ކްރިމިނަލް ކޯޓަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ (ގަޒިއްޔާ ނަންބަރ 60/Cr-C/2019) މައްސަލައިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ކުށުގެ ބާވަތަކީ މަނީ ލޯންޑަރިންކަން އެނގެން އޮވެއެވެ. އަދި އެކަން ހައިކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯރޓު (ގަޒިއްޔާ ނަންބަރ 637/Hc-A/2019) އިން އިތުރަށް ޔަގީންކޮށްދެއެވެ. މިމައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވާކަމަށެވެ.
އެކަމުގެ އަދަބެއްގެ ގޮތުން ފަސް އަހަރު ދުވަހަށް ޖަލަށްލުމާއެކު 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. މި މައްސަލައިގައި ފައިސަލާކުރަނިވި ހުކުމެއް ކުރިމިނަލް ކޯޓުން ކޮށްފައިވަނީ 2019 ނޮވެމްބަރ 28 ވަނަ ދުވަހުއެވެ. އަދި މި މައްސަލަ ހައިކޯޓުގައި ރައީސް ޔާމީނުގެ ފަރާތްފުޅުން އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުގެ ނިންމުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފައިވާކަން އެނގެން އޮވެއެވެ. އެހެންކަމުން މިއަދާއި ހަމައަށްވެސް ރައީސް ޔާމީނު ހުންނެވީ ހުކުމުގައެވެ.
ޔާމީނަށް ރިޔާސީ މައާފެއް ދެވިދާނެތަ؟
ގާނޫނުއަސާސީގެ 106 ވަނަ މާއްދާގެ (ށ) ބުނާ ގޮތުން، ދައުލަތުގެ އެންމެ އިސްވެރިޔަކީ، އަދި ސަރުކާރުގެ އެންމެ އިސްވެރިޔަކީ، އަދި ސިފައިންގެ އެންމެ އިސްވެރިޔަކީ ރައީސުލް ޖުމްހޫރިއްޔާއެވެ. މިއަދު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ.
މަނީލޯންޑަރިންއަކީ ޖިނާއީ ކުށެކެވެ. ޖިނާއީ ކުށުގެ މައްސަލަތަކުގައި މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނެއް 2010 ވަނަ އަހަރުގެ 2 ވަނަ ގާނޫނުގެ ގޮތުގައި ފާސްކުރެވި އަމަލުކުރަމުން މިއަދުވެސް އެބަދެއެވެ. ރައީސް ޔާމީނަށް، ރައީސް ސާލިހުގެ ފަރާތްފުޅުން މައާފެއް ދެއްވާނަމަ އެކަން ކުރެވޭނީ މިގާނޫނުގެ ރޫހުގެ ތެރެއިންނެވެ. ގާނޫނާއި ފުށުއަރާ ގޮތަށް ކަންކަން ކުރުމުގެ ބާރެއް ރައީސް ސާލިހަވެސް ލިބިވަޑައި ނުގަންނަވައެވެ.
މި ގާނޫނުގައި މައާފުދިނުމުގެ ރޫހު އޮތްގޮތަށް ބަލާއިރު ޖިނާއީ ކުށްތަކުގައި ހުކުމްކޮށްފައިވާ އަދި އިސްތިއުނާފުކުރުމުގެ އިތުރު ފުރުސަތެއް ނެތް މީހުންގެ ތެރެއިން ވަކިވަކި ފަރުދުންގެ ކުށަށް މައާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ އުސޫލުތައް ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާކަން އެނގެން އެބައޮތެވެ.
ޔާމީނުގެ ހުކުމާއި އިސްތިއުނާފު އޮތްގޮތް
ރައީސް ޔާމީނުގެ އިސްތިއުނާފު ހައްގަށް ބަލާއިރު އަދި ސްޕްރީމްކޯޓުގެ މަރުހަލާގެ ހައްގު އެބައޮތެވެ. 2010 ވަނަ އަހަރުގެ 2 ވަނަ ގާނޫނު ބުނާ ގޮތުން އިސްތިއުނާފު ކުރުމުގެ އިތުރު ފުރުސަތު ނެތުންކަމަށް މާނަކުރަނީ އެގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން، އިސްތިއުނާފު ކުރުމުގެ ހުރިހާ މަރުހަލާއެއް ކަޑަތުކޮށްފައިވާ މީހުންނާއި މަގުބޫލު އުޒުރަކާއި ހުރެ އިސްތިއުނާފު ކުރުމުގެ ބޭނުން ހިފިފައި ނުވާ މީހުންނާއި ފައިސާގެ ހުކުމްތަކުގައި ކުށް ގަބޫލުކޮށް އިސްތިއުނާފުގެ ހައްގު ދޫކޮށްލާފައިވާ މީހުންނެވެ.
މި ގާނޫނުގައި މައާފު ނުދެވޭނެ ކުށްތައްވެސް 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެއީ މީހަކު މެރުމުގެ ކުށާއި ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކާއި ޓެރަރިޒަމްގެ ކުށާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށާއި ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގުމުގެ ކުށާއި އެއްޖިންސުން ގުޅުން ހިންގުމުގެ ކުށެވެ.
މި ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ކުށް މައާފުކޮށްދިނުމަށް އެދި ރައީސުލް ޖުމްހޫރިއްޔާއަށް، އެކަމަށް ކަނޑައަޅާފައިވާ ފޯމުން ހުށަހަޅާފައިވާނަމަ އެކަން ބެލުމަށްފަހު ގާނޫނު ހުއްދަދޭނަމަ އެކަން ކުރުމުގެ އިޚުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. ރައީސް ޔާމީނުގެ މައްޗަށް ސާބިތުވެފައިވާ ކުށަކީ މި ގިންތީގައި ހިމެނިފައިވާ ކުށެއް ނޫނެވެ.
މައާފު ދެވޭނެ ހަމަޔަކީ ކޮބާ؟
ބަޔާންވެގެންވާ ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން އެމީހެއްގެ މައްޗަށް ކަނޑައަޅާފައިވާ ހުކުމަކީ ވަކި އަދަދެއްގެ ފައިސާ ދެއްކުންކަމުގައިވާ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި އެކަމަށް އެދެވޭނީވެސް ކޮށްފައިވާ ހުކުމުގެ ތިންބައިކުޅަ އެއްބައި ތަންފީޒުވެ ދިޔުމުންނެވެ. އަދި މަތީގައި (3 ވަނަ މާއްދާގައި) ބުނެފައިވާ ހާލަތުތަކަށް ބެލުމަށްފަހުގައެވެ.
މިކަންކަމަށް ރިއާޔަތްކޮށް ރައީސް ޔަމީންއަށް އިއްވާފައިވާ ޖަލު ހުކުމަކީ 5 އަހަރުކަމަށްވާއިރު، އެއީ 1،826 ދުވަހެވެ. ގާނޫނުގެ ރޫހުގައި 3 ބައިކުޅަ އެއްބައިކަމަށްވާނީ 609 ދުވަހެވެ. މިއަދާއި ހަމައަށް ރައީސް ޔާމީން ހުކުމުން ފުރިހަމަކުރީ 524 ދުވަހެވެ. އަދި ރައީސް ޔާމީނަށް ސްޕްރީމްކޯޓުގެ ހައްގުވެސް ގެއްލިގެން ނުދެއެވެ. ކޯޓުން ކަނޑައަޅާފައިވާ 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާވެސް ދައްކަވާފައިވާކަން އެނގޭކަށް ނެތެވެ.
މި ކަންކަމަށް ނަޒަރުކުރާއިރު މިހާލަތުގައި ރައީސް ޔާމީނަށް ގާނޫނީ ހަމަތަކުގެ މަތީން މައާފުކޮށްދިނުމުގެ ބާރު ރައީސް ސާލިހަށް ލިބިގެން ނުވެއެވެ. އެކަމަކު ޖަލުގައި ހުކުމުގައި ހުރި މީހަކު ގެއަށް ބަދަލުކުރުމަކީ މި މައުޒޫއާއި ގުޅޭ ކަމެއް ނޫނެވެ. އެއީ އިދާރީ ގޮތުން ކުރެވިދާނެކަމެކެވެ. ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމަށް މި ހާލަތުގައި ރައީސް ސާލިހު މައާފުދެއްވައިފިނަމަ ގާނޫނާއި ޚިލާފުވެ ވަޑައިގަނެވުނީއެވެ.