ކ. މާލެ
|
23 މާރޗް 2021 | އަންގާރަ 18:50
ކޮވިޑް-19: ދުނިޔެއަށް މިވަނީ އެކި ބަދަލުތައް ގެނުވާފައި
ކޮވިޑް-19: ދުނިޔެއަށް މިވަނީ އެކި ބަދަލުތައް ގެނުވާފައި
ރާއްޖެއެމްވީ
ކޮވިޑް-19 ދުނިޔެ ބަދަލުކޮށްލިގޮތް
ކޮވިޑް-19: އެއް އަހަރުތެރޭ މުޅި ދުނިޔެ ބަދަލުކޮށްލީ ކިހިނެއް؟
ވޯރލްޑް ބޭންކުން އަންދާޒާކުރާ ގޮތުގައި 2020 ވަނަ އަހަރު ދުނިޔޭގެ އިގްތިޞާދު ވަނީ 4.3 އިންސައްތަ ދަށަށް ގޮސްފައި
ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ ދެބައި މީހުން ވަނީ ލޮކްޑައުންގެ ތަޖުރިބާ ކޮށްފައި
2020 ވަނަ އަހަރު 114 މިލިއަން މީހުންގެ ވަޒީފާ ވަނީ ގެއްލިފައި
ވައިގެ ދަތުރުތަކަށް އޮތް ޑިމާންޑް 2020 ވަނަ އަހަރު ވަނީ 75.6 އިންސައްތަ ދަށަށް ގޮސްފައި
އެންމެ ބޮޑެތި މުއްސަނދިންނަށް 2020 ވަނަ އަހަރުގެ މަރޗް މަހުން ފެށިގެން ޑިސެމްބަރ މަހާ ހަމައަށް 3.9 ޓްރިލިއަން ޑޮލަރު ލިބިފައިވޭ

މީގެ އެއް އަހަރު ކުރިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ކޮވިޑް-19 އަކީ އާލަމީ ވަބާއެއް ނުވަތަ ޕެންޑަމިކެއް ކަމަށް އިއުލާންކުރިއެވެ. މިއާއެކު ކުޑަކުޑަ މިވައިރަސް މިވަނީ ދުނިޔޭގެ 7.8 ބިލިއަން މީހުންގެ ދިރިއުޅުން އެކިގޮތްގޮތަށް ބަދަލުކޮށްލާފައެވެ. ވައިރަސްގެ އަސަރު ނުކުރާ އެއްވެސް އިންސާނަކު ދުނިޔޭގައި ނެތެވެ.

މުޅި ދުނިޔެއަށް ކުރިމަތިވި ސިއްހީ މިނުރައްކާތެރިކަމުން ކުރާ އަސަރު އެތައް އަހަރުތަކަކަށް ދެމިގެންދާއިރު އެއަސަރުތައް ދެނެގަންނަން އަހަރުތަކެއް ނަގާނެކަމަށް ބެލެވެއެވެ. ނަމަވެސް މިހާރުން މިހާރަށްވެސް ކޮވިޑް-19ގެ އަސަރު މިވަނީ ވަރަށް ބޮޑަށް ދުނިޔެއަށް ކޮށްފައެވެ.

އެންމެ ގިނަ ބަޔެއްގެ ފުރާނަ ގެއްލިގެންދިޔަ ސަބަބަށް ކޮވިޑް

މިހާތަނަށް ހާމަވެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ކޮވިޑް-19ގެ ސަބަބުން އެންމެ މަދުވެގެން 2.7 މިލިއަން މީހުން ވަނީ މަރުވެފައެވެ. އަދި މިހާތަނަށް އައިއިރު 2020 ވަނަ އަހަރު އެންމެ ގިނަ މީހުން މަރުވެގެންދިޔަ ބަލިތަކުގެ ތަފާސްހިސާބެއް ހާމަކޮށްފައެއްނުވެއެވެ. އެހެންނަމަވެސް ކޮވިޑް-19 އަކީ މިދިޔަ އަހަރު އެންމެ ގިނަ ބަޔަކު މަރުވާން ދިމާވި ފަސް ބަލީގެ ތެރޭގައި ހިމެނޭ ބައްޔަށް ވަނީ ވެފައެވެ.

2019 ވަނަ އަހަރު މުޅި ދުނިޔެއިން 55.4 މިލިއަން މީހުން ވަނީ މަރުވެފައެވެ. އޭގެތެރެއިން 8.9 މިލިއަން މީހުން މަރުވެފައިވަނީ ހިތުގެ ބަލިތަކުގައެވެ. އެއަށްފަހު 6.2 މިލިއަން މީހުން ސްޓްރޯކް ޖެހިގެން މަރުވިއިރު ފުއްޕާމޭގެ ބަލިތަކުގައި 3.2 މިލިއަން މީހުން ވަނީ މަރުވެފައިވެއެވެ. މިއީ ގައިންގަޔަށް ނާރާ ބަލިތަކުގައި އެންމެ ގިނަ މީހުން މީހުން މަރުވެފައިވާ އަދަދުތަކެވެ. މި ބަލިތަކާއި ކޮވިޑް-19 އަޅާކިޔާއިރު ކޮވިޑް-19 އަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. އެހެންކަމުން ފާއިތުވި އެއް އަހަރު ތެރޭގައި ގައިންގަޔަށް އަރާ ބަލިތަކުގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެގެން ރިކޯޑް ކޮށްފައި މިވަނީ ކޮވިޑް-19 ޖެހިގެންނެވެ.

އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަ އެމެރިކާއަށް ބަލާއިރު އެގައުމުގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެމެރިކާގައި ފާއިތުވި އެއް އަހަރު ކޮވިޑް ޖެހިގެން 540،000ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ފާއިތުވި 10 އަހަރު ތެރޭގައި ފްލޫ ޖެހިގެން އެގައުމުގައި 368،000ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިއަދަދުތައް އަޅާކިޔާނަމަ އަހަރެއްގެ ތެރޭގައި ހަމައެކަނި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 10 އަހަރު ތެރޭގައި ފްލޫޖެހިގެން މަރުވި އަދަދަށްވުރެ އެތައް ގުނައެއް އިތުރެވެ.

ބްރެޒިލްގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުމަށް ތައްޔާރުވަނީ

ނަފްސާނީ ބަލިމަޑުކަން

ޑަބްލިޔުއެޗްއޯއިން އަންދާޒާކުރާގޮތުގައި ދުނިޔޭގެ އާބާދީގެ ބިލިއަނެއްހާ މީހުން އަންނަނީ ނަފްސާނީ އެކި މައްސަލަތައް ތަހައްމަލު ކުރަމުންނެވެ. 2019 ވަނަ އަހަރު 703،000 މީހުން ވަނީ އަމިއްލައަށް މަރުވެފައެވެ. އަމިއްލައަށް މަރުވުމަކީ ދުނިޔޭގައި 17ށް އެންމެ ގިނަ މީހުން މަރުވާން މެދުވެރިވާ ސަބަބެވެ. އެހެންނަމަވެސް ގައުމުތަކުގެ ބަޖެޓުން ނަފްސާނީ ދުޅަހެޔޮކަމަށް 2 އިންސައްތަވެސް ހަރަދުނުކުރެއެވެ.

ކޮވިޑް-19ގެ ޕެންޑަމިކާއި ގުޅިގެން އދ އިން ވަނީ ދިގު މުއްދަތެއްގެ ނަފްސާނީ މައްސަލަތަކެއްގެ ތެރެއަށް އެތައް އާބާދީއެއް ދާނެކަމުގެ އިންޒާރުދީފައެވެ. އަދި ނަފްސާނީ މައްސަލަތައް އިތުރުވަމުން އަންނަކަމަށް ވަނީ ބުނެފައެވެ.

ލޮކްޑައުންއާއި އިޖުތިމާއީ ގައިދުރުކަމުގެ ސަބަބުން ކުރިމަތިވި ނަފްސާނީ މައްސަލަތައް އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރާސާކުރަމުންނެވެ. އެހެންކަމުން މުޅި ދުނިޔޭގެ ނިސްބަތުން ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ނަފްސާނީ މައްސަލަތައް އެނގޭ ޑާޓާތަކެއް ލިބިފައެއްނުވެއެވެ. ނަމަވެސް ހެދިފައިހުރި ކުދިކުދި ދިރާސާތަކަށް ބަލާއިރު އެންޒައިޓީ އާއި ޑޕްރިޝަން އިތުރުވެފައިވާކަން އެނގެއެވެ.

ލޮކްޑައުން

އަންދާޒާކުރެވޭ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ ދެބައި މީހުން ވަނީ ލޮކްޑައުންގެ ތަޖުރިބާ ކޮށްފައެވެ.

އޮކްސްފޯރޑް ކޮވިޑް-19 ގަވަރންމަންޓް ރެސްޕޯންސް ޓްރެކަރ އިން ހާމަކޮށްފައިވާ ގޮތުގައި 2021 ވަނަ އަހަރު 100ށް ވުރެ ގައުމުން ވަނީ އަނެއްކާވެސް ލޮކްޑައުންގެ ބައެއް ފިޔަވަޅުތައް އަޅަންފަށާފައެވެ. އެގޮތުން ޒަރޫރީ ބޭނުންތަކަށް ނޫނީ ގެއިން ބޭރަށް ނިކުތުން މަނާކޮށް އަނެއްކާވެސް ވަނީ ފިޔަވަޅުތައް އަޅާފައެވެ.

މުޅި ދުނިޔޭގެ އެކިކަންކޮޅުތަކަށް ބަލާއިރު ފާއިތުވި އެއް އަހަރު ތެރޭގައި ބައެއް ގައުމުތައް 300ށް ވުރެ ގިނަ ދުވަހު ލޮކްޑައުންގައި އޮތްއިރު އަނެއްބައި ގައުމުތަކުން 200 ދުވަސްވަންދެން ލޮކްޑައުންގައި އޮތެވެ.

300-366 ދުވަހު ލޮކްޑައުންކޮށްފައި ހުރި ގައުމުތައް:

10 ގައުމަކުން 300 އާއި 306 ދުވަސްވަންދެން ލޮކްޑައުންގައި އޮތްއިރު އެންމެ ގިނަ ދުވަސްވަންދެން ލޮކްޑައުން ކޮށްފައި އޮތް ގައުމަކީ ބޮލީވިއާއެވެ. އެއީ 320 ދުވަހެވެ. މީގެއިތުރުން އިންޑިޔާއިން ވަނީ ލޮކްޑައުންގައި 300 ދުވަހު އޮވެފައެވެ.

250-299 ދުވަހު ލޮކްޑައުންކޮށްފައި ހުރި ގައުމުތައް:

24 ގައުމަކުން ވަނީ 250 އާއި 299 ދުވަސްވަންދެން ލޮކްޑައުންގައި އޮވެފައެވެ. މީގެތެރެއިން އެންމެ ގިނަ ދުވަހު ލޮކްޑައުން ގައި އޮތީ އަލްޖީރިއާ އެވެ. އެއީ 299 ދުވަހުއެވެ. ޑޮމެނިކަން ރިޕަބްލިކް 251 ދުވަސްވަންދެން ލޮކްޑައުންގައި އޮތެވެ.

200-249 ދުވަހު ލޮކްޑައުންކޮށްފައި ހުރި ގައުމުތައް:

10 ގައުމަކުން 200 އާއި 249 ދުވަސްވަންދެން ލޮކްޑައުންގައި އޮތެވެ. ފިލިޕީންސް 247 ދުވަސްވަންދެން ލޮކްޑައުންގައި އޮތްއިރު އެމެރިކާ ލޮކްޑައުން ގައި އޮތީ 201 ދުވަސްވަންދެންނެވެ.

އިގްތިޞާދީގޮތުން އެތައް ގެއްލުންތަކެއް، ޓްރިލިއަން ޑޮލަރުގެ ގެއްލުން

ވޯރލްޑް ބޭންކުން އަންދާޒާކުރާ ގޮތުގައި 2020 ވަނަ އަހަރު ދުނިޔޭގެ އިގްތިޞާދު ވަނީ 4.3 އިންސައްތަ ދަށަށް ގޮސްފައެވެ. ކޮވިޑް-19ގެ ކުރިން އިގްތިޞާދީ ގޮތުން މައްސަލަތައް ކުރިމަތިވަމުން އައި ގައުމުތަކުގެ ދަރަނި ވަނީ އެތައް ގުނައަކަށް މައްޗަށް ޖެހިފައެވެ.

އޮކްސްފެމް އިންޓަރނޭޝަނަލްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19ގެ ޕެންޑަމިކްގެ ސަބަބުން ދުނިޔޭގެ އިގްތިޞާދަށް ކުރިމަތިވި ލޮޅުމުން އަރައިގަތުމަށް ދިހަ އަހަރަށްވުރެ ގިނަ ދުވަސް ނަގާނެއެވެ.

ވޯރލްޑް ބޭންކުން އުންމީދުކުރާގޮތުގައި ވެކްސިން ދޭން ފެށުމާއެކު 2021 ވަނަ އަހަރު ދުނިޔޭގެ އިގްތިޞާދު 4 އިންސައްތަ އަށް ކުރިއަރައިގެންދާނެއެވެ.

ފަގީރުކަމާއި ވަޒީފާ ގެއްލުން

ކޮވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ބަޔަކީ ފަގީރުންނެވެ. 20 އަހަރުތެރޭގައި ދުނިޔޭގެ ފަގީރުކަން މައްޗަށް ނުދާ މިންވަރަށް ކޮވިޑްގެ ސަބަބުން ވަނީ މައްޗަށްގޮސްފައެވެ.

ވޯރލްޑް ބޭންކުން އަންދާޒާކުރާ ގޮތުގައި ކޮވިޑް-19ގެ ސަބަބުން 119 މިލިއަނާއި 124 މިލިއަނާ ދެމެދުގެ މީހުންނަށް ވަނީ ފަގީރުކަން އިންތިހާއަށް ކުރިމަތިވެފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 1.90 ޑޮލަރު ނުލިބޭ 730 މިލިއަން މީހުން ދުނިޔޭގައި އުޅޭނެކަމަށް ވޯރލްޑް ބޭންކުން އަންދާޒާކުރެއެވެ. މާނައަކީ ދުވާލަކު 30 ރުފިޔާ ނުލިބޭ 730 މިލިއަން މީހުން މިހާރު ދުނިޔޭގައި އުޅޭނެއެވެ. އެއީ ދުނިޔޭގެ އާބާދީގެ 10 އިންސައްތައެވެ.

ވަޒީފާގެ ހާލަތަށް ބަލާއިރު އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ)އިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރު 114 މިލިއަން މީހުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. މިއީ އަދި ރަސްމީކޮށް އެނގެން ހުރި އަދަދުތައް ކަމުގައިވިޔަސް އައިއެލްއޯއިން ބުނާގޮތުގައި އެތައް ބަޔަކަށް ވަނީ އެމީހުން ދިރިއުޅުމަށްޓަކައި ކުރަމުން އައި މަސައްކަތް ގެއްލިފައެވެ. ކުރާނެ އެއްވެސް މަސައްކަތެއް ނުލިބިފައެވެ. އަނެއްކޮޅުން ވަޒީފާތަކުގައި ތިބި މީހުންނަށް އެކަށީގެންވާ މުސާރަ ނުލިބުމުގެ މައްސަލަތައްވެސް ވަނީ ކުރިމަތިވެފައެވެ.

މީގެތެރެއިންވެސް އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އަންހެނުންނާއި ޒުވާނުންނަށެވެ. މިއާއެކު ވަޒީފާ ދިނުމުގައި ވަކި ޖިންސަކަށް އިސްކަންދިނުމާއި އުމުރަށް ބެލުންފަދަ ކަންކަމުގައި ގެންގުޅެމުންދާ ތަފާތުކުރުންތައް ވަނީ އިތުރުވެގެންގޮސްފައެވެ.

އަނެއްކޮޅުން އދން ވަނީ އެފްރިކާ ސަރަހައްދުން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ވަޒީފާ ގެއްލިގެން ހިނގައިދާނެކަމުގެ އިންޒާރުދީފައެވެ.

މުއްސަނދިން އިތުރަށް މުއްސަނދިވުން

ކޮވިޑް-19ގެ ސަބަބުން އެތައް މިލިއަން ބަޔެއްގެ ދިރިއުޅުމަށް އަސަރުކޮށް ލިބެމުންދިޔަ އާމްދަނީއަށް ވަނީ އަސަރުކޮށްފައެވެ. އޮކްސްފެމް އިންޓަރނޭޝަނަލް އިން އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުން ޕެންޑަމިކްގެ ސަބަބުން މުއްސަނދިންނަށް ވުރެ ބޮޑަށް އަސަރުކޮށްފައިވަނީ ފަގީރުންނަށެވެ. އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އަންހެނުންނާއި، ކަޅު ނަސްލުގެ މީހުންނާއި، އެފްރިކާއަށް ނިސްބަތްވާ މީހުންނާއި ފުރަތަމަ ވަޒަންވެރިވި މީހުންނާއި ޒަމާނުއްސުރެވެސް ތަފާތުކުރުންތަކާއި ކުރިމަތިލާންޖެހިފައިވާ މުޖުތަމައުތަކަށްކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ކޮވިޑްގެ ސަބަބުން ފަގީރުންނަށް އަސަރުކޮށްފައި ވީނަމަވެސް މިކަމުގެ ސަބަބުން މުއްސަނދިކަން ލިބުނު ބަޔަކުވެސް އެބަތިއްބެވެ. ސްވިސް ބޭންކުން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާގޮތުން ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދިންނަށް 2020 ވަނަ އަހަރުގެ މަރޗް މަހުން ފެށިގެން ޑިސެމްބަރ މަހާ ހަމައަށް 3.9 ޓްރިލިއަން ޑޮލަރު ލިބިފައިވެއެވެ. އެންމެ މުއްސަނދި 10 ބިލިއަނަރުންނަށް ވަނީ މިމުއްދަތުގެ ތެރޭގައި 540 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައެވެ.

ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދިންގެ ގޮތުގައި ބެލެވޭ އެމެރިކާގެ އިލޯން މަސަކް އާއި ޗައިނާގެ ޒޮންގ ޝެންޗަން އާއި އިންޑިޔާގެ މުކޭޝް އަމްބާނީ ފަދަ މުއްސަނދިންނަށް ވަނީ ޕެންޑަމިކް ތެރޭގައި އެމީހުންނަށް ލިބޭ އާމްދަނީ ދެގުނަ އިތުރުވެފައެވެ.

1.7 ބިލިއަން ކުދިންގެ ކިޔެވުމަށް އަސަރުކުރި

ކޮވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކުގެ ތެރޭގައި 2020 ވަނަ އަހަރު ސްކޫލްތަކާއި ޔުނިވަރސިޓީތައް ބަންދުކުރުމުގެ ސަބަބުން 188 ގައުމެއްގެ 1.7 ބިލިއަން ކުދިންގެ ކިޔެވުމަށް ވަނީ އަސަރުކޮށްފައެވެ. ޔުނެސްކޯއިން ބުނާގޮތުގައި މިއީ ކިޔަވާކުދިންގެ އާބާދީގެ 99 އިންސައްތައެވެ.

މިއަދުގެ ހާލަތަށް ބަލާއިރު ކިޔަވާކުދިންގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ކުދިންކަމުގައިވާ 900 މިލިއަން ކުދިންނަށް ވަނީ ކިޔެވުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައެވެ. އެގޮތުން 29 ގައުމެއްގައި ސްކޫލްތައް ބަންދު ކޮށްފައިވާއިރު 68 ގައުމެއްގައި ސްކޫލްތަކުގައި ކުލާސްތަކުގައި ކިޔަވައިދޭ ވަގުތުތައް ވަނީ މަދުކޮށްފައި ކަމަށް ޔުނެސްކޯއިން ބުނެއެވެ.

އަނެއްކޮޅުން އޮންލައިންކޮށް ކިޔެވުން ކުރިޔަށްގެންދާއިރު އދން އަންދާޒާކުރާ ގޮތުގައި ފަގީރު ގައުމުތަކާއި ވަކިން އޮންނަ ސަރަހައްދުތަކުގައި ދިރިއުޅޭ ކުދިންނަށް އެކަށީގެންވާ މިންވަރަށް ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ގާއިމުކޮށްދެވިފައި ނެތުމުގެ ސަބަބުން 500 މިލިއަން ކުދިންނަށް ވަނީ އޮންލައިންކޮށް ކިޔެވެމުން މަހުރޫމްވާން ޖެހި ކިޔެވެމުގެ ފުރުސަތު އެއްކޮށް ގެއްލިފައެވެ.

އޮކްސްފެމް އިން އަންދާޒާކުރާ ގޮތުގައި އަންހެން ކުދިންނަށް ކިޔެވެމުގެ ފުރުސަތު ފަހިކޮށްދިނުމުގައި ދުނިޔެއިން ހާސިލްކޮށްފައިވާ ނަތީޖާ މިޕެންޑަމިކްގެ ސަބަބުން 20 އަހަރު ފަހަތަށް ވަނީ ޖެހިފައެވެ. މިއާއެކު ތަފާތުކުރުންތަކާއި ފަގީރުކަން އިންތިހާއަށް މިވަނީ އިތުރުވެފައެވެ.

ވައިގެ ދަތުރުތަކަށް އެންމެ ގެއްލުން ބޮޑު އަހަރު

2019 ވަނަ އަހަރު 4.5 ބިލިއަން ޕަސެންޖަރުން 38 މިލިއަން ފްލައިޓުގައި ދަތުރުކޮށްފައިވެއެވެ. ނަމަވެސް ލޮކްޑައުން އާއި ކަރަންޓީނުވުމާއި ގުޅިގެން 2020 ވަނަ އަހަރު ވަނީ ގިނަ ދަތުރުތަކެއް ކެންސަލްކޮށް ނުވަތަ ފަސްކޮށްފައެވެ.

ބައިނަލްއަގްވާމީ ވައިގެ ދަތުރުތަކަށް އޮތް ޑިމާންޑް 2020 ވަނަ އަހަރު ވަނީ 75.6 އިންސައްތަ 2019 ވަނަ އަހަރާ އަޅާބަލާއިރު ދަށަށްގޮސްފައި ކަމަށް އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަނުން ބުނެއެވެ.

ގްލޯބަލް ފްލައިޓް ޓްރެކިންގ ސަރވިސް އިން ބުނާގޮތުގައި ކޮމާޝަލް ފްލައިޓަށް އޮތް ޑިމާންޑް 2019 ވަނަ އަހަރާއި އަޅާބަލާއިރު 2020 ވަނަ އަހަރު ވަނީ 42 އިންސައްތަ ދަށަށްގޮސްފައެވެ. މީގެއިތުރުން އެތައް އެއަރލައިނަކަށް ވަނީ ހަމައެކަނި މުދާ އުފުލާގޮތަށް ފްލައިޓްތައް އޮޕަރޭޓްކުރަން މަޖުބޫރުވެފައެވެ.

ލޮކްޑައުންއާއެކު ބޮޑެތި ސިޓީތަކަށް ފަޅުކަން

ލޮކްޑައުންއާއެކު ދުނިޔޭގެ ބޮޑެތި ހަލަބޮލި ސިޓީތަކަށް ފަޅުކަން ގެނައެވެ. އެގޮތުން ނަގާފައި ހުރި ފޮޓާތަކަށް ބަލާއިރު ބޮޑެތި ސިޓީތަކުގެ މަގުތައް އެއްކޮށް ފަޅުވެ ދުއްވާ އެއްޗެއްގެ ނިޝާނެއްވެސް ފެންނަން ނެތްމިންވަރަށް ދިޔަ މަންޒަރުވަނީ ފެނިގެންގޮސްފައެވެ.

މައްކާގައި ހުންނަ ހަރަމްފުޅު

ޖައްވު ތަޣައްޔަރުވާ މިންވަރު ރިކޯޑް މިންވަރަކަށް ދަށަށްދިޔުން

ލޮކްޑައުން ކުރި ފުރަތަމަ ހަފްތާއާއެކު ޖައްވު ނުސާފުވެފައިވާ މިންވަރު ދަށަށް ދާން ފަށާފައިވާކަމަށް ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ. ވަކިން ޚާއްސަކޮށް ބޮޑަށް ތަޣައްޔަރުވެފައިވާ ސިޓީތަކުގެ ޖައްވު ސާފުވާން ފަށާފައިވާކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

އިންޓަރނޭޝަނަލް އެނަރޖީ އެޖެންސީން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި 2020 ވަނަ އަހަރު ޖައްވަށް ދޫކުރާ ވިހަ ގޭހެއްކަމުގައިވާ ކާބަންޑައިއޮކްސައިޑް ބޭރުކުރި މިންވަރު ވަނީ 5.8 އިންސައްތަ ވަނީ ދަށަށްގޮސްފައެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ކާބަންޑައިއޮކްސައިޑް ޖައްވަށް ދޫކުރާ މިންވަރު މިހާބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ނަމަވެސް އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ކާބަންޑައިއޮކްސައިޑް ޖައްވަށް ދޫކުރާ މިންވަރު މިހާރު ހުރީ ކޮވިޑް-19ގެ ކުރިން ހުރި މިންވަރަށް އިޔާދަވެފައެވެ.

- ކޮމެންޓް