަތް ހެދުމެވެ. ކޮންމެ ކަމެއްގައި ވެސް ދޮގު ހެދުމެވެ. މީ ރަށުތެރޭގައި އެންމެ ގިނައިން ދެކެވޭ އެއްވާހަކަ އެވެ. އާއްމު ގޮތެއްގައި މިކަހަލަ ވާހަކަތައް ދެކެވެނީ އެމީހަކަށް އޮޅުވާލާ މަކަރެއް ހެދި ކޮންމެވެސް މީހާކަ ގުޅުވައިގެންނެވެ. ނަމަވެސް މިވޭތުވެދިއަ އަހަރެއްހާ ދުވަހު މީހުން ދައްކަނީ ރައީސް މުޙައްމަދު ޑރ މުޙައްމަދު މުޢިއްޒާ ގުޅުވައިގެންނެވެ. މިހާރު ރާއްޖޭގެ ވެރިކަމުގައި އޮތް ޕީއެންސީގެ ސަރުކާރާ ގުޅުވައިގެންނެވެ. މީ ދެރަ ކަމެކެވެ. ހިތާމަ ހުރި ކަމެކެވެ. ހަގީގަތުގައި ލަދުވެތިވެސް ކަމެކެވެ. ބޮޑަށް ދެރައީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ބެހޭ ގޮތުން މިކަހަލަ ވާހަކަ ދެކެވޭތީއެވެ. އެއަށްވުރެ ބޮޑަށް ދެރައީ މިކަހަލަ ވާހަކަ ރައީސާ ގުޅުވައިގެން ދައްކަނީ ހަމައެކަނި ދިވެހިރާއްޖޭގައި ކަމަށް ވެސް ނުވާތީއެވެ.

މިހާރު ރައީސް އިންޑިއާ ކުރައްވާ ފުރަމާނަ ދަތުރުފުޅާ ގުޅިގެން އިންޑިއާގެ ނޫސްތަކުގެ ސަމާލުކަމާއި، ބައިނަލް އަޤްވާނީ އެކި އެކި މީޑިއާތަކުގެ ސަމާލުކަން މި ދަތުރުފުޅަށް ހުއްޓިފައިވާ ވާހަކަ ސަރުކާރުން ބުނެއެވެ. އެކަމަކު ސަރުކާރުން ނުބުނާ އެއްޗަކީ އެ ސަމާލުކަން ހުއްޓިފައި އޮތީ ކޮން ކަމެއްގެ މައްޗަށް ކަމެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުގައި ހުރި ޚަބަރުތަކާ ރިޕޯޓްތައް ބަލާލީމެވެ. ގިނައިން ހުރީ ރާއްޖޭގެ ރައީސް ޔޫޓާނެއް ނެންގެވި ވާހަކަ އެވެ. އިންޑިއާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށްފަހު، އެހީއަށް އެދި އިންޑިއާ އަށް ވަޑައިގެންނެވި ވާހަކަ އެވެ. އިންޑިއާ އައުޓް ކެމްޕެއިންގައި އުޅުއްވުމަށްފަހު މިހާރު އެއީ އިންޑިއާ އައުޓް ނޫންކަމަށް ވިދާޅުވެ "އިންޑިއާ އަށް އިން" ވި ވާހަކައެވެ. ބައެއް މީޑިއާ ތަކުގައި ރައީސްގެ ޔޫއެން ދަތުރުފުޅުގައި އިންޑިއާ އައުޓް އާ ބެހޭ ގޮތުން ހެއްދެވި ދޮގުގެ ވާހަކަ ވެސް ތަކުރާރުކޮށް ގެނެސްދީފައި ހުއްޓެވެ. ރައީސްގެ ދަތުރުފުޅަށް މަލާމާތްކޮށްފައި ހުރި ރިޕޯޓްތައް ވެސް މަދެއް ނޫނެވެ.

ދެން އޮތީ ރައީސްގެ ދަތުރުފުޅުން ހާސިލްކުރެއްވި ކަންކަމުގެ ވާހަކަ އެވެ. މީހުން ބުނާ ގޮތުން އެކަމުގައި ވެސް އޮތީ އޮޅުވާލެއްވުމެވެ. ރައްޔިތުންގެ ލޮލުގައި އަނދުން އެޅުއްވުމެވެ. މިސާލަކަށް ކަރަންސީ ސްވޮޕް އެގްރިމަންޓެވެ. އޭގެ ފައިދާ ހަގީގަތުގައި ވީ ކޮން ބަޔަކަށްތޯއެވެ. އެންމެންވެސް ހީކުރީ ދެން ދިވެހިން އިންޑިއާ އަށް ދާއިރު ޑޮލަރު ގެންދަން ނުޖެހޭ ކަމަށެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ އެހެން އެއްޗެކެވެ. ހޯމަ ދުވަހު މިކަން އިންޑިއާ މީހުންނަށް ފަހިވެއްޖެއެވެ. އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި އެކްޓިވް ވެއްޖެއެވެ. އިންޑިއާ މީހުންނަށް ރުޕީޒް އިން ރާއްޖޭގައި ޚިދުމަތް ހޯދާ ވިޔަފާރިކުރެވޭނެ މަގު ފަހި ވެއްޖެއެވެ. ދެން އޮތީ މި އެގްރިމެންޓުން ލިބުނު ކަމަށް ބުނާ 400 މިލިއަން ޑޮލަރެވެ. އެވެސް ލޯނެވެ. އަނބުރާ އިންޑިއާ އަށް ދައްކަންޖެހޭ އެއްޗެކެވެ. އަނެއްކާ ވެސް ދަރަނި އިތުރުވީ ނޫންތޯއެވެ. ދެން އޮތީ ނުކުރާނެ ކަމަށް ވިދާޅުވެ ދޫކޮށްލެއްވި ކަންކަމެވެ. ޖާސޫސް ކުރާ މިޝަން ޕޯސްޓެއް ކަމަށް ވިދާޅުވެ ދެކޮޅު ހެއްދެވި އައްޑޫގައި އަޅާ އިންޑިއާގެ ކޮންސިއުލޭޓެވެ. އިންޑިއާގެ ސަރަހައްދެއް ކަމަށް ވިދާޅުވެ، ހުއްޓަވާލެއްވި އުތުރު ތިލަފަޅުގެ އެކަތަ ބަނދަރެވެ. ކެންސަލް ކުރެއްވި ހައިޑްރޯގްރަފިކް އެއްބަސްވުމެވެ. އަނެއްކާވެސް މި ހުރިހާ ކަމެއް ރުޖޫޢަ ވީއެވެ. ކުރަން ނިންމެވީއެވެ. އެކަން އިއުލާން ކުރެއްވީ ރައީސްގެ އަރިހުގައި ހުންނަވައިގެން ނަރެންދްރަ މޯދީ އެވެ. މިކަމާ ގުޅުވައިގެން ވެސް ބޭރުގެ މީޑިއާތަކުން ޖަހަނީ ހަޖުލެވެ. ކުރަނީ މަލާމާތެވެ. ހަގީގަތުގައި މި ހަޖުލަށް މި މަލާމާތް ދިވެހިންގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ވެސް ރައްދުވެ އެއް ނޫންތޯއެވެ.

ބުނާތީ އަޑުއަހަމެވެ. އުނދުޅިއަށް ދަނޑިލައްވަނީ އަތަށް ހޫނުވެދާނެތީއެވެ. ފަސޭހައަކަށެވެ. ރައީސަކު ހޮވަނީވެސް އުއްމީދެއްގައެވެ. ރައްޔިތުންނަށް ލުއި ފަސޭހަ ހޯދާށެވެ. ބޭރު ދުނިޔޭގައި ރައްޔިތުން ތަމްސީލު ކުރާށެވެ. ގައުމަށް ރީތި ނަމާ ފަޚުރު ހޯދާށެވެ. އެކަމަކު ކަން މިހިނގަނީ އެހެންތޯއެވެ. ރައީސްގެ ސަބަބުން ބޭރު ދުނިޔޭގެ ކުރިމަތިގައި ދިވެހިންގެ އަގު ނުވެއްޓޭތޯއެވެ. މަލާމާތާ ފުރައްސާރަ ދިވެހިންނަށް ނުލިބޭތޯއެވެ. ސަލާން ޖަހާ ގައުމެއްގެ ލަގަބު މިގައުމަށް ނުލިބޭތޯއެވެ. ގޮތް ހުސްވެފައި ތިބި ބައެއްގެ ދަރަޖަ އަޅުގަނޑުމެންނަށް އެހެން މީހުން ނުދޭތޯއެވެ. ވީއިރު، ރައީސްގެ އިންޑިއާ ދަތުރުފުޅުން ހާސިލްވީ މަލާމާތާ ފުރައްސާރަ ނޫން ދެން އެހެން ކޮން އެއްޗެއްތޯއެވެ. މިކަމަށްޓަކައި، އަޅުގަނޑުމެން ފަޚުރުވެރިވާންވީ ކޮންކަމަކާތޯއެވެ. އިންޑިއާއިން ބޭނުންވި ހުރިހާ ކަމެއް ކުރަން އެއްބަސް ކުރުވާފައި އިތުރު ދަރަންޏެއް ދިވެހިންގެ ބޮލުގައި އެޅުވުން ނޫން އެހެން ކަމެއްވެއްޖެތޯއެވެ. ރަށުތެރޭގައި އެކިޔަނީ ރަނގަޅެށެވެ. ކޮންމެ ކަމެއްގައި ވެސް އޮޅުވާލުމެވެ. ކޮންމެ ކަމެއްގައިވެސް މަކަރާ ހީލަތް ހެދުމެވެ. ކޮންމެ ކަމެއްގައި ވެސް ދޮގު ހެދުމެވެ.

- ކޮމެންޓް